ތަޖުރިބާކާރު ސެޓަރު ބަޓިސް އަލުން ވޮލީ ކޯޓަށް

ސާދަ އަހަރަށް ފަހު މިދިޔަ އަހަރު ވޮލީ ކުޅުން ހުއްޓާލި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އިޝާން މުހައްމަދު (ބަޓިސް) މި ފަހަރުގެ އާލާ އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތުގައި ވާދަކުރާ ބަނޑޮސް ޓީމުގައި ހިމަނައިފި އެވެ.


އުމުރުން 31 އަހަރުގެ ބަޓިސް "މިހާރަ"ށް ބުނީ އެނބުރި އައީ އިންޓަ ރިސޯޓް މުބާރާތުގައި ކުޅެލަން ކަމަށެވެ.

"މި މުބާރާތުގައި ބަނޑޮހަށް ކުޅެން އައީ. އެއީ މި ޓީމަށް ކުރިން ވެސް ކުޅެފައި ހުރީމަ،" ރާއްޖޭގައި އުފެދުނު އެންމެ މޮޅު ސެޓަރު ބަޓިސް ބުންޏެވެ.

ޒުވާން އުމުރުގައި ވޮލީބޯޅައިގެ ތެރެއަށް ވަން ބަޓިސް ވޮލީ ކުޅުން ހުއްޓާލަން ނިންމީ 2017 ވަނަ އަހަރުގެ ސީޒަނަށް ފަހު އެވެ. އޭނާ ގައުމީ ޓީމާ އެކު އެންމެ ފަހުން ކުޅުނު މުބާރާތަކީ 2017 ވަނަ އަހަރު މާލޭގައި ބޭއްވި ސެންޓްރަލް ޒޯން މުބާރާތުގަ އެވެ. އެ ފަހަރުގެ ސީޒަނުގައި އޭނާ ފެނުނީ ވ. އަތޮޅުގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ނެރުނު ސީލައިފް ސްޕޯޓްސް ކްލަބުންނެވެ.

ވޮލީގެ ގިނަ ކުޅުންތެރިންތަކެކޭ އެއްގޮތަށް ވ އަތޮޅަށް ނިސްބަތްވާ ބަޓިސް ވަނީ މީގެ ކުރިން ވެސް އިންޓަ ރިސޯޓް މުބާރާތުގައި ބަނޑޮހަށް ކުޅެފަ އެވެ. ބަޓިސް އެންމެ ފަހުން އިންޓަ ރިސޯޓް މުބާރާތުގައި ކުޅެފައިވަނީ 2017 ވަނަ އަހަރު އަންނަންތަރާ ކިހާވަށް ވިލާސް އަށެވެ. އެ ފަހަރު ޑްރީމް ޓީމުގައި ވެސް ބަޓިސް ހިމެނުނުއިރު، އެ ފަހަރު ސޮނޭވާފުށި ބަލިކޮށް މުބާރާތުގެ ތަށި އުފުލާލީ އަަނަންތަރާ އިންނެވެ. މިދިޔަ އަހަރުގެ އިންޓަ ރިސޯޓް މުބާރާތް ކާމިޔާބުކުރީ ބަނޑޮހުންނެވެ.

2017 ވަނަ އަހަރުގެ އިންޓަ ރިސޯޓް މުބާރާތުގެ އެންމެ މޮޅު ސެޓަރުގެ ޓްރޮފީ ބަޓިސް (ކ)އާ ހަވާލުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ބަޓިސް ކުޅުން ހުއްޓާލިއިރު ވެސް އޭނާ ހުރީ ރަނގަޅު ލެވެލެއްގައި ކަމަށް ގިނަ ބަޔަކު އެއްބަސްވެ އެވެ. އަދި އޭނާ އަކީ އަދި ވެސް ތަފާތު ދެއްކޭނެ ކުޅުންތެރިއެއް ކަމަށް ވޮލީގެ ގިނަ ތަޖުރިބާކާރުން ގަބޫލުކުރެ އެވެ. އަދި މިހާރު ބަނޑޮހުން ރިސޯޓް މުބާރާތަށް ފަރިތަކުރަމުން އަންނައިރު، އަދި ވެސް ބަޓިސްގެ ފަރާތުން މޮޅު ކުޅުން ފެންނަ ކަމަށް އެ ޓީމުގެ ބައެއް ކުޅުންތެރިން ބުންޏެވެ.

ބަނޑޮސް ޓީމުގެ ކޯޗަކަށް ހުރީ ގައުމީ ވޮލީ ޓީމުގެ ހެޑް ކޯޗު މުހައްމަދު ސާޖިދު (ކާއްޓެ) އެވެ. އަދި އޭގެ އިތުރުން އެ ޓީމުގައި ގައުމީ ވޮލީ ޓީމުގެ ކުޅުންތެރިން ހިމެނެ އެވެ. އެ ގޮތުން ދާދި ފަހުން ގައުމީ ޓީމުން ރިޓަޔާކުރި އަހުމަދު އަބްދުލް ކަރީމް (ލޯންގޭ)ގެ އިތުރުން އެންމެ ފަހުން ސެންޓްރަލް ޒޯނަށް ދިޔަ ޓީމުގައި ހިމެނުނު އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ)، މުހައްމަދު އަހުސަން އަދި ޒުވާން ކުޅުންތެރިޔާ ހުސައިން ރަޒާން ވެސް ހިމެނެ އެވެ.

ރާއްޖޭގައި ކުރިއަށްދާ އެންމެ ފޯރިގަދަ ވޮލީބޯޅަ މުބާރާތަކީ ރިސޯޓް މުބާރާތެވެ. ޒޯންތަކެއްގެ މެދުގައި މުބާރާތް ކުޅުމަށް ފަހު ހުރިހާ ޗެމްޕިއަން ޓީމުތަކެއް ކުޅޭނީ ޒޯން ޗެމްޕިއަންސް ލީގުގަ އެވެ. މި ފަހަރުގެ އިންޓަ ރިސޯޓްގެ ކަންތައްތައް ބެލެހެއްޓުމުގެ ގޮތުން ވޮލީބޯލް އެސޯސިއޭޝަން (ވީއޭއެމް)ގެ ފަރާތުން ވަނީ ފަސް މެމްބަރުންގެ ސްޓިއަރިން ކޮމިޓީއެއް އެކުލަވާލައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ވީއޭއެމްގެ ކުރީގެ ސީނިއާ ނައިބު ރައީސް އަދި ކުޅުންތެރިޔާ މުހައްމަދު ރަނޭޝް (ރަނޭ)، ފަތުހުﷲ ވަހީދު (ފައްލޯ)، އަބްދުﷲ ރަޝީދު، އަހުމަދު ނަޝީދު އަދި އަބްދުލް ސަލާމް އެވެ.