ދެ މެޗުން މޮޅުވެ ކްލަބް ވެމްކޯ ފައިނަލުގެ އުއްމީދުގައި

ސްރީ ލަންކާގައި ކުރިއަށްދާ 33 ވަނަ ތަރުނަސެވާ ރުޕަވަހިނީ ވޮލީބޯޅަ މުބާރާތުގެ އަންހެން ބައިގައި އިއްޔެ ކުޅުނު ދެ މެޗުން ރާއްޖޭގެ ކްލަބް ވެމްކޯ މޮޅުވެ މުބާރާތުގެ ފައިނަލަށް ދިއުމުގެ އުއްމީދު ބޮޑުކޮށްފި އެވެ.


ރާއްޖޭގެ 23 އަހަރުން ދަށުގެ އަންހެން ޓީމުގެ ބައެއް ކުޅުންތެރިންނާއި ސީނިއާ ޓީމުގެ ކުޅުންތެރިންގެ އިތުރުން އިންޑިއާގެ ދެ ކުޅުންތެރިންނާ އެކު އޮތް ކްލަބް ވެމްކޯ މުބާރާތުގެ ފުރަތަމަ މެޗުގައި ކުޅުނީ އެންމެ ފަހުގެ ޗެމްޕިއަން އެމްއޭއެސް ކެސުއަލިންއާ ދެކޮޅަށެވެ. އެ މެޗުން ވާދަޗެރު ކުޅުމަކަށް ފަހު ބަލިވީ 3-2 ސެޓުންނެވެ.

ފުރަތަމަ މެޗުން ބަލިވުމުން ވެމްކޯ އިން އިއްޔެގެ ދެ މެޗަށް ވެސް ނުކުތީ ވަރަށް ރަނގަޅަށް ތައްޔާރުވެގެންނެވެ. ނަތީޖާއެއްގެ ގޮތުން ދެ މެޗުން ވެސް މޮޅުވި އެވެ. އިއްޔެ ހެދުނު ވެމްކޯ މޮޅުވީ ނެޝަނަލް ޔޫތު ސާވިސް ކައުންސިލާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ. އަދި ރޭ ލަންކާގެ އާމީ އަތުން މޮޅުވީ 3-1 ސެޓުންނެވެ.

ވެމްކޯ ޓީމުގެ ކޯޗު އަހުމަދު އަދީލް (ބޭބެ) "މިހާރަ"ށް ބުނީ މެޗަކަށް ފަހު މެޗެއް ޓީމުގެ ކުޅުން ރަނގަޅުވަމުން އަންނަ ކަމަށާއި ފައިނަލުގެ އުއްމީދު އެބައޮތް ކަމަށެވެ.

"ފައިނަލުގެ އުއްމީދު ބޮޑު. އެކަމަކު މިއަދުގެ މެޗުތަކަށް ފަހު އެނގޭނީ. އެކަމަކު ދެން ކުޅޭ އެހެން މެޗުތަކަށްވާގޮތުން ވެސް ފުރުސަތެއް ލިބިދާނެ،" ބޭބެ ބުންޏެވެ.

ވެމްކޯ މިއަދު ކުޅޭ ލީގު ބުރުގެ ފަހު ދެ މެޗުގައި ކުޅޭއިރު ފުރަތަމަ މެޗުގައި ނުކުންނާނީ ލަންކާ ނޭވީއާ ދެެކޮޅަށެވެ. އަދި ދެ ވަަނަ މެޗުގައި ބައްދަލުކުރާނީ ލަންކާގެ އެއާފޯސްއާ އެވެ. އިއްޔެގެ މެޗުތަކަށް ފަހު ލީގު ބުރުގެ އެއް ވަނައިގައި މި ވަގުތު އޮތީ ވެމްކޯ އެވެ. އެއީ ތިން މެޗުން ހަތް ޕޮއިންޓާ އެކު އެވެ.

މުބާރާތަށް ދިއުމުގެ ކުރިން ބޭބެ ބުނީ މިއީ ރާއްޖޭގެ ކުޅުންތެރިންނަށް ކުޅެލަން ލިބޭ ވާދަވެރި ރަނގަޅު މެޗުތަކެއް ކަމަށާއި މީގެ ސަބަބުން ކުޅުންތެރިންނަށް ވަރަށް ބޮޑަށް ފައިދާކުރާނެ ކަމަށެވެ. އެއީ ލަންކާ އަކީ ވޮލީގައި ރަނގަޅު ކުޅުންތެރިންތަކެއް އުފެދޭ ގައުމަކަށް ވެފައި އެ ޓީމުތަކުގެ ކުޅުން ރަނގަޅުވުމެވެ.

ވެމްކޯ ޓީމުގައި ހިމެނޭ ފާހަގަކޮށްލެވޭ ކުޅުންތެރިންނަކީ ރާއްޖޭގެ އެންމެ މޮޅު އަންހެން ވޮލީ ކުޅުންތެރިޔާގެ މަގާމު މީގެ ކުރިން ހޯދި ގައުމީ ޓީމުގެ ސެޓަރު ޖޫޒާން ޒަރީރުގެ އިތުރުން ގައުމީ ޓީމުގެ ކުޅުންތެރިޔާ އައިމިނަތު އަރީޝާ އާއި އައިމިނަތު ރިޔާޝާ އަދި މަރިޔަމް އަޒުމާ އެވެ. އަދި މިދިޔަ އަހަރުގެ އެންމެ އުއްމީދީ އަންހެން ވޮލީ ކުޅުންތެރިޔާގެ މަގާމު ހޯދި އަމިނަތު ޝަހާ ޝާމިންގެ އިތުރުން ޒުވާން އެހެން ދެ ކުޅުންތެރިން ކަމަށްވާ ހަމްނާ ހުސެއިން އަލީ ދީދީ އަދި ޝަމްހާ ރިޔާޒް ހިމެނެ އެެވެ. މީގެ އިތުރުން އިންޑިއާގެ ދެ ކުޅުންތެރިން ކަމަށްވާ ނިރްމަލާ އާއި ސަރޯޖް ކުމާރީ ހިމެނެ އެވެ.

މުބާރާތުގައި މިހާތަނަށް ކުޅުނު މެޗުތަކުން ރާއްޖޭގެ ގުޑީސް ސްޕޯޓްސް ކްލަބަށް އަދި މޮޅެއް ނުލިބެ އެވެ. އިއްޔެ ބަލިވީ ސިލޯން އިލެކްޓްރިކް ސިޓީ ބޯޑާއި ލަންކާ އެއާފޯސް އަތުންނެވެ.

މި ފަހަރުގެ ވޮލީ ސީޒަނުގެ ފުރަތަމަ މުބާރާތް ކަމަށްވާ އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ހޯދީ ވެމްކޯ އިންނެވެ. ވެމްކޯ އާއި ގުޑީސް މި މުބާރާތުގައި ކުޅެނީ އެ ދެ ކްލަބުން އަމިއްލަ އަށް ހޯދި ފުރުސަތެއްގަ އެވެ.