ދިރާގު ރޯޑް ރޭސް: ދުވަން ކޯޗެއްގެ އެހީ ބޭނުންތަ؟

ދިރާގުން ހަމައެކަނި ހުޅުވާލަދިނީ، ދުވެލާނެ ރަނގަޅު ޕްލެޓްފޯމެއް ނޫނެވެ. މި މަހުގެ 20 ވަނަ ދުވަހު ހުޅުމާލޭގައި ބާއްވާ ދިރާގު މޯލްޑިވްސް ރޯޑްރޭހުގައި ދުވަން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ތަމްރީނުގެ ފުރުސަތު ވެސް މިވަނީ ފަހިކޮށްދީފަ އެވެ.


ދިރާގުގެ ކޯޗިން ޕާޓްނަރުންގެ ގޮތުގައި ހަމަޖައްސާފައިވާ ފަސް ކޯޗުން/ޓްރެއިނަރުން ހިލޭ ސާބަހަށް ދުވުންތެރިންނަށް ތަމްރީން ފޯރުކޮށްދޭނެ އެވެ. ރޭހަށް ރަޖިސްޓްރީވެފައިވާ ފަރަތްތަކުން ޖެހޭނީ ހަމައެކަނި ސޯޝަލް މީޑިއާ މެދުވެރިކޮށް ކޯޗުންނަށް މެސެޖެއްކޮށްލާށެވެ.

އޭގެ ތެރޭގައި ރާއްޖޭގެ އެންމެ ދުވެލި ބާރު އަދި އެންމެ ކާމިޔާބު ދުވުންތެރިޔާ ހަސަން ސާއިދު ވެސް ހިމެނެ އެވެ. ދިރާގު ބްރޭންޑް އެމްބެސެޑަރު ސާއިދު އޭނާގެ "ސާއިދު ސްޕޯޓްސް" މެދުވެރިކޮށް އަލަށް ދުވާ ދުވުންތެރިންނަށް ތަމްރީން ދޭނެ އެވެ.

އެތެންސް އޮތެންޓިކް މެރެތަންގައި 2017 ވަނަ އަހަރު ހުސްފައިގައި މެރެތަން ރޭހެއް ފުރިހަމަކުރި ކައިޝާ ސަލީމް (ކައި) ވެސް ހުރީ އެހީތެރިވާން ތައްޔާރަށެވެ. އޭނާ ފޯރުކޮށްދެނީ ދުވުމުގެ ކޯޗިން އާއި ސްޓްރެންތެނިން ތަމްރީނެވެ.

ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ އެއް އެތުލެޓިކްސް އެކަޑަމީ ކަމަށްވާ ކޭވައި ސްޕޯޓްސް އެކަޑަމީން 70 އަށް ވުރެ ގިނަ ދުވުންތެރިން ހިލޭ ތަމްރީންކޮށްދެ އެވެ. އެ އެކަޑަމީގެ ކޯޗުންނަކީ ރާއްޖެގެ ކުރީގެ މަޝްހޫރު ދުވުންތެރިޔާ ޔަޒްނީ ނަޝީދު (ޔަޒޫ) އާއި އޭނާގެ ފިރިމީހާ އަދި ކޯޗު ހަންގޭރީގެ ޗަބާ ކިސް އެވެ.

އާއްމުންގެ ތެރޭގައި ދުވުމުގެ ފޯރި އާލާކުރި އެކަކީ ނަސީރު އިސްމާއީލެވެ. ނުވަދިހައިގެ އަހަރުތަކުގައި ރާއްޖޭގެ ހުރި އެންމެ ބާރު ދުވުންތެރިޔާ ވަނީ އެތައް ދުވުންތެރިނެއް ތަމްރީންކޮށް ރޭސްތަކުގައި ވާދަކުރުވައިފަ އެވެ. އޭނާގެ ނަސީރު ސްޕޯޓްސް އެކަޑަމީގެ ތެރެއިން ދިރާގު ރޭހަށް 100 އަށް ވުރެ ގިނަ ދުވުންތެރިން ތަމްރީންކޮށްދޭން ހުރީ ތައްޔާރުގަ އެވެ.

