ޒައިތޫނި ފަތްކޯޅިއެއް ހިއްޕަވައިގެން މިނިސްޓަރު، ބައްސާމްގެ އަރިހަށް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އޮފީހަށް ވަޑައިގެން، ފާޑުކިޔުންތައް އަމާޒުވެފައިވާ އެ އެސޯސިއޭޝަނުގެ ރައީސް ބައްސާމް އަދީލް ޖަލީލާ، ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ބައްދަލުކުރައްވައިފި އެވެ. އެކަމަކު އާއްމުން ކަންބޮޑުވުންވާ އެތައް ކަމެއް އެފްއޭއެމްގެ ފަރާތުން ފެންނަމުން ދިޔަ ނަމަވެސް، މިނިސްޓަރުގެ މި ބައްދަލުކުރެއްވުމުގައި ވާހަކަދެކެވުނު ކަމަށް ހާމަކުރެއްވި ކަންކަމުގެ ތެރޭގައި އެފަދަ އެއްވެސް ކަމެއް ނުހިމެނެ އެވެ.


ބައްސާމުގެ އޮފީހުގެ ސޯފާގައި ހަވީރީ ހެދުންކޮޅެއްގައި ދެބޭފުޅުން ތިއްބަވައި ނަންގަވާފައިވާ ފޮޓޯއަކާ އެކު މިނިސްޓަރު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ ފުޓްބޯޅަ ކުރިއަރުވައި ޕްރޮމޯޓްކުރުމާ ބެހޭގޮތުން ބައްސާމާ އެކު ވަރަށް ރަނގަޅަށް ވާހަކަ ދައްކާލެވިއްޖެ ކަމަށެވެ. އަދި ހޯމް އެންޑް އަވޭ އުސޫލުން މުޅި ރާއްޖޭގައި ލީގެއް ފެށުމަށް މަޝްވަރާކުރެއްވި ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. އެއީ އެފްއޭއެމުން އިއުލާންކޮށްފައިވާތާ އެތައް ދުވަހެއްވީ ޕްރޮޖެކްޓެކެވެ. އާ ވާހަކައެއް ނޫނެވެ!

މިނިސްޓަރުގެ ޓްވީޓުގެ އުސްއައްޔަކީ "ރަނގަޅު ނަތީޖާތަކެއް ނެރުމަށް އެފްއޭއެމް އާއި ފުޓްބޯޅަ އާއިލާއާ އެކު ގާތް ގުޅުމެއް ބޭއްވުމަށް އުއްމީދުކުރައްވާ ކަމަށް" ވިދާޅުވި ވިދާޅުވުމެވެ. އެކަމަކު ރާއްޖޭގެ ގިނަ ކްލަބްތަކާއި ވަރަށް ގިނަ ފުޓްބޯޅަ ސަޕޯޓަރުން ވެސް އެފްއޭއެމްގެ ވިސްނުމާ ދެކަވިވެފައިވާ ދަނޑިވަޅެއްގައި އެފްއޭއެމްގެ ވެރިޔާއާ އެކު ފިނި ކޮޓަރިކޮޅެއްގައި މަޝްވަރާއެއްކޮށްލަވައިގެން އެފަދަ އުއްމީދެއް މިނިސްޓަރު ކުރެއްވުމުން ސުވާލުތައް ވަނީ އުފެދިފަ އެވެ. ހަގީގީ މައްސަލަތަކުން އަސަރުކޮށްފައިވާ ފުޓްބޯޅަ އާއިލާގެ މެމްބަރުން ގަދަ އަވީގައި މަންޒަރު ބަލަން އެބަތިއްބެވެ!

