ސެންޓްރަލް ޒޯން ޓީމުތައް އަންނަނީ ކުރިއަރަމުން: ކޯޗު

އަހަރުން އަހަރަށް ސެންޓްރަލް ޒޯނުގައި ވާދަކުރާ ޓީމުތަކުން އަންނަނީ ކުރިއަރަމުން ކަމަށާއި އެހެން ކަމުން ކޮންމެ ޓީމަކުން ވެސް ވަރަށް ރަނގަޅަށް މި މުބާރާތަށް ތައްޔާރުވާކަމަށް ގައުމީ ވޮލީބޯޅަ ޓީމުގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) ބުނެފި އެވެ.


ސާދަ ވަރަކަށް ގައުމު ހިމެނޭ ސެންޓްރަލް ޒޯނަށް ހާއްސަ ކޮށްގެން ބާއްވާ ސީނިއާ މެންސް ޗެމްޕިއަންޝިޕްގައި މި ޒޯނުގައި ހިމެނޭ ސެންޓްރަލް އޭޝިއާ އާއި ސައުތު އޭޝިއާ އަށް ނިސްބަތްވާ އެންމެ ވަރުގަދަ ޓީމުތައް ނުކުޅުނު ނަމަވެސް ނިސްބަތުން ވަރުގަދަ އެހެން ގައުމުތަކުން ކުޅެ އެވެ.

މި ފަހަރުގެ މުބާރާތާއި ހަތް ޓީމަކުން ކުޅޭއިރު ރާއްޖެ ހިމެނެނީ ކިރްގިސްތާނާއި ނޭޕާލާ އެއް ގްރޫޕެއްގަ އެވެ. އަނެއް ގްރޫޕުގައި އޮތީ އުޒްބެކިސްތާން، ތުރުކުމެނިސްތާން، އަފްގާނިސްތާން އަދި ބަންގްލަދޭޝް އެވެ.

ވޮލީބޯޅަ އިން ކުރިއަށް ދިއުމުގެ އަމާޒުގައި ނޭޕާލާއި ބަންގްލަދޭޝް އިން އަންނަނީ ރަނގަޅު ޕްލޭނަކާ އެކު މަސައްކަތްކުރަމުންނެވެ. އެ ގޮތުން މީގެ ހަތަރު އަހަރު ކުރިން ޒުވާން ސްކޮޑެއް އެކުލަވާލައި ނޭޕާލުން ވަރުގަދަ ޓީމެއް ކުރިއެރުވުމުގެ މަސައްކަތް ފެށި އެވެ. އަދި ބަންގްލަދޭޝް އިން ވެސް ވަނީ އެ މަސައްކަތްކޮށް 2016 ވަނަ އަހަރުގެ މުބާރާތް ކާމިޔާބުކޮށްފަ އެވެ.

ނޭޕާލުގައި ރާއްޖޭން އިއްޔެ ބޭއްވި ފަރިތަކުރުންތަކަށް ފަހު ކާއްޓޭ ބުނީ ސެންޓްރަލް ޒޯނުގެ ޓީމުތަކުން އަންނަނީ ޕްލޭނަކާ އެކު ކުރިއަރަމުން ކަމަށެވެ.

"ސެންޓަލް ޒޯނަށް ކުރިން އައި މީހުންނަށާއި މި ސެންޓްރަލް ޒޯން ބެލި މީހުންނަށް އެނގޭނެ މިހާރު ބަންގްލަދޭޝް ޓީމަށް އައިސްފައި އޮތް ބަދަލާއި ނޭޕާލް ޓީމަށް އައިސްފައި އޮތް ބަދަލާއި. މިހެން ގޮސް މި ހުރިހާ ޓީމަކަށް އައިސްފައި އޮތް ބަދަލު. ގާތްގަނޑަަކަށް އެންމެ ފަހުން މި ކުޅުނު މީހުންތަކުގެ ތެރެއިން ތިން މީހުން ނޫނީ ހަތަރު މީހުން މި ތިބީ. ދެން މުޅިން މި އޮތީ އިސްކޮޅުން ދިގު ޖޫނިއާ ޔަންގް (ޒުވާން) ކުޅުންތެރިން ލާފައި. މިހާރު އަޅުގަނޑަކަށް ނޭނގެ ޓީމުތަކުގެ ކުޅުން ސީދާ ކިހިނެކޭ އެހެން ބުނާކަށް،" ކާއްޓޭ ބުންޏެވެ.

