ޗައިނާ-ރާއްޖެ މެޗު: ވިއްކާނީ ތިން ހާހެއްހާ ޓިކެޓް

ވޯލްޑް ކަޕް ކޮލިފައިންގައި މި މަހުގެ 10 ވަނަ ދުވަހު މާލޭގައި ޗައިނާ އާއި ރާއްޖެ ކުޅޭ ފުޓްބޯޅަ މެޗަށް، ހާލަތުގެ ގޮތުން ވިއްކެން އޮތީ 3400 ޓިކެޓް ކަމަށް އެފްއޭއެމުން ބުނެފި އެވެ.


އެއީ ދަނޑުގެ ދެކުނު ފަރާތް (ސަހާރާ ފަޅި) އަދި އިރުމަތީ ފަރާތުގެ (ބޮޑުގޭޓް ފަޅި) ސިޑިބަރި ބޭނުންކުރުން ސަލާމަތީ ގޮތުން އެކަށީގެންނުވާ ކަމަށް ހައުސިން މިނިސްޓްރީން އެންގުމުން އެތަން ބަންދުކޮށްފައިވާތީވެ އެވެ. ބޭނުންކުރެވެން އޮތީ އުތުރު ފަރާތް (މަޖީދީ މަގު ފަޅި) ސިޑި ބަރި އާއި ހުޅަނގު ފަރާތް (ރޮސްޓަރަމް ފަޅި) އެވެ.

ގަލޮޅު ދަނޑަށް ކުޅިބަލަން މިހާރު މާގިނަ ބަޔަކު ނުވަންނާތީ އެ ދެ ސިޑި ބަރި ބޭނުންކުރުން ހުއްޓާލި ނަމަވެސް ފަރަގެއް ނާންނާނެ އެވެ. މިދިޔަ އަހަރު ބޫޓާނާ ދެކޮޅަށް ކުޅުނު މެޗާއި އޭގެ ކުރީ އަހަރު ބަންގްލަދޭޝާ ދެކޮޅަށް ގައުމީ ޓީމު ކުޅުނު މެޗަށް ވެސް މާގިނަ ބަޔަކު ނުވަދެ އެވެ. އެކަމަކު މިއީ ވޯލްޑް ކަޕް ކޮލިފައިންގެ މެޗަކަށް ވުމާއި ރާއްޖެއާ އިދިކޮޅަށް ނުކުންނަ ޗައިނާގައި ދުނިޔޭގެ ފެންވަރުގެ ބައެއް ކުޅުންތެރިން ތިބުމާ އެކު މި މެޗަށް އެކަށީގެންވާ އަދަދަކަށް ވަންނާނެ ކަމަށް އޮތީ ބެލެވިފަ އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ވިދާޅުވީ ގަލޮޅު ދަނޑުގެ މިހާރުގެ ޖާގައަށް ބަލައިގެން 3400 ޓިކެޓް ވިއްކާއިރު އޭގެ ތެރެއިން ބަޔެއް ޗައިނާ ސަޕޯޓަރުންނަށް އެލޮކޭޓްކުރާނެ ކަމަށެވެ. އެއީ ފީފާ ގަވާއިދުގެ ދަށުން ކުރަން ޖެހޭ ކަމެކެވެ.

އޭޝިއާގެ ގައުމުތަކަކީ ޓްރެވެލިން ސަޕޯޓަރުން އެހާ ގިނަ ގައުމުތަކަށް ނުވާތީ އިދިކޮޅު ޓީމަށް އެލޮކޭޓްކުރާ ޓިކެޓްތައް ނުވިކެ އެވެ. އެކަމަކު ޗައިނާ ތަފާތެވެ. މިއީ ޗައިނާ ޓޫރިސްޓުން ރާއްޖެ އަށް ގިނަ އަދަދަކަށް އަންނަ ދުވަސްވަރަކަށްވާތީއާ އެކު ވަރަށް ގިނަ ޓްރެވަލް އެޖެންޓުން އަންނަނީ ޓިކެޓަށް އެދެމުންނެވެ. ވޯލްޑް ކަޕް ކޮލިފައިންގައި 2001 ވަނަ އަހަރު މާލޭގައި ކުޅެ ރާއްޖެ އަތުން ޗައިނާ 1-0 އިން މޮޅުވި މެޗަށް އެ ގައުމުން ސަތޭކައެއްހާ ސަޕޯޓަރުން އަ އެވެ. މިހާރު ދެ ގައުމުގެ މެދުގައި ޑިރެކްޓް ފްލައިޓްތަކެއް އޮތުމާ އެކު އެ އަދަދު މި ފަހަރު ގިނަ ވާނެ ކަމަށް ބެލެވެ އެވެ.

