ބޮޑީބިލްޑިން އިން ރާއްޖެ އަށް ތިން ރަން މެޑަލް

ނޭޕާލުގެ ކަތުމަންޑޫގައި މިހާރު ކުރިއަށްދާ 12 ވަނަ ސައުތު އޭޝިއަން ބޮޑީ ބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ އެތުލީޓުން ތިން ރަން މެޑެއްޔާއި ދެ ލޯ މެޑަލް ހޯދައިފި އެވެ.


ރާއްޖެ އަށް ރަން މެޑަލް ހޯދައިދިނީ 55 ކިލޯގެ ބައިން އިއްޔެ އެއް ވަނަ ހޯދި މުހައްމަދު މޫސާ އާއި ޖޫނިއާ ބައިން މިއަދު ރަން މެޑަލް ހޯދި އުމުރުން 19 އަހަރުގެ އަހުމަދު މާހިލް ސައީދު އަދި 170 ސެންޓިމީޓަރު ބައިން ރަން މެޑަލް ހޯދި އަޒްނީން ރަޝީދެވެ. ލޯ މެޑަލް ލިބުނީ އެތުލެޓިކް ފިޒީކް ބައިން އަހުމަދު ފަޒީލް އާއި 167 ސެންޓިމީޓަރު ބައިން ފަތުހުﷲ މުހައްމަދަށެވެ.

މީގެ ކުރިން 2017 ވަނަ އަހަރު އޭޝިއާގެ ބޮޑީބިލްޑިން މުބާރާތުގެ 55 ކިލޯގެ ކެޓަގަރީން ރާއްޖޭގެ އެތުލީޓު ޝާހީން އިބްރާހިމް ދީދީ (ޝާންޓެ) ވަނީ ރަން މެޑަލް ހޯދައިފަ އެވެ. އޭގެ އިތުރުން ވެސް ދެކުނު އޭޝިއާގެ މުބާރާތްތަކުން ރާއްޖޭގެ ބޮޑީބިލްޑަރުން ވަނީ މީގެ ކުރިން ރަނގަޅު ވަނަތަކެއް ހޯދައިފަ އެވެ.

ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ފެޑެރޭޝަން (ޑަބްލިއުބީޕީއެފް) އިން ވަނީ ރާއްޖޭގެ އަހުމަދު ލިޒާމް ބޮޑީބިލްޑިން އަށް ކޮށްދޭ ހިދުމަތުގެ އަގުވަޒަންކޮށްފަ އެވެ.

ކަތުމަންޑޫގައި ދެކުނު އޭޝިއާގެ ބޮޑީ ބިލްޑިން އަދި ފިޓްނަސް ފެޑެރޭޝަނުގެ އާންމު ޖަލްސާއެއް ވެސް އިއްޔެ ވަނީ ބާއްވައިފަ އެވެ. އެ ޖަލްސާގައި ރާއްޖޭގެ ބޮޑީ ބިލްޑިން އެސޯސިއޭޝަނުގެ ރައީސް އިބްރާހިމް ހަމީދު ވަނީ ދެކުނު އޭޝިއާގެ ފެޑެރޭޝަނުގެ ނައިބު ރައީސްގެ މަގާމަށް އިންތިހާބުކޮށްފަ އެވެ. އަދި ރާއްޖޭގެ ބޮޑީ ބިލްޑިން އެސޯސިއޭޝަނުގެ އެކްސްކޯ މެމްބަރު އަލީ ރިފާއު ވަނީ ދެކުނު އޭޝިއާގެ ފެޑެރޭޝަނުގެ އެކްސްކޯ އަށް އައްޔަން ކޮށްފަ އެވެ.

އަންނަ އަހަރު އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް ބާއްވާނީ ރާއްޖޭގަ އެވެ. ޖުމްލަ 400 އެތުލީޓުންނާ އެކު މި މުބާރާތް ރާއްޖޭގައި ބާއްވަން މަސައްކަތްކުރާނީ މާލޭން ބޭރުގައި ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.