އިންޑިއާ ޔޫތު މުބާރާތުގެ ޗެމްޕިއަންކަން މާޒިޔާ ހޯދައިފި

އިންޑިއާގެ ޗެންނާއީގައި ބޭއްވި އިންޓަނޭޝަން ކަޕް އޮފް ޖޯއީ ޔޫތު ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ރާއްޖޭގެ މާޒިޔާގެ 14 އަހަރުން ދަށުގެ ޓީމުން ހޯދައިފި އެވެ.


މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުން އެފްއޭ ބެންގަލޫރުގެ މައްޗަށް މާޒިޔާ އިން ކުރިހޯދީ ފަހަތުން އަރައި 3-1 އިންނެވެ. ބެންގަލޫރު ލަނޑެއް ޖަހާފައިވަނިކޮށް މާޒިޔާ މޮޅުކޮށްދޭން ގޯލުތައް ކާމިޔާބު ކޮށްދިނީ މުހައްމަދު އިޔާން ދެ ގޯލު އަދި އަބްދުﷲ ރިފާހު އެއް ގޯލެވެ. މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކަށް ދޭ ރަން ބޫޓު ހާސިލްކުރީ މާޒިޔާގެ އިޔާން އެވެ.

މިއީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނަށް ނިސްބަތްވާ ކްލަބެއްގެ އެކެޑަމީ އަކުން ރާއްޖޭން ބޭރުގައި ކުޅޭ ޔޫތު މުބާރާތެއްގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ބޭރުގައި ބޭއްވި ބައިނަލްއަގުވާމީ މުބާރާތެއްގެ ޗެމްޕިއަންކަން ހޯދި ރާއްޖޭގެ ޓީމަކީ އާލީ ޓަޗް ފުޓްބޯލް އެކަޑަމީ (އީޓީއެފްއޭ) އެވެ. ސްރީ ލަންކާގައި ބޭއްވި މެންޗެސްޓާ އިންޓަނޭޝަނަލް އިންޑިޕެންޑެންސް ޖޫނިއާ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އީޓީއެފްއޭ ގެ 15 އަހަރުން ދަށުގެ ޓީމުންނެވެ.

ފައިނަލް މެޗަށް ފަހު ތަށި ދިނީ އިންޑިއާގެ އިތުރުން ދެކުނު އޭޝިއާގައި ވެސް އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ އައި.އެމް ވިޖަޔަން އެވެ.

މާޒިޔާ ޔޫތު ޓީމުގެ ކޯޗަކީ މުހައްމަދު އާރިފް (އާރިއްޕެ) އެވެ. މާޒިޔާ އިން މި މުބާރާތުގައި ބައިވެރިވެ ފުރުސަތުގެ ބޭނުންހިފީ ޒުވާން ކުޅުންތެރިން އުފެއްދުމާއި ބައިނަލްއަގުވާމީ މެޗުތަކުގެ ތަޖުރިބާ ކުޅުންތެރިންނަށް ހޯދައިދިނުމުގެ ގޮތުންނެވެ. ޓީމުގެ ކޯޗު އާރިއްޕެ ގަބޫލުކުރާގޮތުގައި މިއީ ކުރިއަށް އޮތް އެފްއޭއެމް ޔޫތު ލީގަށް ތައްޔާރުވުމަށް ވެސް ލިބޭ ރަނގަޅު ފުރުސަތެކެވެ.

މި މުބާރާތަކީ މީގެ ތިން އަހަރު ކުރިން އިންޑިއާގައި ހުނަރުވެރި ޒުވާން ކުޅުންތެރިންނަށް ފުރުސަތު އިތުރުކުރުމުގެ ގޮތުން ފެށި މުބާރާތެކެވެ. މީގެ ކުރިން އިންޑިއާގެ ސުޕަ ލީގުގެ ބެންގަލޫރު އެފްސީ އާއި ނޯތް އީސްޓް ޔުނައިޓެޑް ފަދަ ޓީމުތަށް ކުޅުނު މި މުބާރާތުގައި އިންޑިއާގެ ސުޕަ ލީގުގެ އިތުރުން އައި ލީގާއި އިންޑިއާގައި ހިމެނޭ ބައިނަލްއަގުވާމީ އެކެޑަމީތަކުގެ ޓީމުތައް ވެސް ވާދަކުރެ އެވެ. މާޒިޔާ އިން ސެމީ ފައިނަލުގައި ވަނީ އިންޑިއާގެ ސުޕަ ލީގުގެ ޓީމު ޗެންނާއީން އަތުން ވެސް ފަހަތުން އަރައި މޮޅުވެފަ އެވެ.

ރާއްޖޭގައި ޒުވާން ކުޅުންތެރިން އުފައްދަން ކުރިން ހިންގަމުން އައި ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް (ވައިޑީޕީ)ގެ ބަދަލުގައި މިހާރު ޒުވާން ކުޅުންތެރިން އުފެއްދުމުގެ މަސައްކަތްކުރަމުން އަންނަނީ ފުރަތަމަ ޑިވިޝަނާއި އެ ނޫން ވެސް ކްލަބްތަކުންނެވެ. އެފްއޭއެމުން އަންނަނީ ޓުވާޑްސް ފިއުޗާގެ ބެނާގެ ދަށުން މުސްތަގުބަލަށް ފެންވަރު ރަނގަޅު ގައުމީ ޓީމުތަކެއް އެކުލަވާލުމަށް ޒުވާން ކުޅުންތެރިންނަށް ހާއްސަކޮށްގެން ޕްރޮގްރާމްތަކެއް ހިންގަމުންނެވެ. އެ ގޮތުން މިިދިޔަ އަހަރުން ފެށިގެން ޔޫތު ލީގެއް އަންނަނީ ބާއްވަމުންނެވެ.