މާޒިޔާ ޔޫތު ޓީމަށް މަރުހަބާ ކިޔުމަށް އެއާޕޯޓުގައި ބޭއްވި އުފާފާޅުކުރުމުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އިންޑިއާގެ ޗެންނާއީގައި ބޭއްވި އިންޓަނޭޝަން ކަޕް އޮފް ޖޯއީ ޔޫތު ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި މާޒިޔާގެ 14 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމު އެނބުރި ރާއްޖެ އައުމުން ރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.
މިއީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނަށް ނިސްބަތްވާ ކްލަބެއްގެ އެކެޑަމީ އަކުން ރާއްޖޭން ބޭރުގައި ކުޅޭ ޔޫތު މުބާރާތެއްގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ. މާޒިޔާގެ މި ކާމިޔާބީގައި ބައިވެރިވުމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި މާޒިޔާގެ ޗެއާމަން އަހުމަދު ސާޖިދު އަދި ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު އިބްރާހިމް ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން އާއި ޓީމުގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ)ގެ އިތުރުން މާޒިޔާ ސީނިއާ ޓީމުގެ ކުޅުންތެރިންނާއި ޗެމްޕިއަންކަން ހޯދި ޓީމުގެ އާއިލާތަކުން ބައިވެރިވި އެވެ.
މާޒިޔާގެ ޗެއާމަން ސާޖިދު ވިދާޅުވީ މިއީ އެ ކްލަބުން އެކެޑަމީ ހިންގުމުގައި ވެސް ކުރާ މަސައްކަތް ލިބިގެންދިޔަ ހިތްވަރެއް ކަމަށާއި ފުޓްބޯޅަ އަށް ލިބޭ މި ފަދަ ކާމިޔާބީތައް ހުރިހާ ފަރާތްތަކުން ވެސް ފާހަގަކުރުން އެއީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.
"އަޅުގަނޑުމެން ދެކެނީ މި ފަދަ ކާމިޔާބީތައް އަޅުގަނޑުމެން ހޯދައިދިނީމަ ގައުމުގެ އިސް ވެރިން ވެސް ފާހަގަކޮށް އަޅުގަނޑުމެންނާ ބައިވެރިވެގެން މި ކަންތައްތައް ކުރިއަށްގެންދިއުމަށް އެހީތެރިވެދިނުން. އަބަދު އަމިއްލަ ފަރުދުންނަކަށް ވެސް މި ކަމެއް ނުކުރެވޭނެ،" ސާޖިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފެނިގެންދިޔައީ އިންޑިއާގެ ޖޫނިއާ ކުދިންނަށް ވުރެ ރާއްޖޭގެ ކުދިން މޮޅުކަން ކަމަށާއި ބޭނުންވަނީ ދެމެހެއްޓެނިވި ގޮތެއްގައި މި ފަދަ ކަންތައްތައް ކުރާއިރު ހުރިހާ ފަރާތްތަކެއް އެކުވެގެން މި ކަންތައް ކުރުން ކަމަށެވެ. އަދި މިއީ މާޒިޔާގެ ގްރާސްރޫޓް ޕްލޭނަށް ވެސް ލިބިގެންދިޔަ ކުރިއެރުމެއް ކަަމަށާއި ޓީމުގެ ކޯޗުންނަށް މީގެ ޝުކުރު ހައްގުވާ ކަމަށް ވިދާޅުވި އެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް ވިދާޅުވީ ފުޓްބޯޅަ އާއިލާގެ ނަމުގައި މާޒިޔާގެ ޔޫތު ޓީމު ކުޅުންތެރިންނަށާއި މެނޭޖްމަންޓަށް ވަރަށް ބޮޑަށް މަރުހަބާ ކިޔާ ކަމަށެވެ.
