ރަފާ: ޕްރެޝަރުގައި ކުޅެން މިވަރެއް ނެތް! އަންތަރީސްކޮށްލައިފި!

ރިޔޫނިއަންގައި 2015 ވަނަ އަހަރު އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރަން ދިވެހި ކޮންޓިންޖެންޓުން އެ ގައުމަށް ދަތުރުކުރަމުން ދިޔައިރު، ބޯޓުމަތިން ރާއްޖޭގެ ކިޓުގައި ކުޑަކުޑަކުއްޖަކު ފެނުމުން އެއް ބަޔަކު ހައިރާންވި އެވެ. ރާއްޖޭގެ ސީނިއާ ޓީމެއްގައި އެހާ ޖޫނިއާ ކުޅުންތެރިޔަކު އޭގެ ކުރިން ހިމެނިފައިނުވާތީވެ އެވެ. އުމުރުން 11 އަހަރުގެ އެ ކުޅުންތެރިޔާއާ މެދު ބޯޓުގެ ކެބިންކުރޫން އިން ވެސް ބެހެއްޓީ ހާއްސަ ގޮތެކެވެ.


އޭގެ ހަތަރު އަހަރު ފަހުން، މިއަދު ވެސް އޭނާއާ މެދު އެންމެން ބަހައްޓާނީ ހާއްސަ ގޮތެކެވެ. އުމުރުގެ ގޮތަކުން ނޫނެވެ. މުޅި ދިވެހިރާއްޖެ ފަހުރުވެރިކޮށްދިން ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. ބައިނަލްއަގްވާމީ ދަނޑުގައި ދިވެހި ކުޅިވަރުގެ އުއްމީދު ކޮނޑުއަޅައިގެން ނުކުމެ އެންމެ އުފާކޮށްދިން ކުޅުންތެރިއެއްގެ ގޮތުގަ އެވެ. މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޓޭބަލް ޓެނިހުން ރާއްޖެ އަށް ދެ ރަން މެޑަލް ހޯދައިދީ، އަދި މަލްޓި ސްޕޯޓްސް ގޭމްސްއަކުން ދެ ރަން މެޑަލް ހޯދި ހަމައެކަނި ދިވެހި ދެ ކުޅުންތެރިންގެ ތެރޭ ހިމެނޭ ކުޅުންތެރިޔެއްގެ ގޮތުންނެވެ.

ރާއްޖޭގެ އަންހެން ޓޭބަލް ޓެނިސް ޓީމުން، ޓީމު އިވެންޓުން ރަން މެޑަލް ހޯދިއިރު އަދި އިއްޔެ ޑަބަލްސް އިން ރަން މެޑަލް ހޯދިއިރު އުމުރުން 16 އަހަރުގެ އައިޝަތު ރަފާ ނާޒިމްގެ ދައުރު ވަރަށް ބޮޑެވެ. ޓީމު އިވެންޓުގެ ފައިނަލުގެ ފުރަތަމަ ގޭމުން ރާއްޖެ ބަލިވި ނަމަވެސް ރާއްޖެ އަނބުރާ މެޗުގެ ތެރެއަށް ވައްދައިދިނީ އޭނާ ދެ ވަނަ ގޭމް ކާމިޔާބުކޮށްގެންނެވެ. އަދި އޭގެ ފަހުން ރަފާގެ ޑަބަލްސް ޕާޓްނަރު ފާތިމަތު ދީމާ އަލީ ކުޅުނު ގޭމުން މޮޅުވެ ރާއްޖެ އަށް ނަތީޖާ ހަމަހަމަކޮށްދީފައިވަނިކޮށް ރަފާ ވަނީ ޕްރެޝަރުގައި ފަހު ދެ ސެޓު ކުޅެ ރާއްޖެ މޮޅުކޮށްދީ ރަން މެޑަލް ކަށަވަރުކޮށްދީފަ އެވެ.

