ވިކްޓްރީގެ ކޯޗު މުހައްމަދު އާދަމް ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މި ފަހަރު ގިނަ ގޮންޖެހުންތަކަކަށް ފަހު ޒުވާން ޓީމެއް ގޮވައިގެން ނުކުތް ވިކްޓްރީގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމުން މަގާމުގައި ދެމިހުރެ ކުރިއަށް ދިއުމާ މެދު ގޮތެއް ނިންމަންޖެހިދާނެ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު އާދަމް ބުނެފި އެވެ.
ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ވިކްޓްރީ ވަނީ ބަލިވެފަ އެވެ. އޭގެ ތެރެއިން ތިން މެޗުން 4-0 ގެ ނަތީޖާ އަކުން ބަލިވި ނަމަވެސް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް މެދުކަނޑާލުމުގެ ކުރިން ކުޅުނު ފަހު މެޗުގައި ށ. ފޯކައިދު އަތުން 1-0 އިން ބަލިވި ނަމަވެސް ވިކްޓްރީން ދެއްކީ ރަނގަޅު ކުޅުމެކެވެ.
ފޯކައިދޫ މެޗުގައި ދެއްކި ކުޅުމުން ހިތްވަރު ހޯދައި ބްރޭކަށް ފަހު އަލުން ޓީމު ރަނގަޅު ކުރަން ވިކްޓްރީން އަޒުމުކަނޑައެޅި ނަމަވެސް އެ ޓީމުގެ ކޯޗު މުހައްމަދު ބުނީ "ކަންތައް ދިޔައީ ހީކުރި ގޮތާ ވަރަށް ތަފާތުކޮށް" ކަމަށެވެ. ކުޑަ އީދު ބަންދަށް ދިން ޗުއްޓީގައި ފަސް ކުޅުންތެރިން ޓީމު ދޫކޮށްލި ފަހުން 19 އަހަރުން ދަށުގެ ގައުމީ ޓީމު ޕްރެކްޓިހާ އެކު އިތުރު ކުޅުންތެރިންތަކެއް ޓީމު ދޫކޮށްލާފައިވާ ކަމަށް ބުންޏެވެ.
"ކީޕަރު ލައިގެން މި ވަގުތު މުޅި ސްކޮޑުގައި ތިބީ 16 ކުޅުންތެރިން. ތިބިއިރު ތިން ކުޅުންތެރިން ތިބީ އިންޖަރީގައި. މި ތިބި ކުޅުންތެރިންނާ އެކު މިދިޔަ ދެ ހަފްތާގައި އަޅުގަނޑުމެން ކުޅެދިން ޕްރެކްޓިސް މެޗުތަކެއް. ކުޅެގެން ފުދޭވަރަކަށް ނަތީޖާ ރަނގަޅު. ކުރިއަށް ވުރެ 80 ޕަސެންޓް ރަނގަޅު. އެކަމަކު މި ވަގުތު ހާލަތު ހުރި ގޮތުން އަނިޔާގައި ތިބި ކުޅުންތެރިންގެ ތެރެއިން ކުއްޖަކަށް ކުޅެވުނަސް އަޅުގަނޑުމެންނަށް މެޗު ކުޅެވޭނެ. އެ ނޫނީ މެޗަށް ޓީމު ހަމަވުމާމެދު ވެސް އެއްޗެއް ބުނަން ދަތި،" ލީގުގައި މާދަމާރޭ މާޒިޔާއާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މުހައްމަދު ބުންޏެވެ.
މި ސީޒަނުގައި ވިކްޓްރީ ފެނިދާނެތޯ ވެސް ސުވާލު އުފެދިފައި އޮތުމަށް ފަހު ފަހު ވަގުތު އެތަކެއް މަސައްކަތަކަށް ފަހު ވިކްޓްރީ އަށް ލީގުގައި ވާދަކުރެވޭނެ ގޮތްވިއިރު، އެ ޓީމު ޕްރެކްޓިސް ފެށި ވެސް ވަރަށް ފަހުންނެވެ. ފުރަތަމަ ޑިވިޝަނުގައި ކުޅެފައި ތިބި ތަޖުރިބާކާރު މަޝްހޫރު ކުޅުންތެރިންތަކެއް ވިކްޓްރީގައި ނެތެވެ. ތިބީ މުޅިން ޒުވާން ކުޅުންތެރިންނެވެ.
