ޓީމުގެ ހާލަތު ރަނގަޅެއް ނޫން: ސެގާޓް

ވޯލްޑް ކަޕް ކޮލިފައިންގައި މާދަމާ ގުއާމާ ދެކޮޅަށް ކުޅޭއިރު ޓީމުގެ ހާލަތު އެހާ ރަނގަޅު ނޫން ކަމަށާއި އެކަމަކު ނަތީޖާ އަކަށް އުއްމީދުކޮށް ޓީމު އޮތީ މެޗަށް ތައްޔާރަށް ކަމަށް ގައުމީ ކޯޗު ޕީޓަ ސެގާޓް ބުނެފި އެވެ.


ގުއާމަށް ދިއުމަށް އެމެރިކާ ވިސާ ނަގަން ސްރީ ލަންކާގައި ދިގު މުއްދަތަކަށް ތިބެން ޖެހޭތީ ގައުމީ ޓީމު މިދިޔަ މަހުގެ 14 ވަނަ ދުވަހުން ފެށިގެން އޮތީ އެ ގައުމުގައި ކޭމްޕްކޮށްފަ އެވެ. ލަންކާގައި ޕްރެކްޓިސް ކުރަމުން ދިޔައިރު ގުއާމަށް ދިޔުމަށް ވިސާ ނަގަން ކޮންމެ ކުޅުންތެރިއަކު ދިޔައީ ވަކިވަކިންނެވެ. އެ ގޮތަށް ދިޔައިރު، ގައުމީ ޓީމުގެ ދެ ކުޅުންތެރިން ކަމަށްވާ މިޑްފީލްޑަރު ހުސެއިން ނިހާން (ނިހާޓް) އާއި ގޯލްކީޕަރު ހުސެއިން ޝަރީފް (ހުސެން) އަސް ވިސާ ހަމަނުޖެހިގެން މިހާރު އެ ދެ ކުޅުންތެރިން މާލެ އަންނަން ވަނީ ނިންމައިފަ އެވެ.

ބެލެވިފައި އޮތީ އެ ގައުމުގައި ތިބޭ އިރު މެޗެއް ނުވަތަ މެޗުތަކެއް ވެސް ކުޅޭނެ ކަމަށެވެ. އެކަމަކު ގުއާމާ ދެކޮޅަށް ގައުމީ ޓީމު ކުޅޭނީ ޕްރެކްޓިސް މެޗެއް ނުކުޅެ އެވެ. ރާއްޖޭން ލަންކާގައި ޕްރެކްޓިސް ފެށިތާ ދެ ދުވަސް ތެރޭ އެ ގައުމުން ވަނީ ރާއްޖެއާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅެން ހުށަހަޅައިފަ އެވެ. އެކަމަކު ގައުމީ ކޯޗު ސެގާޓް އެ ފުރުސަތު ދޫކޮށްލީ އެހާ ރަނގަޅު ޕްރެކްޓިސްތަކެއް ނުކޮށް ވާދަވެރި މެޗެއް ކުޅެން ބޭނުންނުވާތީ އެވެ.

ގުއާމް މެޗުގެ ކުރިން މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސެގާޓް ބުނީ ގުއާމަށް އިހުތިރާމް ކުރާ ކަމަށާއި އެކަމަކު މެޗު ކުޅެން ޖެހެނީ އެންމެ ބޭނުންވާ ހާލަތުގައި ތިބެ ނޫން ކަމަށެވެ.

"އެންމެ ރަނގަޅު ހާލަތުގައި ތިބެ މި މެޗު ކުޅެލަން ނުލިބުނު. އެކަމަކު އަހަރެމެން ގުއާމަށް އިހުތިރާމްކުރަން. މިހާލަތުގައި ވެސް އަހަރެމެންގެ ހުރި ހުރިހާ ކަމެއް ބޭނުންކޮށްގެން ވެސް ތައްޔާރުވުން އޮތީ،" ސެގާޓް ބުންޏެވެ.