ރޭހެއްގައި ވާދަކުރަން ހަމައެކަނި ބޭނުންވާނީ ދުވުމުގެ ތަމްރީންތަކެއް ނޫނެވެ. އެހެނިހެން ގޮތްގޮތުން ވެސް ފިޓްވާން ޖެހެ އެވެ. ފިޓްނަސް ޓްރެއިނަރު މުހައްމަދު ޝިނާޒް ދުވުންތެރިންނަށް ދޭނީ ސްޓްރެންތް އެންޑް އެންޑިއެރެންސް ޓްރެއިނިން އެވެ.

ޖުމްލަ 4000 ދުވުންތެރިން ބައިވެރިވެފައިވާ ދިރާގު ރޭހަކީ 2007 އިން ފެށިގެން ބާއްވަމުން އަންނަ އިވެންޓެކެވެ. މިއީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު، އެންމެ ގިނަ ދުވަސްވީ އަދި ބައިނަލްއަގްވާމީ ގޮތުން އެކްރެޑިޓްކޮށްފައިވާ ހަމައެކަނި ދިގު ދުވުމުގެ ރޭހެވެ. މި ފަހަރު ވަރަށް ގިނަ ގޮތްގޮތުން ހާއްސަ އެވެ. އެންމެ ފާހަގަކުރެވެނީ ފަސް ކިލޯމީޓަރު ދުވުމާއި 10 ކިލޯމީޓަރު ދެ ވަގުތެއްގައި އޮތުމެވެ. އެގޮތުން ހެނދުނު 6 ޖަހާއިރު ފަށާ 10 ކިލޯމީޓަރު ރޭހުގައި ދުވުމަށް ފަހު އެ ދުވަހު ހަވީރު 4:30 ފައި ފަށާ ފަސް ކިލޯމީޓަރު ރޭހުގައި ވެސް ދުވަން ފުރުސަތު ލިބޭނެ އެވެ. މާނައަކީ ސީރިއަސްކޮށް ދުވާ ދުވުންތެރިން ޓައިމިން އަށް ބަލައިގެން ހެނދުނު 10 ކިލޯމީޓަރު ދުވެލާފައި ހަވީރު އާއިލާއާ އެކު ފަން ރަންއެއްގެ ގޮތުގައި ހަވީރު ފަސް ކިލޯމީޓަރު ވެސް ދުވުމުގެ ފުރުސަތު އޮތުމެވެ.

މިއަހަރުގެ ރޭހުގެ ޝިޔާރަކީ ވެސް ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުވެ. އަދި ރޭހުގެ ރަޖިސްޓްރޭޝަނަށް ކޮންމެ ބައިވެރިޔަކު ދައްކާ 100ރ. އާއި ޑޮނޭޝަންގެ ގޮތުގައި އިތުރަށް ދޭ ފައިސާ ހަދިޔާކުރާނީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކަށެވެ. މި ރޭސް މެދުވެރިކޮށް ދިރާގުން ވަނީ 2018 ވަނަ އަހަރު 10 އެންޖީއޯ އަކަށް ޖުމްލަ 600،000ރ. ހަދިޔާކޮށްފަ އެވެ. އެއީ ދުވުންތެރިން ރެޖިސްޓްރޭޝަންގައި ދެއްކި ފައިސާ ނުވަތަ ޑޮނޭޝަނުގެ %100 ގެ އިތުރުން އެންމެ ގިނަ ދުވުންތެރިން ރެޖިސްޓްރޭޝަންގައި ހިޔާރުކުރި ފަސް ޖަމިއްޔާއަށް ދިރާގުން ހަދިޔާ ކުރި 200،000ރ. ގެ ފައިސާގެ އިނާމެވެ.