މުހައްމަދު ބުނީ ވިކްޓްރީ ސްކޮޑުގައި ޖަހާފައި ތިބި ކުޅުންތެރިންގެ ތެރެއިން ގިނައީ ގަބޫލުކުރެވޭ ވަރުގެ މައްސަލައެއް ނުޖެހި ދިޔަ ކުޅުންތެރިން ކަމަށާއި އެއިން އެއްވެސް ކުޅުންތެރިއަކަށް ސީދާ ސަބަބެއް ވެސް ނުބުނެވޭ ކަމަށެވެ. އެހެންވެ އެއްވެސް ވަރެއްގެ ވިސްނާލުމެއްނެތި ކޮންޓްރެކްޓެއްގައި ސޮއިކޮށް އަޅާނުލައި އެ ކުޅުންތެރިން ތިބުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް މުހައްމަދު ބުންޏެވެ.
"މުސާރަ ނުދީފިއްޔާ އެބަޖެހޭ ކްލަބް ޒިންމާވާން. އެ ގޮތަށް އެގްރިމަންޓެއްގައި ސޮއިކޮށްފައި މުސާރައެއް ނުލިބިގެން ނޫނީ އެހެން ކަމެއް ވެގެނެއް ނޫން. އެހެން ހަތް ކުޅުންތެރިޔަކު އެގްރިމަންޓެއްގައި ސޮއިކޮށްފައި ނައުމަކީ ބޮޑު މައްސަލައެއް. އެ ކުޅުންތެރިންނަށް ފިޔަަވަޅު އަޅަންޖެހޭ. އެއީ އެ ކުޅުންތެރިންނާ ހެދި ކްލަބަށް އެކަންޏެއް ނޫން. ބަރާބަރަށް ޕްރެކްޓިހަށް އަންނަ ކުޅުންތެރިންނަށް ވެސް ބޮޑު ގެއްލުންތަކެއްވޭ،" ސްރީ ލަންކާގެ ބައެއް ފުޓްބޯޅަ ޓީމުތަކަށް ކޯޗުކޮށްދިން މުހައްމަދު ބުންޏެވެ.
މިދިޔަ އަހަރު މުސާރަ ނުދެވި ތަފާތު މައްސަލަތަކެއް ކުރިމަތިވެ، ދެ މެޗަކަށް ވިކްޓަރީ ހާޒިރުނުވެދިޔައިރު، އެ ޓީމުގެ ހާލަތު ރަނގަޅު ކުރަން އެފްއޭއެމުން ލޯނެއް ވެސް ދިނެވެ. ވިކްޓްރީ ހިންގުމަށް މިހާރުގެ ޗެއާމަން މުހައްމަދު ނާޝިދު (ނާޝް) އާއި ކުރީގެ ކޯޗު މައުރޫފް އަހުމަދު (މާއްޓޭ) އަދި މުހައްމަދު ހަމީދު (އުމަރުބެ) ހަވާލުވެ ވަޑައިގެން ކްލަބް ހިންގުމުގެ މޮޑިއުލް ބަދަލުކޮށް ރަނގަޅު ކަންތައްތަކެއް ކުރާނެ ކަމަށް ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި ކްލަބްތަކަށް ދޭން އެފްއޭއެމުން އެއްބަަސްވި ފައިސާގެ ތެރެއިން ވިކްޓްރީ އަށް ދޭންޖެހޭ ޕޭމަންޓެއް އަދި ނުލިބެ އެވެ.
ކޯޗު މުހައްމަދު ބުނީ ވިކްޓްރީ މެނޭޖްމަންޓުގެ ފަރާތުން ކްލަބަށް ލިބެންޖެހޭ ވަރުގެ އަޅާލުމެއް ނުލިބޭ ކަމަށާއި އެއީ އޭނާ އަށް ވެސް އޮތް ބޮލުގެ ރިހުމެއް ކަމަށެވެ.
