ވިކްޓްރީގެ މިސްރާބު ގެއްލި، ރެލިގޭޝަނާ ދިމާލަށް؟

ރާއްޖޭގެ ފުޓްބޯޅަ ސީޒަން މިހާރު ކުރިއަށް މިދަނީ ޒަމާންވީ ދެ ކްލަބް ކަމަށްވާ ނިއު ރޭޑިއަންޓާއި ކްލަބް ވެލެންސިއާ ނެތި އެވެ. ވެލެންސިއާ މިހާރު އޮތީ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވެފަ އެވެ. ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލައެއްގައި ނިއު ރޭޑިއަންޓް އޮތީ ސަސްޕެންޑްކޮށްފަ އެވެ. ފުރަތަމަ ޑިވިޝަނުގައި މިހާރު ކުޅެމުން އަންނަ ފުރަތަމަ ޑިވިޝަނުގެ ގިނަ ދުވަސްވީ ވިކްޓްރީގެ ހާލަތު މިހާރު އޮތީ ބޮއްސުންލައިފަ އެވެ. ޓީމުގެ ހާލަތު ރަނގަޅުވާނެ އަލިމަގެއް ފެންނަން ނެތްއިިރު، ވިކްޓްރީގެ ކޯޗު މުހައްމަދު އާދަމަށް އޮތް ކަންބޮޑުވުމަކީ ކްލަބްގެ ހިންގުމުގައި ހުރި ނުރަނގަޅު ވިސްނުމުގައި ޓީމު ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވުމުގެ ބިރެވެ.


"ވިކްޓްރީގެ ހާލަތު ދުވަހެއް ދުވަހެއް ދަށަށް ދަނީ. އިއްޔެ ވެސް ލިސްޓުގައި ޖަހާފައިތިބި ހަތް ކުޅުންތެރިން ތިބީ ޕްރެކްޓިހަށް އައިސް. ހަގީގަތުގައި ވިކްޓްރީގެ މެނޭޖްމަންޓަށް ވުރެ ވިކްޓްރީގެ ހާލަތާ މެދު ކަންބޮޑުވޭ ކަންނޭނގެ އެފްއޭގެ ރައީސް (ބައްސާމް) ވެސް. މި ހުރިހާ ވާހަކައެއް މީޑިއާގައި ދައްކައިގެން ހަމަގައިމުވެސް އަދިއެއް އަހަންނަށް އެކަން ރަނގަޅުކުރަން ކުރާނެ ގޮތަކާ ބެހޭގޮތުން ވާހަކަ ދައްކާލަން ވިކްޓްރީގެ މެނޭޖްމަންޓުން ނުގުޅާ. އެކަމަކާ އުޅޭތަން ވެސް ނުފެނޭ،" އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މުހައްމަދު ބުންޏެވެ.

މިދިޔަ ތިން ވަރަކަށް އަހަރަށް ބަލާއިރު ވިކްޓަރީ އަކީ އެންމެ ގިނައިން ހިންގާ ބޯޑު ބަދަލުވި ޓީމެވެ. އެ ކްލަބްގެ ހިންގުމަށް މިހާރުގެ ޗެއާމަން މުހައްމަދު ނާޝިދު (ނާޝް) އިންތިހާބުވުމުގެ ކުރިން މިދިޔަ އަހަރުތަކުގައި އެ މަގާމު ފުރީ މިދިޔަ ސަރުކާރުގެ ސިޔާސީ ހަރަކާތްތަކުން ފާހަގަވި ފަރާތްތަކުންނެވެ. އޭގެ ތެރޭގައި މިދިޔަ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ ނައިބަކަށް ހުރި މުހައްމަދު ނަޒީމް، ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ދައުރުގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލްގެ އިތުރުން ހަމަ އެ ދައުރުގެ ދާންދޫ ދާއިރާގެ މެމްބަރު އަހުމަދު އައްސަދު އެވެ.

މިދިޔަ އަހަރު މުސާރަ ނުދެވި ތަފާތު މައްސަލަތަކެއް ކުރިމަތިވެ، ދެ މެޗަކަށް ވިކްޓަރީ ހާޒިރުނުވެދިޔައިރު، އެ ޓީމުގެ ހާލަތު ރަނގަޅު ކުރަން އެފްއޭއެމުން ލޯނެއް ވެސް ދިނެވެ. ވިކްޓްރީ ހިންގުމަށް މިދިޔަ ޑިސެމްބަރު މަހު މިހާރުގެ ޗެއާމަން މުހައްމަދު ނާޝިދު (ނާޝް) އާއި ކުރީގެ ކޯޗު މައުރޫފް އަހުމަދު (މާއްޓޭ) އަދި މުހައްމަދު ހަމީދު (އުމަރުބެ) ހަވާލުވެ ވަޑައިގެން ކްލަބް ހިންގުމުގެ މޮޑިއުލް ބަދަލުކޮށް ރަނގަޅު ކަންތައްތަކެއް ކުރާނެ ކަމަށް ވިދާޅުވި އެވެ.

