ދުނިޔޭގެ އިސް ސަފަށް ދަގަނޑޭ އެރިޔަނުދީ ހިފެހެއްޓިފައި؟!

މިހާރު ކުޅެމުން އަންނަ ކުޅުންތެރިންގެ ތެރެއިން ބައިނަލްއަގްވާމީ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިންގެ ލިސްޓުގައި ރާއްޖޭގައި އަލީ އަޝްފާގް (ދަގަނޑޭ) އޮތީ 10 ވަނައިގަ އެވެ. އެކަމަކު ގައުމީ ޓީމުން މިވަގުތު ދަގަނޑޭ އަށް ޖާގަ ނުދޭތީ އެ ލިސްޓުގައި ކުރިއަށް އަރައި، ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނަލް މެސީއާ އެއް ސަފެއްގައި ހިމެނުނުގެ ފުރުސަތު އޭނާ އަށް މިވަނީ ގެއްލިފަ އެވެ.


އެ ލިސްޓުގެ އެއް ވަނައިގައި އޮތީ 158 މެޗުން 88 ގޯލް ޖަހާފައިވާ ޕޯޗުގަލްގެ ރޮނާލްޑޯ އެވެ. ދެ ވަނައިގައި އޮތީ 111 މެޗުން 71 ގޯލް ޖަހާފައިވާ އިންޑިއާގެ ސުނިލް ޗެތުރީ އެވެ. އަދި ތިން ވަނައިގައި އޮތީ 136 މެޗުން 68 ގޯލް ޖަހާފައިވާ އާޖެންޓީނާގެ މެސީ އެވެ.

ދަގަނޑޭ 10 ވަނައިގައި އޮތީ 78 މެޗުން 52 ގޯލް ޖަހައިގެންނެވެ. އެއީ ކޮންމެ މެޗަކަށް 0.67 ގޯލުގެ ނިސްބަތެކެވެ. ރޮނާލްޑޯގެ ނިސްބަތަކީ މެޗަކަށް 0.56 ގޯލެވެ. ޗެތުރީ ކޮންމެ މެޗަކަށް 0.64 ގޯލް ޖަހާފައިވާއިރު މެސީ ޖަހާފައިވަނީ މެޗަކަށް 0.5 ގޯލެވެ. އެހެންވެ މި ހަތަރު ކުޅުންތެރިންގެ ތެރެއިން މެޗުގެ ނިސްބަތުން ލަނޑު ލިސްޓެއް ހަދާނަމަ އެއް ވަނަ ލިބޭނީ ދަގަނޑޭ އަށެވެ.

އެ ނިސްބަތުން މިދިޔަ އަހަރުގެ ޖެނުއަރީ މަހު އޭނާ އޮތީ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިންގެ ލިސްޓުގެ ދުނިޔޭގެ އެއް ވަނައިގަ އެވެ. އެކަމަކު އޭގެ ފަހުން ދަގަނޑޭ އަށް ގައުމީ ޓީމުން ފުރުސަތު ނުދޭން ފެށުމުން ލަނޑުގެ އަދަދު އިތުރުކުރެވޭ ގޮތެއް ނުވީ އެވެ. ދަގަނޑޭގެ ލަނޑު ނިސްބަތަށް ބަލާއިރު، އޭނާ އަށް ފުރުސަތު ދިން ނަމަ ލަނޑު ލިސްޓުގައި ކުރިއަށް އެރުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

އިންޓަނޭޝަނަލް ގޯލް ސްކޯރާ ލިސްޓް:

1 – ކްރިސްޓިއާނޯ ރޮނާލްޑޯ (ޕޯޗުގަލް): 88 ގޯލް

2 - ސުނިލް ޗެތުރީ (އިންޑިއާ): 71 ގޯލް

3 – ލިއޮނަލް މެސީ (އާޖެންޓީނާ): 68 ގޯލް

4 – ނޭމާ (ބްރެޒިލް): 60 ގޯލް

5 – ޑަވިޑް ވިޔާ (ސްޕެއިން): 59 ގޯލް

6 – ލުއިސް ސުއަރޭޒް (އުރުގުއޭ): 58 ގޯލް

7 – ރޮބަޓް ލެވޮންޑޮސްކީ (ޕޮލެންޑް): 57 ގޯލް

8 - އެޑިން ޖެކޯ (ބޮސްނިއާ): 56 ގޯލް

9 - ބަދުރް އަލް-މުތަވާ (ކުވޭތު): 55 ގޯލް

10 – އަލީ އަޝްފާގް (ދިވެހިރާއްޖެ): 52 ގޯލް

ދަގަނޑޭ އަށް ގައުމީ ޓީމު އެންމެ ފަހުން ކުޅުނު ނުވަ މެޗުން ފުރުސަތެއް ނުދެ އެވެ. އެއީ މިދިޔަ އަހަރު އޭޝިއަން ކަޕުގައި ބޫޓާނާ ދެކޮޅަށް ކުޅުނު މެޗާއި ސާފް ސުޒުކީ ކަޕުގައި ކުޅުނު ހަތަރު މެޗާއި މެލޭޝިއާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗަކާއި މި އަހަރު އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ކުޅުނު ތިން މެޗެވެ. އަދި ވޯލްޑް ކަޕް/ އޭޝިއަން ކޮލިފައިންގައި ގުއާމް އާއި ޗައިނާއާ ދެކޮޅަށް ކުޅެން ނެގި ސްކޮޑުން ވެސް ފުރުސަތު ނުދެ އެވެ.

