އައިއޯއައިޖީ: ބެޑްމިންޓަން ވެސް ބޮޑު ކާމިޔާބީއަކާ ދިމާލަށް!

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިން އޯޕަން ބައިން ރާއްޖެ އަށް ތިން މެޑަލް ކަށަވަރުކޮށްދީފަ އެވެ.


ރަން ނުވަތަ ރިހި މެޑަލް ކަށަވަރުކުރީ ވިމެންސް ސިންގަލްސް ފައިނަލަށް ދަތުރުކޮށްގެން އައިމިނަތު ނަބީހާ އާއި ވިމެންސް ޑަބަލްސް ފައިނަލަށް ދަތުރުކޮށްގެން އޭނާ އާއި ފާތިމަތު ނަބީހާގެ ޕެއާ އެވެ. ފައިނަލް އޮންނާނީ މާދަމާ އެވެ.

އަދި މިކްސް ޑަބަލްސް ސެމީ ފައިނަލުން ބަލިވި މުހައްމަދު އަޖުފާން ރަޝީދާއި މައިސާ ފަތުހުﷲ (މައި) ގެ ޕެއާ އަށް ވަނީ މިއަދު ލޯ މެޑަލް ލިބިފަ އެވެ. އެއީ ބްރޮންޒް މެޑަލް މެޗު ކުޅުމުގެ ބަދަލުގައި، ސެމީ ފައިނަލުން ބަލިވާ ދެ ޕެއާ އަށް ވެސް ލޯ މެޑަލް ލިބޭތީވެ އެވެ. އަޖުފާނާއި މައި މިއަދު މިކްސް ޑަބަލްސް ސެމީ ފައިނަލުން ބަލިވި ނަމަވެސް ވަރުގަދަ ފައިޓެއް ދިނެވެ. އެ ޕެއާ ބަލިވީ މޮރިޝަސްގެ ޕެއާއަކާ ވާދަކޮށް 2-1 ސެޓުންނެވެ.

ވިމެންސް ސިންގަލްސް އަދި ޑަބަލްސް އިން ވެސް ފައިނަލަށް ދަތުރުކޮށްފައިވާތީ ރަން މެޑެއްޔާ މެދު ވަރަށް އުއްމީދު ބޮޑެވެ. ބެޑްމިންޓަނުން މި ފަހަރުގެ ގޭމްސްއާ ކުރިމަތިލީ ރަން މެޑަލް ހޯދުމަށް މީގެ ހަތަރު އަހަރު ކުރިން ފެށި މަސައްކަތާ އެކު ވަރަށް ރަނގަޅަށް ތައްޔާރުވެގެންނެވެ. ޓީމު އިވެންޓުން އެ އަމާޒަށް ނުދެވުނަސް އޯޕަން ބައިން އެކަން ހާސިލްވުމުގެ އުއްމީދު އެބައޮތް ކަމަށާއި ޓީމު އިވެންޓުގައި ދެއްކި ކުޅުމާ އެކު އިތުރު ހިތްވަރެއް ލިބި އުއްމީދުތަކެއް އާވެއްޖެ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ އިޝްފާން މުހައްމަދު (އިއްޕަ) ވަނީ ވިދާޅުވެފަ އެވެ.

އަޖުފާން (ކ) އާއި މައިސާ ސެމީ ފައިނަލުގައި ކުޅެނީ. --އެމްއޯސީ ފޮޓޯ: އިސްމާއިލް ތޯރިގް

އެންމެ ފަހުން 2015 ވަނަ އަހަރު ރީޔޫނިއަންގައި އޮތް އައިއޯއައިޖީގެ ޓީމު އިވެންޓުގައި ފިރިހެން ބެޑްމިންޓަން ޓީމުން ވަނީ ރިހި މެޑަލް ހޯދައިފަ އެވެ.

ދެބެން ކަމަށްވާ ނަބީހާ އާއި ނަބާހާ ވިމެންސް ޑަބަލްސް ފައިނަލުން ޖާގަ ހޯދީ މިއަދު މެންދުރުފަހު ކުޅުނު ސެމީ ފައިނަލް މެޗުން މޮރިޝަސްގެ ޕެއާ އަތުން ސީދާ ސެޓުން (21-12، 21-12) އިން މޮޅުވެގެންނެވެ. ނަބީހާ މިއަދު ހެނދުނު ފައިނަލުން ޖާގަ ހޯދީ މިއަދު ކުޅުނު ސެމީ ފައިނަލް މެޗުން މޮރިޝަސްގެ އެއް ވަނަ ކުޅުންތެރިޔާ އަތުން ސީދާ ދެ ސެޓުން މޮޅުވެގެންނެވެ. އޭނާ ސެޓުތައް ގެންދިޔައީ 21-16، 21-16 އިންނެވެ.

ބެޑްމިންޓަނުން ކަށަވަރުކުރި ކުރި ތިން މެޑެއްޔާ އެކު ރާއްޖޭގެ މެޑަލުގެ އަދަދު މިހާރު ވަނީ 13 އަށް އަރައިފަ އެވެ. އެއީ ޓޭބަލް ޓެނިސް ވިމެންސް ޓީމު އިވެންޓުން ހޯދި ރަން މެޑެއްޔާއި ޑަބަލްސް އިވެންޓުން ހޯދި ރަން މެޑެއްޔާއި ރިހި މެޑަލް އަދި ބީޗް ވޮލީބޯޅައިން ހޯދި ރިހި މެޑެއްޔާއި ލޯ މެޑަލް އެތުލެޓިކްސް އިން ހޯދި ތިން ލޯ މެޑަލްގެ އިތުރުން ބެޑްމިންޓަންގެ ޓީމު އިވެންޓުން ހޯދި ދެ ލޯ މެޑެއްޔާ އެކު އެވެ. ރާއްޖޭގެ އަމާޒަކީ މަދުވެގެން 15 މެޑަލް ހޯދުމެވެ. އަދިވެސް މެޑަލް ލިބިދާނެ ތިން އިވެންޓެއް އޮތުމާ އެކު ރާއްޖެ އަށް އެ އަމާޒު ފަހަނައަޅައި ދެވުމުގެ ފުރުސަތު ބޮޑެވެ.