"އަަސްލު މި ވަރުގެ ކްލަބެއްގެ މެނޭޖްމަންޓުން އަޅާލާންޖެހޭ ވަރަށް އަޅާނުލުމަކީ ވަރަށް ދެރަވާންޖެހޭ ކަމެއް. މެނޭޖްމަންޓާ ވާހަކަ ދެކެވޭނީ ދިމާވެގެން. ދެން މެސެޖުކުރެވޭ. މެސެޖު ބަލާކަން އެނގޭ. ރިޕްލައި އެއް ނާދޭ. ވަރަށް ބޮޑަށް ރިކުއެސްޓްކުރިން ބޭރުން ޖަހާފައި ތިބި ޕްލޭޔަރުންގެ ތެރެއިން ދެ ކުޅުންތެރިން ގެނެސްދޭށޭ. ހަތަރު ކުޅުންތެރިން ޖަހަންދީގެން ޖެހުނީ ވެސް ދެ ކުޅުންތެރިން. އެ ކުޅުންތެރިން ނުގެނެސްފިނަމަ ޓީމު ހަމަނުވުމުގެ ބިރު ވެސް އެބައޮތްކަން އަންގާފައިވާނީ،" މުހައްމަދު ބުންޏެވެ.
"ލީގު ޝެޑިއުލް އޮތް ގޮތުން ވަރަށް ކައިރި ކައިރީގައި މެޗު މިހުރީ. އިންޖަރީއެއް ވެގެން ދެން އިންނަ މެޗުގައި ޓީމު ހަމަނުވުމަކީ ވެސް އިން ބިރެއް. އެކަމަށް މެނޭޖްމަންޓުން ދިމާވާ ހަމައެކަނި މީހަކީ ގާނާ (އަހުމަދު ރިޔާޒް). އެކަމަށް ވާހަކަ ދެކެވެމުން މި އަންނަނީ. ހައްލެއް ހޯދަން އެފްއޭ ވެސް ލައިގެން މި އުޅެނީ،" މުހައްމަދު ބުންޏެވެ.
މީގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން މުހައްމަދު ވަނީ "ވިކްޓްރީއާ ހަވާލުވީ ހާލަތު އެނގިހުރެ" ކަމަށް ބުނެފަ އެވެ. އެކަމަކު މިހާރު ޓީމުގެ ހާލަތު މިހާ ދަށަށްދާއިރު މެނޭޖްމަންޓުގެ ފަރާތުން ކަންތައްތައް ރަނގަޅުކުރަން އެކަށީގެންވާ ވަރަށް އެއްބާރުލުން ނުލިބޭނަމަ ޓީމުން ވަކިވާންޖެހިދާނެ ކަމަށް ވެސް މުހައްމަދު ވަނީ ބުނެފަ އެވެ.
"އެކަށީގެންވޭ ވަކިވުން،" ނޫސްވެރިންގެ ބައްދަލުވުން ނިންމާލަމުން މުހައްމަދު ބުންޏެވެ.
ލީގުގައި މާޒިޔާ އާއި ވިކްޓްރީ ކުޅޭ މެޗު އޮންނާނީ މާދަމާރޭ 9 ޖަހާއިރު އެވެ. ހަވީރު ގްރީން ސްޓްރީޓްސް ނުކުންނާނީ ފ. ނިލަންދޫއާ ދެކޮޅަށެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ނަސްރު
03 August 2019
ޓީމު ތަކަށް މުސާރަ ނުދޭތާ ދެ މަސްވީ. މެނޭޖްމަންޓުން ފޯނު ނަގަނީކީ ނޫން. ކޮބާ ތަ އެފް.އޭ.އެމް އުން ދޭން ބުނި ލާރިތަށް. ބައްސާމު އިސްތިއުފާ. މާޒިޔާ، ޓީސީ ނުދެއެކޭ ނޫން މިބުނީ،
ހަމަހުން ދަވާލި ޗޯރު
02 August 2019
ކުޅުންތެރިން ހަމަނުވެގެން އުޅޭއިރު ނާޝިދާ މައުރޫފް ޓީވީތަކަށް އަރާ ކިޔާ އަޑުއެހިން ތިމަންނަމެންގެ ޕްލޭންގަ އޮތީ އަމިއްލަ ދަންޑެއްވެސް ހަދާ ދަނޑު ކުއްޔަށް ދީގެން ފައިސާ ހޯދައިގެން ވިކްޓަރީ ހިންގުމޭ. އެދުވަހުވެސް މަގާތަށް ހާދަ ހިންޏެއް އައޭ
ވަރަށް ފައްކާ
02 August 2019
މިފަހަރު ވިކްޓަރީއަށް މިއައީ ކޮންކަހަލަ މެނޭޖުމަންޓެއް. އައިގޮތަށް އައިސް ކުލަބް ލީ އައިސީޔޫއަށް.