ރަފާގެ ކަރުގައި ސްޕޯޓްސް މިނިސްޓަރު މަހުލޫފު ރަން މެޑަލް އަޅުވައިދެއްވަނީ. --އެމްއޯސީ ފޮޓޯ: އިސްމާއިލް ތޯރިގް

ރަފާގެ ހުނަރުވެރިކަމާ މެދު ދައްކާނެ ވާހަކައެއް ނެތެވެ. އެކަން ލޯމަތިން އެހެރަ ފެންނަނީ އެވެ. އެކަމަކު އާއްމުންނަށް ފާހަގަނުވެދާނެ ވަރަށް މުހިއްމު ކަމެއް ރަފާގެ ކިބައިގައިވެ އެވެ. އެހާ ހަގު އުމުރެއްގައި ވެސް އޭނާ މެޗު ޕްރެޝަރާ ކުރިމަތިލައި ކާމިޔާބު ހޯދާ ގޮތެވެ. ޓީމު އިވެންޓުގެ ފައިނަލުގައި މޮޅުވާން ލިބުނު ސެޓުގައި، އަތުގައި އޮތް ލީޑު ގެއްލި ސެޓު ގެއްލެނެވެ. އެއީ ސީނިއާ ކުޅުންތެރިޔެއް ނަމަވެސް ވަރަށް ޕްރެޝަރަށް ދާނެ ވަގުތެކެވެ. އެކަމަކު ރަފާ އެ ހާލަތުގައި ވެސް ޕްރެޝަރާ ކުރިމަތިލައި އަނެއް ސެޓު، ފަހަތުން އަރައި ކާމިޔާބުކޮށް މޮޅުވި މޮޅުވުމަކީ ރާއްޖޭގެ ކުޅިވަރުގެ ތާރީހުގައި ވެސް ރަނުން ފަވާލެވޭނެ ކަމެކެވެ. އަދި އިއްޔެގެ ޑަބަލްސް ފައިނަލުގައި ވެސް ފުރަތަމަ ދެ ސެޓު ގެއްލިފައިވަނިކޮށް އަލުން އަންނަން އޭނާ އާއި ޑަބަލްސް ޕާޓްނަރު ދީމާ ކުރި ހިތްވަރު ވެސް އެހާމެ ފާހަގަކުރެވެ އެވެ. ޓީމުގެ ކޯޗު އިބްރާހިމް ޝިއުރީ ވެސް ބުނީ "މިހިރީ ބަސްހުއްޓިފައި" ކަމަށެވެ.

ޝިއުރީ ބުނި ގޮތުގައި ޓީޓީގައި އާއްމު ހާލަތުގައި ވެސް، ކުޅުންތެރިން މޯރަލީ ރަނގަޅުކުރަން ފުރަތަމަ ސެޓު ގެންނަން ވަރަށް މަސައްކަތްކުރާނެ ކަމަށާއި އެކަން ނުވެ އަދި ދެ ވަނަ ސެޓު ވެސް ގެއްލިއްޖެ ނަމަ އަލުން މެޗުގެ ތެރެއަށް އަންނަން ވަރަށް އުނދަގޫވާނެ ކަމަށެވެ.

"އެކަމަކު ވިސްނާލާ މި ދެ ކުޅުންތެރިން އިއްޔެ އެ ޕްރެޝަރު ހެންޑްލްކުރި ގޮތް. ދެ ސެޓު ގެއްލިފައި އޮއްވާ ފަހަތުން އަރައި އެ މޮޅުވީ އަދި ހަތް ސެޓަށް ކުޅެގެން. މިއީ ގަބޫލުކުރަން ދަތިކަމެއް،" ޝިއުރީ ބުންޏެވެ.

ރަފާ (ކ) އާއި ދީމާ އިއްޔެގެ މެޗުގައި ސެޓެއް ކާމިޔާބުކުރުމަށް ފަހު އުފާފާޅުކުރަނީ. --އެމްއޯސީ ފޮޓޯ: އިސްމާއިލް ތޯރިގް

އުމުރުން 11 އަހަރުގެ ދީމާ އަތުން ޕޮއިންޓެއް ގެއްލުނަސް، އޭނާ މާޔޫސްވިޔަ ނުދޭން ރަފާ މަސައްކަތްކުރިތަން ފެނިގެންދިޔަ ކަމަށް ކޯޗު ބުންޏެވެ. ރަފާގެ ކިބައިގައި ޕްރެޝަރާ ކުރިމަތިލާނެ ގޮތާއި ޕްރެޝަރުގައި މޮޅަށް ކުޅޭނެ ގޮތް ހުރުން އެއީ ރާއްޖޭގެ ކާމިޔާބީގައި ވަރަށް ބޮޑު ދައުރެއް އަދާކުރި ކަމެއް ކަމަށް ޝިއުރީ ބުންޏެވެ. ހެޑްކޯޗު އިންޑިއާގެ އަމިތު ކުމާރު ވެސް ފާހަގަކުރީ އެކަމެވެ. އޭނާ ބުނި ގޮތުގައި މި ކާމިޔާބީއަކީ މި ކުޅުންތެރިންގެ ބުރަ މަސައްކަތުގެ އިތުރުން ޕްރެޝަރު ވަގުތު ވެސް ރަނގަޅަށް ކުޅެ އަދި އެ ހާލަތްތައް އެހާމެ ރަނގަޅަށް ހެންޑްލްކުރުމުގެ ނަތީޖާ ކަމަށެވެ.

