މޮޅެއް ހައްގު، މިއީ ޒުވާން ކުޅުންތެރިންނަށް ފެށުމެއް: ކޯޗު

ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ރަށުން ބޭރުގައި ގުއާމް އަތުން 1-0 އިން މޮޅުވިއިރު ލިބުނީ ހައްގު މޮޅެއް ކަމަށާއި މިއީ ޓީމުގައި ތިބި ޒުވާން ކުޅުންތެރިންނަށް ރަނގަޅު ފެށުމެއްގެ ގޮތުގައި ދެކޭ ކަމަށް ގައުމީ ކޯޗު ޕީޓަ ސެގާޓް ބުނެފި އެވެ.


މިއީ މިދިޔަ އަހަރު ސެޕްޓެމްބަރު 15 ވަނަ ދުވަހު ކުޅުނު ސާފް ޗެމްޕިއަންޝިޕް ފައިނަލް މެޗަށް ފަހު ރާއްޖެ އަށް މޮޅުވެވުނު ފުރަތަމަ މެޗެވެ. އޭގެ ފަހުން މެލޭޝިއާއާ ދެކޮޅަށް މިދިޔަ ނޮވެމްބަރު މަހު ކުޅުނު އެކުވެރިކަމުގެ މެޗާއި މި އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖެ ނިންމާލީ މޮޅެއް ނުހޯދަ އެވެ. އޭޝިއަން ކަޕަށް ކޮލިފައިވުމުގެ އަމާޒުގައި މި ފަހަރުގެ ކޮލިފިކޭޝަން ރާއްޖޭން ފެށިއިރު، ރާއްޖޭގެ ކޯޗު ޕީޓަ ސެގާޓަށް ހުރީ ކޮންމެވެސް ވަރެއްގެ ޕްރެޝަރެއްގަ އެވެ. އެއީ މި ވަގުތު ފޯމުގައި ތިބި ސީނިއާ ގިނަ ކުޅުންތެރިން ނުނަގާތީ އާންމުންގެ ފާޑުކިޔުން ބޮޑުވެފައިވާތީ އެވެ.

ގުއާމާ ދެކޮޅަށް ރާއްޖޭން ތައްޔާރުވާން ޖެހުނީ އުނދަގޫ ހާލަތެއްގަ އެވެ. ގުއާމަށް ދިއުމަށް އެމެރިކާ ވިސާ ނަގަން ސްރީ ލަންކާގައި ދިގު މުއްދަތަކަށް ތިބެން ޖެހޭތީ ގައުމީ ޓީމު މިދިޔަ މަހުގެ 14 ވަނަ ދުވަހުން ފެށިގެން އޮތީ އެ ގައުމުގައި ކޭމްޕްކޮށްފަ އެވެ. ލަންކާގައި ޕްރެކްޓިސް ކުރަމުން ދިޔައިރު ގުއާމަށް ދިޔުމަށް ވިސާ ނަގަން ކޮންމެ ކުޅުންތެރިއަކު ދިޔައީ ވަކިވަކިންނެވެ. އެ ގޮތަށް ދިޔައިރު، ގައުމީ ޓީމުގެ ދެ ކުޅުންތެރިން ކަމަށްވާ މިޑްފީލްޑަރު ހުސެއިން ނިހާން (ނިހާޓް) އާއި ގޯލްކީޕަރު ހުސެއިން ޝަރީފް (ހުސެން) އަސް ވިސާ ހަމަނުޖެހިގެން މެޗަށް ނުދެވެ އެވެ.

ގުއާމް މެޗުގެ ކުރިން ސެގާޓް ބުނީ ރާއްޖެ އޮތީ ރަނގަޅު ހާލަތެއްގައި ނޫން ކަމަށާއި އެހެން ނަމަވެސް ތިބި ކުޅުންތެރިންނާ އެކު ރަނގަޅަށް މަސައްކަތްކޮށްގެން މޮޅުވާން ބޭނުން ކަމަށެވެ.

"މޮޅުވީ ރަނގަޅަށް މޮޅަށް ކުޅުނު ޓީމު. އަހަރެމެން އުނދަގޫ ހާލަތެއްގައި އޮވެ ވިޔަސް ހޯދީ ހައްގު މޮޅެއް. މިއީ ރަނގަޅު މެޗެއް. އަހަރެމެން ބޭނުންވީ މިދިޔަ އަހަރު ސާފް ސުޒުކީ ކަޕްގެ ތަށި ހޯދިއިރު ކުޅުނު އެޓޭކިން ފުޓްބޯޅަ ކުޅެން. އެއީ އަބަދުވެސް އަހަރެންގެ ވިސްނުމަކީ،" މެޗަށް ފަހު ސެގާޓް ބުންޏެވެ.

"މި ސްޓައިލާ އެކު މި ކުޅުންތެރިން ވޯލްޑް ކަޕް ކޮލިފައިންގެ މެޗަކުން މޮޅުވުމަކީ މިއީ މި ޓީމުގައި ތިބި ޒުވާން ކުޅުންތެރިންނަށް ވެސް ފެށުމެއް."

