އަންހެން ޓީޓީ ޓީމު ރަން މެޑަލް ހޯދައިފި! ސާބަސް، ސާބަސް!

އެންމެ ފަހުގެ ޗެމްޕިއަން އަދި މުބާރާތް ބާއްވާ ގައުމު ކަމަށްވާ މޮރިޝަސް ވަރަށް ވާދަވެރި ކުޅުމަކަށް ފަހު 3-5 އިން ބަލިކޮށް ދިވެހިރާއްޖޭގެ ގައުމީ އަންހެން ޓޭބަލް ޓެނިސް ޓީމުން އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން އަންހެން ޓޭބަލް ޓެނިސް ޓީމު އިވެންޓުގެ ފަހުރުވެރި ރަން މެޑަލް މިއަދު ހޯދައިފި އެވެ.


މިއީ ބައިނަލްއަގްވާމީ މަލްޓި ސްޕޯޓްސް ގޭމްސްއެއްގެ ޓީމު އިވެންޓަކުން ރާއްޖެ އަށް ރަން މެޑަލް ލިގުނު ފުރަތަމަ ފަހަރެވެ. އަދި އެފަދަ ގޭމްސްއަކުން ރާއްޖެ އަށް ލިބުނު ޖުމްލަ ދެ ވަނަ ރަން މެޑެއްޔެވެ. ފުރަތަމަ ރަން މެޑެއްޔަކީ 2015 ވަނަ އަހަރުގެ އައިއޯއައިޖީ އިން ދުވުންތެރިޔާ ހަސަން ސާއިދު 100 މީޓަރު ދުވުމުން ހޯދި ރަން މެޑެއްޔެވެ. އެއީ އިންޑިވިޖުއަލް އިވެންޓެކެވެ.

މިއަދުގެ ފަހުރުވެރި ކާމިޔާބީގައި ހިއްސާވަނީ އުމުރުން އެންމެ 11 އަހަރުގެ ފާތިމަތު ދީމާ އަލީ އާއި އުމުރުން 15 އަހަރުގެ އައިޝަތު ރަފާ ނާޒިމާއި ތަޖުރިބާކާރު ދެ ކުޅުންތެރިން ކަމަށްވާ މުއީނާ މުހައްމަދާއި ފާތިމަތު ޖުމާނާ ނިމާލެވެ.

މިއަދުގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ރަފާ.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ/ ނިޝާން އަލީ

މީގެ ތެރެއިން ދީމާ އަކީ މި ބިޔަ އޭޝިއާގެ ހޯޕްސް ކެޓަގަރީގެ ރިހި މެޑަލް ދާދި ފަހުން ހޯދައި ރާއްޖެ ފަހުރުވެރި ކުޅުންތެރިޔެކެވެ. އަދި އޭނާ އަކީ މި އަހަރުގެ ގައުމީ ޗެމްޕިއަންކަން ހޯދައި ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތަށި ކާމިޔާބުކުރި އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑް އޮތް ކުޅުންޔެރިޔާ ވެސް މެ އެވެ. ރަފާ އަކީ ރާއްޖޭގެ ޓީޓީގައި މުއީނާ ކުރަމުން އައި ރަސްކަން މީގެ ދެ އަހަރު ކުރިން ނިންމާލައި ޖޫނިއާ ކުޅުންތެރިންނަށް ވެސް އުއްމީދެއް އޮތްކަން ސާބިތުކުރި ކުޅުންތެރިޔެކެވެ.

ދެން ހިމެނޭ މުއީނާ އަކީ 2011 ވަނަ އަހަރުގެ އައިއޯއައިޖީގެ އަންހެން ސިންގްލަސް އިން ރިހި މެޑަލް ހޯދި ކުޅުންތެރިޔެކެވެ. އަދި އޭނާ އާއި ޖުމާނާ ވަނީ 2015 ވަނަ އަހަރުގެ ގޭމްސްގެ އަންހެން ޓީމު އިވެންޓުން ލޯ މެޑަލް ހޯދިއިރު ހިއްސާވެފަ އެވެ.

