ޖޯޑަން 9-0 ރާއްޖެ: ނިޒާމްބެ ބުނަނީ މި ނަތީޖާ ބަދަލުކުރާނެ ކަމަށް!

ގަތަރުގައި ކުރިއަށްދާ އިންޓަނޭޝަނަލް ފޯ ނޭޝަންސް ފުޓްބޯޅަ މުބާރާތުގައި ރާއްޖޭގެ 16 އަހަރުން ދަށުގެ ގައުމީ ޓީމު ކުޅުނު ފުރަތަމަ މެޗުން ޖޯޑަން އަތުން 9-0 އިން އިއްޔެ ބަލިވެއްޖެ އެވެ.


މުބާރާތް ބޯމަތިވެފައި އޮއްވާ ޓީމާ ހަވާލުވި ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ މި ނަތީޖާއާ މެދު ހިތާމަނުކުރާނެ ކަމަށާއި ދެ އަހަރުގެ ތެރޭގައި މި ނަތީޖާ ބަދަލުކުރެވޭ ވަރަށް ޓީމު ތައްޔާރުކުރާނެ ކަމަށެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ރާއްޖޭގެ ޓީމުން މެދުއިރުމަތީގެ ވަރުގަދަ ބާރެއް ކަމަށްވާ ޖޯޑަންއާ ދެކޮޅަށް ވަރަށް ރަނގަޅު ކުޅުމެއް ދެއްކި އެވެ. ޖޯޑަން އަށް ރާއްޖެ ކޮޅަށް ފުރަތަމަ ހާފުގައި ޖެހުނީ އެންމެ ލަނޑެކެވެ. އަދި ރާއްޖޭން މި ހާފުގައި ލަނޑު ޖަހާނެ ފުރުސަތުތަކެއް ވެސް ހޯދި އެވެ. އެގޮތުން ފުރަތަމަ ހާފު ނިމިނިމި އޮއްވާ އެއްވަރުކުރުމާ ވަރަށް ގާތަށް ވެސް ދިޔަ އެވެ. ދެ ވަނަ ހާފުގައި ދެ ޓީމުން ވެސް އާ ކުޅުންތެރިންނަށް ފުރުސަތު ދިނެވެ. އެއާ އެކު، ދެ ވަނަ ހާފުގައި ޖޯޑަން އިން ކުޅުން ރަނގަޅުކޮށް ރާއްޖެ ކޮޅަށް ގިނަ ލަނޑުތަކެއް ވައްދާލީ އެވެ.

"މިދިޔަ ދުވަސްތަކުގެ މަސައްކަތުން، ރާއްޖޭގެ ކުޅުންތެރިން ވަރަށް ރަނގަޅަށް އެޓޭކް އުފައްދައިގެން ކުޅުނު. މުޅި މެޗުގެ ނަތީޖާއާ މެދު ހިތާމައެއް ނުކުރަން. މި ނަތީޖާ ބަދަލުކުރަން، ވަގުތު ނަގައިގެން މަސައްކަތްކޮށްގެން އިރާދަކުރެއްވިއްޔާ އެކަންކުރާނަން. ދެ އަހަރުގެ ތެރޭގައި، މި ނަތީޖާ އަނެއްކޮޅަށް އަނބުރާލެވޭ ވަރުގެ ޓީމެއް ތައްޔާރުކުރާނަން. އެއީ ޗެލެންޖަކީ،" ޓީސީ ސްޕޯޓްސް ކްލަބަށް ރާއްޖޭގެ ލީގު ޗެމްޕިއަންކަން މިދިޔަ ސީޒަނުގައި ހޯދައިދިން ނިޒާމްބެ ބުންޏެވެ.

މި ޓީމަށް އެެންމެ ފަހުން ކޯޗުކޮށްދިނީ އައްޑޫ ސިޓީގައި ބޭއްވި ޔުއެފާ އެސިސްޓް މުބާރާތުގައި އިބްރާހިމް ހަލީމް (ޖަޑާ) އެވެ. އެ މުބާރާތަށް ފަހު ޖަޑާގެ ބަދަލުގައި މި މަހުގެ 8 ވަނަ ދުވަހު ނިޒާމްބެއާ ޓީމާ ހަވާލުވި އެވެ.

ނިޒާމްބެގެ މައިގަނޑު ޓާގެޓަކީ މި ޓީމު 2023 ވަނަ އަހަރު ރާއްޖޭގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ތައްޔާރުކުރުމާއި އެދެމެދުން އަންނަ ސަރަހައްދީ މުބާރާތްތަކުން ރަނގަޅު ނަތީޖާ ނެރުމެވެ. ގަތަރާ މުބާރަތާ މި ކުރިމަތިލީ ނިޒާމްބެ ހަވާލުވިތާ ދެ ހަފުތާ ފަހުންނެވެ. ނިޒާމްބެ އޭރު ވެސް ބުނީ ކުރު މުއްދަތެއް އޮތުމުން މާބޮޑު ކަންތައްތަކެއް ހާސިލްނުކުރެވޭނެ ކަމަށާއި އެކަމަކު މިއޮތް ދުވަސްކޮޅުގައި ވެސް ވީ އެންމެ ރަނގަޅަކަށް ތައްޔާރުވެ އެ މުބާރާތުން ނެގެން އޮތް ފައިދާއެއް ނަގާނެ ކަމަށެވެ.

ރާއްޖޭން ކުރިން ރާވާފައި އޮތީ އިންޑިއާގައި ކުރިއަށްދާ 15 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި މި ޓީމު ވާދަކުރުވާށެވެ. އެކަމަކު ދެ މުބާރާތުގެ ތާރީހު ފުށުއަރާތީ ޓެކްނިކަލް ޑިޕާޓްމަންޓުގެ ލަފާގެ މަތިން ގަތަރު މުބާރާތުގައި ވާދަކުރަން ނިންމީ ދެކުނު އޭޝިއާގެ ޓީމުތަކަށް ވުރެ މި މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ފެންވަރު ރަނގަޅުވުމުން ރަނގަޅު މެޗުތަކެއް ލިބޭނެތީވެ އެވެ.

މުބާރާތުގައި ރާއްޖެ ކުޅޭ ދެ ވަނަ މެޗުގައި މާދަމާ އިންޑޮނީޝިއާ ދެކޮޅަށް ނުކުންނާނެ އެވެ. އަދި ފަހު މެޗުގައި ބުރާސްފަތި ދުވަހާ ގަތަރާ ވާދަކުރާނެ އެވެ.