ރަފާ ބުނި ގޮތުގައި ޓީމު އިވެންޓުގެ ފައިނަލުގައި ދީމާއާ މެދު އޮތް އިތުބާރަކީ ވެސް އޭނާ ޕްރެޝަރަށް ނުދިޔަ ސަބަބެއް ކަމަށެވެ. ރާއްޖެ އަށް ތިން ވަނަ ގޭމް ގެއްލުނަސް ދީމާ އަރައި ހަތަރު ވަނަ ގޭމް ކާމިޔާބުކުރާނެ ކަމުގެ އިތުބާރު އޮތް ކަމަށާއި އޭގެ ސަބަބުން އޭނާ އަރައި މޮޅަށް ކުޅެން ހިތްވަރު ލިބުނު ކަމަށް ރަފާ ބުންޏެވެ.

"ވަރަށް ވަރަށް ޕްރެޝަރުގައި އެގަޑީގައި ހުރީ. އެކަމަކު ބޮލުގައި އިން މީތި މޮޅުވެއްޖެއްޔާ (ރަން މެޑަލް) ލިބޭނެޔޭ. އެހެންވެ އެ ބޫސްޓާ އެކު ރަފާ ކުޅުނީ،" ރަފާ ބުންޏެވެ.

އޭނާ ވެސް ދެކޭ ގޮތުގައި މިފަދަ ޕްރެޝަރު މެޗުތަކުގައި ކުޅޭއިރު ތަޖުރިބާ އެއީ ވަރަށް މުހިއްމު ބަޔެއް ކަމަށެވެ. އެކަމަކު ތަޖުރިބާ ނެތުމާ އެކު، އޭނާ ޕްރެޝަރާ ކުރިމަތިލާން ކުރާ ކަމަކީ، ކޯޓު ބޭރުން ހިނގާ އެއްވެސް ކަމަކާ މެދު ނުވިސްނުމެވެ.

"ނޯމަލް މެޗެއްގެ ގޮތުގައި ކުޅެނީ. އައުޓްސައިޑްގެ އެއްވެސް ކަމަކާ މެދު ނުވިސްނަން،" ރަފާ ބުންޏެވެ.

ރަފާ އިސްކަންދަރު ސްކޫލުގެ ލައިބްރަރީގައި ފޮތެއް ބަލަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ސީއެޗްއެސްއީގައި ތައުލީމް ހާސިލްކުރަމުން އަންނަ ރަފާ އަކީ ކިޔެވުމަށް ވެސް އެހާމެ މޮޅު ދަރިވަރެކެވެ. ކުޅިވަރުގައި އުޅުމަކީ ކިޔެވުމަށް އެޅޭނެ ހުރަހެއް ނޫންކަން ރަފާ ވަނީ މީގެ ކުރިން ވެސް ސާބިތުކޮށްދީފަ އެވެ. ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމާއި އިސްލާމިކް ޔުނިވާސިޓީގެ ސެންޓަ ފޮ ރިސާޗް އެންޑް ޕަބްލިކޭޝަންގެ ޑީން ޑރ. ދީބާ މޫސާގެ ދަރިފުޅު "މިހާރަ"ށް ކުރިން ދިން އިންޓަވިއުއެއްގައި ބުނީ ކުޅިވަރާއި ކިޔެވުމަށް އަހަމިއްޔަތުކަން ދޭން ކުޑައިރުއްސުރެ މަންމަ އާއި ބައްޕަ ދަސްކޮށްދީފައިވައިވާތީވެ ދެ ކަންތައް ބެލެންސްކޮށް ކުރެވޭ ކަމަށެވެ.

