ބާސްކެޓްބޯޅަ: ރާއްޖޭގެ މައްޗަށް ރިޔޫނިއަން ކުރި ހޯދައިފި

މޮރިޝަސްގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ބާސްކެޓްބޯޅަ އިވެންޓުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ރިޔޫނިއަން އައިލެންޑްސް އަތުން މިއަދު 106-42 އިން ބަލިވެއްޖެ އެވެ.


ފެންވަރުގެ ގޮތުންނާއި ފިޒިކަލީ ބަލާއިރު ވެސް މި ސަރަހައްދުގެ ގައުމުތަކާ ވާދަކުރުމަކީ ރާއްޖޭގެ ބާސްކެޓަށް އަދި ވަރަށް އުނދަގޫ ކަމެކެވެ. އެހެންވެ މި ގޭމްސްގައި ބާސްކެޓްބޯޅަ ބައިވެރިކުރުވި ބޭނުމަކީ ވެސް ކުރިއަށް އޮތް ސާބާ ޗެމްޕިއަންޝިޕަށް ރަނގަޅަށް ތައްޔާރުވާން ވަރުގަދަ މެޗުތަކެއް ހޯދައިދިނުން ކަމަށް އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ކުއާޓަރުގައި ރިޔޫނިއަން ރާއްޖޭގެ މައްޗަށް ކުރި ހޯދީ 23-4 އިންނެވެ. އެކަމަކު ދެ ވަނަ ކުއާޓާރުގައި ރާއްޖޭން ވަނީ ކުރިއަށް ވުރެ ރަނގަޅުކޮށްފަ އެވެ. މި ކުއާޓާރުގައި ރިޔޫނިއަން ކުރީ ހޯދީ 23-17 އިންނެވެ. އޭގެ ފަހުން ތިން ވަނަ ކުއާޓާރުގައި އަނެއްކާ ވެސް ތަފާތު ބޮޑުކޮށް ގޮސް 33-6 އިން ރިޔޫނިއަން ކާމިޔާބު ހޯދިއިރު ފަހު ކުއާޓަރުގައި ރާއްޖެ ރަނގަޅުކުރި އެވެ. ސްކޯ އަކީ 27-15 އެވެ.

ރާއްޖޭގެ ކޯޗު އެމެރިކާގެ ކޯރޭ އެލެކްސެންޑާ ބުނީ ފުރަތަމަ މެޗާ ބަލާއިރު ކުޅުން ރަނގަޅު ކަމަށާއި ދިމާވި މައްސަލައަކީ ސްޓްރެންތު ނެތުން ކަމަށެވެ.

"އެހާ ދިގު ކުޅުންތެރިންނާ ވާދަކުރަން ރާއްޖޭގެ ކުޅުންތެރިންނަށް ފަސޭހައެއް ނޫން. ރަނގަޅުކުރަން ޖެހޭ ގިނަ ކަންކަން އެބަހުރި. ދެން ހުރި މެޗުތަކުގައި ކުރިއެރުން ފެންނާނެ ކަމަށް އުއްމީދުކުރަން،" އޭނާ ބުންޏެވެ.

މި ގްރޫޕުގެ އަނެއް މެޗުގައި ސީޝެލްސް އަތުން މަޑަގަސްކަރަ ވަނީ 79-56 ޕޮއިންޓުން މޮޅުވެފަ އެވެ. ރާއްޖެ އަށް ދެން އޮތީ މާދަމާ މަޑަގަސްކަރައާ ދެކޮޅަށް ކުޅޭ މެޗެވެ. ފަހު މެޗުގައި ސީޝެލްސްއާ ދެކޮޅަށް ރާއްޖެ ނުކުންނާނީ ބުދަ ދުވަހު އެވެ.