ވީޑިއޯ މައްސަލައިގައި ފިޔަވަޅު އެޅި ޒުވާން ޓީމު ކުޅުންތެރިންނަށް އަލުން ފުރުސަތުދީފި

ސޯޝަލް މީޑިއާ ގައި ދައުރުވި، އުމުރުން 15 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކުޅުންތެރިންތަކެއް ހިމެނޭ ވީޑިއޯއާ ގުޅިގެން ފިޔަވަޅު އެޅި ކުޅުންތެރިންނަށް ނަސޭހަތް ދިނުމަށް ފަހު ޓީމުން އަލުން ފުރުސަތު ދޭން އެފްއޭއެމުން ނިންމައިފި އެވެ.


މި ވީޑިއޯގައި ކުޅުންތެރިންގެ ފަރާތުން ފެނުނު އަހުލާގީ ގޮތުން ގޯސް ކަންތައްތަކާ ގުޅިގެން ގިނަ ބައެއްގެ ނުރުހުން އެފްއޭއެމަށް އަމާޒުވި އެވެ. އަދި ވީ އެންމެ އަވަހަކަށް ފިޔަވަޅު އަޅަން ވެސް ގިނަ ބަޔަކު އަޑުއުފުލި އެވެ.

މި މައްސަލާގައި، އެ އިދާރާ އިން ކުރިން ނެރުނު ބަޔާނެއްގައި ބުނީ، އެ ވީޑިއޯއާ ގުޅިގެން ބެލިބެލުމުން އެނގިފައި ވަނީ އެއީ އައްޑޫ ގައި މިހާރު ކުރިއަށް ދާ ޔުއެފާ އެސިސްޓް މުބާރާތުގެ ތެރެއިން ހިނގާފައިވާ ކަމެއް ނޫން ކަމަށާއި އެކަން ހިނގީ މިދިޔަ އަހަރުގެ ނޭޕާލުގައި އޮތް މުބާރާތެއްގެ ތެރޭގައި ކަމަށެވެ. އަދި އެ ވީޑިއޯގައި ހިމެނޭ ކުޅުންތެރިން ޓީމުން ބާކީކޮށްފައިވާ ކަމަށާއި އެ ފަދަ ކަމެއް ތަކުރާރުވިޔަ ނުދޭން އެސޯސިއޭޝަނުން މަސައްކަތްކުރާނެ ކަމަށް ބުނެފައިވެ އެވެ.

ބައްސާމް ކުރެއްވި ޓްވީޓް.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އިއްޔެ ކުރެއްވި ޓްވީޓެއްގައި ވީޑިއޯ އަށް އިޝާރާތް ކުރައްވަމުން ވިދާޅުވެފައިވަނީ ދާދި ފަހުން ދިމާވި ކަންތަކުގައި 15 އަހަރުން ދަށުގެ ކުޅުންތެރިންނާ ބައްދަލުކޮށްފައިވާ ކަމަށެވެ. އަދި މިހާރު އައްޑޫގައި ޔުއެފާގެ އެހީގައި ކުރިއަށްދާ 15 އަހަރުން ދަށުގެ މުބާރާތަށް ފަހު ޓީމު އަލުން މާލޭގައި ޕްރެކްޓިސް ފަށާއިރު، ވީޑިއޯ މައްސަލައިގައި ފިޔަވަޅު އެޅި ކުޅުންތެރިން ބައިވެރިވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

"... އިންޝާﷲ އެ ކުޅުންތެރިން ދެން އެ ފަދަ ކުށެއް ތަކުރާރު ނުކުރާނެ. ކުރެވުނު ކަމުން އެ މީހުންނަށް ފިލާވަޅު ލިބިއްޖެ. މިއީ ހުރިހާ ގައުމީ ޓީމުތަކުން ވެސް ވިސްނަންޖެހޭ ކަމެއް،" ބައްސާމް ކުރެއްވި ޓްވީޓްގައިވެ އެވެ.

އާންމުވި ވީޑިއޯއާ ގުޅިގެން އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވި އަނެއް ބަޔަކީ ޓީމާ ހަވާލުވެ ތިބޭ އޮފިޝަލުންނަށެވެ. އަދި އެ އުމުރުގެ ކުޅުންތެރިންތަކެއް ގޮވައިގެން އުޅުމުގެ ޒިންމާއާ ހަވާލުވާ އޮފިޝަލުންގެ ފަރާތުން ފެނިގެން ދިޔައީ ޒިންމާ އަދާނުކުރެވުނު ތަން ކަމަށް ގިނަ ބަޔަކު ފާހަގަކުރި އެވެ.

އައްޑޫގައި ކުރިއަށްދިޔަ 15 އަހަރުން ދަށުގެ މުބާރާތުން ރާއްޖެ ވަނީ ކުޅުނު ތިން މެޗުން ވެސް ބަލިވެފަ އެވެ. އިބްރާހިމް ހަލީމް (ޖަޑާ)ގެ ކޯޗުކަމުގައި ކުޅުނު ރާއްޖޭގެ ޒުވާން ޓީމު ބޫޓާން އަތުން 2-1 އިން ބަލިވިއިރު، ސައުދީ އަރަބިއްޔާ އަތުން ބަލިވީ 6-0 އިންނެވެ. އަދި އިއްޔެ ފަހު މެޗުން ވަނީ 7-0 އިން ލެޓްވިއާ އަތުން ބަލިވެފަ އެވެ.