ޕެނިކު ފަރީދާ
02 August 2019
ވިކްޓަރީން މިޖަހާ ސަކަރާތް އެއްގޮތަކަށްވެސް ކަމަކުނުދޭ. މާލީހާލަތު ތަންނުދޭއިރު ނަމެއްގަ މުބާރާތުގަ ބައިވެރިމުގެ ބޭނުމަކީ ކޮބާ. ހުރިހާވެސް ގެއްލުމެއް ލީގަށް. މުބާރާތުގެ ފޯރިކުޑަވާނީ. މިހާރު ކޯޗް އެހުރީ އިސްތިއުފާދޭން ރެޑީއަށް ކުޅުންތެރިން ހަމައެއްނުވޭ. ކޮންމެ ބަޔަކުކުރި ކަމެއް ކަމުގައިވިޔަސް މިކަހަލަ ގަޅި ކަންތަކުރީމަ މީ ފުޓްބޯޅައަށް ދޭ އަނިޔާއެއް. ޖެއްސުމެއް.
ފަޑިޔާރު މަނިކު
02 August 2019
ނޫސްކޮންފަރެންސް ބާއްވާ ކުރީގެ މެނޭޖުމަންޓައް ރަތްމަހައްނުގޮވާ ވަރައް އެއްޗެތި ގޮވިއިރު ހީވަނީ ލައްކައެއްހެން.. މާއްޓެމެން ބޭނުންވި ކަންތައް ވެއްޖެ. ކުލަބަކާ ކުލަބެއް..ވިކުޓަރީ ދެކެ ހަގީގީ ލޯބިވަނީ ސުޒޭން ފެމިލީ. ދެންވެސް ވާނީ ސުޒޭން ފެމިލީ އައް..
އަލީ ރާޖާ
02 August 2019
މައުރޫފަކީ ކާކުކަން ނޭނގެނީ ވަކިބަޔަކަށް. އަހަރުމެންނަށް އެނގޭ. މަރުހޫމް މައިނާމެން ނާއްޕެމެން ޖޫލޭމެން ވިކްޓަރީ ހިންގި ގޮތަކަށް ހިންގަދޭނެ އެއްވެސް ބައެއް ނުވާނެ. އެމީހުން ނުކައި ނުބޮއެ ޖީބުގަ އޮންނަ ފަސްރުފިޔާވެސް ޙަރަދުކުރީ ވިކްޓަރީއަށް. މިހާރު މިއަންނަ މީހުން ބަލަނީ އެމީހުންގެ ޖީބަށް އެއްޗެއް ލެވޭނީ ކިހިނެއްތޯ ވިކްޓަރީ މެދުވެރިކޮށް. އެފްއޭއިން ދިނަސް ސްޕޮންސަރުން ދިނަސް މިމީހުން ޖީބަށް ކަޓެއް ވަންނަން ޖެހޭ.
އިއްސޭ
02 August 2019
ހަގީގަތަކީ މިއަދު މިކިޔާ ބައިބަލާ ކްލަބްތަކުގެ ހިންގުންތެރިކަން މާހަރުދަނާ. މެނޭޖްމަންޓާ ކޯޗުންނާދެމެދު ގުޅުން އޮވެ، ބަރާބަރަށް ވާހަކަދެކެވޭ. އަދި ޓީސީއާއި ގްރީން ސްޓްރީޓްސްއިން ފަހަކަށްއައިސް ކްލަބް ހިންގުމަށް ޑިޖިޓަލް ޕްލެޓްފޯމް ބޭނުކްކޮށް ކުޅުންތެރިން އެނަލައިޒްކުރޭ. މިއާޚިލާފަށް ވިކްޓްރީފަދަ ކްލަބްތައް އަދިވެސް މިތިބޭ މާޒީގަ ތާށިވެފަ. ވެބްސައިޓްގަނޑެއްވެސް ނެތް، ހިންގަނީ ސައިކަލުމަޑިދަށުން. ފުޓުބޯޅައިގެ ރަސްކަލުންނޭ ކިޔާނީ ކިހިނެއް މިވަރުން؟
މުލޭ
02 August 2019
ބައިބަލާ ކްލަބްތަކުގަ ފައިސާ އޮވޭ. ލިބޭ ގޮތެއް ނޭނގެނީ.
