ޓީސީ އަތުން ދަ ގްރާންޑޭ އަށް ޕޮއިންޓެއް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުން އެންމެ ފަހުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބާއި އަލަށް ވާދަކުރާ ދަ ގްރާންޑޭ 1-1 އިން އެއްވަރުވެއްޖެ އެވެ.


މި މެޗުން މޮޅުވެގެން ދަ ގްރާންޑޭ އަށް އަލުން އެއް ވަނަ އަށް އެރެން އޮތްއިރު، ޓީސީ އަލުން ތިން ވަނަ އަށް އަރަން ވެސް މި މެޗުގެ ތިން ޕޮއިންޓް މުހިއްމެވެ. ދެ ޓީމު ވެސް ޕޮއިންޓަކުން ފަރުޖައްސާލަން ޖެހުނުއިރު، ދަ ގްރާންޑޭ ހަ މެޗުން ލިބުނު 13 ޕޮއިންޓާ އެކު ލީގުގެ ދެ ވަނައިގައި އޮތްއިރު، ޓީސީ ހަތަރު ވަނައިގައި އޮތީ ހަ މެޗުން ލިބުނު ނުވަ ޕޮއިންޓާ އެކު އެވެ.

މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ޓީސީ ކުޅުންތެރިން ތަނަވަސްކުރި ރަނގަޅު ދެ އެޓޭކުގެ ހުރަހަކަށްވީ ދަ ގްރާންޑޭގެ ގޯލުގައި ހުރި ގައުމީ ޓީމުގެ ގޯލްކީޕަރު މުހައްމަދު ފައިސަލް އެެވެ. ދަ ގްރާންޑޭ އަށް ލީޑުނަގައިދޭން އަހުމަދު އިމާޒް (އާއްކޮ) އަށް ރަނގަޅު ފުރުސަތުގެ ބޭނުން އޭނާ އަށް ނުހިފުނެވެ.

ޓީސީ އަށް މެޗުގެ 36 ވަނަ މިނިޓްގައި ލީޑުނަަގައިދިނީ ނޭޕާލުގެ ފޯވާޑް ބިމާލް ގާތީ މަގަރު އެވެ. އޭރިއާ ތެރެއިން އިސްމާއިލް އީސާ (މެސީ) ހުސްކޮށްލާފައި ދިން ބޯޅަ ބިމާލް ވަނީ ގޯލުގެ ދުރު ކަނަށް އަމާޒުކޮށްލައިފަ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ދަ ގްރާންޑޭ އަށް އެއްވަރުކޮށްދޭން ހިލޭ ޖެހުމަކުން އާއްކޮ ޖެހި ބޯޅަ ހުރަސްދަނޑިިމަތިން ދިޔައިރު، އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ކްރިސްޓިއަން ޑޯޑްޒީ ޖެހި ބޯޅަ ޓީސީގެ ޑިފެންޑަރުން ވަނީ ބްލޮކްކޮށްފަ އެވެ.

ދަ ގްރާންޑޭ އިން ދެ ވަނަ ހާފަށް ނުކުތީ ބަދަލަކާ އެކު އެވެ. އެ ގޮތުން އަހުމަދު ނިޒާމް (ނިޒާމްބެ)ގެ ބަދަލުގައި އިރާގު ފޯވާޑް އޮބައިދާ ކަދުމް ކުޅެން އެރުވި އެވެ. ދަ ގްރާންޑޭ އިން އެއްވަރުކުރީ މެޗުގެ 58 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން އޮބައިދާ ޖެހި ގޯލުންނެވެ. މިއީ ދަ ގްރާންޑޭގެ އަޔާޒު އަހުމަދު (އަޔާ) އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ.

