ޓްރައި މެރެތަން ރޭހަކަށް ސިފައިންގޭގެ ހަތަރު ދުވުންތެރިން

ދެކުނު އޭޝިއާގެ ގައުމުތަކުގެ އަސްކަރިއްޔާތަކުގެ މެދުގައި އަލަށް ބާއްވާ ޓްރައި މެރެތަން ރޭހެއްގައި ސިފައިންގޭގެ ހަތަރު ދުވުންތެރިން ހިމެނޭ ޓީމެއް ވާދަކުރާނެ އެވެ.


ނޭޕާލުގައި މި މަހު 18 ގައި އޮންނަ މި އިވެންޓުގައި ވާދަކުރާށާއި ތައްޔާރީތައް ހެދުމަށް ރާއްޖޭގެ ޓީމު ވަނީ ރޭ ފުރައިފަ އެވެ.

މި ޓީމުގައި ރާއްޖޭގައި ގިނަ މެރެތަން ދުވެފައިވާ ދިވެހި ދުވުންތެރިޔާ ނަސްރުﷲ އަހުމަދާއި މެރެތަން އަދި ހާފް މެރެތަންގެ ރާއްޖޭގެ އެންމެ އުއްމީދީ އެއް ދުވުންތެރިޔާ މުހައްމަދު ރަޝީދު (މޯޑް) ހިމެނެ އެވެ. މީގެ ތެރެއިން މޯޑަކީ ނިމިގެން ދިޔަ ގައުމީ އެތުލެޓިކްސް މުބާރާތުގެ 10000 މީޓަރު ދުވުމާއި 5000 މީޓަރު ދުވުމުގެ ދެ ވަނަ އެވެ.

މީގެ އިތުރުން އެ ދެ އިވެންޓުން ތިން ވަނަ ހޯދީ އަހުމަދު ޖަވާދު (ޖަވާ) އާއި އެ މުބާރާތުގެ ވެޓްރަންސް ކެޓަގަރީގެ 5000 މީޓަރު ދުވުމުން ދެ ވަނަ ހޯދި އަހުމަދު އަސްވާން އަލި މަނިކު ވެސް ހިމެނެ އެވެ. މެނޭޖަރެއްގެ ގޮތުގައި ދިޔައީ ކުރީގެ ދުވުންތެރިޔާ އަހުމަދު ޝަގީފް (ރިވަރިން) އެވެ.

މި ރޭހުގައި ހިމެނެނީ 26 ކިލޯމީޓަރު ބައިސިކަލް ދުއްވުމާއި ރާފްޓިން އަދި ހަ ކިލޯމީޓަރު ބައިސިކަލް ދުއްވުމެވެ. ރޭހުގައި ޖުމްލަ ކަޑައްތުކުރަން ޖެހޭނީ 43 ކިލޯމީޓަރެވެ.

ޓީމުގައި ހިމެނެނީ ދުވުންތެރިން ކަމަށްވާތީ ބައިސިކަލް ދުއްވުމާއި ރާފްޓިން އަށް އާ ވާނެ އެވެ. އެކަމަކު ވެސް ޓާގެޓަކީ ވަނައެއް ހޯދައި ރާއްޖެ އަށާއި ސިފައިންގެ އަށް ރީތި ނަން ހޯދައިދިނުން ކަމަށް ޓީމުން ބުނެ އެވެ.

އިވެންޓުގައި ނޭޕާލް އަސްކަރިއްޔާ އިން ތިން ޓީމު އަދި އިންޑިއާގެ އަސްކަރިއްޔާގެ ދެ ޓީމު ވާދަކުރާނެ އެވެ. ސަރަހައްދުގެ އެހެން ގައުމުތަކުން ވާދަކުރާނީ ކޮންމެ ގައުމަކުން އެއް ޓީމެވެ.