ގައުމީ ޓީމުގެ ނިހާޓާއި ކީޕަރު ހުސެން ވިސާ ނުލިބި ލަންކާގައި

ވޯލްޑް ކަޕް ކޮލިފައިންގައި ބުރާސްފަތި ދުވަހު ގުއާމާ ދެކޮޅަށް ކުޅޭ މެޗުގެ ފައިނަލް ސްކޮޑުގައި ހިމެނުނު މިޑްފީލްޑަރު ހުސެއިން ނިހާން (ނިހާޓް) އާއި ގޯލްކީޕަރު ހުސެއިން ޝަރީފަށް ވިސާ ހަމަނުޖެހި ސްރީ ލަންކާގައި އެ ދެ ކުޅުންތެރިން ތާށިވެއްޖެ އެވެ.


ލަންކާގައި ގައުމީ ޓީމުން މިދިޔަ މަހު 14 ވަނަ ދުވަހު ކޭމްޕް ޖެހީ ގުއާމާ ދެކޮޅަށް އެ ގައުމުގައި ކުޅޭ މެޗަށް ދިއުމަށް ވިސާ ނެގުމަށެވެ. ގުއާމަށް ދިޔުމަށް އެމެރިކާ ވިސާ ނަގަން ދިގު މުއްދަތެއް ނަގާތީ ގައުމީ ޓީމުގެ ތަމްރީންތައް ލަންކާގައި ކުރިއަށްގެންދަން ނިންމީ އެވެ. ޓީމުގެ 21 ކުޅުންތެރިއަކު ގުއާމަށް ގޮސްފައިވާއިރު، ވިސާ ނުލިބި މި ވަގުތު ލަންކާގައި ތިބީ މާޒިޔާގެ ދެ ކުޅުންތެރިން ކަމަށްވާ ނިހާޓާއި ކީޕަރު ހުސެން އެވެ.

މިހާރު އޮތްގޮތުން މި ދެ ކުޅުންތެރިންނަށް މިއަދު ވިސާގެ ކަންތައްތައް ހަމަނުޖެހިއްޖެ ނަމަ މެޗު ކުޅޭ ވަގުތަށް ގުއާމަކަށް ނުދެވޭނެ އެވެ. ގުއާމަށް ދިގު ދަތުރެއް ކޮށްފައި ދާން ޖެހޭއިރު، ރާއްޖެ އާއި ގުއާމް ކުޅޭ މެޗު އޮންނާނީ ބުރާސްފަތި ދުވަހު މާލެ ގަޑިން ހެނދުނު 10:30 ގަ އެވެ. އެހެންވެ ނިހާޓާއި ހުސެއިން އަށް ގުއާމް މެޗަށް ދިއުމުގެ ކުޑަ ވެސް ފުރުސަތެއް އޮތީ މިއަދު ވިސާ ހަމަޖެހިގެންނެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) "މިހާރު" އަށް ވިދާޅުވީ އެމެރިކާގެ އެމްބަސީން ވިސާ ހަމަޖައްސައިދޭނެ ކަމަށް އަދިވެސް އިންތިޒާރުކުރަމުން އަންނަ ކަމަށާއި އެކަން ލަސްވާތީ އޭއެފްސީ އާއި ފީފާއާ ގުޅިގެން ވެސް މި ކަމަށް ހައްލެއް ހޯދުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

"މީގެ ވަކި ގޮތެއް ބުނާކަށެއް ނޭނގޭ. އެއީ މިކަމާ ބެހޭގޮތުން އެމްބަސީއާ ސުވާލުކުރުމުގެ ފުރުސަތެއް ވެސް ނެތް. އެ މީހުން މީގެ ކަންތައްތައް ހަމަޖައްސައިދޭނެ ވަގުތަކަށް ބަލަންޖެހޭނީ. މީގެ ހައްލެއް ހޯދަން އޭއެފްސީ އާއި ފީފާ އަށް ވެސް ލިޔެގެން މި ތިބީ،" ޖަވާ ވިދާޅުވި އެވެ.

ލަންކާގައި ތިބި ނަމަވެސް ނިހާޓާއި ކީޕަރު ހުސެއިންގެ ޓްރެއިނިން ކަންތައްތައް ކުރިއަށްދެ އެވެ. ކުޅުންތެރިންގެ ވިސާ އެޕޮއިންޓްމަންޓްތައް ވަކިވަކިން ހަމަޖެހުނުއިރު، ކޮންމެ ކުޅުންތެރިއަކަށް ވެސް ވިސާ ހަމަޖެހުނީ ވަރަށް އުނދަގުލުންނެވެ.

މީގެ ކުރިން ވެސް ގުއާމާ ދެކޮޅަށް އެކި ގައުމުތަކުން ކުޅުނު މެޗުތަކުގައި ވިސާ މައްސަލަ ޖެހިގެން ބައެއް ޓީމުތަކުގެ ކުޅުންތެރިންނަށް ނުކުޅެވިފައި އެބަހުއްޓެވެ. އެ ގޮތުން ތުރުކުމެނިސްތާނާއި އޮމާނުގެ ބައެއް ކުޅުންތެރިންނަށް މެޗު ނުކުޅެވިގެން ސްކޮޑަށް ބަދަލުތަކެއް ގެންނަން ޖެހުނު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

މިދިޔަ އަހަރު ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ޓީމުގައި މުހިއްމު ދައުރެއް އަދާކުރި ނިހާޓަކީ ފަހަކަށް އައިސް ގައުމީ ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. އަދި ކީޕަރު ހުސެން ވަނީ މިިދިޔަ އަހަރު މެލޭޝިއާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗާއި ދާދި ފަހުން ނިމިދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ މެޗެއްގައި ރާއްޖޭގެ ގޯލު ބަލަހައްޓައިފަ އެވެ.

ގުއާމާ ދެކޮޅަށް ކުޅޭ މެޗުގައި މާޒިޔާގެ މިޑްފީލްޑަރު އިބްރާހިމް ވަހީދު ހަސަން (އިއްބެ) ވެސް ނުކުޅެ އެވެ. އެއީ ބުރާސްފަތި ދުވަހު ހދ. ނޮޅިވަރަންފަރުން ފުރައިގެން ހަނިމަދޫ އަށް ދަތުރުކުރަނިކޮށް ލޯންޗެއް ބަންޑުން ޖަހާލި ހާދިސާގައި މަރުވި ފަސް މީހުންގެ ތެރޭގައި އިއްބެ ގެ އާއިލާ މެމްބަރުން ހިމެނޭތީ އޭނާ އާއިލާ މެމްބަރުންނާ އެކު ގިނަ ވަގުތު ހޭދަކުރުމަށް ޓީމުން ރިލީސްދީފައި ހުރުމުންނެވެ.