މިލާން ކްރިކެޓް އެކަޑަމީ އަށް 10 އަހަރު ފުރުން ފާހަގަކުރުން ހާއްސަ މެޗަކުން

ރާއްޖޭގައި ކްރިކެޓުގެ ކުރިއެރުމަށް އެންމެ ބޮޑަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާ ކަމަށްވާ މިލާން ކްރިކެޓް އެކަޑަމީ އަށް 10 އަހަރު ފުރުމުގެ މުނާސަބަތުގައި އަންނަ ހޮނިހިރު ދުވަހު ހާއްސަ ކްރިކެޓް މެޗެއް ކުޅޭ ގޮތަށް ރާވައިފި އެވެ.


ކުޅިވަރު އެކުވެނީ އެއްނަމްބަރު ދަނޑުގައި 20 އޯވަރަށް ކުޅޭ މި މެޗުގައި ބައްދަކުރާނީ މިލާން ކްރިކެޓް އެކަޑަމީގެ ޓީމަކާއި ގައުމީ ޓީމަށް ކުޅެފައިވާ ކުޅުންތެރިންގެ ޓީމެކެވެ.

ގައުމީ ޓީމު ރަމްޒުކުރާ ޓީމުގައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ މޫސާ ކަލީމާއި އަހުމަދު ކަލީމާއި ކްރިކެޓް ބޯޑުގެ ރައީސް މުހައްމަދު އަފްލާހް (އަފޫ) އާއި އަފްޒަލް ފާއިޒާއި އަބްދުﷲ ޝާހިދާއި އިސްމާއިލް ނިހާދު (އިއްމަ) އަދި އަބްދުﷲ ޝަފީއު (އޮފްބެ) ހިމެނެ އެވެ. މިލާން ޓީމުގައި، ގައުމީ ޓީމަށް މިހާރު ކުޅެމުން އަންނަ ކުޅަދާނަ ފާސްޓް ބޯލަރު ހަސަން އިބްރާހީމާއި އަހުމަދު ހަސަން ހިމެނެ އެވެ. މިލާން އެކަޑަމީން އުފެއްދި އުއްމީދީ ކުޅުންތެރިޔާ ޔޫސުފް އަޒްޔާން ފަރުހަތަށް އަނިޔާގެ ސަބަބުން ނުކުޅެވޭނެ އެވެ.

މި މެޗު ޝަރަފްވެރިކޮށްދެއްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ނައިބް ރައީސް ފައިސަލް ނަސީމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް މެޗު ބައްލަވާލައްވަން ވަޑައިގަންނަވާނެ އެވެ. ތިން ބޭފުޅުން ވެސް ކްރިކެޓަށް ވަރަށް ބޮޑަށް ލޯބިކުރައްވަ އެވެ.

މިލާން ކްރިކެޓް އެކަޑަމީގެ މުއައްސިސް ފަރުހަތު ޖަލީލް (ކ) އާއި އޭނާގެ އަންހެނުން އަދި ކްލަބުގެ އިސް މެމްބަރެއް ކަމަށްވާ އަފްޒަލް ޖަލީލް (ވ) ކުރީގެ ރައީސް މައުމޫން އާ އެކު: އެ އެކަޑަމީން ވަނީ ރައީސް މައުމޫނުގެ ކްރިކެޓް ހިދުމަތުގެ އަގުވަޒަންކޮށްފައި. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ކްރިކެޓް ބޯޑުގެ ކުރީގެ ނައިބް ރައީސް އަދި ކުރީގެ ކުޅުންތެރިޔާ ފަރުހަތު ޖަލީލް (ފަރޫ) ގެ މުއައްސިސް ކަމުގެ ދަށުން އުފައްދައި އަދި އޭނާ ރައީސްކަން ކުރައްވާ މި ކްލަބަކީ ކުޅުންތެރިން އުފައްދައި ތަމްރީންކުރަން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާ އެކެވެ. އެ މަސައްކަތް ވަރަށް ކާމިޔާބެވެ. އެގޮތުން މިހާތަނަށް އެ އެކަޑަމީން އުފެއްދި ހަ ކުޅުންތެރިޔަކު ވަނީ ގައުމީ ޓީމަށް ކުޅެފަ އެވެ. އެ ކުޅުންތެރިންނަށް ވާދަވެރި މެޗުތަކެއް ހޯދައިދިނުމަށް މުބާރާތްތަކުގައި ވެސް އެ އެކަޑަމީން ގަވާއިދުން ވާދަކުރެ އެވެ. އަދި އެކަޑަމީ ވާދަކުނުކުރާ މުބާރާތެއް ނަމަ، ކްލަބުގެ މެމްބަރުންނަށް އެހެން ކްލަބްތަކަށް ކުޅެވިދާނެ އެވެ.

ފަރުހަތު ޖަލީލުގެ ބައްޕަ އަދި ކުރީގެ ކުޅުންތެރިޔާ އަހުމަދު ޖަލީލުގެ ގެކަމަށްވާ މއ. މިލާނަށް ނިސްބަތްކޮށް މިލާން ކްރިކެޓް ކްލަބުގެ ނަމުގައި މަޝްހޫރު ވިޔަފާރިވެރިޔާ އަދި ކުރީގެ ކުޅުންތެރިޔާ ޗަމްޕާ ހުސެއިން އަފީފް 1988 ގައި ކްލަބެއް ވެސް އުފެއްދި އެވެ. ގަވާއިދުން މުބާރާތްތަކުގައި ވާދަކުރި އެ ކްލަބް ދެހާހުގެ އަހަރުތަކުގެ ކުރީކޮޅު އުވިގެންދިޔައީ އެވެ.

އެ ނަމަށް ނިސްބަތްކޮށް ފަރުހަތު، އެކަޑަމީ ރަޖިސްޓްރީކުރީ 2009 ވަނަ އަހަރުގެ މާޗު މަހު އެވެ. އެ ކްލަބުން އަންނަނީ ރާއްޖޭގެ ކްރިކެޓަށް އަގުހުރި ހިދުމަތްކުރައްވާފައިވާ ފަރާތްތަކުގެ އަގުވަޒަންކުރަން ވެސް ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރަން މެޑެއްޔަކާއި ހަނދާނީ ފިލައެއް އެރުވި އެވެ.