މިހާރު އެވޯޑްސް: ކުނޑި ސަލީމުގެ 23 އަހަރުވީ ވޮލީގެ ޚިދުމަތް

ރެފްރީއެކޭ ބުނެފި ނަމަ ގިނަ ބަޔެއްގެ ހިތަށް ވަންނަނީ ބޯޅައާ އެއްވަރަކަށް ދުވެ، ކަށިގަނޑު ފުމެ ކުޅުންތެރިންނަށް ކުލަކުލައިން ކާޑު ދައްކާ މީހެއްގެ މަންޒަރެވެ. ފަހަރުގައި ފުޓްބޯޅަ ރެފްރީންގެ ދައުރު މާބޮޑޭ ހިތަށް ވަންނަނީ އެ ރެފްރީންގެ ހަރަކާތާއި އެ ރެފްރީންގެ ނިންމުންތަކާ ގުޅިގެން މެޗުގެ ނަތީޖާ އަށް ވެސް ކުރާ އަސަރުތަކާ ގުޅިގެން ކަމަށް ވެދާނެ އެވެ.


އެކަމަކު ނެޓާ ދިމާލުން، ދިގު ގޮނޑިއަކަށް އަރާ ހުރެ ވޮލީބޯޅަ ރެފްރީން އެ ނަގާ ޒިންމާތަކާއި އެ ނިންމާ ނިންމުންތައް ވެސް އެހާމެ މުހިއްމެވެ. އެއީ ވޮލީބޯޅައިގެ މުހިއްމު ބަޔެކެވެ. ދިވެހި ވޮލީބޯޅަ މިހާރު އޮތް ހިސާބަށް ގެނައުމުގައި އަދި ރާއްޖޭގެ ދެ ވަނަ ކުޅިވަރުގެ ގޮތުގައި ހިފަހައްޓާލި ހިފަހައްޓާލުމުގައި، ވޮލީބޯޅަ ރެފްރީ ކުނޑި އަހުމަދު ސަލީމުގެ ދައުރު ވަކި ކުޑައެއް ނޫނެވެ. އޭނާ ވަނީ ރާއްޖޭގައި ކުޅޭ މެޗުތަކަށް އިންސާފުކުރުމުގެ އިތުރުން ރެފްރީން އުފައްދައި އަދި ރާއްޖޭން ބޭރުގައި ރެފްރީއެއްގެ ގޮތުގައި ގައުމު ތަމްސީލުކޮށްފަ އެވެ.

ކުނޑި ސަލީމް ރެފްރީއެއްގެ ގޮތުން ދިވެހި ވޮލީބޯޅަ އަށް މެދުނުކެނޑި 23 އަހަރުކޮށްދެއްވާފައިވާ ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ރާއްޖޭގެ އެންމެ ބޮޑު ކުޅިވަރު އެވޯޑްސް، 'މިހާރު އެވޯޑްސް" ގައި ހޯމަ ދުވަހުގެރޭ ވަނީ ސްޕެޝަލް ރިކޮގްނިޝަން އިނާމް ދީފަ އެވެ. ކުނޑި އަށް އިނާމް ހަވާލުކޮށްދެއްވީ ކުރީގެ ކުޅިވަރު ތަރި، ރެފްރީ، ކޯޗު އަދި މިހާރު ސްޕޯޓްސް ކޮމިޝަނަރު ހީނާ އަހުމަދު ސަލީމެވެ.

