ނިލަންދޫ ބަލިކޮށް ޓީސީ އަލުން ހަތަރު ވަނަ އަށް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ފ. ނިލަންދޫ އަތުން 2-0 އިން މޮޅުވެ ޓީސީ ސްޕޯޓްސް ކްލަބުން އަލުން ހަތަރު ވަނަ އަށް އަރައިފި އެވެ.


މިއަދު ހަވީރު ށ. ފޯކައިދޫއާ އެއްވަރުވެ ލިބުނު ޕޮއިންޓާ އެކު ކްލަބް ގްރީންސްޓްރީޓްސް އިން ހަތަރަކަށް އެރި އެވެ. މިރޭގެ މޮޅާ އެކު ޓީސީ ހަތަރަކަށް އަލުން އެރީ 12 ޕޮއިންޓާ އެކު އެވެ. ގްރީން ފަސް ވަނައިގައި މިހާރު އޮތީ ނުވަ ޕޮއިންޓާ އެކު އެވެ. ތާވަލުގެ އެއް ވަނައިގައި 17 ޕޮއިންޓާ އެކު މާޒިޔާ އޮތްއިރު ދެ ވަނައިގައި އޮތީ 13 ޕޮއިންޓާ އެކު ދަ ގްރާންޑޭ އެވެ. ތާވަލުގެ ތިން ވަނައިގައި އޮތް އީގަލްސް އަށް، ޓީސީއާ އެއްވަރަކަށް 12 ޕޮއިންޓް ލިބިފައިވީ ނަމަވެސް އެ ޓީމު ކުރީގައި އޮތީ ފައިދާ ލަނޑުންނެވެ.

ނިލަންދޫ އޮތީ ޕޮއިންޓެއް ނުލިބި ހަތް ވަނައިގަ އެވެ. އެންމެ ފުލުގައި އޮތް ވިކްޓްރީ އަށް ވެސް ޕޮއިންޓެއް ނުލިބެ އެވެ. އެކަމަކު ލަނޑުގެ ތަފާތުން ނިލަންދޫ އަށް ކުރި ލިބެނީ އެވެ.

މިރޭގެ މެޗުގައި ޓީސީ އަށް 12 ވަނަ މިނެޓުގައި ލީޑު ނަގައިދިނީ ނޭޕާލް ފޯވާޑް ބިމަލް މަގަރް އެވެ. އޭރިއާ ބޭރުން ލިބުނު ބޯޅަ އޭނާ ވައްދާލީ ނިލަންދޫގެ ގޯލްކީޕަރު މުހައްމަދު ޝަފީއު މަގާމަށް ވުރެ ކުރީގައި ހުއްޓަ އެވެ. އޭގެ ތިން މިނެޓު ކުރިން ބިމަލް ނެގި ހުރަހަކުން އޭރިއާ ތެރެއިން އިސްމާއިލް އީސާ ވެއްޓިގެންފައި ބޮލިުން ޖެހި ބޯޅަ ދިޔައީ ގޯލުގެ މަތީ ކަނާ ދިމާލުން ބޭރަށެވެ.

ޓީސީގެ ދެ ވަނަ ގޯލް 39 ވަނަ މިނެޓުގައި ޖެހީ އިޝާން އިބްރާހިމް (ސައްޓު) އެވެ. އީސަ ކޯނަރަކުން ހުރަސްކުރި ބޯޅަ އޭނާ އޭރިއާ ބޭރުން ފޮނުވާލުމުން ވަނީ ގޯލުގެ ތިރީ ކަނަށެވެ.

މެޗުގެ ދެ ވަނަ ހާފުގައި ޓީސީ އަށް ތަފާތު ބޮޑުކުރަން ފުރުސަތުތަކެއް ލިބި ބޭކާރުވި އެވެ. އެގޮތުން އީސަ ދިން ރީތި ބޯޅައަކަށް އަރައި ކީޕަރު ކައިރިން ބިމަލް ނައްޓާލަން އުޅުނު ވަގުތު ބޭކާރުވި ފުރުސަތު ފާހަގަކުރެވެ އެވެ.

ޓީސީގެ ކޯޗު މުހައްމަދު އާތިފް (އާތީ) ބުނީ ޓެކްޓިކްސް މަސައްކަތްކުރި ކަމަށާއި ހަމަލާތައް ވެސް އުފެއްދި ކަމަށާއި އަދި ކުޅުންތެރިން މެކްސިމަމް ވެސް ދިން ކަމަށެވެ.

"(ލިބުނު ފުރުސަތުތަކާ ބަލާއިރު) ގޯލް ނައުން އެއީ އަދި އެހެން ކަމެއް. އުއްމީދުކުރި ވަރަށް ވުރެ މާޖިން ކުޑަކޮށް މިއައީ އެކަމަކު ޕްލޭޔަރުން ކުރި ހިތްވަރަށް ޝުކުރުއަދާކުރަން. އެންމެ މުހިއްމީ މޮޅުވުން ކޮންމެ ގޮތެއް ވިޔަސް،" އާތީ ބުންޏެވެ.

ނިލަންދޫގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނީ ކުޅުންތެރިންގެ މަސައްކަތް ރަނގަޅު ކަމަށާއި އެކަމަކު ވަރަށް ގިނަ ގޯސް ޕާސްތަކެއް ދެވި ޓީސީ އަށް ފުރުސަތުތަކެއް ދެވުނު ކަމަށެވެ. އޭނާ ބުނީ އަދިވެސް ކޮންމެ މެޗެއްގައި ކުޅުވަން ޖެހެނީ އާ ފުރަތަމަ އެގާރައެއް ކަމަށާއި ޓީމު ސެޓްނުވާތީ ކުޅުންތެރިންނަށް އަދި މެޗު އިތުބާރު ނުލިބޭ ކަމަށެވެ.

މިރޭގެ މެޗާ އެކު، ވޯލްޑް ކަޕް ކޮލިފައިންގައި ގައުމީ ޓީމުން ގުއާމާ ދެކޮޅަށް ކުޅޭ މެޗަށް ވަގުތުދޭން ލީގު މެދުކަނޑާލީ އެވެ.