ދިރާގު މޯލްޑިވްސް ޓެނިސް އޯޕަން މުބާރާތް ރައީސް ނަޝީދު އިފްތިތާހުކޮށްދެއްވައިފި

މޯލްޑިވްސް ޓެނިސް އެކަޑަމީން ބާއްވާ ދެ ވަނަ ދިރާގު މޯލްޑިވްސް ޓެނިސް އޯޕަން މުބާރާތް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ އިފްތިތާހުކޮށްދެއްވައިފި އެވެ.


އަންނަ ހަފުތާގެ އާދީއްތަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި މުބާރާތަކީ، އަމިއްލަ އެކަޑަމީ އަކުން ބޭއްވި ނަމަވެސް ގައުމީ ޓެނިސް ކަލަންޑަރުގައި ހިމެނޭ މުބާރާތެކެވެ. މި މުބާރާތުގައި ރާއްޖޭގެ 94 ކުޅުންތެރިންނާއި ސްރީ ލަންކާގެ 10 ކުޅުންތެރިން ވާދަކުރެ އެވެ. ލަންކާ ކުޅުންތެރިންނަށް ދައުވަތުދިނީ މުބާރާތުގެ ފެންވަރު ރަނގަޅުކޮށް އަދި ދިވެހި ކުޅުންތެރިންނަށް ވާދަވެރި މެޗުތަކެއް ހޯދައިދިނުމުގެ ބޭނުމުގަ އެވެ.

ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ނަޝީދު ވަނީ ޓެނިސް ކުޅޭ ވަގުތުގެ ފައިދާ އެންމެ ރަނގަޅު ގޮތުގައި ހިފުމަށްޓަކައި ހާޒިރީއަށް ސަމާލުކަންދީ އަދި ތަމްރީންތަކުގައި ވީހާ ވެސް ރަނގަޅަށް މަސައްކަތްކުރުމަށް ކުޅުންތެރިންނަށް ނަސޭހަތްތެރިވެވަޑައިގެންފަ އެވެ.

މުބާރާތުގައި ހިމެނެނީ ހަތް އަހަރުން ދަށާއި އަށް އަހަރުން ދަށާއި 10 އަހަރުން ދަށާއި 12 އަހަރުން ދަށާއި 14 އަހަރުން ދަށާއި 18 އަހަރުން ދަށް (ޖޫނިއާ އޯޕަން) އަދި އޯޕަން ކެޓަގަރީ އާއި 45 އަހަރުން މަތީގެ ކެޓަގަރީ އެވެ. މީގެ ތެރެއިން ހަތް އަހަރުން ދަށް ފިޔަވައި އެހެން ހުރިހާ އުމުރުފުރާއެއްގައި ސިންގަލްސް އަދި ޑަބަލްސް އިވެންޓްތައް އޮންނާނެ އެވެ.

މުބާރާތުގެ ފުރަތަމަ ދުވަހު ކުޅެވުނު އެންމެ ފާހަގަކުރެވޭ މެޗުގައި، މެންސް އޯޕަން ސިންގަލްސްގައި ރާއްޖޭގެ އެންމެ ހުނަރުވެރި އެއް ކުޅުންތެރިޔާ އަބްދުﷲ ފާއިހް ފަޒީލް ވަނީ އަހުމަދު ޝިއާއު އަތުން 6-1، 6-1 އިން މޮޅުވެފަ އެވެ.

މި އަހަރަކީ ގައުމީ ޓެނިސް މުބާރާތް ބާއްވަން ފެށިތާ 50 އަހަރުފުރޭ ރަންޔޫބީލް ކަމަށްވާތީ މި މުބާރާތް ކުރިއަށްގެންދަނީ އެ މުނާސާބަތާ ވެސް ގުޅުވައިގެންނެވެ.