ރާއްޖޭގެ ޓީމުތަކަށް މުބާރާތް ނިމިއްޖެ

މާލޭގައި މިހާރު ކުރިއަށްދާ ފީބާގެ ތުރީއޮންތުރީ ބާސްކެޓްބޯޅަ މުބާރާތުގެ އޭޝިއާ ކޮލިފިކޭޝަނުގައި ވާދަކުރި ރާއްޖޭގެ ހަތަރު ޓީމު މުބާރާތުގެ ފުރަތަމަ ބުރުން ކަޓައިފި އެވެ.


އޭޝިއާގެ 15 ގައުމަކުން 28 ޓީމެއް ވާދަކުރި މި މުބާރާތުގައި ރާއްޖޭގެ ހަތަރު ޓީމެއް ކުޅުނެވެ. އެއީ އަންހެން ދެ ޓީމަކާއި ފިރިހެން ދެ ޓީމެވެ. އޭޝިއާގެ އެންމެ ރަނގަޅު ޓީމުތައް ވާދަކުރި މި މެޗުގައި ރާއްޖޭގެ ޓީމުތަކަށް މުބާރާތް ނިމުނީ މޮޅެއް ނުލިބި އެވެ.

މާފަންނު ޔޫތު ސެންޓަރުގައި ކުރިއަށްދާ މި މުބާރާތުގައި މައްޗަންގޯޅި ނަމުގައި ކުޅޭ އަަހުމަދު އަފްސަން ރަޝާދު، އަހުމަދު ހުޝާމް، އަހުމަދު ނަޖީލް އަދި އަހުމަދު އަލީ މުސްތަފާ ހިމެނޭ ޓީމު އިއްޔެ މެންދުރު ތުރުކުމެނިސްތާންގެ އަޝްގަބާތު އަތުން 21-12 އިން ބަލިވިއިރު، އިއްޔެ ހަވީރު ކިރްގިސްތާންގެ ބިޝްކެކާ ދެކޮޅަށް ކުޅުނު މެޗުން ބަލިވީ 21-12 އިންނެވެ. ރާއްޖޭގެ ގަލޮޅު ޓީމުގައި ހިމެނެނީ ހައިޝަމް ދާއުދު، އަލީ އަޝްހަމް، އަފްލާހު ޝަރީފް އަދި ހުސެއިން ހަލީމް އެވެ. ގަލޮޅު އިއްޔެ މެންދުރު ލެބަނަންގެ ބައިބްލޯސް ޕިއޮނީސްއާ ވާދަކުރި މެޗުން ބަލިވީ 13-20 އިންނެވެ. އަދި ހަވީރު ލަންކާގެ ކޮލަމްބޯ ލަޔަންސްއާ ވާދަކުރި މެޗުން ގަލޮޅު ބަލިވީ 21-05 އިންނެވެ.

މުބާރާތުގައި ރާއްޖޭގެ މާފަންނު ކުޅުނު މެޗެއްގެ ތެރެއިން އެ ޓީމުގެ ޝައިލާން. -- ފޮޓޯ: މުހައްމަދު އަހުސަން

މި މުބާރާތުގައި މާފަންނުގެ ނަމުގައި ކުޅޭ ރާއްޖޭގެ އަންހެން ޓީމުގައި ހިމެނެނީ އައިމިނަތު އިޝްރާއު، އައިމިނަތު ޝިއުރާ، ފާތިމަތު ރިޝްމާ އަދި ޝައިލާން އަފްޒަލް އެވެ. އަދި ހެންވޭރުގެ ނަމުގައި ކުޅޭ ޓީމުގައި ތިބީ ރާއިފާ އިބްރާހިމް، އައިޝަތު ޒަނާ ޖިނާހު، ހައުމާ އުބައިދުﷲ އަދި މަރިޔަމް ޒައިނާ އެވެ. މުބާރާތުގައި ރޭ ޗައިނީސް ޓައިޕޭގެ ޓައިޕޭ ބެއާސްއާ ވާދަކޮށް ހެންވޭރު ޓީމު ބަލިވީ 21-07 އިންނެވެ. އަދި މާފަންނު ބަލިވީ އިންޑިއާގެ ކޯޗީ ސްޓާސްއާ ބައްދަލުކޮށް 17-11 އިންނެވެ.

މި މުބާރާތުގައި މިއަދު ކުރިއަށްދާނީ ކުއާޓާ ފައިނަލާއި ސެމީ ފައިނަލް އަދި ފައިނަލް މެޗުތަކެވެ. ފައިނަލް މެޗުތައް އޮންނާނީ ހަވީރު އެވެ.

މިއީ 2017 ވަނަ އަހަރުގެ މެއި މަހު ބޭއްވި ދެކުނު އޭޝިއާގެ ބާސްކެޓްބޯޅަ މުބާރާތް (ސާބާ ޗެމްޕިއަންޝިޕް) އަށް ފަހު ރާއްޖޭގައި ބާޢްވާ ބާސްކެޓްބޯޅައިގެ ބައިނަލްއަގުވާމީ ފުރަތަމަ މުބާރާތެވެ. މިއީ ތުރީ އޮން ތުރީ ކުޅުންތެރިންނަށް ހާއްސަކޮށްގެން ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ ފުރަތަމަ މުބާރާތެވެ. ރާއްޖޭގެ ކުޅުންތެރިން ވަނީ ފާއިތުވި އަހަރުތަކުގައި އެހެން ގައުމުތަކުގައި ކުރިއަށް ދިޔަ ތުރީ އޮން ތުރީ މުބާރާތުގައި ވާދަކޮށްފަ އެވެ.