ފިއްޓޭ: ކުރީގެ ޑިފެންޑަރު، މިހާރު ވެސް ޑިފެންސުގައި!

އެންމެ ފަހުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ޓޭބަލް ޓެނިސް ޑަބަލްސް އަދި ޓީމު އިވެންޓުން ރަން މެޑަލް ހޯދި މޮރިޝަސްގެ ކުޅުންތެރިޔާ އަށް، އެ ފަހަރު މުހިއްމު މެޗެއްގެ ކުރިން އަނިޔާވި އެވެ. އެކަމާ އޭނާ މާޔޫސްވެފައި ހުއްޓާ، އެ ޓީމުގެ ފިޒީޝިއަންގެ ހުއްދައާ އެކު ރާއްޖޭގެ މެޑިކަލް ޓީމުގެ މެމްބަރު މުހައްމަދު ފަޔާޒް އަލީ ރިޒާ (ފިއްޓޭ) އޭނާ އަށް ފަރުވާދީ ކުޅެވޭ ގޮތް ހެދި އެވެ. އޭގެ ހަތަރު އަހަރު ފަހުން މިއަދު ވެސް އެ ކުޅުންތެރިޔާގެ ހަނދާނުގައި ފިއްޓޭގެ އެ މަސައްކަތް ހަރުލާފައި އެބަ ހުއްޓެވެ. އޭނާ އެ މަސައްކަތް ބަލައިގަނެ އެވެ.


"އެވަރުގެ މީހަކާ އަހަރެންގެ ހަޔާތުގައި އަދި ދިމައެއްނުވޭ. އެއީ އާދަޔާ ހިލާފު މީހެއް" މޮޜިޝަސްގެ ކުޅުންތެރިޔާ "މިހާރު" އަށް ބުންޏެވެ.

ފިއްޓޭ 2015 ގެ ގޭމްސްގައި ފަރުވާ ދިން މޮރިޝަސް ކުޅުންތެރިޔާ (ވ) އާ އެކު.

އެއީ ބޮޑު ފިއްޓޭގެ ނަމުން މަޝްހޫރުވި ނިއު ރޭޑިއަންޓާއި ވެލެންސިއާގެ ކުރީގެ ވަރުގަދަ ޑިފެންޑަރުގެ ފަނަރަ ވަރަކަށް އަހަރު ވީ ފިޓްނަސް ތެރަޕީ ކެރިއަރުގެ އުސް އައްޔެކެވެ. އެފަދަ އެތައް ދިވެހި ކުޅުންތެރިންނަށް ވެސް އޭނާ ފަރުވާދީ ކުރީގެ ފެންވަރަށް އަނބުރާ ގެނެސްދިނެވެ. އަނިޔާއެއް ވިޔަނުދީ، އެތައް ކުޅުންތެރިންނެއް ކަންޑިޝަންކޮށް ވަނީ ބަލަހައްޓައިދީފަ އެވެ.

އިދިކޮޅު ޓީމުން އުފައްދާ ހަމަލާތައް މައިތިރިކޮށް ޓީމުގެ ގޯލް ދިފާއުކުރަން ކުރިން އޭނާ ކުރި މަސައްކަތް މިހާރު ކުރަނީ ދަނޑު ބޭރުގަ އެވެ. މިހާރު އޭނާ އަކީ ކުޅުންތެރިންނަށް ވެދާނެ އަނިޔާއަކުން ސަލާމަތްކުރަން، ނުކުމެ ހުރި އެހާމެ ކުޅަދާނަ "ޑިފެންޑަރެކެ"ވެ. ފުޓްބޯޅަ ކުޅޭއިރު އަބަދުވެސް ފާހަގަވާނީ ގޯލް ޖަހާ ކުޅުންތެރިންނެވެ. ޑިފެންޑަރުންގެ މަސައްކަތް އޮންނާނީ ފަރުދާވެފަ އެވެ. މިހާރު ފިއްޓޭ ކުރާ ޑިފެންސިވް މަސައްކަތް ވެސް ގިނަ ފަހަރަށް އާއްމުންނަށް ފާހަގައެއް ނުވެ އެވެ.

