މިލާން އެކަޑަމީގެ މައްޗަށް ކުރީގެ ކުޅުންތެރިން ކުރި ހޯދައިފި

މިލާން ކްރިކެޓް އެކަޑަމީ އަށް 10 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިއަދު ކުޅުނު ޓީޓެވެންޓީ މެޗުން މިލާން އެކަޑަމީ އަތުން، ނެޝަނަލް ކެޕް ޕްލެޔާސް ޓީމު 42 ލަނޑުން މޮޅުވެއްޖެ އެވެ.


ރާއްޖޭގައި ކްރިކެޓުގެ ކުރިއެރުމަށް އެންމެ ބޮޑަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާ ކަމަށްވާ މިލާން ކްރިކެޓް އެކަޑަމީން އިންތިޒާމުކޮށްގެން މިއަދު މެންދުރުފަހު އެކުވެނި އެއް ނަމްބަރު ދަނޑުގައި ކުޅުނު މެޗު ބައްލަވާލެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބް ރައީސް ފައިސަލް ނަސީމް ވަޑައިގެންނެވި އެވެ. ޝަރަފްވެރި މެހެމާނަކީ ކުރީގެ ކްރިކެޓް ކުޅުންތެރިޔާ އަދި ވިކްޓްރީ ސްޕޯޓްސް ކްލަބުގެ ބާނީއެއް ކަމަށްވާ ކެނެރީ އަބްދުއްސައްތާރެވެ.

ގައުމީ ޓީމަށް ކުޅެފައިވާ ކުޅުންތެރިން ހިމެނޭ ނެޝަނަލް ކެޕް ޕްލެޔާސް ޓީމު ކުޅެން އަރައި އަށް ކުޅުންތެރިން ނުބައިވެގެން 150 ލަނޑު ހެދި އެވެ. މިލާން އެކަޑަމީ އަށް 20 އޯވަރުގެ ތެރޭގައި ނުވަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 108 ލަނޑެވެ.

ނެޝަނަލް ކެޕް ޕްލެޔާސް ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 41 ބޯޅައިން 54 ލަނޑު ހެދި، ކްރިކެޓް ބޯޑުގެ ރައީސް މުހައްމަދު އަފްލާހް (އަފޫ) އެވެ. އޭނާ ވަނީ ދާދި ފަހުން އޮތް އިންޑިއާ-މޯލްޑިވްސް ސީރީސްގައި އިންޑިއާގެ ޔުވްރާޖް ސިންހުގެ ޓީމާ ދެކޮޅަށް ވެސް ހާފް ސެންޗަރީއެއް ހަދައިފަ އެވެ. އަފޫ ނުބައިނުވަނީސް ރިޓަޔާކުރީ އިތުރު ކުޅުންތެރިޔަކަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ.

މިއަދުގެ މެޗު ފެށީ އަފްލާހު އާއި، 2005 ވަނަ އަހަރުގެ އިމާޖިން ނޭޝަންސް ކަޕް ރާއްޖޭން ކާމިޔާބުކުރިއިރު އޭނާއާ އެކު އޯޕަނިން ޕާޓްނާޝިޕް ހެދި އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމެވެ. ޖުމްލަ 25 ބޯޅައިން 12 ލަނޑު ހެދި އާޒިމް ނުބައިކޮށްލީ އުމުރުން 13 އަހަރުގެ ރަޔާން ތޮލާލާއި ނަޒްވާން ބަދީއު އެވެ.

