ސައުދީ ބަލިކޮށް ބޫޓާން ފައިނަލަށް

އައްޑޫ ސިޓީގައި މިހާރު ޔުއެފާގެ އެހީގައި ކުރިއަށްދާ 15 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅުނު މެޗުން ފަހަތުން އަރައި ސައުދީ އަރަބިއްޔާ 2-1 އިން ބަލިކޮށް ބޫޓާން މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ހޯދައިފި އެވެ.


އަންނަ ހޯމަ ދުވަހު ކުޅޭ ފައިނަލުގައި ބޫޓާނާ ދެކޮޅަށް ނުކުންނާނީ ލެޓްވިއާ އެވެ. ލެޓްވިއާ ވަނީ މިހާތަނަށް ކުޅުނު ދެ މެޗުން ސައުދީ އަރަބިއްޔާ އާއި ބޫޓާން ބަލިކޮށްފަ އެވެ. މުބާރާތުން ކަޓާފައިވާ ރާއްޖެ ލީގު ބުރުގެ ފަހު މެޗުގައި މާދަމާ ނުކުންނާނީ ލެޓްވިއާއާ ދެކޮޅަށެވެ.

ލެޓްވިއާ މި ވަގުތު އެެއް ވަނައިގައި އޮތީ ދެ މެޗުން ހަ ޕޮއިންޓާ އެކު ފައިދާ ފަސް ގޯލު ހޯދައިގެންނެވެ. ބޫޓާނަށް ތިން މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ފައިދާ އަދި ގެއްލުން ވެސް ލަނޑެއް ނެތެވެ. ތިން ވަނައިގައި އޮތް ސައުދީ އަރަބިއްޔާ އަށް ތިން މެޗުން ލިބުނީ ތިން ޕޮއިންޓެވެ. އެންމެ ފުލުގައި އޮތް ރާއްޖެ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

މީގެ ދެ އަހަރު ކުރިން ޒުވާން ފުޓްބޯޅަ ކުޅުންތެރިން އުފެއްދުމުގައި އޭއެފްސީ ރައީސްގެ ހާއްސަ އެވޯޑެއް ލިބުނު ބޫޓާން ޓީމުން މި ފަހަރުގެ މުބާރާތުގައި ޖުމްލަ ގޮތެއްގައި ތިން މެޗުގައި ވެސް މޮޅަށް ކުޅުނެވެ. ރާއްޖެ އަތުން ފުރަތަމަ މެޗުގައި 2-1 އިން މޮޅުވިއިރު މެޗުގައި ކޮންޓްރޯލް ނަގައިގެން އޮގަނައިޒް ކުޅުމެއް ދެއްކި އެވެ. އަދި ލެޓްވިއާ އަތުން 5-3 އިން ބަލިވި ނަމަވެސް ދެއްކީ ހިތްވަރުގަދަ ކުޅުމެކެވެ.

ހިތަދޫ ޒޯން ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ސައުދީ އަށް ލީޑުނަގައިދިނީ މޫސާ ޝްރަހީލީ އެވެ. ދެ ވަނަ ހާފުގައި ކުޅެން އަރައި ބޫޓާނުން ވަނީ ފުރަތަމަ 15 މިނިޓް ތެރޭ އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލައިފަ އެވެ. ބޫޓާނަށް މެޗުގެ 51 ވަަނަ މިނިޓްގައި އެއްވަރުކޮށްދިނީ މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޔޫޒެން ރަބްގޭ އެވެ. އޭގެ އަށް މިނިޓް ފަހުން ބޫޓާން މޮޅުވި ގޯލު ޖެހީ ޖުގްމޭ ނަމްގައޭލް އެވެ.

ދެކުނު އޭޝިއާގެ ފުޓްބޯޅައިގެ އެންމެ ދަށް ޓީމުގެ ގޮތުގައި އޮތް ބޫޓާނުން މިހާރު އަންނަނީ ރަނގަޅު ޕްލޭނަކާ އެކު ޓީމުތަކެއް އުފައްދަން މަސައްކަތްކުރަމުންނެވެ. އެހެން ފަހަރުތަކާ ހިލާފަށް ބޫޓާނުގެ އުމުރުފުރާ ގައުމީ ޓީމުތަކުގެ ނަތީޖާތަށް އަންނަނީ ރަނގަޅުވަމުންނެވެ.

އިބްރާހިމް ހަލީމް (ޖަޑާ)ގެ ކޯޗުކަމުގައި ކުޅެމުން އަންނަ ރާއްޖޭގެ 15 އަހަރުން ދަށުގެ ޓީމަށް މިދިޔަ ޑިސެމްބަރު މަހު ތައިލެންޑުގައި އޮޮތް ޔުއެފާ އެސިސްޓް މުބާރާތުގައި ވެސް މޮޅެއް ނުލިބެ އެވެ. މި ފަހަރު އަމިއްލަ ގައުމުގައި ކުޅޭ މުބާރާތުގައި ޕޮއިންޓެއް ހޯދުމަކީ މާދަމާ ލެޓްވިއާއާ ދެކޮޅަށް ކުޅޭއިރު ޓީމުގެ އަމާޒެކެވެ.