މިދިޔަ ޑިސެމްބަރު މަހު ވިކްޓްރީން އިންތިހާބުކުރި އާ ބޯޑު. -- ފޮޓޯ: ވިކްޓްރީ

ލީގުގައި މިހާތަނަށް ކުޅުނު ފަސް މެޗުން ވެސް ވިކްޓްރީ ބަލިވެފައިވާއިރު، އަދި ލަނޑެއް ނުޖެހެ އެވެ. ޒުވާން ކުޅުންތެރިންތަކެއް ލައިގެން މި ފަހަރުގެ ފުޓްބޯޅަ ސީޒަނާ ކުރިމަތިލި ވިކްޓްރީ އަށް މާލީ މައްސަލަތަކާއި ކުޅުންތެރިންގެ ދަތިކަން ވަނީ ކުރިމަތިވެފަ އެވެ. މުހައްމަދު ބުނީ އެންމެ ފަހުން ޓީމުގެ ބޯޑުގެ ބައެއް މެމްބަރުންނާ ބައްދަލުވުމުން ލިބުނީ ނާއުއްމީދުވާ ފަދަ ޖަވާބުތަކެއް ކަމަށެވެ.

"މި ދޭތެރެއިން ދިމާވި ބޯޑުގެ ދެ ބޭފުޅުންނާ އެ ވަގުތު ވެސް ޓީމުގެ ވާހަކަ ދައްކާލިން. ހަގީގަތުގައި އެއީ އަޅުގަނޑުގެ ޒިންމާއެއް ނޫން. ވާހަކަ ދެއްކީމަ އެ ބޭފުޅުން ބުނީ މި ކަމާ އުޅެވޭކަށް ނެތޭ. އެ އަށް ވުރެ މާ ބިޒީ. އެތަނުން އެކަކާ ވާހަކަ ދައްކާލީމަ އަޅުގަނޑު ވަރަށް ޑިސަޕޮއިންޓް ވެސް ވި. ބުނީ ދެން ނުވިއެއްނޫންހެއްޔޭ. ހުއްޓާލަންވީނޫންހޭ. އެންމެ ބޮޑު ވަރަކަށް ދެ ވަނަ ޑިވިޝަނަކަށް ނޫން ހެއްޔޭ ދާނީ. އަޅުގަނޑަކަށް ހިއެއްނުވޭ ވިކްޓްރީ ކަހަލަ ކްލަބެއް ހިންގަން ތިބޭ ބަޔަކު ވިކްޓްރީ ދެ ވަނަ ޑިވިޝަނަށް ދާން ހިޔާލު ހުރިކަމަށްވަންޏާ އެއީކީ އެއް ކްލަބް ކުރިއަރުވަން އުޅޭ ބައެއްހެން،" މުހައްމަދު ބުންޏެވެ.

"މިއީ ވިކްޓްރީ އަށް ސަޕޯޓްކުރާ ބަޔަކު ތިބި ކަމަށްވަންޏާމު އެ މީހުންނަށް ވެވުނު އެހީއެއް ވެގެން ސަލާމަތްކުރަން ނުކުންނަންވީ ވަގުތު."

މުހައްމަދު ބުނީ ވިކްޓްރީ ބޯޑުގެ ފަރާތުން މި ކަމުގައި އެންމެ ހީވާގި ކަމާ އެކު ހައްލެއް ހޯދަން މަސައްކަތްކުރަނީ ގޯލްކީޕަރު ޓްރެއިނަރުގެ ޒިންމާ ވެސް އުފުލަމުން އަންނަ އަހުމަދު ރިޔާޒް (ގާނާ) ކަމަށެވެ. އެކަމަކު އޭނާ އަށް ވެސް އެކަނި ހުރިހާ ކަމެއް ކުރުމުގައި ދަތިތަކެއް ހުރި ކަމަށް ބުންޏެވެ.

ވިކްޓްރީގެ ހާލަތު ރަނގަޅުނުވާނަމަ ޓީމު ދޫކޮށްލަން ވެސް ޖެހިދާނެ ކަމަށް މުހައްމަދު ވަނީ މީގެ ކުރިން ބުނެފަ އެވެ. އެކަމަކު ފުޓްބޯޅައިގައި އުޅޭ އެކި ފަރާތްތަކުން އަދިވެސް މި ކްލަބްގެ ހައްގުގައި މަޑުކޮށްލަން އެދޭތީ އެ ގޮތަށް ނިންމީ ކަމަށާއި މި މެޗަށް ފަހު ވޯލްޑް ކަޕް ކޮލިފައިން އަށް ލީގު މެދުކަނޑާލާތީ ކަންތައްތަކަށް ހައްލެއް ލިބޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ކްލަބްތަކަށް ދޭން އެފްއޭއެމުން އެއްބަަސްވި ފައިސާގެ ތެރެއިން ވިކްޓްރީ އަށް ދޭންޖެހޭ ޕޭމަންޓެއް އަދި ނުލިބެ އެވެ.

