ރާއްޖެ-ޗައިނާ މެޗުގެ ޓިކެޓް ގަތުމަށް ކިއޫ ހަދައިފި

ވޯލްޑް ކަޕް ކޮލިފައިންގައި އަންގާރަ ދުވަހުގެރޭ ގަލޮޅު ދަނޑުގައި ރާއްޖެ އާއި ޗައިނާ ކުޅޭ ފުޓްބޯޅަ މެޗުގެ ޓިކެޓް ގަތުމަށް އާއްމުން ކިއޫ ހަދައިފި އެވެ.


ދަނޑުގެ، އޮލިމްޕަހާ ކުރިމަތިވާ ގޮތަށް ހުންނަ ޓިކެޓް ކައުންޓަރު ދޮށުގައި ހަދާފައިވާ ކިއޫގެ ކޮޅު އޮތީ ރެޑްވޭވް ފިހާރައާ ހަމައިގަ އެވެ. މިއީ ފަހަކަށް އައިސް ގަލޮޅު ދަނޑުގައި ކުޅޭ މެޗެއްގެ ޓިކެޓް ގަތުމަށް މިހާ ޑިމާންޑް ބޮޑުވި ފަހަރެވެ.

ދަނޑުގެ ދެކުނު ފަރާތް (ސަހާރާ ފަޅި) އަދި އިރުމަތީ ފަރާތުގެ (ބޮޑުގޭޓް ފަޅި) ސިޑިބަރި ބޭނުންކުރުން ސަލާމަތީ ގޮތުން އެކަށީގެންނުވާ ކަމަށް ސަރުކާރުން ނިންމާފައިވާތީ، މި މެޗުން ވިއްކުމަށް ހަމަޖެހިފައިވަނީ 3500 ޓިކެޓެވެ. އެއީ އުތުރު ފަރާތް (މަޖީދީ މަގު ފަޅި) ސިޑި ބަރި އާއި ހުޅަނގު ފަރާތް (ރޮސްޓަރަމް ފަޅި) އެވެ.

އޭގެ ތެރެއިން ވެސް އަވޭ ޓީމަށް ވެސް ޓިކެޓް ރިޒާވްކުރަން ޖެހޭތީ ދިވެހި ސަޕޯޓަރުންނަށް ވިއްކާނީ 2090 ޓިކެޓެވެ. މިހާރު ޓިކެޓް ވިކޭ ރޭޓަށް ބަލާއިރު މިރެޔާ ހަމަޔަށް ޓިކެޓް ވިކި ހުސްވާނެ އެވެ.

އޭޝިއާގެ ގައުމުތަކަކީ ޓްރެވެލިން ސަޕޯޓަރުން އެހާ ގިނަ ގައުމުތަކަށް ނުވާތީ އިދިކޮޅު ޓީމަށް އެލޮކޭޓްކުރާ ޓިކެޓްތައް ނުވިކެ އެވެ. އެކަމަކު ޗައިނާ ތަފާތެވެ. މިއީ ޗައިނާ ޓޫރިސްޓުން ރާއްޖެ އަށް ގިނަ އަދަދަކަށް އަންނަ ދުވަސްވަރަކަށްވާތީއާ އެކު ވަރަށް ގިނަ ޓްރެވަލް އެޖެންޓުން އަންނަނީ ޓިކެޓަށް އެދެމުންނެވެ. ވޯލްޑް ކަޕް ކޮލިފައިންގައި 2001 ވަނަ އަހަރު މާލޭގައި ކުޅެ ރާއްޖެ އަތުން ޗައިނާ 1-0 އިން މޮޅުވި މެޗަށް އެ ގައުމުން ސަތޭކައެއްހާ ސަޕޯޓަރުން އަ އެވެ. މިހާރު ދެ ގައުމުގެ މެދުގައި ޑިރެކްޓް ފްލައިޓްތަކެއް އޮތުމާ އެކު އެ އަދަދު މި ފަހަރު ގިނަ ވާނެ ކަމަށް ބެލެވެ އެވެ.

ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވަނީ މިއަދު 4:30-6:00 އަށް އަދި މިރޭ 8:00 އިން 11:00 އަށެވެ. އަދި ނުވިކި ހުރެއްޖެ ނަމަ މެޗު ކުޅޭ ދުވަހުގެ މެންދުރުފަހު 2:00 އިން 9:30 އަށް ޓިކެޓް ވިއްކާނެ އެވެ. ޓިކެޓް ވިއްކަނީ 100ރ. އަށާއި 150ރ. އަށެވެ.

މި މެޗުގެ ޑިމާންޑް ބޮޑުވީ ބެލެވޭ ގޮތުގައި މި މެޗުގެ ސްކޮޑުގައި އަލީ އަޝްފާގް (ދަގަނޑޭ) ހިމެނޭތީ އާއި އިދިކޮޅަށް ނުކުންނަ ޗައިނާގައި މަޝްހޫރު ކުޅުންތެރިން ވެސް ތިބުމުންނެވެ. ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ދަގަނޑޭ އަށް ދޮޅު އަހަރަށް ފަހު ފުރުސަތު ދިނީ އެކަމަށް އެދި ސަޕޯޓަރުން ވަރަށް ބޮޑަށް ގޮވާލަމުން އަންނަނިކޮށެވެ.

އިޓަލީ އަށް 2006 ގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ކޯޗު މާސެލޯ ލިއްޕީގެ ކޯޗުކަމުގައި ރާއްޖެއާ ދެކޮޅަށް ކުޅެން އަންނަ ޗައިނާ ޓީމުގައި ސްޕެނިޝް ލީގުގެ އެސްޕަންޔޯލުގެ ފޯވާޑް ވޫ ލެއީ ހިމެނެ އެވެ. މީގެ އިތުރުން ޗައިނާ ދަރިކޮޅަކަށް ނިސްބަތްނުވެ އެ ގައުމީ ޓީމުން ޖާގަ ހޯދި ފުރަތަމަ ކުޅުންތެރިޔާ ކަމަށްވާ ބްރެޒިލަށް އުފަން އެލްކެސަން ވެސް ސްކޮޑުގައި ހިމެނެ އެވެ. ރާއްޖެ މެޗަކީ އޭނާ ޗައިނާގެ ޖާޒީގައި ކުޅޭނެ ރަސްމީ ފުރަތަމަ މެޗެވެ. މީގެ އިތުރުން ވެސް ދުނިޔޭގެ މަޝްހޫރު ބައެއް ތަރިންގެ ލޯ އަމާޒުވެފައިވާ ޗައިނީސް ސުޕަ ލީގުގައި ކުޅޭ މަޝްހޫރު ކުޅުންތެރިން ޗައިނާ ޓީމުގައި ހިމެނެ އެވެ.

މިއީ ރާއްޖެއާ ދެކޮޅަށް ގަލޮޅު ދަނޑުގައި ކުޅޭނެ އެންމެ ވަރުގަދަ އެއް ޓީމަށް ވާނެ އެވެ. ފާހަގަކޮށްލެވޭ އެހެން ޓީމުތަކުގެ ތެރޭގައި 1982 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި އިޓަލީ ކުޅުންތެރިން ހިމެނިގެން 1997 ގައި ރާއްޖެ އައި ކްލަބް އިޓާލިއާ ހިމެނެ އެވެ. މީގެ އިތުރުން 2002 ވަނަ އަހަރު އައި ޖަރުމަނުގެ ހާލާ ބާލިން އާއި 2004 ވަނަ އަހަރު އައި ދެކުނު ކޮރެއާ ހިމެނެ އެވެ. އޭގެ ދެ އަހަރު ކުރިން ވޯލްޑް ކަޕުގެ ހަތަރު ވަނަ ހޯދި ކޮރެއާ އިން ދުނިޔޭގެ ފެންވަރުގެ ތަރިންނާ އެކު އައި ނަމަވެސް ރާއްޖޭން ވަނީ އެ މެޗު 0-0 އިން އެއްވަރުކޮށް ދުނިޔޭގެ ސަމާލުކަން ހޯދައިފަ އެވެ.