ގްރާންޑޭ އަށް ވުރެ ޕްރެޝަރު އޮތީ ޓީސީ އަށް: އާތީ

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭގެ މެޗުގައި ދަ ގްރާންޑޭއާ ދެކޮޅަށް ނުކުންނައިރު އެ ޓީމަށް ވުރެ ޕްރެޝަރު ބޮޑީ ޓީސީ ސްޕޯޓްސް ކްލަބަށް ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު އާތިފް (އާތީ) ބުނެފި އެވެ.


އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް މިދިޔަ މަހު އަށް ވަނަ ދުވަހު މެދުކަނޑާލިއިރު އެއް ވަނައިގައި އޮތީ ދަ ގްރާންޑޭ އެވެ. އެކަމަކު ރޭ މާޒިޔާ މޮޅުވުމާ އެކު ދަ ގްރާންޑޭ މިހާރު އޮތީ ދެ ވަނައިގަ އެވެ. އިއްޔެ ހަވީރު ގްރީން ސްޓްރީޓްސް ކުޅުނު މެޗުން މޮޅުވުމުން ޓީސީ ވަނީ ހަތަރު ވަނަ އަށް ވެއްޓިފަ އެވެ.

ޓީސީގެ ކޯޗު އާތީ ބުނީ ޕޮއިންޓުގެ ގޮތުން ދަ ގްރާންޑޭ އޮތީ ކުރީގައި ކަމަށާއި އެހެންވުމުން އެ ޓީމާ ދެކޮޅަށް ފަސޭހަކޮށްލެވޭނެ ޖާގައެއް ނެތް ކަމަށެވެ.

"ޓީސީގެ ކަލްކިއުލޭޝަނެއް މިހަދަނީ ހަމަ ސީދާ ޕޮއިންޓް ޓޭބަލަށް. އެ މީހުން (ދަ ގްރާންޑޭ) އެ ހިސާބުގައި އެ އޮތީ މެޗުތަކެއް ކުޅެގެން ޕޮއިންޓް ނަގައިގެން. ހަމަ ތިބެފައި ޕޮއިންޓް ލިބިފައެއް ނޫން. ކުޅެގެން ޕޮއިންޓް ނެގީ. ޕްރެޝަރަށް ބަލާއިރު ގްރާންޑޭ ނަގަންޖެހޭ ހުރިހާ ޕޮއިންޓެއް ނިމިފައި އެ ހުރީ. ބާކީ މި ހުރި މެޗުތަކުން ޕޮއިންޓެއް ނެގުމަކީ ބޯނަސް އެއް. ޓީީސީ އަށް މިވާނެ ވަރަށް ޕްރެޝަރު މެޗަކަށް. ޓީސީ ޕޮއިންޓް އެބަ ބޭނުންވޭ،" އާތީ ބުންޏެވެ.

އާތީ ބުނީ މިދިޔަ ބްރޭކުގައި ސައުދީ އަރަބިއްޔާގައި ކުރިއަށްދިޔަ ޓްރެއިނިން ކޭމްޕްގައި ރަނގަޅު މަސައްކަތްތަކެއް ކުރެވުނު ކަމަށާއި އެ ތަފާތު ޓީސީގެ ކުޅުމުން ފެންނާނެ ކަމަށެވެ. އެކަމަކު އަށް ދުވަހުގެ ޓްރެއިނިން ކޭމްޕަކީ ޑިވެލޮޕްމަންޓަަށް ބަލާއިރު އޭނާގެ ނަޒަރުގައި މާ ބޮޑު އިންގިލާބެއް ގެނެވޭނެ މުއްދަތެއް ނޫން ކަމަށް ބުންޏެވެ.

"ޑިވެލޮޕްމަންޓެއް މި އަންނަނީ ވަރަށް ގިނަ ދުވަހުން. އޭގެ މާނަ އަކީ ނުވަ އަހަރުން ފެށިގެން ކުއްޖާ ޑިވެލޮޕްވަމުން އައި 14 އަހަރުން ގައުމީ ޓީމެއް ނޫނީ ކްލަބަކާ ހަމައިން ޑިވެލޮޕްމަންޓް މި އަންނަނީ. އެހެންވީމަ އަށް ދުވަހަކީ ތިބުނާ ވަރުގެ ރިވޮލިއުޝަނެއް ގެނެވޭ ވަރުގެ އެއްޗެއްސެއް ނޫން. މީހުން ދެން ފުޓްބޯޅަ އަށް ސަޕޯޓްކުރާ މީހުން ދެކޭ ގޮތުގައި އަށް ދުވަހުގެ ކޭމްޕެއް ނޫނީ ފަސް ދުވަހުގެ ކޭމްޕަކީ ވަރަށް ބޮޑު ރިވޮލިއުޝަނެއް އަންނަންޖެހޭނެ އެއްޗެއް. އެކަމަކު ވެސް މީގެ އިން ޕާފޯމަންސް ފެނިގެންދާނެ،" އާތީ ބުންޏެވެ.