ކުނޑި ސަލީމް (ކ-2) އާއި ތަޖުރިބާކާރު ރެފްރީ ތުއްތުކޯ މެޗެއްގެ ކުރިން ކުޅުންތެރިންނާ ވާހަކަދައްކާލަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ދިވެހި ފުޓްބޯޅައިގެ ކުރީގެ ގަދަބާރު ކްލަބް ލެގޫންސަށް ނުވަދިހައިގެ އަހަރުތަކުގައި ފުޓްބޯޅަ ކުޅެ އަދި ޔޫތު ޑިވެލްޕްމަންޓް ކޯޗެއްގެ ގޮތުގައި ފުޓްބޯޅަ އަށް ހިދުމަތްކުރާ ސަލީމް ވޮލީބޯޅަ ރެފްރީކަމަށް ޝައުގުވެރިކަން އުފެދުނީ ފެކަލްޓީ އޮފް އެޑިއުކޭޝަންސްގައި މަސައްކަތްކުރި ދުވަސްވަރެވެ. ސްކޫލް ދައުރުގައި މަޖަލަށް ކުޅުން ފިޔަވައި ވޮލީބޯޅަ ރަސްމީ ހައިސިއްޔަތަކުން ކުޅެފައި ނުވި ނަމަވެސް އެ ކުޅިވަރުގެ ރެފްރީކަމަށް ކުއްލި ޝައުގުވެރިކަމެއް އުފެދި 1996 ވަނަ އަހަރު އަސާސީ ކޯހެއް ފުރިހަމަކުރި އެވެ.

އެ ހިސާބުން ފެށިގެން މިއަދާ ހަމަޔަށް އޭނާގެ ހިދުމަތް ރެފްރީއެއްގެ ގޮތުގައި ނުލިބޭ ބޮޑު މުބާރަތެއް ބާއްވާފައި ނުވެ އެވެ ގައުމީ ފެންވަރުގެ މުބާރާތްތަކުގެ އިތުރުން ރަށު ފެންވަރާއި އަތޮޅު ފެންވަރުގެ މުބާރަތްތަކުގެ އިތުރުން ދިވެހި ވޮލީބޯޅައިގެ ދިރުން ކަމަށްވާ ރިޒޯޓް ވޮލީގައި އެތައް ރިޒޯޓެއްގެ އިންޓަ ޑިޕާޓްމަންޓް މުބާރާތްތަކުގައި ވެސް ރެފްރީކަންކޮށްފައިވެ އެވެ. އަދި އެތައް މުއައްސަސާއެއްގެ އެތެރޭގެ މުބާރާތްތަކުން އޭނާ ފެނިފައިވެ އެވެ.

މާލޭގައި 2000 ވަނަ އަހަރު ބޭއްވި ޕަވާގޯލްޑް އިންވިޓޭޝަނަލް މުބާރާތުން ފެށި އިންޓަނޭޝަނަލް ކެރިއަރުގެ ފުރަތަމަ ބޮޑު މުބާރާތަކީ 2008 ވަނަ އަހަރުގެ އޭޝިއަން ޔޫތު ބޯއީސް މުބާރާތެވެ. އޭގެ ކުރީ އަހަރު އިންޓަނޭޝަނަލް ރެފްރީއަކަށް ވެފައިވާތީ އޭނާ އަށް ފުރުސަތުތައް ލިބެން ފެށި އެވެ. އެގޮތުން 2010 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސް އާއި 2013 ވަނަ އަހަރުގެ ސައުތު އޭޝިއަން އިންވިޓޭޝަނަލް މުބާރާތުގައި ކުރުމަށް ފަހު ދެން އައީ ހާއްސަ ދެ މުބާރާތެވެ. އެގޮތުން 2015 ވަނަ އަހަރުގެ އޭޝިއަން ސީނިއާ މެންސް ސެންޓްރަލް ޒޯން މުބާރާތުގެ ފައިނަލް މެޗުގެ ސެކަންޑް ރެފްރީކަންކޮށް އަދި ޖެހިގެން އައި އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ ފައިނަލް މެޗުގެ ފަސްޓް ރެފްރީކަންކުރި އެވެ. އޭގެ ފަހުން 2017 ވަނަ އަހަރު މާލޭގައި އޮތް އޭޝިއަން ސެންޓްރަލް ޒޯން ސީނިއާ މެންސް މުބާރާތުގެ ފައިނަލް މެޗުގެ ފަސްޓް ރެފްރީ އަކީ ވެސް އޭނާ އެވެ.

