ގައުމީ ކްރިކެޓް ޓީމުތަކަށް އިންޑިއާ އިން ތަމްރީން ފުރުސަތެއް

ރާއްޖޭގެ އަންހެން އަދި ފިރިހެން ގައުމީ ކްރިކެޓް ޓީމަށް އިންޑިއާގެ ޗެންނާއީގައި ތަމްރީން ހެދުމުގެ ފުރުސަތު ލިބިއްޖެ އެވެ.


ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިކަން ހަމަޖައްސައިދެއްވީތީ އިންޑިއާގެ ކްރިކެޓް ބޯޑާއި އެ ގައުމުގެ ސަރުކާރާއި އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރަށް ޝުކުރުއަދާކުރާ ކަމަށެވެ.

އިންޑިއާގެ ކްރިކެޓް ބޯޑާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި މަޝްވަރާގެ މަތިން އިންޑިއާ ބޯޑުގެ މަތީ ފެންވަރުގެ ވަފުދަކުން މިދިޔަ މެއި މަހު ރާއްޖޭގެ ކްރިކެޓުގެ ހާލަތު ބަލައި މަގުޗާޓެއް އެކުލަވާލައި އެއާ އެއްގޮތްވާ ގޮތުގެ މަތިން އެހީތެރިވެދޭން ނިންމި އެވެ. އަދި އިންޑިއާ ވަފުދުން އެނބުރި ގޮސް ރާއްޖޭގެ ޑިވެލޮޕްމަންޓަށް ރަނގަޅު ޕްރޮގްރާމެއް ތައްޔާރުކޮށްދިނުމުގެ އިތުރުން އިންޑިއާގެ މުބާރާތްތަކުގައި ރާއްޖެ އަށް ކުޅުމުގެ ފުރުސަތު ހޯދައިދޭން މަސައްކަތް ކުރަން ނިންމި އެވެ.

ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ކ) އާއި އިންޑިއާގެ ޔުވްރާޖް ސަލާމްކުރަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އިންޑިއާ ސަރުކާރުން ވަނީ ރާއްޖޭގައި ބައިނަލްއަގްވާމީ ކްރިކެޓް ސްޓޭޑިއަމެއް އަޅައިދޭން ވެސް ނިންމައިފަ އެވެ. ހުޅުމާލޭގައި އަޅާ އެ ސްޓޭޑިއަމާ އެކު ކްރިކެޓަށް ހާއްސަ ސްޓޭޑިއަމެއް ލިބުމުގެ އިތުރުން ބައިނަލްއަގްވާމީ މެޗުތައް ކުޅުމުގެ ފުރުސަތު ވެސް ތަނަވަސްވާނެ އެވެ. މީގެ އިތުރުން ދެ ގައުމުގެ މެދުގައި ކްރިކެޓް ސިލްސިލާތަކެއް ބާއްވަން ރާވައި އޭގެ ތެރެއިން ފުރަތަމަ ސިލްސިލާ އަށް އިންޑިއާގެ މަޝްހޫރު ތަރި ޔުވްރާޖް ސިންގް ހިމެނިގެން އެއާ އިންޑިއާ ޓީމު މި އަހަރު ރާއްޖެ އަ އެވެ. އެ ސިލްސާގެ މެޗެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ކުޅުއްވި އެވެ.

ކްރިކެޓްގައި ދުނިޔޭގެ ފެންވަރުގައި ވާދަކުރާ ގައުމުތަކެއް ހިމެނޭ ދެކުނު އޭޝިއާގައި އޮތް ރާއްޖޭގައި އަށްޑިހައިގެ އަހަރުތަކުން ފެށިގެން ނުވަދިހައިގެ އަހަރުތަކާ ހަމަޔަށް ކްރިކެޓުގެ ފޯރިގަދަ އެވެ. މަޝްހޫރު ގިނަ ކްލަބްތަކުގައި ކްރިކެޓް ޓީމެއް އޮވެ މުބާރާތްތަކުގައި ވާދަކުރިއިރު، މެޗުތައް ބަލަން ވެސް ގިނަ އަދަދަށް މީހުން ދެ އެވެ. އެކަމަކު ފަހަކަށް އައިސް ކްރިކެޓުގެ ފޯރިވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އެކަމަކު މިހާރު ވެސް ގަވާއިދުން މުބާރާތްތައް ބާއްވައި އަދި ގައުމީ ޓީމުން ވެސް ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަކުރެ އެވެ. ރާއްޖޭގެ ގައުމީ ޓީމުން ވަނީ އޭޝިއާގެ ކުރިއަރަމުން އަންނަ ގައުމުތަކުގައި ބޭއްވި ދެ މުބާރާތެއްގެ ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ.

މިދިޔަ ޖޫން މަހު މެލޭޝިއާ ކްރިކެޓް އެސޯސިއޭޝަނުން ބޭއްވި ބައިނަލްއަގްވާމީ ޓްރި-ނޭޝަންސް ޓީޓްވެންޓީ މުބާރާތުން ރާއްޖެ ވަނީ ދެ ވަނަ ހޯދައިފަ އެވެ.