ރާއްޖެ ބައިވެރިވާ ބައިނަލްއަގްވާމީ ގޭމްސްތަކުގައި އޮލިމްޕިކްސް ކޮމިޓީގެ މެޑިކަލް ޓީމުގެ މެމްބަރެއްގެ ގޮތުން 2014 އިން ފެށިގެން ފިއްޓޭ އަންނަނީ ހިލޭ ސާބަހަށް މަސައްކަތްކޮށްދެމުންނެވެ. މޮރިޝަސްގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ޓޭބަލް ޓެނިސް ކުޅުންތެރިން ރަން މެޑަލްތައް ހޯދަމުން ދިޔައިރު، މެޗުގެ ކުރިން އެ ކުޅުންތެރިން ތައްޔާރުކޮށްދީ އަދި މެޗަށް ފަހު ވެސް ހިދުމަތް ދިނީ އޭނާ އެވެ. މެޗު ކުޅެމުން ދިޔައިރު ތަންކޮޅެއް ދުރުގައި އޭނާ އަތްއުރާލައިގެން ހުންނައިރު، އޭނާގެ ލޮލުން ފަހުރުވެރިކަމުގެ ވިދުން ފެންނަނީ އެހެންވެ އެވެ.

ކޮންމެ މެޗެއް ނިންމާފައި ކުޅުންތެރިން ގިނަ ފަހަރަށް ހޯދާނީ އޭނާ އެވެ. "ފިއްޓޭ ކޯޗު، ފިއްޓޭ ކޯޗު" މިހެން ގޮވަމުން އެ ކުޅުންތެރިން އަންނަނީ ގައިމު ކަމެއް ވެގެންތާ އެވެ. ކުޅުންތެރިން މެޑަލްތައް ހޯދާ އިރު އެ ކުޅުންތެރިންނާއި ކޯޗުންނާއި ހިންގުންތެރިންގެ ނަންތައް ފާހަގަވެ އެވެ. އެހެންކަމުން ފިއްޓޭ އާއި އޭނާ ފަދައިން ރާއްޖޭގެ މެޑިކަލް ޓީމުގައި ހަރަކާތްތެރިވާ މެމްބަރުންގެ ނަންތައް ވެސް ރީތި ދެއްޔަކުން ފެވެން ޖެހޭނެ އެވެ.

ބެޑްމިންޓަނުން ރަން މެޑަލް ހޯދި ނަބީހާ (މ) އަށް މެޑިކަލް ޓީމުގައި ހިމެނޭ ރާއްޕެ (ކ) އާއި ލުބާނާ ފަރުވާ ދެނީ.

އެ ވާހަކަ އިހަށް ބާއްވަމާ ހިނގާށެވެ. ފިޒިއޯއިންނާއި ތެރަޕިސްޓުންގެ މަސައްކަތް ބަލައިގަތުމާއި އަގުވަޒަންކުރުމުގެ ވާހަކަ ދެއްކޭނީ، އެއީ ކުޅިވަރަށް ކިހާ މުހިއްމު ބަޔެއްކަން ވެސް އެނގިގެންނެވެ. އަދިވެސް ބައެއް ފަހަރަށް ފެންނަނީ ފަސްޓް އެއިޑަކުން ފުއްދާލާތަނެވެ. އެކަމަކު ސްޕޯޓްސް މެޑިސިންއަކީ ވަރަށް ބޮޑަށް ފުޅާވާން ޖެހޭ އަދި އެކަމަށް ކުޅިވަރުގެ އެންމެން ވެސް ހޭލުންތެރިވާން ޖެހޭ ދާއިރާއެކެވެ. އަނިޔާވުމުން ތަދު ކަނޑުވާ ބޭސް ގުޅައެއް ކާލާފައި އަނެއް ދުވަހު ކުޅެން ނުކުންނަ ނަމަ އެ ހަލާކުކުރެވެނީ ކެރިއަރެވެ. ކުޅިވަރުން ބޮޑެތި ކާމިޔާބީ ހޯދަން ބޭނުން ނަމަ ކުޅުންތެރިންނާއި ކޯޗުން އުފައްދާ ފަދައިން ފިޒިއޯ އިން ވެސް އުފައްދަން ޖެހެ އެވެ.