ދެން ހިމެނޭ މުއީނާ އަކީ 2011 ވަނަ އަހަރުގެ އައިއޯއައިޖީގެ އަންހެން ސިންގްލަސް އިން ރިހި މެޑަލް ހޯދި ކުޅުންތެރިޔެކެވެ. އަދި އޭނާ އާއި ޖުމާނާ ވަނީ 2015 ވަނަ އަހަރުގެ ގޭމްސްގެ އަންހެން ޓީމު އިވެންޓުން ލޯ މެޑަލް ހޯދިއިރު ހިއްސާވެފަ އެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ގޭމަށް ނުކުތީ ދީމާ އެވެ. އެކަމަކު މޮރިޝަސްގެ އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާއާ ވާދަކޮށް ދީމާ 3-1 ސެޓުން ބަލިވީ އެވެ. ގޭމުގެ ފުރަތަމަ ދެ ސެޓު 9-11 އިން އަދި 2-11 އިން މޮރިޝަސް ކުޅުންތެރިޔާ ކާމިޔާބުކޮށްފައިވަނިކޮށް ތިން ވަނަ ސެޓު 12-10 އިން ދީމާ ކާމިޔާބުކުރި ވެސް މެ އެވެ. އެކަމަކު ތިން ވަނަ ސެޓު 6-11 އިން ކާމިޔާބުކޮށް މޮރިޝަސް އިން މި ގޭމް ކާމިޔާބުކުރި އެވެ.

އެކަމަކު ރަފާ ވަނީ ރާއްޖެ އަށް ދެ ވަނަ ގޭމް 3-2 އިން ކާމިޔާބުކޮށްދީ މެޗުގެ ތެރެއަށް އަލުން ވައްދައިދީފަ އެވެ. ފުރަތަމަ ސެޓު 9-11 އިން މޮރިޝަސް ކާމިޔާބުކޮށްފައިވަނިކޮށް ރަފާ ވަނީ އަނެއް ދެ ސެޓު 12-10 އިން އަދި 11-7 އިން ކާމިޔާބުކޮށްފަ އެވެ. އޭގެ ފަހުން ތިން ވަނަ ސެޓު 3-11 އިން މޮރިޝަސް ކާމިޔާބުކުރި ނަމަވެސް، ރަފާ ވަނީ ފަހު ސެޓު 11-9 އިން ކާމިޔާބުކޮށް މެޗުން މޮޅުކޮށްދީފަ އެވެ.

ރާއްޖޭގެ ތިން ވަނަ ގޭމަށް ނުކުތީ އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ މުއީނާ އެވެ. އެކަމަކު މޮރިޝަސް ކުޅުންތެރިޔާ އަތުން އޭނާ ސީދާ ތިން ގޭމުން ބަލިވީ އެވެ. ސެޓުތައް ދިޔައީ 1-11، 8-11 އަދި 12-14 އިންނެވެ. އެއާ އެކު ރާއްޖެ އަށް މަޖުބޫރުވީ ހަތަރު ވަނަ ގޭމް ކާމިޔާބުކުރާށެވެ. މި ގޭމަށް ނުކުތީ އަނެއްކާ ވެސް ދީމާ އެވެ. ފުރަތަމަ ސެޓު 7-11 އިން ގެއްލުނު ނަމަވެސް ދީމާ ވަނީ ފަހަތުން އަރައި 11-6، 11-5 އަދި 11-6 އިން ސެޓުތައް ކާމިޔާބުކޮށް ގޭމުން މޮޅުވެފަ އެވެ.

ދީމާ އެ ގޭމުން މޮޅުވުމާ އެކު ރާއްޖެ އާއި މޮރިޝަސް 2-2 އިން އެއްވަރުވި އެވެ. އެހެންވެ ނަތީޖާ ނެރެން އިތުރު ގޭމެއް ކުޅެން ޖެހުނީ އެވެ. މި ގޭމަށް ނުކުތީ ރަފާ އެވެ. އޭނާ ފުރަތަމަ ދެ ސެޓު ފަސޭހަކަމާ އެކު 11-6 އަދި 11-5 އިން ކާމިޔާބުކުރި އެވެ. އެއާ އެކު ރަން މެޑެއްޔާ އެންމެ ސެޓަކާ ގާތަށް ދިޔަ އެވެ. އެގޮތުން ތިން ވަނަ ސެޓުގައި ވެސް ރަފާ ލީޑުގައި އޮވެ ސެޓު ނިންމަން އެންމެ ޕޮއިންޓަކާ ގާތުގައި އޮއްވާ މޮރިޝަސް ކުޅުންތެރިޔާ ފަހަތުން އަރައި 10-12 އިން ރަފާ ބަލިކުރީ އެވެ.

އެ ހިސާބުން ރާއްޖެ ޕްރެޝަރަށް ދިޔަ ނަމަވެސް އުމުރުން 15 އަހަރުގެ ރަފާ ވަނީ ޕްރެޝަރުގައި ވެސް އެހާމެ މޮޅަށް ކުޅެފަ އެވެ. މޮރިޝަސް ކުޅުންތެރިޔާ ލީޑުގައި އޮއްވެ މެޗު ނިންމަން ދަނިކޮށް ފަހަތުން އަރައި ރަފާ ވަނީ 13-11 އިން ސެޓު ކާމިޔާބުކޮށް ރާއްޖެ އަށް ތާރީހީ ރަން މެޑަލް ހޯދައިދީފަ އެވެ.