"މިއީ ވަރަށް މުހިއްމު ދަނޑިވަޅެއްގައި އިންޓަނޭޝަނަލް މުބާރާތެއްގައި ރާއްޖޭގެ ޓީމެއް ކާމިޔާބު ހޯދައިގެން މި އައީ. މިއީ ޒުވާން ކުޅުންތެރިން ޕްރޮމޯޓްކޮށް ޑިވެލޮޕްކުރަން ކުރާ މަސައްކަތުގައި ލިބިގެންދިޔަ ވަރަށް ބޮޑު ހިތްވަރެއް. ކްލަބްތަކުން ވެސް އެކެޑަމީތައް ވަރަށް ފުރިހަމަ އަށް ހިންގަމުންދާކަން އަދި ޒުވާން ޓީމުތައް ބިނާކުރުމުގައި ކްލަބްތަކުން ވެސް ވަރަށް ބޮޑު ހިއްސާއެއް ވާކަން ދައްކުވައިދިނީ. މިއީ ޓުވާޑްސް ފިއުޗާ ޕްރޮގްރާމަށް ވެސް ލިބުނު ހިތްވަރެއް،" ބައްސާމް ވިދާޅުވި އެވެ.
މާޒިޔާ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ސެމީ އާއި ފައިނަލުގައި އިންޑިއާގެ ފުޓްބޯޅައިގެ ރަނގަޅު ވަސީލަތްތަކުގައި ތަމްރީން ވަމުން އަންނަ ދެ އެކެޑަމީއެއް ބަލިކޮށްފަ އެވެ. ސެމީ ފައިނަލުގައި އިންޑިއާގެ ސުޕަ ލީގުގެ ކްލަބް ޗެންނާއީންގެ ޔޫތު ޓީމުގެ މައްޗަށް މާޒިޔާ ކުރިހޯދީ 2-1 އިންނެވެ. އަދި ފައިނަލުގައި ބެންގަލޫރު އެފްއޭ އަތުން މޮޅުވީ 3-1 އިންނެވެ. މި ދެ މެޗުން ވެސް މޮޅުވީ ފަހަތުން އަރަ އެވެ.
މާޒިޔާ ޓީމުގެ ކުޅުންތެރިންނާއި އެފްއޭއެމްގެ ރައީސް ބައްސާމް އާއި މާޒިޔާ ޗެއާމަން ސާޖިދު. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
މާޒިޔާ ޔޫތު ޓީމުގެ ކޯޗަކީ މުހައްމަދު އާރިފް (އާރިއްޕެ) ބުނީ މުބާރާތަށް ދިޔައީ ވެސް ޗެމްޕިއަންކަން ހޯދޭނެ ކަމުގެ އުއްމީދުގައި ކަމަށާއި އެކަން ހާސިލްކުރެވުނީ ކުޅުންތެރިން ދެއްކި ރަނގަޅު ރޫހުގެ ސަބަބުން ކަމަށެވެ.
"ފުރައިގެންދިޔައީ ވެސް ޗެމްޕިއަންކަން ހޯދުމުގެ އަޒުމުގައި. އެކަންކުރީ ވެސް ވަރަށް މަސައްކަތްކޮށްގެން. ވަރަށް ވަރުގަދަ ތިން ޓީމަކާ ކުޅުނިން. އޭގެ ތެރެއިން ދެ ޓީމު ސެމީ އާއި ފައިނަލުގައި ބަލިކުރީ. ޗެންނާއީން އާއި ބެންގަލޫރު. އެ ދެ ޓީމު އަތުން ވެސް ފަހަތުން އަރައި މޮޅުވެވުމަކީ ފަސޭހަކަމެއް ނޫން،" އަރިއްޕެ ބުންޏެވެ.
މި ކާމިޔާބީގައި މާޒިޔާ އެކެޑަމީ ހިންގުމާ ހަވާލުވެ ހުރި ކޯޗު އިބްރާހިމް ޝާފިއު (ސާއްކޮ)ގެ ދައުރު ބޮޑެވެ. މި ޓީމުތައް އެކުލަވާލުމުގައި އިސް ދައުރެއް އަދާކުރާ ސާއްކޮ އަކީ ޔޫތު ޑިވެލޮޕްމަންޓުގައި ރަނގަޅު މަސައްކަތްތަކެއް ކުރަމުން އަންނަ ކޯޗެކެވެ.
"މި ކާމިޔާބީ ހޯދުމުގައި މާޒިޔާގެ އިސް ފަރާތްތަކުގެ އެއްބާރުލުން ފާހަގަކުރަންޖެހޭ. އަދި އެކެޑަމީގެ ހެޑް ސާއްކޮ އޭނަގެ ދައުރު މި ކަމުގައި ވަރަށް ބޮޑު،" އާރިއްޕެ ބުންޏެވެ.