ގައުމީ ޓީމުގެ ކޯޗުކަމާ 2017 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ހަވާލުވުމަށް ފަހު ކާއްޓޭ އޭރު ބުނީ އަމާޒަކީ ގައުމީ ޓީމުގެ ތެރެއިން ޒުވާން ކުޅުންތެރިންތަކެއް އުފެއްދުން ކަމަށާއި މުސްތަގުބަލަށް ވެސް ތައްޔާރުވާން ޖެހޭ ކަމަށެވެ. ދާދި ފަހުން ސްރީ ލަންކާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ކާއްޓޭ ބުނީ ޓީމުގެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ މި ލެވަލަށް ބަލާއިރު ޖޫނިއާ ކުޅުންތެރިން ކަމަށާއި އެހެން ނަމަވެސް މެޗަކަށް ފަހު މެޗެއް އެ ކުޅުންތެރިން ވެސް ގިނަ ކަންތައްތަކެއް ދަސްކޮށް ކުޅުން ރަނގަޅުކުރަމުން އަންނަ ކަމަށެވެ.

މި ފަހަރުގެ މުބާރާތަށް ރާއްޖޭގެ ތައްޔާރީތައް ރަނގަޅެވެ. ވޮލީ ޓީމަށް މިދިޔަ ތިން ވަރަކަށް މަސް ދުވަހުގެ ތެރޭގައި ރަނގަޅު ތަމްރީންތަކެއް ވަނީ ލިބިފަ އެވެ. އެގޮތުން އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ކުރިން ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ދިން ފުރުސަތެއްގައި ސާބިއާގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަކުރި އެވެ. އަދި ސެންޓްރަލް ޒޯނަށް ތައްޔާރުވާން މާލޭގައި ލަންކާއާ އެކު އެކުވެރިކަމުގެ ތިން މެޗެއް ކުޅެ ބަލިވި ނަމަވެސް ރަނގަޅު ވާދައެއްކުރި އެވެ. ލަންކާ މެޗުތަކަކީ ސްޕޯޓްސް މިނިސްޓްރީގެ ދައުވަތަކަށް އެ ޓީމުން ކުޅުނު މެޗުތަކެކެވެ.

ރާއްޖޭން މި ފަހަރުގެ މުބާރާތަށް ކަނޑައެޅި ޓާގެޓަކީ ރަން މެޑަލެވެ. ކާއްޓޭ ބުނީ އެހެން ޓީމުތަކުން ވެސް އަންނާނީ އަމާޒުތަކެއް އޮވެ ރަނގަޅަށް ތައްޔާރުވެގެން ކަމަށާއި އެކަން ދަނެގެން ރާއްޖޭން ރަނގަޅު ކުޅުމެއް ދައްކަން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑަށް އެނގޭ އެއްޗަކީ މުބާރާތަކަށް އަންނަ އެއްވެސް ޓީމަކީ ބަލި ޓީމެއްގެ ގޮތުގައި ދެކިގެނެއް ނުވާނެއޭ. އެއީ އެއްވެސް ޓީމެއް މުބާރާތަކަށް ނާންނާނެ ހަމަ ކުޅެލާފައި ދާކަށް. އެކަމު އަޅުގަނޑުމެން ވެސް މި ތިބީ ވަކި ޓާގެޓަކަށް އައިސްފައި. ނޭޕާލް ވެސް ބަންގްލަދޭޝް ވެސް ހަމަ އަންނާނީ އެންމެ ރަނގަޅު ނަތީޖާ އަށް." ކާއްޓޭ ބުންޏެވެ.

މީގެ ކުރިން ރާއްޖޭން ވަނީ މި މުބާރާތުގައި ރިހި މެޑަލާއި ލޯ މެޑަލް ހާސިލްކޮށްފަ އެވެ. މި ފަހަރުގެ މުބާރާތުގެ ޝެޑިއުލް މިހާރު އޮތްގޮތުން ރާއްޖެ ކުޅެން ޖެހޭ ފުރަތަމަ މެޗުގައި އަންނަ އަންގާރަ ދުވަހު ކުޅޭނީ ކިރްގިސްތާނާ އެވެ. އަދި ބުދަ ދުވަހު ގްރޫޕް ފަހު މެޗުގައި ބައްދަލުކުރާނީ ނޭޕާލާ އެވެ.