ސްޕޯޓްސް މެޑިސިންގެ ތެރެއިން ފިއްޓޭ ހާއްސަވެފައިވަނީ "ޕްރީ އެންޑް ޕޯސްޓް ރީހެބް" އަށެވެ. މާނައަކީ ކުޅުންތެރިން އަނިޔާއާ ވީހާ ވެސް ދުރުގައި ބެހެއްޓުމާއި އަނިޔާވެއްޖެ ނަމަ އެކަމުން ސަލާމަތްކޮށްދިނުމެވެ.

ފިއްޓޭ ބުނީ ހަމައެކަނި އޮންނަން ޖެހޭނީ އަނިޔާވުމުން ފަރުވާކުރުން ނޫން ކަމަށާއި އަނިޔާވިޔަނުދޭން ވެސް މަސައްކަތްކުރަން ޖެހޭ ކަމަށެވެ. އެގޮތުން މަސަލް ޓެންޝަން ދުއްވާލައި ކުޅުންތެރިޔާ ރަނގަޅު ކަންޑިޝަނެއްގައި ބެހެއްޓުމުގެ މުހިއްމުކަން އޭނާ ފާހަގަކުރި އެވެ.

"ރިހެބްލިޓޭޝަން މިއީ ވަރަށް މުހިއްމު ކަމެއް. މިއީ މާ ކުރީއްސުރެ އަޅުގަނޑުމެން ދައްކަމުން އަންނަ ވާހަކައެއް. މިހާރު މިއޮންނަ ގޮތަކީ އިންޖަރީއެއް ވީމާ ބޭސް ދީފައި ތިން ހަފުތާ އަރާމުކޮށްފައި ކުޅެން ނެރެނީ. އެހެންވެ ކުޅުންތެރިން ލައިފް ސްޕޭން ކުރުވަނީ،" އެކްސަސައިޒް ތެރަޕީ ސްޕެޝަލިސްޓް ބުނެފައިވެ އެވެ.

ޓޭބަލް ޓެނިހުގެ ވިމެންސް ޑަބަލްސް އިން ރަން މެޑަލް ހޯދި ދީމާ (ކ) އާއި ރަފާ (ވ) އާ އެކު ފިއްޓޭ ފޮޓޯއަކަށް ހުއްޓިލައިގެން.

ފިއްޓޭ ބުނި ގޮތުގައި ކުޅުންތެރިޔާގެ ހުރިހާ ކަމެއް ފުރަތަމަ ދުވަހުން ފެށިގެން މޮނިޓާކުރަން ޖެހެ އެވެ. އޭނާ ކޮޅަށް ހުންނައިރާއި އިށީނދެ އިންނަ އިރު ހަށިގަނޑުގެ ޕޮސްޗާ އާއި ގެސްޗާ ހުންނަ ގޮތާއި އެފަދަ އެހެން ކަންކަން ބަލައި ގޯހެއް އުޅޭ ނަމަ ރަނގަޅުކުރަން ޖެހެ އެވެ. ސްޕޯޓްސް މެޑިސިންގެ އެންމެ މުހިއްމު ބޭނުމަކީ އަނިޔާއަށް ފަރުވާ ކުރުން ނޫން ކަމަށާއި އަނިޔާ ވިޔަނުދޭން، ގޯސްތައް ކުރީ ބައިގައި ހޯދައި ބަލައި އެކަންކަން ރަނގަޅުކުރުން ކަމަށް ފިއްޓޭ ދެކެ އެވެ.

"ފުރަތަމަ ދުވަހު ވެސް އެކަން ޕްރިވެންޓްކުރެވޭނެ،" ފިއްޓޭ ބުންޏެވެ.

