ސާފްގެ ބަދަލުގައި ގަތަރު މުބާރާތެއްގައި ޖޫނިއާ ފުޓްބޯޅަ ޓީމު ބައިވެރިކުރުވަނީ

މި އަހަރުގެ 15 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ބަދަލުގައި ގަތަރުގައި ބާއްވާ 16 އަހަރުން ދަށުގެ މުބާރާތެއްގައި ޖޫނިއާ ޓީމު ވާދަކުރުވަން އެފްއޭއެމުން ނިންމައިފި އެވެ.


ސާފް ޗެމްޕިއަންޝިޕް އޮތީ އޮގަސްޓް 21-31 އަށް އިންޑިއާގަ އެވެ. އަދި ގަތަރުގައި ބާއްވާ އިންޓަނޭޝަނަލް ފޯ ނޭޝަންސް ކަޕް އޮތީ އޮގަސްޓް 23-30 އަށެވެ. މިއީ ޓެކްނިކަލީ އެއް އުމުރުފުރައަކަށްވާތީވެ ދެ ޓީމުގައި ވެސް ހިމެނެނީ އެއް ކުޅުންތެރިންތަކެކެވެ. އެހެންވެ އެފްއޭއެމަށް ޖެހުނީ ކޮންމެވެސް އެއް މުބާރާތެއް އިހުތިޔާރުކުރާށެވެ.

އެފްއޭއެމުން ބުނީ ދެ މުބާރާތް އެއް ތާރީހެއްގައި އޮންނާތީ އާއި އެ އެސޯސިއޭޝަނުގެ ޓެކްނިކަލް ޓީމަށް ފެންނަ ގޮތުގައި ސާފް މުބާރާތުގައި ބައިވެރިވާ އޭޝިއާގެ ޓީމުތަކަށް ވުރެ ވަރުގަދަ ޓީމުތަކެއް ގަތަރުގައި އޮންނަ މުބާރާތުގައި ބައިވެރިވާނެތީވެ، އެ މުބާރާތުގައި ބައިވެރިކުރުވުމުގެ ސަބަބުން ރާއްޖޭގެ 16 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކުޅުންތެރިންގެ ކުރިއެރުވުމަށާއި އެ ކުޅުންތެރިންގެ މުސްތަގުބަލަށް ފައިދާކުރާނެ ކަމަށެވެ.

އެފްއޭއެމުން ދާދި ފަހުން ވަނީ ލެޓްވިއާ، ސައުދީ އަރަބިއާ އަދި ބޫޓާނާ އެކު ޔުއެފާ އަންޑާ 15 އެސިސްޓް ފުޓްބޯޅަ މުބާރާތް އައްޑޫގައި ބާއްވައި އެ މުބާރާތުގައި ރާއްޖޭގެ 15 އަހަރުން ދަށުގެ ޓީމު ބައިވެރިކޮށްފަ އެވެ. އެފްއޭއެމުން އަންނަނީ ޓުވާޑްސް ފިއުޗާގެ ނަމުގައި ޒުވާން ކުޅުންތެރިން އުފައްދަން ޕްލޭން ހަދައި މަސައްކަތްކުރަމުންނެވެ.