މިއަދުގެ މެޗުގައި ރާއްޖޭން ވަނީ 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ފޯވާޑް ހަސަން ނަޒީމް (ޗޯޓް) ކުޅެން އަރުވައިފަ އެވެ. މިއީ ސީނިއާ ގައުމީ ސްކޮޑެއްގައި ހިމެނިގެން އޭނާ މެޗެއް ކުޅުނު ފުރަތަމަ ފަހަރެވެ. ސެގާޓް ބުނީ އެ ފަދަ ކުޅުންތެރިން ލައިގެން އޭނާ ކުރިއަށްދާން ބޮޑު އުއްމީދެއް ކުރާ ކަމަށެވެ.

"18 އަހަރުގެ ކުޅުންތެރިން އަރައި ގައުމީ ޓީމަށް ކުޅޭއިރު މީގެ އަހަންނަށް ވެސް ކުރެވޭ އުއްމީދުތަކެއް އެބަހުރި." ކުރިން އަފްގާނިސްތާން ޓީމަށް ކޯޗުކޮށްދިން ސެގާޓް ބުންޏެވެ.

ގުއާމް ކޮޅަށް ރާއްޖޭގެ ގޯލު ޖެހި ފޭދޫ އިއްބެ (ކ) އާއި އިއްބެ: ލަންކާ ޓްރެއިނިން ކޭމްޕް ފުރުމުގެ ކުރިން. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ގުއާމް މެޗަށް ރާއްޖޭން ތައްޔާރުވަމުން އަންނަނިކޮށް ދިމާވި އެންމެ ބޮޑު ކަންބޮޑުވުމަކީ ޓީމުގެ އެންމެ މުހިއްމު އެއް މިޑްފީލްޑަރު އިބްރާހިމް ވަހީދު ހަސަން (އިއްބެ) އަށް މި މެޗުގައި ނުކުޅެވުމެވެ. އިއްބެ ނުކުޅެނީ މިދިޔަ ބުރާސްފަތި ދުވަހު ލޯންޗެއް ބަންޑުން ޖަހާލި ހާދިސާގައި މަރުވި ފަސް މީހުންގެ ތެރޭގައި އިއްބެ ގެ އާއިލާ މެމްބަރުން ހިމެނޭތީ އޭނާ އާއިލާ މެމްބަރުންނާ އެކު ގިނަ ވަގުތު ހޭދަކުރުމަށް ޓީމުން ރިލީޒްދީފައި ހުރުމުންނެވެ.

މެޗުގެ ކުރިން ވެސް ޓީމުގެ އެންމެ ބޮޑު އުއްމީދަކަށްވެފައި އޮތީ މި މެޗު އިއްބެ އާއި އޭނާގެ އާއިލާ އަށް ޓަކައި ވެސް ކާމިޔާބުކުރުމެވެ. ރާއްޖޭގައި މި ވަގުތު ހުރި އެންމެ ޑިސިޕްލިން އެއް ކުޅުންތެރިޔާ އިއްބެ ވަނީ އޭނާގެ އާއިލާ އަށް ފުޓްބޯޅަ އާއިލާގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރު އަދާކޮށްފަ އެވެ. އަދި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ގުއާމް އަތުން ލިބުނު މޮޅު އިއްބެގެ އާއިލާ އަށް ހާއްސަކޮށްފަ އެވެ.

ގުއާމްގެ ކޯޗު އޮސްޓްރޭލިއާގެ ކާލް ޑޮޑް ބުނީ އޭނާގެ ޓީމަށް ރަނގަޅަށް ނުކުޅެވުނު ކަމަށާއި ހުރަހަކަށްވީ ރާއްޖޭގެ ކުޅުންތެރިން އަވަސްވެފައި ޓެކްނިކަލީ ރަނގަޅުވުން ކަމަށެވެ. އަދި މެޗުގައި ހެދުނު ހަމައެކަނި މިސްޓޭކުން އެ ޓީމު ކޮޅަށް ލަނޑެއް ވަނުމުން އަލުން މެޗުގެ ތެރެއަށް އަންނަން އުނދަގޫވި ކަމަށް ޑޮޑް ބުންޏެވެ.

ކޮލިފައިންގައި މި ގްރޫޕްގެ އަނެއް މެޗުގައި މިރޭ ފިލިޕީންސް އަމިއްލަ ދަނޑުގައި ނުކުންނާނީ ސީރިއާއާ ދެކޮޅަށެވެ. ފަސް ޓީމު ކުޅޭ މި ގްރޫޕްގައި ދެން އޮތް ޗައިނާ ކުޅޭ ފުރަތަމަ މެޗަށް ވެގެންދާނީ އަންނަ އަންގާރަ ދުވަހު މާލޭގައި ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗެވެ. އެ ދުވަހު ގުއާމްގައި ކުޅޭ މެޗުގައި އެ ޓީމާ ބައްދަލުކުރާނީ ފިިލިޕީންސް އެވެ.