ދަރިވަރުންނަށް ކުޅިވަރުގައި ދޭ ޝަރަފްވެރި ކަލާސް އެވޯޑް ހާސިލްކޮށްފައިވާ ރަފާ ދެކޭ ގޮތުގައި އެންމެ މުހިއްމު ކަމަކީ އެކުރާ ކަމަކަށް 100 ޕަސެންޓް ސަމާލުކަން ދިނުމެވެ. އޭނާ ދުވަހުގެ ތާވަލް ތަރުތީބު ކުރަނީ، އެގޮތަށް ބަލައިގެންނެވެ. ސްކޫލުން ގެޔަށް ގޮސް އޭނާ އަރާމުކުރެ އެވެ. ހެލިފެލިވެ ނޫޅޭ އެގަޑިއަކީ ހަށިގަނޑު ރިލެކްސްކޮށްލަން ލިބޭ ފުރުސަތެކެވެ. އެއަށް ފަހު ދަނީ ކުޅޭށެވެ. ޕްރެކްޓިހުގައި އޭނާގެ 100 ޕަސެންޓް ދެ އެވެ. އެތަނުގައި ހޭދަކުރާ ކޮންމެ މިނެޓެއް، ކޮންމެ ސިކުންތެއްގައި ވެސް ވިސްނަނީ ކުޅުމުގެ ހުނަރާއި ފަންވަރު މަތިކުރެވޭނެ ގޮތްތަކާ މެދު އެވެ.

"ކިޔަވާ ދުވަސްވަރު ވެސް ސްޕޯޓްސް ނުކުޅުމަށް ނެތް ސަބަބެއް އަސްލު. ކުރާ ކޮންމެ ކަމަކަށް 100 ޕަސެންޓް ދީފިއްޔާ ސަކްސެސްފުލްވެވޭނެޔޭ ދެ ކަމަށް ވެސް،" ރަފާ ބުނެފައިވެ އެވެ.

އޭނާ ވަނީ ކުޅިވަރަށް ކުދިން ފޮނުވަންވީ އެހެން ސަަބަބެއް ވެސް، އަމިއްލަ ތަޖުރިބާ އިން ކިޔައިދީފަ އެވެ. އެއީ ކުޅިވަރު ކުޅުމަކީ ކުއްޖާ އަށް ލިބޭ ކަސްރަތަކަށްވެ ސިކުނޑި ކިޔެވުމަށް ފޯކަސްކުރަން ވެސް އެޅޭ ބާރަކަށް ވުމެވެ.

"އަބަދު ފޮތްކިޔައި ފިލާވަޅުގެ ތެރޭގައި އުޅޭނަމަ ކުއްޖާ އަށް ފޯކަސްކުރަން އުނދަގޫވާނެ. އެކަމަކު ކުޅިވަރު ކުޅޭ ނަމަ ސިކުނޑި ތާޒާވެ، ސަމާލުކަން ރަނގަޅުވާނެ. އެހެންވެ ކުޅިވަރު ކުޅުމަކީ ކިޔެވުމުގައި ކުރިއަށް ދިއުމަށް ވެސް ވަރަށް މުހިއްމު ކަމެއް،" ރަފާ ބުންޏެވެ.

ރަފާ ޕްރެޝަރާ ކުރިމަތިލާން ދަސްކުރީ، އުމުރުން ކިތަންމެ ހަގަސް އޭނާގެ ތަރުތީބު އެ އާއްމު ދިރިއުޅުމުގެ އުސޫލުތަކުން ކަމަށް ބެލެވިދާނެ އެވެ. އޭނާ ހަގީގަތުގައި ގޭމްސްއާ ކުރިމަތިލައި ކާމިޔާބު ހޯދީ އެހެން ގޮންޖެހުމަކާ ވެސް ކުރިމަތިލައި ކާމިޔާބު ހޯދައިގެންނެވެ. އެއީ ގޭމްސް ބޯމަތިވެފައި އޮއްވާ އޭނާގެ ފަޔަށް މޭ މަހު އަނިޔާވެ ގޭމްސްގައި ނުކުޅެވިދާނެ ކަމުގެ ބިރާ ކުރިމަތިވުމެވެ. ދެކުނު އޭޝިއާގެ ޖޫނިއާ ޓޭބަލް ޓެނިސް މުބާރާތުގެ 15 އަހަރުން ދަށުގެ ޑަބަލްސް ކެޓަގަރީން 2016 ވަނަ އަހަރު ރާއްޖެ އަށް ރިހި މެޑަލް ހޯދައިދިން ކުޅުންތެރިޔާ ޓީމަށް ވަރަށް މުހިއްމު ކަމަށާއި ފިޓްކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް އޭރު ވެސް އެސޯސިއޭޝަނުން ބުންޏެވެ. އެކަމަކު އެ މަސައްކަތުގައި އޭނާގެ ދައުރު ބޮޑެވެ.