ރާއްޖޭން މި ފަހަރުގެ ވޯލްޑް ކަޕް ކޮލިފައިން އަށް ކުރިމަތިލާއިރު އަމާޒުހިފާފައިވަނީ 2023 ވަނަ އަހަރުގެ އޭޝިއަން ކަޕަށް ކޮލިފައިވުމަށެވެ. އެ އަމާޒަށް ވާސިލްވާނަމަ ކޮލިފައިން ގްރޫޕްގައި ގުއާމާއި ފިލިޕީންސާ ދެކޮޅަށް ކުޅޭ މެޗުތަކުން ނަތީޖާ ނެރުން މުހިއްމެވެ. މި ގްރޫޕްގައި އެންމެ ވަރުގަދަކޮށް އޮތީ ސީރިއާ އާއި ޗައިނާ އެވެ.

ސެގާޓް ބުނީ ދަނޑު ބޭރުގައި ހިނގާދިޔަ ބައެއް ކަންތައްތަކުން ޓީމުގެ ތައްޔާރީތަކަށް އަސަރުތަކެއް ކުރި ކަމަށެވެ. އެ ގޮތުން ޓީމުގެ އެންމެ މުހިއްމު އެއް މިޑްފީލްޑަރު އިބްރާހިމް ވަހީދު ހަސަން (އިއްބެ) އަށް ނުކުޅެވޭކަން ސެގާޓް ފާހަގަކުރި އެވެ. އިއްބެ ނުކުޅެނީ މިދިޔަ ބުރާސްފަތި ދުވަހު ހދ. ނޮޅިވަރަންފަރުން ފުރައިގެން ހަނިމަދޫ އަށް ދަތުރުކުރަނިކޮށް ލޯންޗެއް ބަންޑުން ޖަހާލި ހާދިސާގައި މަރުވި ފަސް މީހުންގެ ތެރޭގައި އިއްބެ ގެ އާއިލާ މެމްބަރުން ހިމެނޭތީ އޭނާ އާއިލާ މެމްބަރުންނާ އެކު ގިނަ ވަގުތު ހޭދަކުރުމަށް ޓީމުން ރިލީޒްދީފައި ހުރުމުންނެވެ.

"ދިރިއުޅުމުގައި ފުޓްބޯޅަ އަށް ވުރެ މުހިއްމު ބައެއް ކަންތައްތައް ހުންނާނެ. އަހަރެމެންގެ ޓީމު އޮތީ އިއްބެއާ އެކު. ޔަގީނުންވެސް މި މެޗު މި ކުޅެނީ ރާއްޖޭގެ އެންމެ މޮޅު ޓީމެއް ނޫން. އެކަމަކު އެ ވާހަކަތައް ދެއްކުމަށް ވުރެ މެޗަށް ތައްޔާރުވެ މަސައްކަތްކުރަން ބޭނުންވަނީ،" ސެގާޓް ބުންޏެވެ.

ސެގާޓް ވަނީ ވިސާ ލިބުމުގައި ލިބުނު ދަތިތަކުގެ ސަބަބުން ތައްޔާރީތަކަށް ވަރަށް ބޮޑަށް ހިޔަނި އެޅިފައިވާ ކަމަށް ބުނެފަ އެވެ. ވިސާ ކަންތައްތައް ކުރިން ހަމަޖެހިއްޖެނަމަ މެލޭޝިއާގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަކުރާ ގޮތަށް އޮތީ މަޝްވަރާކުރެވިފަ އެވެ. އެކަމަކު ފަހުން އެ ނިންމުން ބަދަލުކުރީ ވިސާ ކަންތައްތައް ހަމަނުޖެހޭތީ އެވެ.

