ފަހު މެޗުން ލަންކާ ބަލިކުރަން ފޯރިގަދަކުރަނީ

އާދިއްތަ ދުވަހު ނޭޕާލުގައި ފަށާ ސެންޓްރަލް ޒޯނުގެ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ސްރީ ލަންކާއާ ދެކޮޅަށް މާލޭގައި ކުޅެން ހަމަޖެއްސި ތިން މެޗުގެ ތެރެއިން ރަސްމީ މެޗުގެ ގޮތުގައި ކުރިން ހަމަޖައްސާފައި އޮތީ ރޭގެ މެޗެވެ. އެކަމަކު ކުރިން ކުޅުނު ދެ މެޗުން ވެސް ލަންކާ އަތުން މޮޅުނުވެވުނުއިރު، މިރޭ ކުޅޭ ފަހު މެޗު ވެސް ރަސްމީ މެޗަކަށް ބަދަލުކޮށް ސަޕޯޓަރުންގެ އެހީއާ އެކު ލަންކާ ބަލިކުރަން ރާއްޖޭން މިހާރުވަނީ އަމާޒުހިފައިފަ އެވެ.


ފުރަތަމަ މެޗުގައި ހޯމަ ދުވަހުގެރޭ ކުޅުނު މެޗުން ލަންކާ މޮޅުވީ ސީދާ ތިން ސެޓުންނެވެ. އެއީ 25-18، 25-23 އަދި 26-24 ސެޓުތައް ގެންގޮސްގެންނެވެ. ރޭ ކުޅުނު ފުރަތަމަ ރަސްމީ މެޗުން ރާއްޖެ ބަލިވީ 3-1 ސެޓުންނެވެ. ފުރަތަމަ ސެޓު ރާއްޖޭން 25-20 އިން ގެންގޮސްފައިވަނިކޮށް ލަންކާ ފަހަތުން އަރައި މޮޅުވީ 15-25، 16-25 އަދި 22-25 އިން ސެޓުތައް ގެންގޮސްގެންނެވެ.

ރާއްޖޭ ޓީމަށް މިހާތަނަށް ލަންކާ އަތުން މޮޅެއް ނުވެވެ އެވެ. ސަރަހައްދީ ގޮތުން ވޮލީގައި ގަދަ ބާރެއްގެ ގޮތުގައި އޮތް ލަންކާ އަކީ ސެންޓްރަލް ޒޯނުގައި ކުޅޭ ޓީމުތަކަށް ވުރެ ވެސް ހުނަރާއި އެހެން ގޮތްގޮތުން ބަލާއިރު ރަނގަޅު ޓީމެކެވެ. ރޭގެ މެޗުގައި ރާއްޖޭން ފުރަތަމަ ސެޓުގައި ދެއްކި ކުޅުމަކީ ފަހަކަށް އައިސް ރާއްޖޭން އެންމެ މޮޅު ކުޅުމެއް ދެއްކި އެއް ސެޓެވެ. ކުރިން މައްސަލަ ޖެހޭ ޑިފެންސް ކުރުމުގެ ކަންތައްތަކަށް ވެސް އެކަށީގެންވާ ކުރިއެރުމެއް ފެނުނެވެ.

ރޭގެ މެޗަށް ސްޕޯޓްސް މިނިސްޓްރީ މެދުވެރިކޮށް ވ. އަތޮޅާއި މާލެ އަތޮޅުން އަދި ރިސޯޓްތަކުން އަންނަން ހަމަޖެހިފައި އޮތް ސަޕޯޓަރުންނަށް ނާދެވުނީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ. އެކަމަކު މިރޭ އެ ސަޕޯޓަރުންނާ އެކު ފޯރިގަދަ މެޗެއް ކުޅެން ނިންމާފައިވާ ކަމަށާއި ރެ އަށް ވުރެ މާ ގިނަ ސަޕޯޓަރުން ދާނެ ކަމަށް ސްޕޯޓްސް މިނިސްޓްރީން ބުންޏެވެ.

ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފްގެ ދައުވަތަކަށް ލަންކާ އިން މި މެޗު ކުޅޭއިރު، އެ މިނިސްޓްރީން ވެސް އަންނަނީ މި މެޗަށް ސަޕޯޓަރުން ގިނަކުރަން މަސައްކަތްތަކެއް ކުރަމުންނެވެ. މިނިސްޓަރު ވިދާޅުވީ ކުޅިވަރުގައި މޮޅާއި ބަލި އަންނާނެ ކަމަށާއި އެންމެ ރަނގަޅު ގޮތަކީ ކާމިޔާބު ލިބެންދެން މަސައްކަތްކުރުން ކަމަށެވެ. އަދި މިކަމުގައި އެންމެ މުހިއްމު ރޯލެއް އަދާކުރެވޭނީ ސަޕޯޓަރުންނަށް ކަމަށް ވިދާޅުވި އެވެ.

"ފުރަތަމަ މެޗުން ތިން ސެޓުން ބަލިވީ. ދެ ވަނަ މެޗުން އެއް ސެޓު ހޯދައިފި. މެޗު ވާންކޮށް ގޮސްފި. މި އިނގެނީ މަސައްކަތްކޮށްފިއްޔާ ކާމިޔާބުވާނެކަން. މި ހިސާބުން ނުނިންމައި ދެން ވެސް މަސައްކަތްކުރަންވީ،" މަހުލޫފް ވިދާޅުވި އެވެ.

ލަންކާއާ ދެކޮޅަށް މި މެޗުގައި ވެސް ރާއްޖޭން އެންމެ ރަނގަޅު ކުޅުމެއް ދެއްކި އެއް ކުޅުންތެރި އަކީ ޓީމުގެ ކެޕްޓަން އަލީ ހުޒާމް (ހުޒަންޓެ) އެވެ. އޭނާ "މިހާރަ"ށް ބުނީ ރަން މެޑަލަކަށް އަމާޒުކޮށްގެން މި ފަހަރުގެ ސެންޓްރަލް ޒޯން މުބާރާތަށް ދާއިރު، މިރޭގެ މެޗަކީ ކުޅެން ލިބޭ ފަހު މެޗު ކަމަށާއި ބޭނުންވަނީ ވީހާވެސް ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެ ކާމިޔާބަކާ އެކު ސެންޓްރަލް ޒޯން މުބާރާތަށް ދިއުމަށް ކަމަށެވެ.

"ޓީމުގެ ކުޅުމުން ކުރިއެރުން އެބަފެނޭ. ސަޕޯޓަރުންގެ އެހީގައި ރަނގަޅު ނަތީޖާ ނެރެވޭނެ. ބޭނުންވަނީ ސެންޓްރަލް ޒޯނުގެ ކުރިން ކުޅޭ މި ފަހު މެޗުގައި ވީހާވެސް ގިނަ ސަޕޯޓަރުން މެޗު ބަަލަން އައުން. އުއްމީދަކީ މި މެޗުން ލަންކާ ބަލިކުރުން." ހުޒަންޓެ ބުންޏެވެ.

ރޭގެ މެޗު ޝަރަފްވެރިކޮށްދެއްވީ ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އދ. ގެ ޔޫތު އެންވޯއީ ސްރީ ލަންކާގެ ޖަޔަތުމާ ވިކްރަމަނަޔަކޭ އެވެ. މިރޭގެ މެޗުގެ ޝަރަފްވެރި މެހެމާނަކީ ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމް އެވެ.

ލަންކާގެ ކޯޗު ކިއުބާގެ ގޮންޒާލޯ މެނުއަލް ޓޮރޭސް ބުނީ މި މެޗުތަކުގެ ސަބަބުން ރާއްޖޭގެ ގައުމީ ޓީމަށް ރަނގަޅު ކުރިއެރުންތަކެއް ލިބޭނެ ކަމަށާއި މުބާރާތެއްގެ ކުރިން ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ވާދަވެރި މާހައުލެއްގައި ރަނގަޅު މެޗުތަކެއް ކުޅެގެން ކަމަށެވެ. އަދި ލަންކާ އިން އޭޝިއާ ކަޕަށް ތައްޔާރުވަމުން އަންނައިރު މިއީ އެ ޓީމަށް ވެސް ލިބިގެންދިޔަ ރަނގަޅު މެޗުތަކެއް ކަމަށް ޓޮރޭސް ބުންޏެވެ.

ރާއްޖެ އާއި ލަންކާ ބައްދަލުކުރާ ރަހުމަތްތެރިކަމުގެ ފަހު މެޗު އޮންނާނީ މިރޭ 8:30 ގައި މާފަންނު ޒުވާނުންގެ މަރުކަޒު އެތެރެކޯޓުގަ އެވެ.