"މެންޓަލީ ވަރަށް އުނދަގޫވި ފައި އިންޖަރީ ވީމާ. އެކަމަކު ރިކަވާވެގެން އައިސް ކާމިޔާބު ހޯދުނީމާ މާ އުފާވޭ،" ރަފާ ބުންޏެވެ.

ރަފާ (ކ) 2017 ވަނަ އަހަރު ގައުމީ ޗެމްޕިއަންކަން ހޯދުމުން އޭނާގެ ބައްޕަ ނާޒިމް މަރުހަބާ ކިޔަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

އަނިޔާ އިން ފިޓްވެ އެހާމެ މޮޅަށް ކުޅެވުމާ އެކު އަމިއްލަ ނަފްސާ މެދު އިތުބާރު ބޮޑުވެއްޖެ ކަމަށް ވެސް ކަމށާއި އަދި އެހާ ޖޫނިއާ އުމުރެއްގައި ބޮޑު ކާމިޔާބެއް ލިބުމުން، ކެރިއަރުގެ ކުރިއަށް އޮތް ބައިގައި ރާއްޖެ އަށް ކުޅިވަރުގައި އިތުރު ރީތި ނަން ހޯދައިދެވޭނެ ކަމަށް ވަރަށް ބޮޑަށް އުއްމީދުކުރާ ކަމަށް ވެސް ރަފާ ބުންޏެވެ.

ދީމާ އާއި ރަފާ އަކީ ހަގީގަތުގައި ވެސް އުއްމީދެއްގެ ފެށުމެވެ. ތަޖުރިބާ ނެތުމާއި ވަސީލަތްތައް ނެތަސް ހުނަރުގެ ބޭނުންކޮށް މަސައްކަތްކޮށްފިއްޔާ ކާމިޔާބީ ލިބޭނެކަން ސާބިތުކޮށްދިން ދެ ކުޅުންތެރިންނެވެ. އިންޑިވިޖުއަލް ކުޅިވަރުތަކަށް ވެސް ބޮޑު ކާމިޔާބީ ހޯދިދާނެކަން ދައްކުވައިދިން ދެ ކުޅުންތެރިންނެވެ. މީގެ ތެރެއިން ވެސް ރަފާ އަކީ ޓީޓީގައި، އަރަމުން އަންނަ ކުޅުންތެރިންނަށް ވެސް ކާމިޔާބު ހޯދިދާނެކަން މި ފަހުން ސާބިތުކޮށްދިން ކުޅުންތެރިޔާ އެވެ. އެއީ ޖެހިޖެހިގެން 13 އަހަރު ޗެމްޕިއަންކަން ހޯދި މުއީނާ މުހައްމަދު ބަލިކޮށް ޓީޓީގައި އޭނާ ކުރަމުން އައި ރަނިކަން ނިންމާލައިގެންނެވެ.

އާއިލާއާ އެކު ކުޑައިރު އިނގިރޭސި ވިލާތުގައި ދިރިއުޅުނުއިރު އެތަނުގައި ކުޅެން ފެށި ނަމަވެސް ރަފާގެ ހުނަރުވެރިކަން އެންމެ ބޮޑަށް ފާހަގަވީ ވެސް 2015 ވަނަ އަހަރުގެ ގައުމީ ފައިނަލުގައި، އޭރުގެ ޗެމްޕިއަން މުއީނާ މުހައްމަދަށް ދިން ވަރުގަދަ ފައިޓާ އެކު އެވެ. އަދި ޖެހިގެން އައި އަހަރު، އުމުރުން 13 އަހަރުގައި މުއީނާ ބަލިކޮށް ގައުމީ ޗެމްޕިއަންކަން ހޯދި އެވެ. އެއީ ޓީޓީގައި ޖޫނިއާ ކުޅުންތެރިންނަށް ވެސް އިތުބާރު ލިބުނު ކާމިޔާބެކެވެ. ރަފާ މި އަހަރު އެ ތަށި މިލްކުކުރަން ނުކުން ނަމަވެސް ދީމާ ވަނީ ރަފާ ބަލިކޮށް ތަށި ހޯދައިފަ އެވެ. އެކަމަކު މައްސަލައެއް ނެތެވެ. އެ ދެ ކުޅުންތެރިން މިވަނީ އެކުގައި ކުޅެ ގައުމަށް ދެ ރަން މެޑަލް ހޯދައިދީފަ އެވެ.