15 އަހަރަށް ފަހު ލޯންގޭ ގައުމީ ޓީމާ ދުރަށް

ގައުމީ ވޮލީބޯޅަ ސީނިއާ ޓީމަށް މިދިޔަ 15 އަހަރު ކުޅުނު އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) އަންނަ ހަފްތާގައި ނޭޕާލުގައި އޮތް ސެންޓްރަލް ޒޯން މުބާރާތަށް ފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމައިފި އެވެ.


ޖޫނިއާ ޓީމަށް ކުޅުނު ދެ އަހަރާއި އެކު ލޯންގޭ ވަނީ ޖުމްލަ 17 އަހަރު ގައުމީ ޓީމަށް ކުޅެފަ އެވެ.

މީގެ ތިން ދުވަސް ކުރިން 33 ވަނަ އުފަން ދުވަސް ފާހަގަކުރި ވ. ކެޔޮދު އަށް އުފަން ލޯންގޭ ގައުމީ ޓީމަށް ކުޅުން ހުއްޓާލާނެކަން އިއުލާނުކުރީ މިރޭ މާލޭގައި ސްރީ ލަންކާއާ ދެކޮޅަށް ރާއްޖެ ކުޅުނު އެކުވެރިކަމުގެ މެޗުގެ ތެރެއިންނެވެ. ލޯންގޭ ގައުމީ ޓީމަށް ކޮށްދީފައިވާ ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ވޮލީބޯޅަ އެސޯސިއޭޝަނުން ވަނީ އޭނާ އަށް ހަނދާނީ ފިލައެއް ދީފަ އެވެ. ފިލާ ހަވާލުކޮށްދެއްވީ ރަައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ.

ލޯންގޭ ވޮލީ އަށް ކޮށްދިން ހިދުމަތްތަކާ ބެހޭގޮތުން މިރޭ ރިޕޯޓް އިއްވަމުންދިޔަ ވަގުތު އޭނާ އަށް ހުރީ ރޮވިފަ އެވެ. އަދި ޓީމުގެ ކުޅުންތެރިންނާއި ސަޕޯޓަރުންގެ އިތުރުން އަދި އިދިކޮޅަށް މިރޭ ކުޅުނު ލަންކާ ކުޅުންތެރިން ވެސް ވަނީ ލޯންގޭގެ މި ހާއްސަ ވަގުތުގައި ބައިވެރިވެފަ އެވެ.

"ވަރަށް ދެރަވި ރިޓަޔާކުރަން ޖެހޭތީ. އެއީ މިހާ ގިނަ ދުވަހު ކުޅެފައި ގައުމީ ޖޯޒީ ބާލަންޖެހޭތީ ދެރަވޭ. އެކަމަކު ދެން ކުރަންޖެހޭ ކަމަކަށްވާތީ. ޒުވާން ކުޅުންތެރިންނަށް ފުރުސަތު ވެސް ދޭން އެބަޖެހޭ. ޓީމަށް އެންމެ ފައިދާވާގޮތަށް ބޭނުންވާތީ މި ނިންމުން މި ނިންމީ،" ލޯންގޭ ބުންޏެވެ.

"ވަރަށް އުފާވޭ ވީއޭއެމާއި ޔޫތު މިނިސްޓަރު މަހުލޫފް އެ ކޮށްދިން މަސައްކަތްތަކަށް. ވަރަށް އުފާވޭ މި ގޮތަށް ނިންމާލަން ލިބުނީތީ. ސެންޓްރަލް ޒޯނަކީ ފަހު މުބާރާތް. އޭގެން ބޭނުމީ މެޑަލެއް ގެންނަން. ރިޓަޔާކުރުން ލަސްކޮށްލީ މި މުބާރާތުން ކާމިޔާބު ހޯދައިދީފައި ވަކިވާން،"

ލޯންގޭ އަށް ކުޅުންތެރިންނާއި އޮފިޝަލުން ހިތްވަރުދެނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ގައުމީ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) ބުނީ ލޯންގޭ ވޮލީ އަށް ކޮށްދިން ހިދުމަތްތަކަށް ޝުކުރު އަދާނުކުރެވޭނެ ކަމަށާއި އުއްމީދުކުރަނީ ގައުމީ ޓީމުގެ އޮފިޝަލެއްގެ ގޮތުގައި ވެސް މުސްތަގުބަލުގައި ލޯންގޭ ފެންނާނެ ކަމަށް ކަމަށެވެ. އަދި ލޯންގޭ ގައުމީ ޓީމުން ދިއުމަކީ ލިބޭނެ އުނިކަމެއް ކަމަށާއި އެކަމަކު އޭނާ އަށް އަދިވެސް އެކި ގޮތްގޮތުން ގައުމީ ޓީމަށް ހިދުމަތްކޮށްދޭވޭނެ ކަމަށް ކާއްޓޭ ބުންޏެވެ.