އިޓަލީ އަށް 2006 ގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ކޯޗު މާސެލޯ ލިއްޕީގެ ކޯޗުކަމުގައި ރާއްޖެއާ ދެކޮޅަށް ކުޅެން އަންނަ ޗައިނާ ޓީމުގައި ސްޕެނިޝް ލީގުގެ އެސްޕަންޔޯލުގެ ފޯވާޑް ވޫ ލެއީ ހިމެނެ އެވެ. މީގެ އިތުރުން ޗައިނާ ދަރިކޮޅަކަށް ނިސްބަތްނުވެ އެ ގައުމީ ޓީމުން ޖާގަ ހޯދި ފުރަތަމަ ކުޅުންތެރިޔާ ކަމަށްވާ ބްރެޒިލަށް އުފަން އެލްކެސަން ވެސް ސްކޮޑުގައި ހިމެނެ އެވެ. ރާއްޖެ މެޗަކީ އޭނާ ޗައިނާގެ ޖާޒީގައި ކުޅޭނެ ރަސްމީ ފުރަތަމަ މެޗެވެ. މީގެ އިތުރުން ވެސް ދުނިޔޭގެ މަޝްހޫރު ބައެއް ތަރިންގެ ލޯ އަމާޒުވެފައިވާ ޗައިނީސް ސުޕަ ލީގުގައި ކުޅޭ މަޝްހޫރު ކުޅުންތެރިން ޗައިނާ ޓީމުގައި ހިމެނެ އެވެ.

މިއީ ރާއްޖެއާ ދެކޮޅަށް ގަލޮޅު ދަނޑުގައި ކުޅޭނެ އެންމެ ވަރުގަދަ އެއް ޓީމަށް ވާނެ އެވެ. ފާހަގަކޮށްލެވޭ އެހެން ޓީމުތަކުގެ ތެރޭގައި 1982 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި އިޓަލީ ކުޅުންތެރިން ހިމެނިގެން 1997 ގައި ރާއްޖެ އައި ކްލަބް އިޓާލިއާ ހިމެނެ އެވެ. މީގެ އިތުރުން 2002 ވަނަ އަހަރު އައި ޖަރުމަނުގެ ހާލާ ބާލިން އާއި 2004 ވަނަ އަހަރު އައި ދެކުނު ކޮރެއާ ހިމެނެ އެވެ. އޭގެ ދެ އަހަރު ކުރިން ވޯލްޑް ކަޕުގެ ހަތަރު ވަނަ ހޯދި ކޮރެއާ އިން ދުނިޔޭގެ ފެންވަރުގެ ތަރިންނާ އެކު އައި ނަމަވެސް ރާއްޖޭން ވަނީ އެ މެޗު 0-0 އިން އެއްވަރުކޮށް ދުނިޔޭގެ ސަމާލުކަން ހޯދައިފަ އެވެ.

ރާއްޖެ އާއި ބަންގްލަދޭޝް 2016 ވަނަ އަހަރު މާލޭގައި ކުޅުނު މެޗުގައި ލަނޑު ޖެހުމަށް ފަހު އަސަދުﷲ (ވ) އުފާފާޅުކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

އެ ހުރިހާ މެޗެއްގައި ވެސް ގަލޮޅު ދަނޑު އޮތީ ފުރިބާރުވެފަ އެވެ. މާލޭގައި 2000 ވަނަ އަހަރު ބޭއްވި ގޯލްޑަން ޖުބިލީ ފުޓްބޯޅަ މުބާރާތާ އެކު، ގައުމީ ޓީމުން އަމިއްލަ ދަނޑުގައި މެޗުތައް ކުޅުމުގެ ސަގާފަތް ފެށުނުއިރު، އޭރުން ފެށިގެން ފަހަކާ ޖެހެންދެއް ގައުމީ ޓީމުގެ ކޮންމެ މެޗަކަށް ދަނޑު ފުރެ އެވެ. އެގޮތުން އެ މުބާރާތާއު 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް އަދި 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕުގެ މެޗުތަކަށް ޑިމާންޑް ބޮޑުވެ ކަޅު ބާޒާރުގައި ވަރަށް ބޮޑުގައި ޓިކެޓް ވިއްކި އެވެ.

