ދޮޅު އަހަރަށް ފަހު ދަގަނޑޭ ގައުމީ ޓީމަށް ނަގައިފި

މިދިޔަ އަހަރުގެ މާޗު މަހު ގައުމީ ޓީމުން ވަގުތީ ގޮތުން ވަކިކުރުމަށް ފަހު މިހާތަނަށް ފުރުސަތެއް ނުދީ ހުރި، ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) އަށް ދޮޅު އަހަރު ފަހުން ގައުމީ ޓީމުން ޖާގަ ދީފި އެވެ.


އޭނާ ހިމަނާފައިވަނީ ވޯލްޑް ކަޕް ކޮލިފައިންގައި އަންގާރަ ދުވަހު މާލޭގައި ޗައިނާއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗުގެ ސްކޮޑަށެވެ. އެ މެޗަށް ގައުމީ ޓީމު މިރޭ ހޮޓެލް ޖެންގައި ކޭމްޕްކުރިއިރު ދަގަނޑޭ ވަނީ ޓީމާ ގުޅިފަ އެވެ. އަދި މާދަމާ ބާއްވާ ގައުމީ ޓީމުގެ ޕްރެކްޓިހުގައި ވެސް ދަގަނޑޭ ބައިވެރިވާނެ އެވެ.

ދަގަނޑޭ އަށް ގައުމީ ކޯޗު ޕީޓާ ސެގާޓް ޓީމުން ފުރުސަތު ނުދޭން ފެށީ މިދިޔަ އަހަރު ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސަށް ހާޒިރުނުވުމުން އަދަބެއްގެ ގޮތުންނެވެ. އޭގެ ފަހުން ގައުމީ ޓީމު ކުޅުނު ނުވަ މެޗުން ފުރުސަތެއް ނުދެ އެވެ. އެއީ މިދިޔަ އަހަރު އޭޝިއަން ކަޕުގައި ބޫޓާނާ ދެކޮޅަށް ކުޅުނު މެޗާއި ސާފް ސުޒުކީ ކަޕުގައި ކުޅުނު ހަތަރު މެޗާއި މެލޭޝިއާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗަކާއި މި އަހަރު އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ކުޅުނު ތިން މެޗެވެ. ފަހުން ފަހުން އޭނާ އަށް ފުރުސަތު ނުދޭ ސަބަބެއް އޮތީ ނޭގުމެއްގެ ތެރޭގަ އެވެ.

އޭނާ އަށް ފުރުސަތު ނުދޭ މައްސަލައިގައި ކޯޗު ސެގާޓް އެކި ފަހަރު ދައްކަނީ އެކި ވާހަކަތަކެވެ. އެންމެ ފަހުން ބުނީ ކޮލިފިކޭޝަންތައް އެއްކޮށް ނިމޭއިރު ދަގަނޑޭ އާއި މުހައްމަދު އާރިފް (ބަކާ) ފަދަ ކުޅުންތެރިންގެ 38 އަހަރުވާނެ ކަމަށާއި އެއީ މާދޮށީ އުމުރެއް ކަމަށެވެ.

އުމުރުން 34 އަހަރުގެ ދަަގަނޑޭ ނެތި މިދިޔަ އަހަރު ރާއްޖޭން ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ނަމަވެސް، ޒުވާން ސްކޮޑުގެ ތެރެއަށް ދަގަނޑޭ ފަދަ ތަޖުރިބާކާރު ބައެއް ކުޅުންތެރިން އިތުރުކޮށްފި ނަމަ ވަރުގަދަ ޓީމެއް ބިނާކުރެވޭނެ ކަމަށް ތަޖުރިބާކާރުން ދެކެ އެވެ. އެގޮތުން ޒުވާން ކުޅުންތެރިންނަށް ބައިނަލްއަގުވާމީ ލެވެލްގައި ރަނގަޅު ކުޅުމެއް ދެއްކުމަށް ތަޖުރިބާކާރު ކުޅުންތެރިންގެ އެހީތެރިކަން ބޭނުންވާނެ ކަމަށް އެ ފަރާތްތަކުން ބުނެފައިވެ އެެވެ. ސެގާޓް ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވުމަށް ފަހު ކުރިމަގަށް ރާއްޖޭގެ ގައުމީ ޓީމު އެކުލަވާލާއިރު ދަގަނޑޭގެ އެހީތެރިކަން ބޭނުންވާނެ ކަމަށް އޭރު ބުނި ނަމަވެސް ފަހުން ދެއްކި ވާހަކަތައް ތަފާތެވެ.

