ބޫޓާން ބަލިކޮށް ލެޓްވިއާ ފައިނަލަށް

ޔުއެފާގެ އެހީގައި އައްޑޫގައި ކުރިއަށް ގެންދާ 15 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅުނު މެޗުން ބޫޓާން އަތުން 5-3 އިން މޮޅުވެ ލެޓްވިއާ ފައިނަލުގެ ޖާގަ ޔަގީންކޮށްފި އެވެ.


ލެޓްވިއާ ފައިނަލަށް ދިޔައީ ކުޅުނު ދެ މެޗުން ވެސް މޮޅުވެ ހަ ޕޮއިންޓް ހަމަކޮށްގެންނެވެ. ދެ ވަނައިގައި އޮތް ސައުދީ އަރަބިޔާ އާއި ތިން ވަަނައިގައި އޮތް ބޫޓާނަށް ވަނީ ދެ މެޗުން ތިން ޕޮއިންޓް ލިބިފަ އެވެ. ލެޓްވިއާ އަށް ފައިނަލުގެ ޖާގަ ޔަގީންވީ އެހެން ދެ ޓީމަކަށް އެ ޓީމާ އެއްވަރަށް ދެން ޕޮއިންޓް ހަމަނުކުރެވޭނެތީ އެވެ.

ހުކުރު ދުވަހު ބޫޓާނާއި ސައުދީ އަރަބިޔާ ކުޅޭ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ އަނެއް ޖާގަ ލިބޭނެ އެވެ. ދެ މެޗުން ވެސް ބަލިވެ މުބާރާތުން ކަޓާފައިވާ ރާއްޖޭގެ ޒުވާން ޓީމު ފަހު މެޗުގައި ހޮނިހިރު ދުވަހު ހަވީރު ބައްދަލުކުރާނީ ލެޓްވިއާއާ އެވެ.

ހިތަދޫ ޒޯން ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު މެޗުގައި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު ފުރަތަމަ 10 މިނިޓް ތެރޭ ލެޓްވިއާ އިން ދެ ގޯލު ޖެހި އެވެ. ފުރަތަމަ ލަނޑު މެޗުގެ އަށް ވަަނަ މިނިޓްގައި ކްރިސްޓަޕް ޕުޒަނޯފް ޖެހިއިރު، އޭގެ މިނިޓެއް ފަހުން ބްރޫނޯ މެލްނިސް ވަނީ އެ ޓީމަށް ލީޑުފުޅާކޮށްދީފަ އެވެ.

މެޗުގެ 20 ވަނަ މިނިޓްގައި ބޫޓާނުގެ ފުރަތަމަ ގޯލު ޖެހީ ބިކާޝް ޕްރަދަން އެވެ. އެ ގޯލަށް ފަހު ބޫޓާނުން ރަނގަޅަށް ކުޅެމުންދަނިކޮށް މެޗުގެ 42 ވަނަ މިނިޓްގައި އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން ލެޓްވިއާގެ ތިން ވަނަ ލަނޑު ޖެހީ ޑާރިއޯ ސިޓްސް އެވެ. އެ ލަނޑު ޖަހައި ލެޓްވިއާ އިން ދެ ގޯލުގެ ލީޑަކާ އެކު ފުރަތަމަ ހާފު ނިންމާލާނެ ކަމަށް ބެލެވުނު ނަމަވެސް ބޫޓާނުގެ ކިންޒަން ޓެންޒިން ވަނީ ލަނޑެއް ޖަހައި އެ ޓީމަށް އުއްމީދު އާކޮށްދީފަ އެވެ.

ދެ ވަނަ ހާފުގެ ކުޅުން ފަށައި ދެ މިނިޓް ތެރޭ ބޫޓާނުން ވަނީ ކަލްދެން ޗޮއޭޑާގެ ގޯލުން އެއްވަރުކޮށްފަ އެވެ. އެ ލަނޑު ޖެހިތާ ހަ މިނިޓް ތެރޭ ލެޓްވިއާ އަށް އަނެއްކާ ލީޑުނަގައިދިނީ މެލްނިސް އެވެ. އަދި ލެޓްވިއާ އަށް މެޗުގެ ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ މެޗުގެ 74 ވަނަ މިނިޓްގައި ސިޓްސް އެވެ.

މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ ހޯމަ ދުވަހު ހަވީރު އެވެ.

މިއީ ޔޫރަޕްގެ ފުޓްބޯޅަ އިދާރާ ޔުއެފާގެ އެހީގައި ފާއިތުވި އަށް މަސް ދުވަހުގެ ތެރޭގައި އޭޝިއާގައި 15 އަހަރުން ދަށުގެ ފިރިހެން ޓީމުތަކަށް ބާއްވާ ދެ ވަނަ މުބާރާތެވެ. މިދިޔަ ޑިސެމްބަރު މަހު ތައިލެންޑުގައި އޮތް މުބާރާތުގައި ވާދަކުރީ ރާއްޖެ އާއި ބަންގްލަދޭޝް އަދި ތައިލެންޑްގެ އިތުރުން ޔޫރަޕުން ސައިޕްރަސް އެވެ.