ކުޅިވަރުގެ ދާއިރާއިން ކުޅިވަރު ކުޅުމާއި މީހުން ތަމްރީންކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމް މިދިޔަ އަހަރު ހާސިލްކުރި ލޯންގޭ އަށް އެންމެ ފުރަތަމަ ގައުމީ ޓީމުން ފުރުސަތު ލިބުނީ 2004 ވަނަ އަހަރުގެ ސާފް ގޭމްސް އިންނެވެ. އޭގެ ފަހުން އޭނާ އަންނަނީ މެދުކެނޑުމެއްނެތި ގައުމީ ޓީމަށް ކުޅެމުންނެވެ. އަނިޔާވެގެން ނޫން ގޮތަކަށް އޭނާ އަަށް ގައުމީ ޓީމުން ފުރުސަތު ގެއްލިފައެއް ނުވެ އެވެ.

ކޯޗު އިބްރާހިމް ރަޝީދު (ސަތޯ)ގެ ކޯޗުކަމުގެ ދަށުން 2001 ވަނަ އަހަރު އެމްއީއެސް ވޮލީ ޓީމުން ވިދާލި ލޯންގޭ އަކީ ރާއްޖޭގެ ވޮލީގައި ގިނަ ކާމިޔާބީތެއް ހޯދައި ރަން އަކުރުން ފަވާލެވޭނެ ފެންވަރުގެ ކުޅުންތެރިޔެކެވެ. މެދުކެނޑުމެއްނެތި ގައުމީ ޓީމުގައި ހިމެނުނު ލޯންގޭ އަކީ ފަހަކާ ޖެހެންދެން ވެސް ގައުމީ ޓީމުގެ ކެޕްޓަނެވެ. މިދިޔަ މަހު މޮރިޝަސްގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖޭގެ ކެޕްޓަންކަން ކުރީ ވެސް ލޯންގޭ އެވެ. އޭނާ މީގެ ކުރިން ވެސް ވަނީ ގައުމީ ކެޕްޓަންކަން ކޮށްފަ އެވެ.

އައިއޯއައިޖީ އަށް ފަހު ރާއްޖޭގެ ކެޕްޓަންކަން ދިނީ ކުރިން ވައިސް ކެޕްޓަނަކަށް ހުރި ދާދި ފަހުން ރާއްޖޭގެ އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދި އަލީ ހުޒާމް (ހުޒަންޓެ) އެވެ.

ލޯންގޭ (ވ-2) މިރޭގެ މެޗުގެ ކުރިން ގައުމީ ސަލާމުގައި ބައިވެރިވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

މީގެ ކުރިން ވެސް ލޯންގޭ ގައުމީ ޓީމަށް ހުއްޓާލަން އުޅޭ ވާހަކަތަކެއް ދެކެވުނެވެ. އެއީ 2017 ވަނަ އަހަރު މާލޭގައި އޮތް ސެންޓްރަލް ޒޯން މުބާރާތަށް ފަހު އެވެ. އެކަމަކު އެ ފަހަރު ވެސް އޭނާ އެ ނިންމުން ބަދަލުކޮށް ޓީމަށް ކާމިޔާބެއް ހޯދައިދޭން މަޑުކުރީ އެވެ.

ހަވީރު ސްޕޯޓްސް އެވޯޑްސްގައި ދޭ އަހަރުގެ އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިއާގެ މަގާމް ދެ ފަހަރު ހޯދައި ތިން ފަހަރެއްގެ މަތިން ގަދަ ތިން ކުޅުންތެރިންގެ ތެރޭގައި ހިމެނުނު ލޯންގޭ އަކީ މިދިޔަ އަހަރުގެ ދެ ވަނަ ކުޅުންތެރިޔާ އެވެ. އޭނާ ގައުމީ ޓީމަށް ކުޅުން ހުއްޓާލި ނަމަވެސް ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ) އިން ފެންނާނެ އެވެ.

ލޯންގޭ އަށް ގައުމީ އިނާމު ލިބުނު އެއް ސަބަބަކީ އެހެން މީހުން ތަމްރީނުކުރުމަށް އޭނާ ކުރަމުން އަންނަ މަސައްކަތުގެ ސަބަބުންނެވެ. އެ ގޮތުން ދާދި ފަހުން ކޯޗިންގެ މަސައްކަތްތައް ފަށައި ލޯންގޭ ވަނީ އިންޓަ ސްކޫލް މުބާރާތުގައި ކޯޗެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފަ އެވެ.

ލޯންގޭ ވަނީ ގައުމީ ޓީމާ އެކު މިހާތަނަށް ދެ ރިހި މެޑަލާއި ދެ ބްރޯންޒް މެޑަލް ހޯދައިފަ އެވެ. ރާއްޖޭން މި ފަހަރުގެ ސެންޓްރަލް ޒޯން މުބާރާތަށް ރަން މެޑަލަކަށް ޓާގެޓް ކޮށްގެންދާއިރު، މި މުބާރާތުގައި ލޯންގޭގެ އުއްމީދަކީ ވެސް އެ އެވެ.