މިދިޔަ އަހަރު ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ އާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަށް ފުރުސަތު ނުދޭން ޖެހޭ ޓެކްނިކަލް/ ޓެކްޓިކަލް ސަބަބެއް ނެތް ކަމަށް ބައެއް ތަޖުރިބާކާރުން ބުނެ އެވެ. އަދި އެކަމުގެ ފަހަތުގައި އޮތީ ޒާތީ ސަބަބެއް ކަމަށް ވެސް ތުހުމަތުކުރެ އެވެ.

ދަގަނޑޭ ގައުމީ ޓީމަށް ނުނަގާތީ ގިނަ ސަޕޯޓަރުންގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް ދާދި ފަހުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ދަގަނޑޭއާ އެކު ބައްދަލުވުމެއް ބާއްވައިފަ އެވެ. އެ ބައްދަލުވުމަށް ފަހު ދަގަނޑޭ ކުރި ޓްވީޓެއްގައި ބުނީ ފުޓްބޯޅަ އަށް އުޖާލާ ކުރިމަގެއް އޮތްކަމުގެ އުއްމީދު އަލުން އާލާވެއްޖެ ކަމަށެވެ.

ގައުމީ ޓީމު ޗައިނާއާ ދެކޮޅަށް ކުޅޭ މެޗަށް ފަރިތަކުރުންތައް ފަށާނީ މާދަމާ އެވެ. ދަގަނޑޭގެ އިތުރުން، މިދިޔަ ބުރާސްފަތި ދުވަހު ގުއާމް އަތުން 1-0 އިން މޮޅުވި މެޗުގައި ނުކުޅެވުނު އިބްރާހިމް ވަހީދު ހަސަން (އިއްބެ) އާއި ހުސެއިން ނިހާން (ނިހާޓް) އަދި ކީޕަރު ހުސެއިން ޝަރީފް ވެސް ވަނީ ކޭމްޕް ކުރި ސްކޮޑުގައި ހިމެނިފަ އެވެ.

އިޓަލީ އަށް 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކޮށްދިން ކޯޗު މާސެލޯ ލިއްޕީގެ އިރުޝާދުގެ ދަށުން ކުލެމުން އަންނަ ޗައިނާ ޓީމު މާދަމާ މާލެ އަންނަ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އެންމެ ފަހުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި ވެސް ރާއްޖެ ހިމެނުނީ ޗައިނާއާ އެއް ގްރޫޕެއްގަ އެވެ. އެ ފަހަރު ޗައިނާ ފުރަތަމަ މެޗުން 3-0 އިން މޮޅުވިއިރު، ދެ ވަނަ މެޗުން ކުރިހޯދީ 4-0 އިންނެވެ. އެ ފަހަރު މާލޭގައި ކުޅެން އޮތް ރާއްޖޭގެ ހޯމް މެޗު ވެސް ކުޅުނީ ޗައިނާގަ އެވެ. އެއީ 2015 ވަނަ އަހަރުގެ މިނިވަން ދުވަހުގެ ހަރަކާތްތައް ކުރިއަށްގެންދަން ދަނޑުގައި އެޅި މެޓެއްގެ ސަބަބުން ވިނަގަނޑު ހަލާކުވުމުންނެވެ.