މި ސީޒަނުގައި ވިކްޓްރީ އަށް ސޮއިކުރުމަށް ފަހު އެ ޓީމުގެ އެއްވެސް މައްސަލައެއް ނެތި ކްލަބް ދޫކޮށްލި ކުޅުންތެރިންތަކެއް ވެސް އެބަތިބި އެވެ. އޭގެ އިތުރުން 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ޕްރެކްޓިހުގައި ބައިވެރިވާން ވިކްޓްރީގެ ކޮންޓްރެކްޓްގައި ތިބެ އެ ކްލަބަށް ނާންނަ ކުޅުންތެރިން ވެސް އެބަތިއްބެވެ. މުހައްމަދު ބުނީ ބިދޭސީ ކުޅުންތެރިން ގެނެވޭނެ މަގެއް ނެތްއިރު ކޮންޓްރެކްޓްގައި ތިބި ދިވެހި ކުޅުންތެރިން ޓީމާ ގުޅޭނެ ގޮތަކަށް ހައްލެއް ލިބުމަކީ ވެސް ލިބޭނެ ފަސޭހައެއް ކަމަށެވެ.

"އެފްއޭގެ ޓެކްނިކަލް ޑިރެކްޓަރު ގުޅައިގެން ބައްދަލުކޮށްފައި ބުނި 19 އަހަރުން ދަށުގެ ވިކްޓްރީ ކުޅުންތެރިން ކްލަބާ ގުޅެން އަންގާނެ ކަމަށް. އެ މީހުން އައިސްފިއްޔާ ވެސް ކުޑަކޮށް ރަނގަޅުވާނެ. އެކަމަކު އަހަންނަށް ހިއެއްނުވޭ ޓީމު ތެރޭގައި މަގާމުގެ ވާދަވެރިކަމެއް ނެތިއެއް ކުޅުންތެރިންނަށް މޮޅަށް ކުޅޭވޭނެ ހެނެއް. ބޭރު ކުޅުންތެރިން ނުގެނެވޭތާ ޓީމުގައި ނަން ޖަހާފައި ރަށް ރަށަށް ދިޔަ ކުޅުންތެރިންނާ ވާހަކަ ދައްކައިގެން ގެނެވޭތޯ ބަލަންވީ. ކުޅުންތެރިން ނެތި ކުރިއަށްދެވޭނެ މަގެއް ނުފެނޭ،" މުހައްމަދު ބުންޏެވެ.

ވިކްޓްރީން ވަނީ މި މައްސަލައިގައި ހައްލެއް ހޯދަން އެފްއޭއެމަށް ސިޓީ އެއް ލައިފަ އެވެ. މިއީ ޓްރާންސްފާ މާކެޓަށް ނުވުމުން އަލުން ވިކްޓްރީ އަށް ކުޅުންތެރިއަކު ޖެހޭނެ ގޮތެއް ގަވާއިދުގެ ތެރެއިން ނެތެވެ. އެކަމަކު މުހައްމަދުގެ އެދުމަކީ މި ކަހަލަ ކަމެއް ކްލަބަކަށް ކުރިމަތިވެފައި އޮތްއިރު ކޮމިޓީއެއް މެދުވެރިކޮށް ނަމަވެސް ވިކްޓްރީގެ މިހާލަތު ރަނގަޅު ކޮށްދިނުމެވެ.

ލީގުގައި މިރޭ ވިކްޓްރީ ކުޅޭ މެޗުގައި ނުކުންނާނީ ކްލަބް އީގަލްސްއާ ދެކޮޅަށެވެ. ލީގުގެ ތިން ވަނައިގައި އޮތް އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ ވިކްޓްރީން ޒުވާން ކުޅުންތެރިންތަކެއް ލައިގެން ހަގީގަތުގައި އެ ކުރާ ހިތްވަރު ފާހަގަކުރަންޖެހޭ ކަމަށެވެ. އެކަމަކު އީގަލްސް އިން މި މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދުމަށް ކަމަށާއި އީގަލްސް އަކީ ވެސް މި ފަހަރު ލީގަށް ވާދަކުރަން ބޭނުންވާ ޓީމަކަށްވާއިރު މި ފަދަ މެޗެއްގައި ބޮޑެތި އެހެން ޓީމުތަކެކޭ އެއްގޮތަށް ގިނަ ލަނޑުތަކެއް ޖަހަން ބޭނުންވާ ކަމަށެވެ.

އީގަލްސް އާއި ލީގުގެ އަށް ވަނައިގައި އޮތް ވިކްޓްރީ ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.