ޓީސީ ޔޫނިއަން
02 August 2019
ވިކްޓްރީގަ ފައިސާއެއްނެތް. ސްޕޮންސަރުން ދިންހާ ފައިސާއަށް ވީނުވީއެއް ނޭނގުނު. ކުޅުންތެރިންނަށް މުސާރައެއް ނުދެވޭ. ކުލަބަށް 40 އަހަރު ވީއިރު ހިންގާ އޮފީހެއްނެތް. 70 ގެ އަހަރުތަކުގެ ބޯދާ ވިސްނުމުގަ ތާށިވެފަ ހުރި މުސްކުޅި ބެއެއްކަލަލަ ކުލަބެއް.
ކުރަންވީތޭ
02 August 2019
ރާއްޖޭގައި އުފެދުނު ފުޓްބޯޅައިގެ ކިންގް މިއަދު ފޯކައިދޫ އަތުން ބަލިވުން އެއީ ބަލައިގަނެވޭނެ ކަމެއް ނޫނޭ މީ ގަލޮޅު މީހުންނަށް ވެސް ހުރި ހުތުރެކޭ ރާއްޖޭގައި އުފެދުނު އެންމެ މޮޅެތި ފުޓްބޯޅަ ކުޅުން ތެރިން އުފެދިގެން އައިސްފައިވަނީ ގަލޮޅުން ކަމަށްވާއިރު ވިކްޓްރީ އިނދަޖެހިގެންދާއިރު ކުރީގައި ވިކްޓްރީ އަށް ކުޅުނު މީހުން ހިތަށް އަސަރެއް ވެސް ނުކުރަނީތޭ ނޫނީ މަމެން ވިކްޓްރީ އަށް ސަޕޯރޓް ކުރުން ދޫކޮށް ފޯކައިދޫ ފަދަ ލޯ ޕްރޮފައިލްޑް ކްލަބަކަށް ތާއީދު
މޮޓްސް
02 August 2019
މިއަދު ފޯކައިދޫގަ ވިކްޓްރީއަށްވުރެ ސަޕޯޓަރުން މާގިނަ. މުޅި ފޯކައިދޫވަނީ ޓީމާއެކު. 80ގެ އަހަރުތަކުތެރޭ އެންމެންގެ މަލާމާތް ރަށްދުވިޓީމް މިއަދު އެހެރީ އެދުވަސްވަރު ރަސްކަންކުރި ޓީމް ފަހަނައަޅައި ކުރިއަށް ގޮއްސަ. މިކަމުން ވިކްޓްރީ، ވެލެންސިއާ އަދި ނިއު އިބުރަތެއް ހާސިލުކުރާނެކަމަށް އުއްމީދުކުރަން.
އިޙްސާސް
02 August 2019
ގަލޮޅު މީހުންނަށް އޮތް ހުތުރެކޭ؟ ތިޔަ ކުލަބު ހަލާކުކުރީވެސް ގަލޮޅު މީހުން ފުރަތަމަ. ތިޔަ ކުލަބު މަށަށް ވިއްކާލާ...؟؟
ފިލި އަދީބު
02 August 2019
ގޭންގް ތައް ކުޅިވަތެރެއަށް ވަދެ ފުޓުބޯޅަވެސ
މުލޭ
02 August 2019
ފުރިހަމަކޮށްލާ... "ގޭންގް ތައް ކުޅިވަތެރެއަށް ވަދެ ފުޓުބޯޅަވެސް ހަލާކުކޮށްފި" މިއީ 100 ގެ ވާހަކައެއް. ފުޓްބޯޅަ އިދާރާވެސް އެމީހުންގެ ބާރުގެ ދަށުގަ. ގައުމުވެސް އެމީހުންގެ ބާރުގެ ދަށަށް ދާދުވަސް ކުރިއަށް އޮތް 10 ވަރަކަށް އަހަރުތެރޭގައި ފެންނާނެކަމަށް ބެލެވޭ. ވިސްނޭ މީހުން ހޭއަރަންވެއްޖެ.
ބަބުރުކަލޯ
02 August 2019
ހެޔެއްނާރާނެ. މިބުނީ ވަރަށް ސާފްކޮށް.
ބަބުރަންޖީ ހާޖީ
02 August 2019
އާދަނުމެންނަށް ވާނީ މިވަރު.