ދަގަނޑޭއާ ބައްސާމުގެ ބައްދަލުވުމެއް ބާއްވައިފި

ގައުމީ ފުޓްބޯޅަ ޓީމުން އެ ކުޅުންތެރިޔަކަށް ފުރުސަތު ނުދޭތީ އާއްމުންގެ ފާޑުކިޔުން އަމާޒުވެފައިވާ އަލީ އަޝްފާގް (ދަގަނޑޭ) ރޭ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާ ބައްދަލުކޮށްފި އެވެ.


ބައްދަލުވުމަށް ފަހު ދަގަނޑޭ ކުރި ޓްވީޓެއްގައި ބުނީ ފުޓްބޯޅަ އަށް އުޖާލާ ކުރިމަގެއް އޮތްކަމުގެ އުއްމީދު އަލުން އާލާވެއްޖެ ކަމަށެވެ. ގައުމީ ޓީމަށް ބޭނުންވާ ކަމުގެ އިޝާރާތެއް ދިނުން ފިޔަވައި ދަގަނޑޭ މިހާތަނަށް ފުޓްބޯޅައިގައި މުސްތަގުބަލާ މެދު ނެގެޓިވް ހިޔާލެއް ފާޅުކޮށްފައެއް ނުވެ އެވެ. ދަގަނޑޭއާ ގުޅޭގޮތް ނުވުމުން، އެ ބައްދަލުވުމުގައި ދެކެވުނު ވާހަކަތަކެއްގެ ތަފްސީލް ލިބޭ ގޮތެއް ނުވެ އެވެ. އަދި މި ބައްދަލުކުރުން ބާއްވަން އިސް ނެގީ ބައްސާމް ކަމެއް ނުވަތަ ދަގަނޑޭ ކަމެއް ވެސް ނޭގެ އެވެ.

މި ބައްދަލުވުމާ އެކު ސޯޝަލް މީޑިއާގައި އުފެދުނު ރޫހަކީ، މިއީ ދަގަނޑޭ އަށް އަލުން ގައުމީ ޓީމުން ފުރުސަތު ދީފާނެ ކަމުގެ އިޝާރާތެއް ކަމަށެވެ. އެފްއޭއެމުން މީގެ ކުރިން ވަނީ ދަގަނޑޭ ގައުމީ ޓީމަށް ކުޅުން ހުއްޓާލާ ނަމަ ރިޓަޔާމަންޓް މެޗެއް ރާވައިދޭނެ ކަމަށް ބުނެފަ އެވެ.

ދަގަނޑޭ ގައުމީ ޓީމުގައި ހިމަނަން ބޭނުންވާ ކަމަށާއި ރައްޔިތުންގެ މެސެޖް އަމިއްލަ ހައިސިއްޔަތުން އެފްއޭއެމްއާ ހިއްސާކުރާނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވިތާ މާ ގިނަ ދުވަހެއް ނުވަނީސް އޭނާ ވެސް ވަނީ ބައްސާމާ ބައްދަލުކުރައްވައިފަ އެވެ. އޭގެ ފަހުން މިނިސްޓަރު އެ މައްސަލައިގައި އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.

ގައުމީ ޓީމަށް ކުޅުންތެރިން ނަގަނީ ކޯޗު ކަމަށްވީ ނަމަވެސް، ދަގަނޑޭ ނުނެގުމުގައި އެފްއޭއެމްގެ ނުފޫޒެއް އޮވެދާނެ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެ އެވެ. ސަބަބަކީ މިހާރުގެ ކޯޗު ޕީޓާ ސެގާޓް ގައުމީ ޓީމާ ހަވާލުވެ އެންމެ ފުރަތަމަ ބުނި ވާހަކައަކީ ވެސް ދިވެހި ފުޓްބޯޅައިގެ އާ ޖީލުގެ ކުޅުންތެރިން އުފައްދަން ކުރާ މަސައްކަތުގައި ދަގަނޑޭ ލީޑަރަކަށް ހަދަން ބޭނުންވާ ވާހަކަ ކަމަށްވެފައި، ކުއްލިއަކަށް އޭނާގެ ނިންމުމަށް މިހާ ބޮޑު ބަދަލެއް އައުމުންނެވެ.

ސެގާޓް އެންމެ ފުރަތަމަ ދަގަނޑޭ ސްކޮޑުން ބޭރުކުރީ މިދިޔަ މާޗު މަހު އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާނާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކަށް ހާޒިރުނުވުމުންނެވެ. އޭގެ ފަހުން ވެސް ދަގަނޑޭ ސްކޮޑަށް ނުނަގަނީ އެ އަދަބު އަދިވެސް ތަންފީޒްކުރާތީ ކަމަށް ބެލެވުނީ މިދިޔަ އަހަރު ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ އާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދުމުން ވެސް ފުރުސަތު ނުދިނުމުންނެވެ.

އެކަމަކު ވޯލްޑް ކަޕް ކޮލިފައިންގައި ގުއާމާއި ޗައިނާއާ ދެކޮޅަށް ނެގި ސްކޮޑަށް ނުނެގުމުން އެ ސުވާލުކުރުމުން ކޯޗު ބުނީ އޭނާ ނުނަގަނީ އުމުރުން ދޮށި ވުމުން ކަމަށެވެ. އެގޮތުން މި ކޮލިފިކޭޝަން ނިމޭއިރު ދަގަނޑޭ އަށް 38 އަހަރު ވާނެ ކަމަށާއި އެއީ މާ ދޮށީ އުމުރެއް ކަމަށް ސެގާޓް ބުނެފައިވެ އެވެ.