ދަގަނޑޭގެ ދެ ވަނަ އެނބުރި އައުމަށް މަރުހަބާ!

އުމުރުން 16 އަހަރުގައި، 2001 ވަނަ އަހަރުގެ ޕޮމިސް ކަޕް ފުޓްބޯޅަ މުބާރާތުގައި އަލީ އަޝްފާގް (ދަގަނޑޭ) ދައްކަން ފެށި ޖާދުލާ އެއީ ދިވެހި ފުޓްބޯޅައިގެ ސުޕަސްޓާރުކަން ކަށަވަރުވި އެވެ. އެކަމަކު އޭނާ ކެރިއަރު ފެށި ފަހުން ގައުމީ ޓީމު ވާދަކުރި ފުރަތަމަ މުބާރާތް ކަމަށްވާ 2003 ގެ ސާފް ޗެމްޕިއަންޝިޕުގައި ކުޅުމުގެ ފުރުސަތެއް ނުލިބުނެވެ.


އެ މުބާރާތުގެ ކުރިން މެލޭޝިއާގައި ބޭއްވި ޓްރެއިނިން ކޭމްޕަށް ފަހު ކޯޗު ޔޯސެފް ޔަންކޭޒަށް ޖެހުނީ ދަގަނޑޭ އާއި އަހުމަދު ތޯރިގް (ޓޮމް) ގެ ތެރެއިން ކުޅުންތެރިޔަކު ނަގާށެވެ. އޭނާ ނެގީ ޓޮމް އެވެ. އެ މުބާރާތުގެ ފައިނަލުން ބަންގްލަދޭޝް އަތުން ޕެނަލްޓީ ޖަހައިގެން ރާއްޖެ ބަލިވެގެން އެނބުރި އައުމަށް ފަހު ޔަންކޭ ވަނީ ދަގަނޑޭ ނުނެގުނީތީ ހިތާމަކުރާ ކަމަށް ބުނެފަ އެވެ. އޭރު ދަގަނޑޭ ކުޅެމުން އައި ފެންވަރަށް ބަލާއިރު އޭނާ އެ މުބާރާތުގައި ވެސް ތަފާތު ދެއްކީހެވެ.

ދަގަނޑޭ ގައުމީ ޓީމުގެ ފައިނަލް ސްކޮޑުގައި ހިމެނިގެން ކުޅުނު ރަސްމީ ފުރަތަމަ މެޗުތަކަކީ 2006 ގެ ވޯލްޑް ކަޕް ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގައި 2003 ވަނަ އަހަރުގެ ޑިސެމްބަރު މަހު ކުޅުނު މެޗުތަކެވެ. އޭނާ ގައުމީ ޖާޒީގައި މާލޭގައި ކުޅުނު ފުރަތަމަ މެޗުގައި މޮންގޯލިއާ އަތުން 12-0 އިން ރާއްޖެ މޮޅުވި އެވެ. މެޗު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ދަގަނޑޭ ވައްދާލި ގޯލާ އެކު ޖުމްލަ ހަތަރު ގޯލް ޖެހި އެވެ. އެއާ އެކު ދަގަނޑޭ ވެގެން ދިޔައީ ގައުމީ ޓީމަށް އެއް މެޗެއްގައި އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ އަށެވެ. ފުރަތަމަ މެޗުން ވެސް ރެކޯޑެކެވެ.

އޭގެ ފަހުން އޭނާ ފަސް އެނބުރި ބަލާފައެއް ނުވެ. ޖެހިގެން އައި އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި، ޕްރިމިއާ ލީގުގައި އޭރު ކުޅެމުން އައި ޕާކިސްތާނުގެ ޒޭޝް ރެހްމާން ފަދަ ކުޅުންތެރިން ކައިރިން ބޭނުން ގޮތަކަށް ނައްޓާލައި ސަރަހައްދުގައި ފެންވަރު ދައްދާލި އެވެ. އެ ފަހަރު ސެމީ ފައިނަލުން އިންޑިއާ އަތުން ބަލިވެ ރާއްޖެ ކެޓީ އެވެ. އެކަމަކު އަމިއްލަ ގައުމާއި ސްރީ ލަންކާގައި 2008 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕުގެ ފައިނަލުގައި އިންޑިއާ ބަލިކޮށް ރާއްޖޭން ޗެމްޕިއަންކަން ހޯދީ ދަގަނޑޭގެ މޮޅު ކުޅުމާ އެކު އެވެ. ފައިނަލުގައި އިންޑިއާ ކުޅުންތެރިޔެއްގެ އުޅަބޮށި އަރައި މޫނުމަތި ފަޅައިގެން ދިޔަ ނަމަވެސް، ހިތްވަރާ އެކު ކުޅުނެވެ. މުބާރާތުގެ މޮޅު ކުޅުންތެރިޔަކީ އޭނާ އެވެ.