ދެ ވަނަ ހާފްގައި ދަ ގްރާންޑޭ އިން ކުޅުން ރަނގަޅުކުރިއިރު، އެ ޓީމަށް ލީޑުނަގައިދޭން މެޗުގެ 68 ވަނަ މިނިޓްގައި އަޔާ ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. މެޗުގެ 79 ވަނަ މިނިޓްގައި ޓީސީގެ އަބްދުލް ވާހިދު (ވާޑު) ނަަގައިިދިން ހުރަހަކުން ބިމަލް ބޮލުން ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

މެޗުގެ އިތުރު ވަގުތުގައި ޓީސީ މޮޅުކޮށްދޭން އޭރިއާތެރެއިން ބިމަލް ފޮނުވާލި ބާރު ޝޮޓް ދަ ގްރާންޑޭގެ ކީޕަރު ފައިސަލް ވަނީ ހުށިޔާރުކަމާ އެކު ދިފާއުކޮށްފަ އެވެ.

މި މެޗުގެ ކުރިން ދަ ގްރާންޑޭގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ވަނީ ޓީމުގެ ހާލަތު އެންމެ ރަނގަޅު ނޫން ކަމަށް ބުނެފަ އެވެ. އެކަމަކު އޭރު ވެސް ކުޅުންތެރިން މެޗަށް އައިސް ރަނގަޅު ރޫހެއްގައި ކުޅޭނެ ކަމުގެ އިތުބާރު އިންމަ އަށް އޮތެވެ.

"އަސްލު މި މެޗުގައި މި ހާސިލްވި ކަންތަކުގެ ކްރެޑިޓް ދޭން ޖެހެނީ ކުޅުންތެރިންނަށް. ވަރަށް މުހިއްމު ޕޮއިންޓެއް މި ކުޅުންތެރިން މި ހޯދީ ވަރުގަދަ ޓީމެއް އަތުން. ފެނިގެންދިޔައީ ފުޓްބޯޅަ އަށް މި ކުޅުންތެރިންގެ ހުރި ލޯބި،" އިންމަ ބުންޏެވެ.

ޓީސީގެ ކޯޗު މުހައްމަދު އާތިފް (އާތީ) ބުނީ މިއީ މި ބުރުގައި ކުޅޭނެ އެންމެ އުނދަގޫ އެއް މެޗު ކަމަށާއި މެޗު ދިޔައީ ވެސް ކުރިން ބުނި ގޮތަށް ވަރަށް ޕްރެޝަރުކޮށް ކަމަށެވެ. އަދި މި މެޗުން ބަލިވީ ނުކުޅެވިގެން ނޫން ކަމަށާއި ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފިގެން ކަމަށް އާތީ ބުންޏެވެ.

"ކޯޗެއްގެ ފިލޯސަފީ ބޭނުން ގޮތަކަށް ޓީމެއް ގެންނަން ވަރަށް ގިނަ ވަގުތު ނަގާނެ. އީގަލްސް އަށް ވެސް އެހެން އެ ކުޅެވެނީ ހަތް ވަރަކަށް އަހަރު އެއް ޓީމެއް ބާއްވައިގެން. އެހެންވީމަ ޓީސީ އަށް ވެސް ވަގުތުނަގާނެ ވަކި ސްޓައިލަކަށް އަންނަން. ވަރަށް އަވަސް އަރުވާލައިގެން ކުޅުންތެރިން މޮޅުވާން އުޅެނީ. އޭގެ ބަދަލުގައި ބޯޅަ ހިފަހައްޓައިގެން ހަމަޖެހިލައިގެން ވެސް ވާނެކަން މެޗުގައި ފެނުނު ގޯލުން އެނގިއްޖެ. އެ ކަހަލަ ކަންތަކަށް ވަގުތު ނަގާނެ،" އާތީ ބުންޏެވެ.

އާތީ ވަނީ މި މެޗުގައި ދަ ގްރާންޑޭގެ ފަރާތުން ފެނިގެންދިޔަ ވާދަވެރި ކުޅުމަށް އެ ޓީމަށް ތައުރީފްކޮށްފަ އެވެ.