މިހާރު އެންމެ ހޫނުވެފައިވާ މައްސަލައަކީ ގައުމީ ޓީމުން ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) އަށް ފުރުސަތު ނުދިނުމެވެ. އެޔެއް ވެސް ނޫނެވެ. ދިވެހިރާއްޖެ ތަމްސީލްކުރަން ނެގި ފުޓްބޯޅަ ޓީމުގައި، މިވަގުތު ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ނުހިމެނުނެވެ. އެފްއޭއެމަށް ރައްޔިތުންގެ ޓެކްސް ފައިސާ އިން ވެސް ހަރަދުކުރާތީ އާއި އަދި ގައުމީ ޓީމު ތަމްސީލްކުރަނީ ރާއްޖޭގެ ރައްޔިތުންނަށް ކަމަށްވާއިރު އެ ޓީމެއްގައި އެއްވެސް ޓެކްނިކަލް އުޒުރެއް ނެތި އެންމެ މޮޅު ކުޅުންތެރިޔާ ނުހިމެނުމުން އާއްމުންތައް އެތައް ބަޔަކު އަންނަނީ މިއީ އިހުމާލެއް ކަމަށް ބުނަމުންނެވެ. ކުޅުންތެރިޔަކާ މެދު ނުވަތަ ކުޅުންތެރިންތަކާ މެދު އެފްއޭއެމްގެ ވެރިން ޒާތީ ހަސަދައެއް ފިލުވާލަން، ދިވެހިރާއްޖެ ތަމްސީލްކުރާ ޓީމެއްގެ ބޭނުންކުރާ ނަމަ އެއީ ވަރަށް ސީރިއަސް މައްސަލައެކެވެ.

ދެން އޮތީ މި ސަރުކާރުން ވެސް ވީ ވައުދަކާ ގުޅޭ މައްސަލައެކެވެ. ފުޓްބޯޅަ ދަނޑުތައް އަލުން ފުރާލުމެވެ. އެކަމަކު މިހާތަނަށް ވެސް އެކަން ކުރަމުން އައި ތިން ކްލަބް އޮތީ ވަރަށް ހާލުގަ އެވެ. ވިކްޓްރީ ކިރިޔަކިރިޔާ ފުރަތަމަ ޑިވިޝަނުގައި އޮތްކަމެވެ. ވެލެންސިއާ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވެއްޖެ އެވެ. ނިއު ރޭޑިއަންޓް ފުޓްބޯޅައިން ސަސްޕެންޑްކޮށްފި އެވެ. މީގެ ތެރެއިން ނިއު ސަސްޕެންޑްކުރީ ކުޅުންތެރިންނަށް މުސާރަ ނުދޭތީ ކަމަށް އެފްއޭއެމުން ބުނި ނަމަވެސް އެ ހާލަތުގައި އޮތް އެތައް ކްލަބަކަށް ފުރުސަތުދީ އެކަމަކު ނިއު އަށް ފުރުސަތު ނުދިނުމަކީ ޒާތީ ކަމެއް ކަމަށް އެ ކްލަބުން ތުހުމަތުކުރެ އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް (ކ) އާއި ސްޕޯޓްސް މިނިސްޓަރު މަހުލޫފު. --ފޮޓޯ: ނިޝާން އަލީ/ މިހާރު

އެކްޓިން ސްޕޯޓްސް މިނިސްޓަރަކަށް ހުންނަވައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވެސް ވަނީ އެފްއޭއެމުން ނިއު ސަސްޕެންޑްކުރީ އެ އެސޯސިއޭޝަނުގެ ވެރިންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން އުޅުމުން ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. ރާއްޖޭގެ ޒަމާންވީ ކްލަބްތައް ނިކަމެތި ހާލުގައި މިއަދު އޮއްވާ އަދި މުސާރަ ނުދެވި އޮތީ ނިއު އަށް އެކަނި ނޫން ކަމަށްވާތީ ވަކިކަމަކާ ގުޅުވައި އެ ކްލަބް ސަސްޕެންޑްކުރެވުނު ކުރުން ގަބޫލުނުކުރާ ކަމަށާއި އެ ސަސްޕެންޝަން އުވާލަން އެދިފައިވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

އަލީ ވަހީދު ވެސް އަދި ކުރިން މަހުލޫފު ވެސް އެފްއޭއެމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އެގޮތުން އެފްއޭއެމްގެ އިހުމާލަކުން ކަމަށް ބެލެވޭ ސަބަބަކާ ހެދި، ރާއްޖޭގެ ކްލަބްތަކަށް އޭއެފްސީ ކަޕުން ކްލަބްތަކަށް ޖާގަ ނުލިބުމުން އެ މައްސަލަ ބަލަން ތެދުވި އެވެ. އެކަމަކު އެފްއޭޢެމަށް ތިން ވަނަ ފަރާތެއްގެ ނުފޫޒު ނުވައްދަން ފީފާ އިން އިންޒާރުކުރުމުން މިނިސްޓަރު ދެން ވިދާޅުވީ އެ ކޮމިޓީން ބަލަނީ ދައުލަތުން ފުޓްބޯޅައަށް ހަރަދުކުރާ ފައިސާ އަށް ވީގޮތް ކަމަށާއި އެފްއޭއެމް ތެރެއަށް ނުވަންނާނެ ކަމަށެވެ. އެކަމަށް ރައްދުދީ އެފްއޭއެމުން އޭރު ބުނީ ޒިންމާދާރުކަން ކުޑަގޮތަކަށް އެކި ފަހަރު އެކިގޮތަށް ސޯޝަލް މީޑިއާގައި މިނިސްޓަރު ހާމަކުރާ މައުލޫމާތުގެ ސަބަބުން ކްލަބްތަކާއި މި އެސޯސިއޭޝަންގެ ހައިބަތަށް އުނިކަން އަންނަމުންދާ ކަމަށެވެ.