ދަނޑު މިހާރު ނުފުރޭތީ، ސިޑިބަރި ބަންދުކުރަން ޖެހުނަސް އެކަން އާއްމުންގެ ސަމާލުކަމަށް ނާދެ އެވެ. އެނގިފައިވާ ގޮތުގައި އެތަން މަރާމާތުކުރަން ކަމާބެހޭ ފަރާތްތަކުން އަންނަނީ މަޝްވަރާކުރަމުންނެވެ.

މި މައްސަލަ ދިމާވިއިރު ސްޕޯޓްސް މިނިސްޓަރުގެ މަގާމް ވަގުތީ ގޮތުން ފުރުއްވަމުން އައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ދަނޑުގެ ސިޑިބަރި ބަންދުކުރަން ޖެހުމަކީ، އެތަން ޒަމާނީކުރަން ލިބުނު ފުރުސަތެއްގެ ގޮތުގައި ބަލާނެ ކަމަށާއި އެގޮތުން އެކަމަށް ޕްލޭންތަކެއް ހަދައި އަމަލީ ސިފަ ގެންނަން މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވި އެވެ. އެކަމަކު އެއީ ސަރުކާރުގެ ބަޖެޓުގައި މިވަގުތު ހިމެނޭ ކަމަކަށްނުވާތީ މަސައްކަތްކުރައްވާނީ އެފްއޭއެމްއާ ގުޅިގެން ފީފާގެ އެހީން އެފަދަ ކަމެއް ކުރެވޭތޯ ކަމަށް ވެސް ވިދާޅުވި އެވެ.

ގަލޮޅު ދަނޑުގެ ނެޗުރަލް ގްރާސް ޕިޗަކީ ދުނިޔޭގެ ފެންވަރުން ވެސް ހާއްސަ ޕިޗަކަށް ވުމާ އެކު ދަނޑުގެ ސިޑިބަރިތިތައް ޒަމާނީ ކުރެވި ވަސީލަތްތައް ގާއިމްކުރެވިއްޖެ ނަމަ، ރާއްޖޭގެ ގައުމީ ފުޓްބޯޅަ ސްޓޭޑިއަމަކީ އާއްމުން އަނެއްކާ ވެސް ދާހިތްވާ ފަދަ ތަނަކަށް ހެދިދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ކުރީގެ ޗެއާމަން ވިދާޅުވެފައިވެ އެވެ.

ކުރިން އެތުލެޓިކްސް އާއި ކްރިކެޓަށް ވެސް ގަލޮޅު ދަނޑު ބޭނުންކުރި ނަމަވެސް ދެހާހުގެ އަހަރުތަކުން ފެށިގެން ދަނޑު މުޅިން ވެސް ބޭނުންކުރަނީ ފުޓްބޯޅަ އަށެވެ. އެކަމަކު މިނިވަން ދުވަހުގެ ހަރަކާތްތައް ބޭއްވުމަށާއި ބައެއް މިއުޒިކް ޝޯ ތަކަށް އަދިވެސް ދަނޑު ދޫކުރެ އެވެ.

ދަނޑުގެ އެންމެ ބޮޑު ސިޑިބަރި ބޭނުންކުރަން ހުއްޓާލަން މިޖެހުނީ ދާދި ފަހުން ގެނައި ބަދަލަކާ އެކު އެތަން ވެސް ހިމަނައިގެން ހުރިހާ ސިޑިބަރިއެއްގައި ގޮނޑި ޖަހައިފައިވަނިކޮށެވެ.

ބަންދުކުރި ސިޑިބަރިތަކުގެ ތެރެއިން ސަހާރާ ފަޅީގެ ސިޑިބަރި އަކީ ޒަމާނުއްސުރެ ވިކްޓްރީ ސްޕޯޓްސް ކްލަބުގެ ސަޕޯޓަރުން ތިބޭ ތަނެވެ. އަދި ބޮޑުގޭޓު ފަޅީގެ ސިބަރި އަކީ ކްލަބް ވެލެންސިއާގެ ސަޕޯޓަރުންނަށް ހާއްސަ ތަނެކެވެ. މަޖީދީ މަގު ފަޅީގެ ސިޑި ބަރި އަކީ ނިއު ރޭޑިއަންޓަށް ހާއްސަ ތަނެކެވެ. ފަހުން އެ އެތަނުގެ ހުޅަނގުކޮޅުގައި ހުއްރިއްޔާގެ ސަޕޯޓަރުން ތިއްބެވެ.