2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ތަށްޓާ އެކު ދަގަނޑޭ (ކ) އާއި އޮއްޕޮ ފޮޓޯއަކަށް ހުއްޓިގެން. --ފޮޓޯ: ހުސެއިން ސިނާން

ތަށި ނުލިބުނަސް 2009، 2011 އަދި 2013 ގެ ސާފް ޗެމްޕިއަންޝިޕުގައި ވެސް ދަގަނޑޭ މޮޅަށް ކުޅެ އޭނާ އަކީ ސަރަހައްދުގެ އެންމެ މޮޅު ފޯވާޑްކަން ސާބިތުކޮށްދިނެވެ. އޭގެ ތެރެއިން 2013 ގެ ސާފް ޗެމްޕިއަންޝިޕުގައި ސްރީ ލަންކާ އަތުން 10-0 އިން ރާއްޖެ މޮޅުވި މެޗުގައި ހަ ލަނޑު ޖަހައި ގައުމީ ޓީމަށް އެއް މެޗެއްގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑާއި ސާފް ޗެމްޕިއަންޝިޕުގެ އެއް މެޗެއްގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް މުގުރާލި އެވެ. ޖުމްލަ 10 ގޯލާ އެކު އޭނާ އަކީ އެ މުބާރާތުގެ ތާރީހުގައި ވެސް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ. އެ އަހަރު އޭނާ ވަނީ ނިއު ރޭޑިއަންޓަށް ފަންސާހަށް ވުރެ ގިނަ ގޯލް ޖަހައިދީ ރާއްޖޭގެ އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް ވެސް މުގުރާލައިފަ އެވެ.

ދަގަނޑޭ އައީ އޭނާ އަކީ އޭޝިއާގެ ނިސްބަތުން ވެސް މޮޅު ކުޅުންތެރިޔެއްކަން އައީ ސާބިތުކޮށްދެމުންނެވެ. އެގޮތުން 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕުގެ ތިން ވަނަ ރާއްޖެ އަށް ހޯދައިދިނީ އޭޝިއާގެ މުބާރާތަކުން ފުޓްބޯޅައިގެ ފުރަތަމަ ބޮޑު ކާމިޔާބީ ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކުރި އެވެ. އެ އަހަރު އޭނާ ވަނީ މެލޭޝިއާގެ ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ޕީޑީއާރްއެމް އަށް ހޯދައިދިނީ އެ ގައުމުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ.

އެގޮތުގައި ގޮސް މިދިޔަ އަހަރުގެ ޖެނުއަރީ މަހާ ކުރިމަތިލިއިރު، ދަގަނޑޭ އޮތީ ދުނިޔޭގެ ނިސްބަތުން ވެސް ރަނގަޅު ވަނައެއްގަ އެވެ. މެޗުގެ ނިސްބަތުން ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިންގެ ލިސްޓުގެ އެއް ވަނަގަ އެވެ. އޭނާ 78 މެޗުން ގައުމީ ޓީމަށް ޖަހައިދީފައިވާ 52 ލަނޑަކީ މެޗަކަށް 0.67 ގެ ނިސްބަތެކެވެ. ދުނިޔޭގެ އެންމެ މަތީ ފަންތީގެ ފޯވާޑުން ހިމެނުނު އެ ލިސްޓުގެ ދެ ވަނައިގައި އޮތީ ދުނިޔޭގެ އެންމެ އަގުބޮޑު ފުޓްބޯޅަ ކުޅުންތެރިޔާ ބްރެޒިލްގެ ނޭމާ އެވެ. އޭނާ 83 މެޗުން 53 ގޯލް ޖަހާފައިވާއިރު އެއީ މެޗަކަށް 0.64 ލަނޑުގެ ނިސްބަތެކެވެ.

އެ ވާހަކަ ދިވެހިން ފަހުރުވެރިކަމާ އެކު ދައްކަދައްކާ ތިއްބާ، ގައުމީ ޓީމަށް ގެނައި އާ ކޯޗު ޕީޓާ ސެގާޓް ވެސް ދައްކަން ފެށީ ދަގަނޑޭގެ ވާހަކަ އެވެ. ދަގަނޑޭގެ ހެޓްރިކާ އެކު އޭއެފްސީ ކަޕުގައި އިންޑިއާގެ އައިޒޯލް އެފްސީ އަތުން 3-1 އިން ނިއު ރޭޑިއަންޓް މޮޅުވި މެޗު ބެލުމަށް ފަހު މީޑިއާ އަށް ފޮނުވި މެސެޖެއްގައި ކޯޗު ބުނީ ދިވެހި ފުޓްބޯޅައަށް ދަގަނޑޭ ކޮށްދީފައިވާ ހިދުމަތަށް އޭނާ އަށް އިހުތިރާމް ކުރާ ކަމަށެވެ. އަދި ފުޓްބޯޅައިގެ އާ ޖީލުގެ ކުޅުންތެރިން އުފައްދަން ކުރާ މަސައްކަތުގައި އޭނާ ލީޑަރަކަށް ހަދަން ބޭނުންވާ ކަމަށެވެ.