އެކަމަކު ކޮންމެ ކުޅިވަރަކަށް، ކޮންމެ ޓީމަކަށް، ކޮންމެ ކުޅުންތެރިޔަކަށް ހިދުމަތްދެވޭ ވަރަށް އިންސާނީ ވަސީލަތެއް ރާއްޖޭގައި ނެތެވެ. ފިއްޓޭ ވެސް އެންމެ ބޮޑަށް ފިކުރުކުރަނީ އެކަމާ މެދު އެވެ. އެކަމަށް ހައްލެއް ހޯދަން އޭނާ ވަނީ ޔޫރަޕުގެ އެއް ވަނަ ސްޓްރެންތު އެންޑް ކަންޑިޝަނިން ކޯޗު ގެނެސް ކޯސްތަކެއް ހިންގައި މީހުން ވެސް ތަމްރީންކޮށްފަ އެވެ. އަދި އެފަދަ ކޯހެއް ހިންގަން ޓިވެޓަށް އޭނާ އަންނަނީ މުގައްރަރެއް ވެސް ލިޔެދެމުންނެވެ.

ފިއްޓޭ ދެކޭ ގޮތުގައި ކުޅުމުން ރިޓަޔާކުރުމަށް ފަހު ކުޅުންތެރިން އިހުތިޔާރުކުރަން އެއީ ރަނގަޅު ކެރިއަރެކެވެ. ޑިމާންޑް ވެސް އެބަ އޮތެވެ. އާމްދަނީ ހޯދޭނެ ގޮތްތައް ވެސް ގިނަ އެވެ. އަދި ކުޅިވަރެއް ގައުމީ ފެންވަރުގައި ކުޅެފައި ހުރެއްޖެ ނަމަ، މި މަސައްކަތުގައި އުޅޭއިރު ކުޅުންތެރިންގެ އިހުސާސްތައް އެނގި ފަސޭހަތަކެއްވާނެ ކަމަށް އޭނާ ދެކެ އެވެ.

ފުޓްބޯޅަ ކެރިއަރު 1986 ގައި ފަށައި ވެލެންސިއާ އާއި ނިއު އަށް ކުޅުމަށް ފަހު ރިޓަޔާކުރި ފިއްޓޭ މި މަސައްކަތުގެ ތެރެއަށް ވަނީ، 1995 އިން ފެށިގެން އޭނާ މަސައްކަތްކުރަމުން އައި ކަސްރަތުގެ ދާއިރާގެ ތެރެއިންނެވެ. އެގޮތުން އެތުލެޓިކްސްގެ ފީލްޑިން ކޯޗެއްގެ ގޮތުގައި އޭރު މަސައްކަތްކުރަމުން އިންޑޮނީޝިއާގައި ހެދި އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް އެތުލެޓިކްސް ފެޑެރޭޝަން (އައިއޭއޭއެފް) ގެ ލެވެލް އެކެއްގެ ކޯހެއްގެ ތެރެއިން ރިހެބިލިޓޭޝަންގެ ތެރެއަށް ލޯ ހުޅުވުނެވެ.

"އެކަމުގެ މައުލޫމާތު އެނގި އެކަމުގެ ތެރެއަށް ވަދެވުމުން ހިތަށްއެރީ ރާއްޖޭގެ ކުޅިވަރަށް މިއީ ކިހާ މުހިއްމުކަމެއްކަން،" ފިއްޓޭ ބުންޏެވެ.