ނެޝަނަލް ކެޕް ޕްލެޔާސް ޓީމުން ދެން އެރީ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން މޫސާ ކަލީމާއި ވައިސް ކެޕްޓަން އަފްޒަލް ފާއިޒް އެވެ. މޫސަ 30 ބޯޅައިން 16 ލަނޑު ހެދިއިރު އަފްޒަލް ވަނީ 22 ބޯޅައިން 27 ލަނޑު ހަދައިފަ އެވެ. ކުރީގެ ފުޓްބޯޅަ ތަރި އިސްމާއިލް އަނިލް އާއި އަހުމަދު ކަލީމާއި ނީޝާމް ނަސީރާއި އިސްމާއިލް ނިހާދު (އިއްމަ) އިނިންގްސްގެ ފަހުކޮޅު އެރި ނަމަވެސް މާ އެދެވޭ ކުޅުމެއް ނުދެއްކުނެވެ.

މިލާން އެކަޑަމީ ޓީމުން ކުޅެން އަރައި އިނިންގްސްގެ ކުރީކޮޅު ރަނގަޅު ސްކޯއެއް ނުކުރެވުމުން ޕްރެޝަރު ބޮޑުވި އެވެ. އެންމެ ރަނގަޅަށް ކުޅުނީ 39 ބޯޅައިން 43 ލަނޑު ހެދި ތުޝާރު ޖަޝްނާނީ އެވެ. ދެން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 29 ބޯޅައިން 25 ލަނޑު ހެދި އިބްރާހިމް ނަޝާތެވެ.

ކްރިކެޓް ބޯޑުގެ ކުރީގެ ނައިބް ރައީސް އަދި ކުރީގެ ކުޅުންތެރިޔާ ފަރުހަތު ޖަލީލް (ފަރޫ) ގެ މުއައްސިސް ކަމުގެ ދަށުން އުފައްދައި އަދި އޭނާ ރައީސްކަން ކުރައްވާ މިލާން އެކަޑަމީ ކުޅުންތެރިން އުފައްދައި ތަމްރީންކުރަން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާ އެކެވެ. އެ މަސައްކަތް ވަރަށް ކާމިޔާބެވެ. އެގޮތުން މިހާތަނަށް އެ އެކަޑަމީން އުފެއްދި ހަ ކުޅުންތެރިޔަކު ވަނީ ގައުމީ ޓީމަށް ކުޅެފަ އެވެ. އެ ކުޅުންތެރިންނަށް ވާދަވެރި މެޗުތަކެއް ހޯދައިދިނުމަށް މުބާރާތްތަކުގައި ވެސް އެ އެކަޑަމީން ގަވާއިދުން ވާދަކުރެ އެވެ. އަދި އެކަޑަމީ ވާދަކުނުކުރާ މުބާރާތެއް ނަމަ، ކްލަބުގެ މެމްބަރުންނަށް އެހެން ކްލަބްތަކަށް ކުޅެވިދާނެ އެވެ.

ފަރުހަތު ޖަލީލުގެ ގެކަމަށްވާ މއ. މިލާނަށް ނިސްބަތްކޮށް މިލާން ކްރިކެޓް ކްލަބުގެ ނަމުގައި މަޝްހޫރު ވިޔަފާރިވެރިޔާ އަދި ކުރީގެ ކުޅުންތެރިޔާ ޗަމްޕާ ހުސެއިން އަފީފް 1988 ގައި ކްލަބެއް ވެސް އުފެއްދި އެވެ. ގަވާއިދުން މުބާރާތްތަކުގައި ވާދަކުރި އެ ކްލަބް ދެހާހުގެ އަހަރުތަކުގެ ކުރީކޮޅު އުވިގެންދިޔައީ އެވެ.

އެ ނަމަށް ނިސްބަތްކޮށް ފަރުހަތު، އެކަޑަމީ ރަޖިސްޓްރީކުރީ 2009 ވަނަ އަހަރުގެ މާޗު މަހު އެވެ. އެ ކްލަބުން އަންނަނީ ރާއްޖޭގެ ކްރިކެޓަށް އަގުހުރި ހިދުމަތްކުރައްވާފައިވާ ފަރާތްތަކުގެ އަގުވަޒަންކުރަން ވެސް ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރަން މެޑެއްޔަކާއި ހަނދާނީ ފިލައެއް އެރުވި އެވެ.