ދިވެހިރާއްޖެ އާއި ބަންގްލަދޭޝް 2016 ވަނަ އަހަރު މާލޭގައި ކުޅުނު މެޗުގައި ލަނޑު ޖެހުމަށް ފަހު ހަމްޕު (ކ) އާއި ދަގަނޑޭ އުފާފާޅުކުރަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެކަމަކު ބޮޑު ހައިރާންކަމެއް ލިބިގެން ދިޔައީ މާޗު މަހު އޮތް ބޫޓާން މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ހާޒިރުނުވުމުން ދަގަނޑޭ ޓީމުން ވަކިކުރުމުންނެވެ. ރާއްޖޭގެ ކުޅުންތެރިން އަމަލުކުރާނެ އެފަދަ ގަވާއިދުތަކެއް ނޯންނައިރު އަދި އަލަށް އައި ކޯޗަކު އަލަށް ހެދި އުސޫލަކަށް ތަބާނުވެގެން އެވަރުގެ އަދަބެއް ދަގަނޑޭ އަށް ދިނުމުން އެކަން ބަލައިގަންނަން ދިވެހިންނަށް އުނދަގޫވި އެވެ. އަދި އެފަދަ ކަމެއްގެ އަދަބަކަށް ފުދޭ ކަމަށް ބެލެވޭ މުއްދަތެއް ދިޔައިރު ވެސް އޭނާ އަށް ފުރުސަތެއް ނުދިނެވެ. ވޯލްޑް ކަޕް ކޮލިފައިންގައި ގުއާމާއި ޗައިނާއާ ދެކޮޅަށް ކުޅެން އެކުލަވަލައި ސްކޮޑުގައި ވެސް ނެތެވެ.

ކޯޗު ދެއްކީ ދަގަނޑޭގެ އުމުރުގެ ވާހަކަ އެވެ. އެކަމަކު ވޯލްޑް ކަޕް ކޮލިފައިން ފަދަ ރާއްޖެ ވާދަކުރާ މުހިއްމު މުބާރަތަކަށް ކުރިމަތިލާއިރު ނަގަން ޖެހޭނީ އެންމެ ވަރުގަދަ ސްކޮޑް ކަމަށްވާތީ އާއި އުމުރުން 33 އަހަރަކީ ގައުމީ ޓީމަށް ނުނަގަންޖެހޭހާ ދޮށީ އުމުރެއް ކަމަށް ނުބެލެވޭތީ އޭނާ ނަގަން އާއްމުން އައީ ގޮވަމުންނެވެ. ހާއްސަކޮށް މިދިޔަ އަހަރު ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ރަންބޫޓް ހޯދާފައިވުމުންނެވެ.

އެކަމަކު އަންގާރަ ދުވަހު ކުޅޭ ޗައިނާ މެޗަށް ކުއްލި ގޮތަކަށް ރޭ ދަގަނޑޭ ވަނީ ސްކޮޑުގައި ހިމަނައިފަ އެވެ. މިކަމުގެ ފަހަތުގައި އޮތީ ކޮން ސަބަބެއް ކަމެއް ނޭނގެ އެވެ. އެކަމަކު ކޮންމެ ސަބަބަކާ ހުރެ ނެގި ނެގުމަކަށްވީ ނަމަވެސް މިއީ ދަގަނޑޭ އަށް ހައްގު ޖާގައެކެވެ. އޭނާ އަށް 2003 ގެ ސާފް ޗެމްޕިއަންޝިޕުގެ ސްކޮޑުން ޖާގަ ނުލިބުމުން، ކުރިމަތިވި މާޔޫސްކަމުން އަރައިގަނެ އެނބުރި އައިސް ދެއްކި ޖާދޫ މި ފަހަރުގެ އެނބުރި އައުމުން ވެސް ދައްކާނެ ކަމަށް އުއްމީދުކުރެވެ އެވެ. މި ފަހަރު އޭނާ އަށް އިތުރު ޒިންމާއެއް ވެސް އެބައޮތެވެ. އެއީ ޓީމުގައި ތިބި ޒުވާން ކުޅުންތެރިން ކުރިއެރުވުމުގައި އެހީވެދީ އެ ކުޅުންތެރިން ގޮވައިގެން ކާމިޔާބީގެ މަންޒިލަކަށް ދަތުރުކުރުމެވެ.