މީގެ ކުރިން ބޭރުގައި ބޭއްވި ބައިނަލްއަގުވާމީ މުބާރާތެއްގެ ޗެމްޕިއަންކަން ހޯދި ރާއްޖޭގެ ޓީމަކީ އާލީ ޓަޗް ފުޓްބޯލް އެކަޑަމީ (އީޓީއެފްއޭ) އެވެ. ސްރީ ލަންކާގައި ބޭއްވި މެންޗެސްޓާ އިންޓަނޭޝަނަލް އިންޑިޕެންޑެންސް ޖޫނިއާ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އީޓީއެފްއޭ ގެ 15 އަހަރުން ދަށުގެ ޓީމުންނެވެ.
މާޒިޔާ ޓީމުގެ ކުޅުންތެރިންނަށް މަރުހަބާ ކިޔުމުގެ ތެރެއިން: ގައުމީ ކުރީ ކެޕްޓަން ދަގަނޑޭ (ކ.1)، ގްރީން ސްޓްރީޓްސްގެ ކޯޗު ސުޒޭން (ކ.2)، ގައުމީ ޓީމުގެ ކޯޗު ސެގާޓް އަދި މާޒިޔާގެ ކޯޗު ސެކުލޮސްކީ ކުޅުންތެރިންނާއި އޮފިޝަލުންނާ ސަލާމްކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
މި މުބާރާތަކީ މީގެ ތިން އަހަރު ކުރިން އިންޑިއާގައި ހުނަރުވެރި ޒުވާން ކުޅުންތެރިންނަށް ފުރުސަތު އިތުރުކުރުމުގެ ގޮތުން ފެށި މުބާރާތެކެވެ. މީގެ ކުރިން އިންޑިއާގެ ސުޕަ ލީގުގެ ބެންގަލޫރު އެފްސީ އާއި ނޯތް އީސްޓް ޔުނައިޓެޑް ފަދަ ޓީމުތަށް ކުޅުނު މި މުބާރާތުގައި އިންޑިއާގެ ސުޕަ ލީގުގެ އިތުރުން އައި ލީގާއި އިންޑިއާގައި ހިމެނޭ ބައިނަލްއަގުވާމީ އެކެޑަމީތަކުގެ ޓީމުތައް ވެސް ވާދަކުރެ އެވެ.
ރާއްޖޭގައި ޒުވާން ކުޅުންތެރިން އުފައްދަން ކުރިން ހިންގަމުން އައި ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް (ވައިޑީޕީ)ގެ ބަދަލުގައި މިހާރު ޒުވާން ކުޅުންތެރިން އުފެއްދުމުގެ މަސައްކަތްކުރަމުން އަންނަނީ ފުރަތަމަ ޑިވިޝަނާއި އެ ނޫން ވެސް ކްލަބްތަކުންނެވެ. އެފްއޭއެމުން އަންނަނީ ޓުވާޑްސް ފިއުޗާގެ ބެނާގެ ދަށުން މުސްތަގުބަލަށް ފެންވަރު ރަނގަޅު ގައުމީ ޓީމުތަކެއް އެކުލަވާލުމަށް ޒުވާން ކުޅުންތެރިންނަށް ހާއްސަކޮށްގެން ޕްރޮގްރާމްތަކެއް ހިންގަމުންނެވެ. އެ ގޮތުން މިިދިޔަ އަހަރުން ފެށިގެން ޔޫތު ލީގެއް އަންނަނީ ބާއްވަމުންނެވެ.
ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ އެކެޑަމީ މުބާރާތެއްގައި ވާދަކޮށް ތަށި ގެނައި މާޒިޔާ ޓީމުން އަންނަނީ ކުރިއަށް އޮތް ޔޫތު ލީގަށް ތައްޔާރުވަމުންނެވެ. އެ ޓީމުން ގަބޫލުކުރާގޮތުގައި މި ކާމިޔާބީއާ އެކު ޔޫތު މުބާރާތަށް ޓީމު ދާނީ ރަނގަޅު ފޯމެއްގައި ކަމަށެވެ.