ފިއްޓޭ (ވ) އަށް ރައީސް ޔާމީން 2014 ވަނަ އަހަރު ގައުމީ އިނާމުގެ ލިޔުން ހަވާލުކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް

އެ ހިސާބުން ފިއްޓޭ މި މަސައްކަތަށް ހުސްވި އެވެ. އަދި ސްޕޯޓްސް ރިހެބިލިޓޭޝަނާއި ފިޓްނަސް އެންޑް ނިއުޓްރިޝަނާއި އެކްސެސައިޒް ސައިންސުންނާއި އެކްސަސައިޒް ތެރަޕީގެ ރޮނގުން އަދި ފިޒިކަލް ތެރަޕީ އެއިޑްގެ އިލްމު ހޯދި އެވެ. އެންމެ ފުރަތަމަ އަމިއްލަ ގޮތުން މަސައްކަތްކުރި ނަމަވެސް 2009 ގައި "ފިޓް ފޯ ލައިފް" ގެ ނަމުގައި އަމިއްލަ ސެންޓަރެއް ހުޅުވައި މަސައްކަތް ފުޅާކުރި އެވެ. އޭނާގެ ހިދުމަތް މިއަދު ލިބެނީ ހަމައެކަނި ކުޅުންތެރިންނަކަށް ނޫނެވެ. އާއްމުންނަށް ވެސް މެ އެވެ.

"ދިވެހިންގެ ހާލަތަށާއި ބޭނުންތަކަށް އެންމެ ރަނގަޅުވާނެ ގޮތްތަކަށް ބައްލަވައިގެން، ފިޓްނަސް ތެރަޕިސްޓެއްގެ ގޮތުގައި، ކުޅިވަރުގެ ދާއިރާއިން ކަސްރަތު ކުރުމާއި، ކަސްރަތު ކުރިއެރުވުމުގެ މަސައްކަތް ކުރައްވާ މުހައްމަދު ފަޔާޟް ދަންނަނީ ހަމައެކަނި ރާއްޖޭގެ ކުޅިވަރު ކުޅުންތެރިންނެއް ނޫނެވެ. އެކި ބަލިތަކަށް ހާއްސަކޮށް، ކަށީގެ ބަލިތަކަށް ފަރުވާ ބޭނުންވެފައިވާ ދިވެހިންގެ އެތައް ބަޔަކު އޭނާ ދަނެއެ ވެ،" ކުޅިވަރުގެ ދާއިރާއިން، ފިޓްނަސް ތެރަޕީގެ ރޮނގުން ހިތްވަރުދިނުމުގެ ގައުމީ އިނާމް 2014 ގައި ސަރުކާރުން އޭނާ އަށް ދިނުމަށް ފަހު، ނެރުނު ބަޔާނުގައިވެ އެވެ.

ފިއްޓޭ ހަފުތާގެ ދުވަސްތަކުގައި، މާލޭގައި ހުންނަ ފިޓް ފޯ ލައިފުގައި ފަރުވާދިނުމަށް ފަހު ހަފުތާ ބަންދު ހޭދަކުރަނީ އައްޑޫ ސިޓީ އާއި ފުވައްމުލަކުގައި ހުންނަ ސެންޓަރުގަ އެވެ. ކަސްރަތާއި ރީހެލިބިޓޭޝަން ފަރުވާ އަށް އާއްމުންގެ އެތައް ބަޔަކު އޭނާ ކައިރިއަށް ދެ އެވެ. ފިއްޓޭގެ ވާހަކައަކީ ތަނަކަށް ތަދުވުމަކީ ނުވަތަ ހަރަކާތް ނުކުރެވުމަކީ އަނިޔާއެއް ނޫން ކަމެވެ. އެއީ ފަންކްޝަނަލް ލިމިޓޭޝަނެއްގެ ގޮތުން ވެދާނެ ކަމެކެވެ.

"ބައެއް މީހުން އައިސް ބުނާނެ ސިޑިން އަރާއިރު ތަދެއް ނުވެޔޭ، ހިނގާއިރު ތަދެއް ނުވެޔޭ އެކަމަކު ނަމާދުގައި އައްތަހިޔާތުގައި އިންނައިރު ތަދުވާ ވާހަކަ. އެއީ އަނިޔާއެއްވީ ކަމަށް ހީކޮށްފާނެ އެކަމަކު ތަދުވާ ކޮންމެ ކަމަކީ އިންޖަރީއެއް ނޫން. އެއީ ފަންކްޝަނަލް ލިމިޓޭޝަނެއްގެ ސަބަބުން ވާކަމެއް. އެކަމަށް ވެސް ހައްލު އެބަ އޮތް،" ފިއްޓޭ ބުންޏެވެ.