ގުއާމަކީ އަމިއްލަ ގައުމުގައި ކުޅޭއިރު ވަރަށް ރަނގަޅަށް ކުޅޭ ގައުމެއް ކަމަށާއި މިދިޔަ އަހަރުތަކަށް ބަލާއިރު ގުއާމުގެ އެންމެ ރަނގަޅު ނަތީޖާތައް ނެރެފައިވަނީ އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނުއިރުކަން ސެގާޓް ފާހަގަކުރި އެވެ. އަދި ބޫޓާން އަތުން 5-0 އިން މޮޅުވެ ގުއާމް އޮތީ މި މެޗަށް ރަނގަޅު ފޯމެއްގައިކަމަށާއި މެޗު ޓާފް ދަނޑެއްގައި ކުޅޭއިރު ދެ ޓީމަށް ވެސް އެޑްވާންޓޭޖްތަކެއް ހުރިކަން ފާހަގަކުރި ސެގާޓް ފާހަގަކުރި އެވެ.

ގުއާމްގެ ކެޕްޓަން ޖޭސަން ކަންލީފް ބުނީ ރާއްޖޭގެ ކުޅުންތެރިންނަށް ގުއާމަށް އަންނަން އުފުލަންޖެހުނު ބުރައާ މެދު ހިތާމަކުރާކަމަށާއި އެކަމަކު ވާދަވެރި މެޗަކަށް ނުކުންނައިރު ގުއާމުން މެޗުގެ 90 މިނިޓް ތެރޭގައި ހުރިހާ ފޯކަސް އެއް ހުންނާނީ ނަތީޖާ ނެރުމަށް ކަމަށާއި އެކަން ކުރެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.

ރާއްޖެއާ ދެކޮޅަށް ފުރިހަމަ އެޑްވާންޓޭޖް ނަގާނެ ކަމަށް ގުއާމްގެ ކޯޗު އޮސްޓްރޭލިއާގެ ކުރީގެ ޑިފެންޑަރު ކާލް ޑޮޑް ވަނީ ބުނެފަ އެވެ.

ގުއާމްގައި ރާއްޖޭގެ ސްކޮޑުގެ 21 ކުޅުންތެރިން ތިބިއިރު، މި ފަހަރު ސީނިއާ ޓީމުގައި ވަނީ މުޅިން އަލަށް ދެ ކުޅުންތެރިން ހިމެނެ އެވެ. އެއީ ދަ ގްރާންޑޭގެ އަޔާޒު އަހުމަދު (އަޔާ) އާއި 19 އަހަރުން ދަށުގެ ގައުމީ ޓީމާއި ށ. ފޯކައިދޫގެ ފޯވާޑް ހަސަން ނަޒީމް (ޗޯޓު) އެވެ. އެކަމަކު މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި އަލީ އަޝްފާގު (ދަގަނޑޭ) އަށް ފުރުސަތު ނުދޭތީ ކޯޗު ސެގާޓަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ. ދަގަނޑޭގެ އިތުރުން ތަޖުރިބާކާރު ދެ ކުޅުންތެރިން ކަމަށްވާ މުހައްމަދު އާރިފް (ބަކާ) އާއި މުހައްމަދު އުމެއިރު ވެސް ނުހިމަނަ އެވެ. އަދި މިދިޔަ އަހަރުގެ އެންމެ އުއްމީދީ ކުޅުންތެރިޔާ ހަސަން ރާއިފް (ހަންނަ) ވެސް ނުނަގަ އެވެ. މި ފަހަރުގެ ސްކޮޑުގައި ހިމެނުނު ނަމަވެސް އަމިއްލަ ސަބަބަކާ ހުރެ އީގަލްސްގެ އަހުމަދު ރިޒުވާން (ރިޒޭ) އާއި އަލީ ފާސިރު (ސެންޓޭ) ޓީމާ އެކު ނުދެ އެވެ.

ގުއާމްގެ ދަނޑުގައި މާދަމާ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން ހެނދުނު 10:30 ގަ އެވެ.