ރާއްޖެ-ޗައިނާ މެޗުގެ ޓިކެޓް ވިކި ހުސްވެއްޖެ

ވޯލްޑް ކަޕް ކޮލިފައިންގައި މާދަމާރޭ ރާއްޖެ އާއި ޗައިނާ ކުޅޭ މެޗަށް ވިއްކަން ކަނޑައެޅި 3500 ޓިކެޓް ރޭ ވިކި ހުސްވެއްޖެ އެވެ.


ގަލޮޅު ދަނޑުގައި އަށެއްކަ ހާސް މީހުންގެ ޖާގަ އޮތް ނަމަވެސް، ހަތަރު ސިޑިބަރީގެ ތެރެއިން ދެ ސިޑިބަރި ބޭނުންނުކުރެވޭތީ އަދަދު މަދުވީ އެވެ. ޓިކެޓް ވިއްކާފައިވަނީ މަޖީދީމަގާވީ ސިޑި ބަރިންނާއި ރޮސްޓަރަމްގެ ދެފަޅިންނެވެ.

އިއްޔެ ހަވީރު 4 ޖެހިއިރު ވިއްކަން ފެށި ޓިކެޓްތައް ގަތުމަށް ދިގޫ ކިއޫއެއް އޮތީ ހަދައިފަ އެވެ. އަދި ދެނަމާދު ދޭތެރެއަށް މެދުކަނޑާލުމަށް ފަހު 8 ޖެހިއިރު އަލުން ފަށައި މާގިނައިރުތަކެއް ނުވަނީސް އެއްކޮށް ވިކި ހުސްވީ އެވެ.

ދިވެހިންނަށް ވިއްކާފައިވަނީ 2800 ޓިކެޓެވެ. އެއީ ފީފާ ގަވާއިދުގެ ދަށުން އަވޭ ޓީމަށް 20 ޕަސެންޓް ދޭން ޖެހޭތީ ޗައިނާ އަށް 700 ޓިކެޓް ރިޒާވްކޮށްފައިވާތީވެ އެވެ. ޗައިނާގެ ޓިކެޓުތައް އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނާ ވަނީ ހަވާލުކޮށްފަ އެވެ.

ރާއްޖޭގައި ދިރިއުޅޭ ޗައިނާ މީހުންނާއި ޓޫރިސްޓުން ވަނީ ޓިކެޓަށް އެދިފަ އެވެ. މީގެ އިތުރުން މި މެޗު ބަލަން ވެސް ސީދާ ޗައިނާ އިން ސަޕޯޓަރުން އާދެ އެވެ. މި ދެ ޓީމު ވޯލްޑް ކަޕް ކޮލިފައިންގައި 2001 ވަނަ އަހަރު މާލޭގައި ކުޅުނު މެޗު ބަލަން ވެސް ސަތޭކައެއްހާ ސަޕޯޓަރުން އަ އެވެ.

މި މެޗުގެ ޑިމާންޑް ބޮޑުވީ ބެލެވޭ ގޮތުގައި މި މެޗުގެ ސްކޮޑުގައި އަލީ އަޝްފާގް (ދަގަނޑޭ) ހިމެނޭތީ އާއި އިދިކޮޅަށް ނުކުންނަ ޗައިނާގައި މަޝްހޫރު ކުޅުންތެރިން ވެސް ތިބުމުންނެވެ. ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ދަގަނޑޭ އަށް ދޮޅު އަހަރަށް ފަހު ފުރުސަތު ދިނީ އެކަމަށް އެދި ސަޕޯޓަރުން ވަރަށް ބޮޑަށް ގޮވާލަމުން އަންނަނިކޮށެވެ.

އިޓަލީ އަށް 2006 ގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ކޯޗު މާސެލޯ ލިއްޕީގެ ކޯޗުކަމުގައި ރާއްޖެއާ ދެކޮޅަށް ކުޅެން އަންނަ ޗައިނާ ޓީމުގައި ސްޕެނިޝް ލީގުގެ އެސްޕަންޔޯލުގެ ފޯވާޑް ވޫ ލެއީ ހިމެނެ އެވެ. މީގެ އިތުރުން ޗައިނާ ދަރިކޮޅަކަށް ނިސްބަތްނުވެ އެ ގައުމީ ޓީމުން ޖާގަ ހޯދި ފުރަތަމަ ކުޅުންތެރިޔާ ކަމަށްވާ ބްރެޒިލަށް އުފަން އެލްކެސަން ވެސް ސްކޮޑުގައި ހިމެނެ އެވެ. ރާއްޖެ މެޗަކީ އޭނާ ޗައިނާގެ ޖާޒީގައި ކުޅޭނެ ރަސްމީ ފުރަތަމަ މެޗެވެ. މީގެ އިތުރުން ވެސް ދުނިޔޭގެ މަޝްހޫރު ބައެއް ތަރިންގެ ލޯ އަމާޒުވެފައިވާ ޗައިނީސް ސުޕަ ލީގުގައި ކުޅޭ މަޝްހޫރު ކުޅުންތެރިން ޗައިނާ ޓީމުގައި ހިމެނެ އެވެ.

މިއީ ރާއްޖެއާ ދެކޮޅަށް ގަލޮޅު ދަނޑުގައި ކުޅޭނެ އެންމެ ވަރުގަދަ އެއް ޓީމަށް ވާނެ އެވެ. ފާހަގަކޮށްލެވޭ އެހެން ޓީމުތަކުގެ ތެރޭގައި 1982 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި އިޓަލީ ކުޅުންތެރިން ހިމެނިގެން 1997 ގައި ރާއްޖެ އައި ކްލަބް އިޓާލިއާ ހިމެނެ އެވެ. މީގެ އިތުރުން 2002 ވަނަ އަހަރު އައި ޖަރުމަނުގެ ހާލާ ބާލިން އާއި 2004 ވަނަ އަހަރު އައި ދެކުނު ކޮރެއާ ހިމެނެ އެވެ. އޭގެ ދެ އަހަރު ކުރިން ވޯލްޑް ކަޕުގެ ހަތަރު ވަނަ ހޯދި ކޮރެއާ އިން ދުނިޔޭގެ ފެންވަރުގެ ތަރިންނާ އެކު އައި ނަމަވެސް ރާއްޖޭން ވަނީ އެ މެޗު 0-0 އިން އެއްވަރުކޮށް ދުނިޔޭގެ ސަމާލުކަން ހޯދައިފަ އެވެ.