އައިއޯއައިޖީ: 100 މީޓަރު ދުވުމުން ސާއިދު ފައިނަލަށް

އެންމެ ފަހުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ފިރިހެނުންގެ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދައި މުޅި ގައުމު ފަހުރުވެރިކޮށްދިން ހަސަން ސާއިދު، މި އަހަރުގެ ގޭމްސްގައި ވެސް އެ އިވެންޓުން މިއަދު ފައިނަލަށް ދަތުރުކޮށްފި އެވެ.


އޭނާ ފައިނަލުން ޖާގަ ހޯދީ މޮރިޝަސްގެ ސްޓޭޑް ގާމެއިން ކޮމަރޮމޮންޑުގައި މިއަދު ހެނދުނު އޮތް 100 މީޓަރު ދުވުމުގެ ޕްރިލިމިނަރީ ބުރުގެ ދެ ވަނަ ހޯދައިގެންނެވެ. ފައިނަލް ހީޓް އޮންނާނީ މިއަދު މެންދުރުފަހު ރާއްޖެ ގަޑިން 4:55 ގަ އެވެ.

ސާއިދު ރޭސް ނިންމީ 10.66 ސިކުންތުންނެވެ. ހީޓުގެ އެއް ވަނަ ހޯދީ 10.63 ސިކުންތުން ދުވި ސީޝެލްސްގެ ސިކޯބޯ ޑީލަން އެވެ. ސާއިދުގެ ފަހަތުން ތިން ވަނަ ހޯދީ 10.87 ސިކުންތުން ދުވި ކޮމޮރޯސްގެ އަބްދުލްކަރީމް ރިފައީން އެވެ. އަނެއް ހީޓުން ފައިނަލަށް ކޮލިފައިވި ދުވުންތެރިންގެ ތެރޭގައި ވެސް ސާއިދަށް ވުރެ ބާރަށް ދުވި ދުވުންތެރިޔަކު ނުހިމެނެ އެވެ. އެހެންވެ ސާއިދަށް ފައިނަލުން މެޑެއްޔެއް ލިބޭނެކަން ވަރަށް ޔަގީނެވެ.

މި އިވެންޓް ބައްލަވާލެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސްޓޭޑިއަމަށް ވަޑައިގެންނެވި އެވެ.

އަންހެން 100 މީޓަރު ދުވުމުގެ ޕްރިލިމިނަރީ ބުރުގައި ރާއްޖޭގެ މަރިޔަމް އަލްހާ ހުސެއިން އާއި ނަޝާ ނިޒާރު ވާދަކުރި އެވެ. އެކަމަކު ފައިނަލުން ޖާގައެއް ނުލިބެ އެވެ. މީގެ ތެރެއިން އަލްހާ ރޭސް ނިންމީ ފުރަތަމަ ހީޓުގެ އަށް ވަނައިގަ އެވެ. ޓައިމިން އަކީ 13.97 ސިކުންތެވެ. އެ ހީޓުގެ އެއް ވަނަ ހޯދީ 12.07 ސިކުންތުން ދުވި މަޑަގަސްކަރައިގެ ނިޖަރަސޯ ކްލައުޑިން އެވެ. ރާއްޖޭގެ ނަޝާ ދިޔައީ ދެ ވަނަ ހީޓުގެ ހަތް ވަނަ އަށެވެ. އޭނާ ރޭސް ނިންމީ 13.19 ސިކުންތުންނެވެ. އެ ހީޓުގެ އެއް ވަނަ އަކީ 12.17 ސިކުންތުން ދުވި މަޑަގަސްކަރައިގެ އެލޯޑީ ވަނެއްސާ އެވެ.

މިއަދު މެންދުރުފަހު 1500 މީޓަރު ދުވުމުގެ ފައިނަލުގައި ހުސެއިން ރިޒާ އަދި 10،000 މީޓަރު ދުވުމުގެ ފައިނަލުގައި ހުސެއިން ފަޒީލް ހާރޫން ދުވާނެ އެވެ. މީގެ އިތުރުން ޕެރެ ކެޓަގަރީގެ 100 މީޓަރު ދުވުމުގައި މުހައްމަދު މާޒިން ވެސް ދުވާނެ އެވެ.

އެންމެ ފަހުގެ ގޭމްސްގައި 100 މީޓަރު ދުވުމުން ސާއިދު ހޯދި ރަން މެޑެއްޔަކީ ރާއްޖޭގެ ކުޅިވަރުގައި މިހާތަނަށް މަލްޓި ސްޕޯޓްސް ގޭމްސްއެއްގެ އިންޑިވިޖުއަލް ކެޓަގަރީން ލިބުނު ހަމައެކަނި ރަން މެޑެއްޔެވެ. އެފަދަ ގޭމްސްއެއްގެ ޓީމު ކެޓަގަރީން ރާއްޖެ އަށް އިއްޔެ ވަނީ ފުރަތަމަ ރަން މެޑަލް ލިބިފަ އެވެ. އެ ކާމިޔާބީ ހޯދީ ގައުމީ އަންހެން ޓީޓީ ޓީމުންނެވެ.