ޓީސީން ވަނީ އެ ޓީމަށް މިދިޔަ އަހަރުތަކުގައި ކުޅުނު މިސްރުގެ ޑިފެންޑަރު އަލާ ނާސިރާއި ވިންގް މުސްތަފާ ކަހުރަބާ ދޫކޮށްލައިފަ އެވެ. އަލާ ވަނީ ބަންގްލަދޭޝްގެ ޑާކާ އަބަހާނީ އަށް ބަދަލުވެފަ އެވެ. ޓީސީން ވަނީ ރާއްޖޭގެ ގިނަ ޓީމުތަކަށް ކުޅުނު އެންހެލް މުނޯޒް ގެނެސްފަ އެވެ. އާތީ ބުނީ ކްލަބްގެ އެ ކަހަލަ ޕޮލިސީތަކުގެ ވާހަކަ މީޑިއާއާ ހިއްސާ ކުރުމަކީ އޭނާގެ ނަޒަރުގައި އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

"ފުޓްބޯޅައާ ބެހޭގޮތުން އެއްވެސް ކަހަލަ ނެގެޓިވް އިމްޕެކްޓަކީ އަޅުގަނޑު މީޑިއާއާ ޝެއާ ކުރަން ބޭނުންވާ އެއްޗެއް ނޫން. ކޯޗަށް ވެސް ނޫނީ ޕްލޭޔަރަށް ވެސް އޭގެން ހުންނާނެ ނެގެޓިވް. އެ މެނޭޖްކުރާނީ ޓީމުން،" ކުރިން ޔުނަައިޓެޑް ވިކްޓްރީ އަށް ވެސް ކޯޗުކޮށްދިން އާތީ ބުންޏެވެ.

ޓީސީގެ ކެޕްޓަން އަހުމަދު ފައްރާހު (ފައްރަ) މިރޭގެ މެޗުގައި އަނިޔާގެ ސަބަބުން ނުކުޅޭނެ އެވެ.

މެޗެއްގެ ތެރެއިން ދަ ގްރާންޑޭގެ ކޯޗު އިންމަ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދަ ގްރާންޑޭގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނީ ޓީސީ އަކީ ވަރުގަދަ ޓީމެއްކަން އެނގޭ ކަމަށާއި އުއްމީދަކީ ހުރިހާ ކުޅުންތެރިން އެއް ރޫހެއްގައި ނުކުމެ ރަނގަޅަށް ކުޅެގެން މޮޅުވުން ކަމަށެވެ.

"ހުރިހާ ކުޅުންތެރިން ރަނގަޅަށް ތިބީ. ކުދިކުދި އުނދަގޫތަކެއް ވެސް އެބައުޅޭ. އެހެން ނަމަވެސް އަޅުގަނޑުމެން ކުޅުންތެރިންނާ ވާހަކަ ދައްކައިގެން ހައްލެއް ހޯދަމުން މި އަންނަނީ،" އިންމަ ބުންޏެވެ.

އިންމަ ބުނީ ދަ ގްރާންޑޭ އަކީ ވަރަށް ރަނގަޅު އުއްމީދުތަކަކައިގެން ފުރަތަމަ ޑިވިޝަނަށް އަލަށް ނުކުތް ޓީމެއް ކަމަށާއި ފުރަތަމަ ޓާގެޓްކުރި ހަތަރު މެޗުން ވެސް ހުރިހާ ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހުނު ކަމަށެވެ. އަދި ޒުވާން މެނޭޖްމަންޓެއް ގޮވައިގެން އުޅޭއިރު ގިނަ ތަޖުރިބާތަކެއް ކުރަން ޖެހޭނެ ކަމަށާއި އެއީ މި ކްލަބަށް މުސްތަގުބަލަށް ތައްޔާރުވާން މުހިއްމު ކަމެއް ކަމަށް ވެސް ބުންޏެވެ.

"ވަރަށް ގިނަ ތަޖުރިބާތަކެއް ވޭތުވެދިޔަ ދެ މަސް ތެރޭގައި ކުރަން ޖެހުނު މިހާރު ވެސް އެކަން އެ ކުރަނީ. އަޅުގަނޑުމެން ކުޅުންތެރިން ލައްވައި ކުޅުންވާއިރު ކުރަންޖެހޭ އަނެއް ކަމެއް އެ ކުޅުންތެރިންނަށް ދޭން ވާ އެއްޗެއް ބަރާބަރަށް ދިނުމަކީ. އެ ކަހަލަ އުނދަގޫތަކެއް ހުރި ނަމަވެސް ކުރިއަށް ދެވޭތޯ މި ބަލަނީ. ކުޅުންތެރިން ވަރަށް ބުރަ މަަސައްކަތްކޮށްގެން މި ދަނީ،" އިންމަ ބުންޏެވެ.

އައިއޯއައިޖީ އަށް ދިޔަ ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑުގައި ހިމެނުނު ދަ ގްރާންޑޭގެ ކުޅުންތެރިއަކީ ގޯލްކީިޕަރު މުހައްމަދު ފައިސަލް އެވެ. އިންމަ ބުނީ ފައިސަލް ގައުމީ ޓީމާ އެކު ދިޔައިރު ވެސް ހުރީ ބަލިކޮށް ކަމަށާއި އެ ހާލުގައި ހުރެ މެޗު ކުޅެފައި އައިއިރު ވެސް އެއްކޮށް ރަނގަޅުނުވާ ކަމަށެވެ. ފައިސަލަށް ނުކުޅެވި ބަދަލުކުރަން ޖެހިއްޖެ ހާލަތެއްގައި ޓީމުގައި ދެން ހުރި ކީޕަރަކީ ދަ ގްރާންޑޭ އަށް ދެ ވަނަ ޑިވިޝަން ކާމިޔާބު ކޮށްދިނުމުގައި އިސް ރޯލެއް ކުޅުނު އިޔާން އަބްދުލް އަލީމް (ޗިކީ) އެވެ.

ދަ ގްރާންޑޭ އާއި ޓީސީ ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.