އައިއޯއިޖީ: ނަބީހާ ބެޑްމިންޓަން ސިންގަލްސް ފައިނަލަށް

މޮރިޝަސްގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ބެޑްމިންޓަން ވިމެންސް ސިންގަލްސްގެ ފައިނަލަށް ރާއްޖޭގެ އައިމިނަތު ނަބީހާ ދަތުރުކޮށްފި އެވެ.


މާނައަކީ ރާއްޖެ އަށް ރަން ނުވަތަ ރިހި މެޑަލް މި އިވެންޓުން ވެސް ކަށަވަރުވުމެވެ. ނަބީހާ ފައިނަލުން ޖާގަ ހޯދީ މިއަދު ކުޅުނު ސެމީ ފައިނަލް މެޗުން މޮރިޝަސްގެ އެއް ވަނަ ކުޅުންތެރިޔާ އަތުން ސީދާ ދެ ސެޓުން މޮޅުވެގެންނެވެ. އޭނާ ސެޓުތައް ގެންދިޔައީ 21-16، 21-16 އިންނެވެ.

ރާއްޖެ އަށް ބެޑްމިންޓަން އޯޕަންގައި މިއަދު އިތުރު ދެ ސެމީ ފައިނަލެއް އޮންނާނެ އެވެ. އެއީ ވިމެންސް ޑަބަލްސްގައި ނަބީހާ އާއި ފާތިމަތު ނަބާހާގެ ޕެއާ ވާދަކުރާ މެޗާއި މިކްސް ޑަބަލްސް ސެމީ ފައިނަލުގައި މުހައްމަދު އަޖުފާން ރަޝީދާއި މައިސާ ފަތުހުﷲ ކުޅޭ މެޗެވެ. އެ މެޗުތައް އޮންނާނީ މިއަދު މެންދުރުފަހު އެވެ.

ނަބީހާ މި ކަށަވަރުކުރި މެޑެއްޔާ އެކު ރާއްޖޭން މި ވަނީ މި ގޭމްސްގައި މިހާތަނަށް 10 މެޑަލް ކަށަވަރުކޮށްފަ އެވެ. މިއީ 2015 ގައި ހޯދި މެޑަލުގެ އަދަދަށް ވުރެ އެއް މެޑަލުގެ އިތުރުވުމެކެވެ. ރާއްޖޭގެ އަމާޒަކީ މަދުވެގެން 15 މެޑަލް ހޯދުމެވެ. މި ފަހަރު ރާއްޖޭން ހޯދާފައިވާ މެޑަލް ތަކަކީ ޓީޓީން ހޯދި ދެ ރަން މެޑެއްޔާއި ރިހި މެޑެއްޔަކާއި ބީޗް ވޮލީބޯޅައިން ހޯދި ރިހި މެޑެއްޔަކާއި ލޯ މެޑެއްޔަކާއި އެތުލެޓިކްސް އިން ހޯދި ދެ ލޯ މެޑެއްޔާއި ބެޑްމިންޓަނުގެ ޓީމު އިވެންޓުން ހޯދި ދެ ލޯ މެޑެއްޔެވެ.

ބެޑްމިންޓަނުގެ އަންހެން ޓީމު އިވެންޓުގައި ރާއްޖޭގެ އިތުރުން ރަން މެޑަލް ހޯދި ރިޔޫނިއަން އާއި ރިހި މެޑަލް ހޯދި މޮރިޝަސް ވެސް ޕޮއިންޓުގެ ގޮތުން އެއްވަރުވީ އެވެ. ރާއްޖެ އަށް ރަން ނުވަތަ ރިހި ނުލިބުނީ ސެޓުގެ ތަފާތުން ކުރި ނުލިބުމުންނެވެ.

ބެޑްމިންޓަނުން މި ފަހަރުގެ ގޭމްސްއާ ކުރިމަތިލީ ރަން މެޑަލް ހޯދުމަށް މީގެ ހަތަރު އަހަރު ކުރިން ފެށި މަސައްކަތާ އެކު ވަރަށް ރަނގަޅަށް ތައްޔާރުވެގެންނެވެ. ޓީމު އިވެންޓުން އެ އަމާޒަށް ނުދެވުނަސް އޯޕަން ބައިން އެކަން ހާސިލްވުމުގެ އުއްމީދު އެބައޮތް ކަމަށާއި ޓީމު އިވެންޓުގައި ދެއްކި ކުޅުމާ އެކު އިތުރު ހިތްވަރެއް ލިބި އުއްމީދުތަކެއް އާވެއްޖެ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ އިޝްފާން މުހައްމަދު (އިއްޕަ) ވަނީ ވިދާޅުވެފަ އެވެ.

އެންމެ ފަހުން 2015 ވަނަ އަހަރު ރީޔޫނިއަންގައި އޮތް އައިއޯއައިޖީގެ ޓީމު އިވެންޓުގައި ފިރިހެން ބެޑްމިންޓަން ޓީމުން ވަނީ ރިހި މެޑަލް ހޯދައިފަ އެވެ.