ބެޑްމިންޓަން: ފިރިހެން ޓީމު ލޯ މެޑަލް ހާސިލްކޮށްފި

މޮރިޝަސްގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ބެޑްމިންޓަން ޓީމް އިވެންޓް ބައިން ރާއްޖޭގެ ގައުމީ ފިރިހެން ބެޑްމިންޓަން ޓީމުން ލޯ މެޑަލް ހާސިލްކޮށްފި އެވެ.


އެންމެ ފަހުން 2015 ވަނަ އަހަރު ރީޔޫނިއަންގައި އޮތް އައިއޯއައިޖީގެ ޓީމު އިވެންޓުގައި ފިރިހެން ބެޑްމިންޓަން ޓީމުން ވަނީ ރިހި މެޑަލް ހޯދައިފަ އެވެ. އެ ފަހަރު އަންހެން ޓީމުން ލޯ މެޑެއްޔެއް ހޯދި އެވެ.

ރާއްޖޭގެ ފިރިހެން ޓީމު އިއްޔެ ކުޅުނު މެޗުތަކުން ރީޔޫނިއަން އާއި މޮރިޝަސް އަތުން ބަލިވި ނަމަވެސް މިއަދު ކުޅުނު މެޗުތަކުގައި ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. މިއަދު މަޑަގަސްކަރަ އާއި ސީޝެލްސް އަތުން ރާއްޖެ މޮޅުވީ 4-1 އިންނެވެ.

ސީޝެލްސްއާ ދެކޮޅަށް ފިރިހެން ޓީމު ކުޅުނު މެޗުގެ ފުރަތަމަ ސިންގަލްސްގައި ސީޝެލްސް ކުޅުންތެރިޔާ ވަނީ ރާއްޖޭގެ މުހައްމަދު އަޖުފާންގެ މައްޗަށް 18-21، 17-21 އިން ކުރި ހޯދައިފަ އެވެ. ރާއްޖެ ޓީމުން ދެ ވަނަ ސިންގަލްސް ގޭމުގައި އަހުމަދު ނިބާލް ވަނީ 21-16، 21-17 އިން ސީޝެލްސް ކުޅުންތެރިޔާ ބަލިކޮށްފަ އެވެ. ފިރިހެން ޑަބަލްސް ފުރަތަމަ މެޗުން ރާއްޖޭގެ އިބްރާހިމް ޝާމިއު އާއި ނަޝްފާނު މުހައްމަދު މޮޅުވީ 27-25، 21-14 އަދި 21-12 އިންނެވެ. އަނެއް ޑަބަލްސް މެޗުން ރާއްޖޭގެ އަޖުފާން އާއި ނަޝީއު ޝަރަފުއްދީންގެ ޕެއާ މޮޅުވީ 21-16، 21-19 އިންނެވެ.

ރާއްޖޭގެ އަންހެން ޓީމު ވަނީ އިއްޔެ މޮރިޝަސްގެ މައްޗަށް ކުރިހޯދައިފަ އެވެ. މިއީ 2011 ވަނަ އަހަރުގެ ފަހުން މޮރިޝަސް ޓީމު އިވެންޓުގައި ބަލިވި ފުރަތަމަ މެޗެވެ. ރާއްޖޭގެ އަންހެން ޓީމު މިއަދު ކުޅުނު މެޗުން ވަނީ ސީދާ ފަސް ގޭމުން މަޑަގަސްކަރައިގެ މައްޗަށް ކުރިހޯދައިފަ އެވެ.

ދުރުރާސްތާ ޕްލޭނަކާ އެކު މި ފަހަރުގެ އައިއޯއައިޖީން ރަން މެޑެއްޔެއްގެ އަމާޒުގައި މަސައްކަތްކުރަމުން އައި ބެޑްމިންޓަން ޓީމަށް ދެން އެ ޓާގެޓަށް ވާސިލްވުމަށް އޮތް ފުރުސަތަކީ އޯޕަން ޑްރޯ ބައިގަ އެވެ. ރާއްޖޭގެ އަޖުފާން ވަނީ އެންމެ ފަހުން ފަހަރުގެ ގޭމްސްގައި ސިންގަލްސް ބައިން ރަން މެޑަލް ހާސިލްކުރި ކުޅުންތެރިޔާގެ މައްޗަށް ޓީމު އިވެންޓުގައި ކުރިހޯދައިފަ އެވެ.