ރާއްޖެ އާއި ލަންކާ ވޮލީ މެޗަށް ރައީސް ވަޑައިގަންނަވަނީ

މި މަހު 18 ގައި ނޭޕާލުގައި ފަށާ ސެންޓްރަލް ޒޯން މެންސް ސީނިއާ ވޮލީބޯޅަ މުބާރާތަށް ތައްޔާރުވުމަށާއި ގެއްލިފައިވާ ވޮލީގެ ފޯރި އަލުން ދިރުވުމަށް މާލޭގައި ސްރީ ލަންކާގެ ގައުމީ ޓީމާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗު ބައްލަވާލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގަންނަވާނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.


މިނިސްޓަރުގެ ދައުވަތަކަށް އާދިއްތަ ދުވަހުގެރޭ ލަންކާ ޓީމު މާލެ އަންނަ ގޮތަށް ހަމަޖެހިފައިވާއިރު، ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ތިން މެޗެއް ކުޅޭނެ އެވެ. އެއީ 12، 13 އަދި 14 ވަނަ ދުވަހުގެ ރެ އެވެ. މީގެ ތެރެއިން އެންމެ ހާއްސަ މެޗަކީ 13 ވަނަ ދުވަހުގެރޭ ކުޅޭ މެޗެވެ. ރައީސް ވަޑައިގަންނަވާނީ އެ މެޗަށެވެ.

މިނިސްޓަރު މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ 13 ވަނަ ދުވަހުގެ މެޗުގައި ރައީސް ބައިވެރިވެވަޑައިގެންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

"މީގެން ވެސް އެނގޭ ކަމަކީ ރާއްޖޭގެ ކުޅިވަރު ތަރައްގީ ކުރުމަށް ރައީސް އަހައްމިއްޔަތުކަން ދޭ މިންވަރު. ރައީސް އަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން،" މިނިސްޓަރުގެ އެ ޓްވީޓުގައިވެ އެވެ.

މިނިސްޓަރު މަހުލޫފް ކުރެއްވި ޓްވީޓް.

ދާދި ފަހުން މޮރިޝަސްގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖޭގެ ކުޅުންތެރިން ކުޅުނު މެޗުތައް ބެލުމަށް ވެސް ރައީސް ވަޑައިގެންނެވި އެވެ. އަދި ކުޅުންތެރިން ހޯދި ކާމިޔާބީގައި ވަރަށް ބޮޑަށް ބައިވެރިވެވަޑައިގެން އުފާފާޅުކުރެއްވި އެވެ.

ސްޕޯޓްސް މިނިސްޓްރީން ވަނީ މި މެޗުތަކަށް ސަޕޯޓަރުން އިތުރުކުރަން ވ. އަތޮޅުންނާއި ކ. އަތޮޅުގެ ރަށްތަކުން ގިނަ ސަޕޯޓަރުންގެންނަ ގޮތަށް ހަމަޖައްސައިފަ އެވެ. މީގެ އިތުރުން މާލެ ސަރަހައްދު ރިސޯޓްތަކުން ވެސް މި މެޗަށް އަންނާނެ ކަމަށާއި ޕޮލިހާއި އެމްއެންޑީއެފް އިން ވެސް މި މެޗު ފޯރިގަދަކުރަން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ވޮލީ އާއިލާ އިން ދެކޭ ގޮތުގައި މި މެޗުތަކުގެ ސަބަބުން ރާއްޖޭގައި ގެއްލިފައި އޮތް ވޮލީބޯޅަ ފޯރި އަލުން ދިރުވަން ފަސޭހަތަކެއް ވެގެންދާނެ އެވެ. އަދި ވޮލީބޯޅައިން ބައިނަލްއަގުވާމީ ފުރަތަމަ އެކުވެރިކަމުގެ މެޗެއް ރާއްޖޭގައި ފުރަތަމަ ފަހަރު ކުޅެވުމަކީ ވޮލީގެ ކުރިއެރުމަށް އާ ފެށުމެއްގެ ގޮތުގައި ދެކޭ ކަމަށެވެ. "މަވެސް ދާނަން" ގެ ނަމުގައި މި މެޗުގެ ޕްރޮމޯޝަންގެ ކަންތައްތައް ކުރިއަށްދާއިރު، ގިނަ ބަޔަކު އަންނަނީ މީގެ ބައިވެރިވަމުންނެވެ.