ދަގަނޑޭ އަށް އެންމެ ފުރަތަމަ ގައުމީ ޓީމުން ކޯޗު ޕީޓާ ސެގާޓް ފުރުސަތު ގެއްލުވާނީ މިދިޔަ އަހަރު ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސަށް ހާޒިރުނުވުމުން އަދަބެއްގެ ގޮތުންނެވެ. އެކަމަކު އޭގެ ފަހުން އޭނާ އަށް ފުރުސަތު ނުދޭ ސަބަބެއް އޮތީ ނޭގުމެއްގެ ތެރޭގަ އެވެ. ކޯޗު ސެގާޓް އެކި ފަހަރު ދައްކަނީ އެކި ވާހަކަތަކެވެ. އެންމެ ފަހުން ބުނީ ކޮލިފިކޭޝަންތައް އެއްކޮށް ނިމޭއިރު ދަގަނޑޭ އާއި މުހައްމަދު އާރިފް (ބަކާ) ފަދަ ކުޅުންތެރިންގެ 38 އަހަރުވާނެ ކަމަށާއި އެއީ މާދޮށީ އުމުރެއް ކަމަށެވެ.

އެކަމަކު މިދިޔަ އަހަރު ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ އާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަށް ފުރުސަތު ނުދޭން ޖެހޭ ޓެކްނިކަލް/ ޓެކްޓިކަލް ސަބަބެއް ނެތް ކަމަށް ބައެއް ތަޖުރިބާކާރުން ބުނެ އެވެ. އަދި އެކަމުގެ ފަހަތުގައި އޮތީ ޒާތީ ސަބަބެއް ކަމަށް ވެސް ތުހުމަތުކުރެ އެވެ.

ފުޓްބޯޅަ ކެރިއަރު އުމުރުން 15 އަހަރުގައި 2001 ވަނަ އަހަރު ފެށި ދަގަނޑޭ ގައުމީ ޓީމަށް ކުޅެން ފެށީ 2004 ވަނަ އަހަރެވެ. ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗުގައި އޭނާ ވަނީ 2004 ވަނަ އަހަރު ވޯލްޑް ކަޕް ޕްރީ ޕްރިމިލަނަރީގައި މާލޭގައި މޮންގޯލިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ހަތަރު ލަނޑު ޖަހައިގެން އެއް މެޗެއްގައި ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ހަދާފަ އެވެ. ފަހުން އޭނާ ވަނީ 2013 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ލަންކާ ކޮޅަށް ހަ ގޯލް ޖަހައި އެ ރެކޯޑް މުގުރާލި އެވެ.

އޭނާ އަކީ ސާފް ޗެމްޕިއަންޝިޕުގެ ވެސް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ. ދަގަނޑޭ 20 ގޯލް ޖަހާފައިވާއިރު އެންމެ ގާތުގައި އޮތް ޗެތުރީ އަށް ޖެހިފައިވަނީ ވެސް 13 ގޯލެވެ.

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ދަގަނޑޭ: ގައުމީ ޓީމުން ފުރުސަތެއް ނެތް. –ފޮޓޯ: ނިޝާން އަލީ/ މިހާރު

ރާއްޖޭގައި އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް ވެސް ހަދާފައިވާ ދަގަނޑޭ ވަނީ ރާއްޖޭގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހަ ފަހަރު ހޯދައިފަ އެވެ. މިދިޔަ ސީޒަނުގައި ނިއު ރޭޑިއަންޓާ އެކު އެސްޓީއޯ މާލޭ ލީގު ކާމިޔާބުކޮށް އަދި ފަހުން ޓީސީ ސްޕޯޓްސް ކްލަބަށް ބަދަލުވެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި ދަގަނޑޭ މިދިޔަ އަހަރުގެ އެއް ވަނަ ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ހޯދީ ތަފާތު ބޮޑުކޮށް 1818 ޕޮއިންޓާ އެކު އެވެ. އަދި ރަންބޫޓު އަށް ވަނަ ފަހަރަށް ހޯދީ ރަން ބޫޓު ދޭ ޕޮއިންޓް ސިސްޓަމަށް ބަލާއިރު 76 ޕޮއިންޓް ހަމަކޮށްގެންނެވެ. ނިއު އަށް އޭއެފްސީ ކަޕްގައި ޖަހައިދިން ހަ ގޯލަށް ވަނީ 18 ޕޮއިންޓް ލިބިފަ އެވެ. ނިއު އަށް މާލެ ލީގުގައި ޖަހައިދިން 14 ގޯލަށް 14 ޕޮއިންޓް ލިބުނުއިރު، ޓީސީ އަށް ދިވެހި ޕްރިމިއާ ލީގުގައި ޖަހައިދިން 22 ލަނޑަށް 44 ޕޮއިންޓް ލިބުނެވެ.

ވެލެންސިއާ، ނިއު، ވީބީ އައްޑޫ އެފްސީ، މާޒިޔާ އަދި ޓީސީ ސްޕޯޓްސް ކްލަބވުގައި ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފައިވާ ދަގަނޑޭ ވަނީ ބުރުނާއީ އާއި މެލޭޝިއާ ލީގުގައި ކުޅެފަ އެވެ. މީގެ ތެރެއިން މެލޭޝިއާ ޕްރިމިއާ ލީގުގެ ޗެމްޕިއަން ޕީޑީއާރްއެމް އަށް 2014 ގައި ހޯދައިދީ އެ ގައުމުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ މަގާމް ހާސިލްކޮށްފަ އެވެ.