ޖުމާނާ (ކ) އާއި ރަފާ (ވ) އަދި ދީމާ އިއްޔެގެ މެޗަށް ތައްޔާރުވިއިރު ފިއްޓޭ ސަމާލުވެގެން. –އެމްއޯސީ ފޮޓޯ: މުހައްމަދު ޝަރުހާން ވަހީދު

މާލެ އަށް ވުރެ ނިސްބަތުން އައްޑު އާއި ފުވައްމުލަކުގައި އޭނާ ހިދުމަތް ހޯދަން ދާ މީހުން ގިނަ އެވެ. އޭނާ ދޭ ޕްރޮގްރާމާ އެއްގޮތަށް އެތަނުގައި ތިބޭ ކޮލިފައިޑް ކުދިން ފަރުވާދޭއިރު، ހަފުތާ ބަންދުގައި ފިއްޓޭ ގޮސް ޕާސަނަލީ ބަލައި ފަރުވާ ބަދަލުކުރަން ޖެހޭ ނަމަ އެކަން ކުރެ އެވެ. އެކަމަކު ވިޔަފާރި އުސޫލުން ކުރާ އެ މަސައްކަތް ދޫކޮށްލާފައި ވެސް، ގައުމުން ގޮވާލައިފި ނަމަ އޭނާ އަބަދުވެސް ހުންނަނީ ކުޅިވަރަށް ހިދުމަތްކުރަން ތައްޔާރަށެވެ. މިހާރު ވެސް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް އައިސް އެހުރީ، އޮލިމްޕިކް ކޮމިޓީގެ އެދުމުގެ މަތިން ކުޅުންތެރިންނަށް ހިދުމަތްކުރާށެވެ. އާމްދަނީއެއް ލިބޭތީކީ ނޫނެވެ.

ފިއްޓޭގެ ހަމައެކަނި އެދުމަކީ މި މަސައްކަތްކުރާ ކުދިންގެ އަގުވަޒަންކުރުމެވެ. ކުޅިވަރު ކުރިއަރުވަން، ސްޕޯޓްސް މެޑިސިން އާއި ތެރަޕީގެ ދައުރު ނުހަނު ބޮޑު ވެފައިވާއިރު މިކަމަށް ކުދިން ނެރެވޭނީ މި މަސައްކަތް ބަލައިގަނެގެންނެވެ.

ކަކުލަށް ސީރިއަސް އަނިޔާއެއްވެ ކުޅުމާ ދުރުގައި ހުއްޓާ ގައުމީ ފުޓްބޯޅަ ޓީމާއި މާޒިޔާގެ ފޯވާޑް އަސަދުﷲ އަބްދުﷲ އަށް ދިން ފަރުވާ އަށް ފަހު އަލުން ކުޅެން ނުކުމެ ގޯލްތައް ޖަހަން ފެށުމުން ކުޅުންތެރިޔާ އާއި ކޯޗަށް އޮހޭ ތައުރީފުން ބައިކުޅަ ބައެއް ނަމަވެސް، އޭނާ ރީހެބިލިޓޭޓްކޮށްދިން މީހާ އަށް ހައްގުވެ އެވެ.

"ބޯޓުޔާޑެއް ނެތި ލޯންޗް ސެކްޝަނެއް ހިންގިދާނެތަ؟" ފިއްޓޭ އަހާލި އެވެ.

އެއީ ވަރަށް ރަނގަޅު ސުވާލެކެވެ. އެ ލޯންޗަކަށް، މީހުން އުފުލޭނީ އަދި ފުލް އިސްޕީޑުގައި ދުއްވޭނީ ވެސް އޭގައި ހުރި މައްސަލަތައް ދަނެ، އެކަން ހައްލުކޮށް އަދި މައްސަލައެއް ދިމާވެއްޖެ ނަމަވެސް ހައްލުކުރާނެ ބަޔަކު ތިބެގެންނެވެ.