ކުނޑި ސަލީމަށް (ކ) ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހަނދާނީ ލިޔުމެއް ދެއްވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ރެފްރީކަން ކުރުމުގެ އިތުރުން ރެފްރީން އުފައްދައި ތަމްރީން ކުރުމަކީ ވެސް ސަލީމުގެ ހިދުމަތެކެވެ. އެގޮތުން 2000 ވަނަ އަހަރުން ފެށިގެން ވޮލީބޯޅަ އިންސްޓްރަކްޓަރެއްގެ ގޮތުން ރާއްޖޭގެ އެކި ހިސާބުތަކުން ރެފްރީން ތައްޔާރުކޮށްފައިވޭ. އިދާރީ ގޮތުން ރެފްރީންގެ ކަންކަން ބެލެހެއްޓުމުގައި ވެސް މުހިއްމު ދައުރެއް އަދާކޮށްފައިވެ އެވެ. ވޮލީބޯޅަ އެސޯސިއޭޝަނުގެ ރެފްރީސް ކޮމިޝަނުގެ މެމްބަރުކަމާއި ހެޑް ރެފްރީކަމާއި ޗެއާމަންކޮށްފައިވެ އެވެ.

ރެފްރީކަންކުރާތާ 23 އަހަރުވީ އިރު ރާއްޖޭގެ އެންމެ ތަޖުރިބާކާރު އަދި އެންމެ މޮޅު އެއް ރެފްރީގެ ގޮތުގައި ސަލީމް ހުރީ ވަރަށް ގިނަ މަސައްކަތްތަކެއްކޮށްގެންނެވެ، އެތައް ރިފްރޭޝާ ކޯސްތަކުގައި ބައިވެރިވެ އަބަދުވެސް މަސައްކަތަށް އޭނާ އައީ ތާޒާވަމުންނެވެ. ޗެލެންޖިން މަސައްކަތްތަކާ ކުރިމަތިލައި ޕްރޮފެޝަނަލިޒަމް ދައްކުވައިދީފައިވެ އެވެ. އަދި 2017 ވަނަ އަހަރު ނޭޕާލުގައި އޮތް އިންވިޓޭޝަނަލް މުބާރާތުގައި ރާއްޖެ އާއި ނޭޕާލް ކުޅުނު މެޗުގައި، ނިއުޓްރަލް ރެފްރީއެއް ނެތިގެން އޭނާ އާއި ނޭޕާލް ރެފްރީއަކު އިންސާފުކުރި މެޗަކީ އެންމެ ޗެލެންޖިން އެއް މެޗެވެ. އެ މެޗުގައި އަމިއްލަ ގައުމާ ދެކޮޅަށް ވެސް ނިންމުންތައް ނިންމައި މަސައްކަތުގެ އުސޫލާއި އަހުލާގުގައި ހިފެހެއްޓި އެވެ.

ކުޅުންތެރިއެއްގެ ގޮތުން ނޫން ކަމުގައިވީ ނަމަވެސް ކުޅިވަރުގައި އޭނާ އަންނަނީ ގައުމަށް ރީތި ނަން ހޯދައިދެމުންނެވެ. ދާދި ފަހުން ނިމިގެން ދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭން ހޯދި މެޑަލްތަކުގައި ސަލީމުގެ ހިއްސާއެއް ނޯންނާނެ އެވެ. އެކަމަކު އެ މުބާރާތުގެ އަންހެން ވޮލީބޯޅަ އިވެންޓުގެ ފައިނަލް މެޗުގެ ސެކަންޑް ރެފްރީ ކަމާއި ސެމީ ފައިނަލުގެ ފަސްޓް ރެފްރީކަން އަދި ފިރިހެން ބްރޮންޒް މެޑަލް މެޗުގެ ފަސްޓް ރެފްރީކަން ކުރުމަކީ ކުޑަ ޝަރަފެއް ނޫނެވެ.