މާޒިޔާގެ ކޯޗު މަރުޖާން ސެކުލޮސްކީ ބުނީ ޖާގަ ދެވޭ ވަރަކުން މާޒިޔާގެ ޖޫނިއާ ކުޅުންތެރިންނަށް ސީނިއާ ޓީމާ އެކު ފަރިތަކުރުމުގައި ބައިވެރިވުމުގެ ފުރުސަތު ދޭނެ ކަމަށާއި އެ ގޮތުން ޖޫނިއާ ޓީމުގެ ގޯލްކީޕަރު ސީނިއާ ޓީމާ އެކު ފަރިތަކުރަމުންދާ ކަމަށާއި އެއީ އެ ކުޅުންތެރިންގެ ޑިވެލޮޕްމަންޓަށް މުހިއްމު ކަމެއް ކަމަށެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ފުންއަސަރު
07 August 2019
މަރްހަބާ ދަންނަވާނީ އުފަލުން، މަރްހަބާ ދަންނަވަން. ދިވެހިރާއްޖޭގެ މާޒިޔާއިން ޔޫތުޓީމެއް ރާއްޖެއިން ބޭރަށް ފޮނުވާ، އެމުބާރާތުގެ ޗެންޕިއަންކަން ހޯދާ، ރަންތަށިހިފައިގެން ރާއްޖެ އައުމަކީ ކުޑަ އުފަލެއްނޫން. މީ އެހެންޓީމުތަކުން ނަމޫނާނަގާ، ރާއްޖޭގެ ސަރުކާރުންވެސް މިކަމުގެ އަގު އަދާކޮށްދޭންޖެހޭވަރުގެ ކަންކަން. މާޒިޔާގެ ޔޫތުޓީމުން ރާއްޖެއަށް މިހޯދައިދިން ރީތިނަމާ ފަޚުރަށްޓަކާ، ރާއްޖޭގެ ރައްޔިތެއްގެ ހައިސިއްޔަތުން މަރްހަބާއާއި ޝުކުރު އަދާކުރަން. މަރްހަބާ
ކޮސްގޮވެނީ
07 August 2019
މީ ދެން ބޮޑުވަރު. ކަށިމައްޗާ ހަމައަށް ވިނަ އޮތް ދަނޑެއްގަ ނުކުޅޭނެ ތިބުނާ ވަރުގެ ބޮޑު މުބާރާތެއް. އެއް ޓީމު ކުޅެނީ ބިބު ބައެއް ލައިގެން ބޭރު ރޮނގުމަތީ އޮޓޯ ޑްރައިވަރުން ސައިބޯން. މީ މިހާރުގަ ހުރި ފޮޓޯ ތަކުން ފެންނަން ހުރި ކަންކަން. ބޭރު ކޮލެޖްތަކުގަ އުޅޭ ދިވެހި ކުދިންވެސް ވަރަށް ގިނަ ކުޅިވަރުގަ ޗެމްޕިއަންކަން ހޯދާ، އެވެސް އެބަ ޖެހޭ ރަތް ދޫލައިން ފާހަގަ ކުރަން.
ކޮސްބެ
07 August 2019
ތީވެސް ބޮޑުވަރު. ތިހާ ދަށް މުބާރާތެއްނަމަ މިލިއަނުން ހަރަދުކުރާ އެކެޑަމީތަކާ އައިއެސްއެލްގެ ޓީމުތައް ނުކުޅޭނެ. މުބާރާތުގައި ކުޅުނު ޓީމުތަކުގެ ފެންވަރު ދަނޑުގެ ވިނަގަނޑުން ބަލަންޔާ ދެން މޮޅުވާ ޓީމު ވެސް މޮޅު ޖޯޒީ އިން ނިންމަންވީނު
ލޮނުމޫސާ
07 August 2019
ރަނގަޅު ވާހަކައެއް، މިވަރުގެ ތަރައްގީ ގައުމަކާ ބަލާފަ އިންޑިޔާ ކޮލެޖު މުބާރާތަކަށްވުރެ ދަށް މުބާރާތެއްގެ ތަށި ލިބުން މިވަރަށް ފާހަގަކުރުމަކީ ފުޓުބޯޅައޮތް ހިސާބު އަންގައިދޭ ކަމެއް،