ކޮންމެ ގޮތެއް ވިޔަސް އެފްއޭއެމުން އޭރު އޮތީ "ފީފާ ކާޑު" ބޭނުންކޮށްގެން މިނިސްޓްރީގެ އަތްބަނދަލައިފަ އެވެ. އެކަމަކު އެފްއޭއެމްގެ އަކީ ސަރުކާރުން ވެސް ބަޖެޓް ދޭ ތަނަކަށްވެފައި އެ އެސޯސިއޭޝަނުން، ފީފާ އާއި އޭއެފްސީގައި ވެސް ތަމްސީލްކުރަނީ ދިވެހިރާއްޖޭގެ ފުޓްބޯޅަ ކަމަށްވާތީ، ބައިނަލްއަގްވާމީ ގަވާއިދުތަކާއި ހިލާފުނުވާނެ ގޮތަށް އެފްއޭއެމް ޒިންމާދާރުކުރުވުމުގެ ފުރުސަތު މިނިސްޓްރީ އަށް އޮންނަން ޖެހޭނެ ކަމަށް ބައެއް އާއްމުން ގަބޫލުކުރެ އެވެ.

މިނިސްޓަރު އަނެއްކާ ވެސް އެ މަސައްކަތް ފެށްޓެވީ ކަމަށް ބެލެވުނީ، ދަގަނޑޭ ގައުމީ ޓީމުގައި ހިމެނެން ޖެހޭ ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށާއި އޭނާ ޓީމުގައި ހިމަނަން ރައްޔިތުން އެދޭ އެދުމުގެ މެސެޖް އެފްއޭއެމްއާ ހިއްސާކުރާނެ ކަމަށް އިހަކަށް ދުވަހު ވިދާޅުވުމުންނެވެ. އެކަމަކު އޭގެ އިރުކޮޅެއް ފަހުން އަނެއްކާ ވެސް ވިދާޅުވީ އެ މެސެޖް އެފްއޭއެމްއާ ހިއްސާކުރާނީ ދިވެހި ސަޕޯޓަރެއްގެ ހައިސިއްޔަތުން ކަމަށެވެ. އެފްއޭއެމުން އަނެއްކާ ވެސް "ފީފާ ކާޑު" ބޭނުންކޮށްފާނެތީ މިނިސްޓަރު ފަހަތަށް ޖެހިވަޑައިގަތީ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރި އެވެ.

ބޮޑުދެގެރި ތަޅަންޏާ ކަށްގަލަށް ބާރުކުރާ އުސޫލުން އެފްއޭއެމް އާއި މިނިސްޓްރީން ކޯޅޭ ކޯޅުމުން ފީފާގެ ސަސްޕެންޝަނެއް އަތުވެއްޖާ ގެއްލުންވާނީ ދިވެހި ފުޓްބޯޅަ އަށެވެ. ސުލްހައިގެ ޒައިތޫނި ފަތްކޯޅިއެއް ހިއްޕަވައިގެން މިނިސްޓަރު، އެފްއޭއެމަށް ވަޑައިގަތުމުން އެ ސަސްޕެންޝަނަކުން ފުޓްބޯޅަ ސަލާމަތްވެދާނެ އެވެ. އެކަމަކު ހަގީގީ މައްސަލަތަކެއް އެހުރި ގޮތަށް ހުއްޓާ، އެ މައްސަލަތައް ހައްލުނުކޮށް ދިވެހި ފުޓްބޯޅަ އެންމެ އިންޗެއް ވެސް ކުރިއަށް ނުކަނޑާނެ އެވެ.