ޗައިނާ އަކީ ފޭވަރިޓް، ރާއްޖެ ދުލެއް ނުދޭނެ: ކޯޗު

ވޯލްޑް ކަޕް ކޮލިފައިންގައި މިރޭ ޗައިނާއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗުގައި ހުރިހާ ގޮތަކުން ވެސް ފޭވަރިޓަކީ ޗައިނާ ކަމަށާއި އެކަމަކު އަމިއްލަ ގައުމުގައި ކުޅޭއިރު ރާއްޖޭން ވެސް ދުލެއް ނުދީ ރަނގަޅު މެޗެއް ކުޅެން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ގައުމީ ޓީމުގެ ކޯޗު ޕީޓަ ސެގާޓް ބުނެފި އެވެ.


ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި މިިދިޔަ ބުރާސްފަތި ދުވަހު ވަނީ ރަށުން ބޭރުގައި ގުއާމް އަތުން 1-0 އިން މޮޅުވެފަ އެވެ.

ސެގާޓް ބުނީ ޗައިނާ އަކީ ފުޓްބޯޅައިގެ ގޮތުން އޭޝިއާގެ ގަދަބާރެއް ކަމަށާއި އާބާދީ އަށް ބެލިޔަސް އެތައް ގުނައެއް ޗައިނާ ބޮޑު ކަމަށެވެ. ގުއާމް އަތުން ރާއްޖޭން މޮޅުވިއިރު ކުޅުނީ ނިސްބަތުން ގިނަ ޒުވާން ކުޅުންތެރިން ކަމަށާއި އެ ކުޅުންތެރިންގެ ހުރި ހިތްވަރާ އެކު ވަރުގަދަ މެޗަކަށް ނުކުތުމުގެ އަޒުމު އެބަހުރި ކަމަށް ބުންޏެވެ.

"މިއީ ޝައުގުވެރިވާނެ މެޗެއް. އެއީ ދަނޑުމަތީގައި ތިބޭނީ ޗައިނާގެ 11 ކުޅުންތެރިންނާއި ރާއްޖޭގެ 11 ކުޅުންތެރިން މީގައި އޮންނާނީ މަސައްކަތް ކުރާ ޓީމެއް ކޮޅަށް (ހުރިހާ ކަމެއް ވެސް). ޗައިނާ އަކީ މި މެޗުގެ ފޭވަރިޓް. އެކަމަކު ހަނދާން ނައްތާލައިގެން ނުވާނެ އަހަރެމެން އަތުގައި މި ވަގުތުގައި ވެސް ތިން ޕޮއިންޓް އެބައޮތް. އެހެންވީމަ މި މެޗުގައި ނަތީޖާ ވަކި ގޮތަކަށް ވެސް ނެގޭނެ،" މެޗުގެ ކުރިން ރޭ ގަލޮޅު ދަނޑުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސެގާޓް ބުންޏެވެ.

"އަހަރެމެން ބޭނުން އަމިއްލަ ގޭމް ކުޅެގެން ވެސް މި މެޗުގައި ހާސިލްކުރެވޭނެ އެއްޗެއް ހޯދަން. އެ މަސައްކަތުގައި އަހަރެން މި ހުރީ ކުޅުންތެރިންގެ ފަހަތުގައި. ލިއްޕީ ފަދަ ދުނިޔޭގެ މޮޅު ކޯޗަކާ ދެކޮޅަށް ކުޅުމަކީ އަހަންނަށް ވެސް ލިބޭ ފަހުރެއް."

މެޗަށް ނުކުންނައިރު ގައުމީ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) އާއި އަހުމަދު ނޫމާން (ހެލްމެޓް) ތިބީ ކޮންމެވެސް ވަރެއްގެ އަނިޔާއެއްގަ އެވެ. އެހެން ބައެއް ކުޅުންތެރިން ވެސް ފިޓްނުވާތީ ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށް ސެގާޓް ބުންޏެވެ. ދޮޅު އަހަރަށް ފަހު ކުރީގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އަލުން ޓީމަށް ނަގާފައިވާއިރު، ސެގާޓް ބުނީ ދަގަނޑޭ ނެގީ އޭނާ މައާފަށް އެދުމުން ކަމަށެވެ. އެކަމަކު މީގެ ކުރިން ދަގަނޑޭ ނުނެގި ސަބަބާ ބެހޭގޮތުން ސެގާޓް އެކި ފަހަރު އެކި ގޮތަށް ވަނީ ވާހަކަ ދައްކައިފަ އެވެ.

ޗައިނާއާ ދެކޮޅަށް ކުޅޭ މެޗަށް ބޭއްވި ފުރަތަމަ ފަރިތަކުރުންތަކުގެ ތެރެއިން އިއްބެ (ކ) އާއި ދަގަނޑޭ. -- ފޮޓޯ: ހުސައިން ވަހީދު /މިހާރު

ގުއާމް މެޗުގައި ނުކުޅެވުނު އިބްރާހިމް ވަހީދު ހަސަން (އިއްބެ) އާއި ހުސެއިން ނިހާން (ނިހާޓް) އަދި ކީޕަރު ހުސެއިން ޝަރީފް (ހުސެން) ވެސް ވަނީ ޗައިނާ މެޗަށް ޓީމާ ގުޅިފަ އެވެ. އިއްބެ އަށް މެޗު ނުކުޅެވުނީ އާއިލީ ކަމެއްގައި މި ވަގުތު ޓީމާ ދުރުގައި ހުރުމުންނެވެ. ނިހާޓާއި ހުސެން އަށް ނުކުޅެވުނީ ވިސާ ހަމަނުޖެހޭތީ އެވެ.

ޗައިނާ މެޗަށް މިއަދު ގައުމީ ޓީމު ފައިނަލް ކުރާއިރު، ސެގާޓް ރޭ ބުނީ ފައިނަލް ސްކޮޑުގައި އިއްބެ ހިމެނޭނެ ކަމަށާއި އޭނާ އަށް ފުރަތަމަ އެގާރައިން ފުރުސަތު ދިނުމުގެ ވިސްނުން ވެސް އެބަހުރި ކަމަށެވެ.

ވޯލްޑް ކަޕުގައި 2002 ވަނަ އަހަރު ވާދަކުރި ޗައިނާ އިން ވަނީ ރާއްޖެއާ ދެކޮޅަށް މިހާތަނަށް ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެފަ އެވެ. އޭގެ ތެރެއިން 2001 ގައި އެ ގައުމުގައި ކުޅުނު މެޗުން 10-1 އިން މޮޅުވި ނަމަވެސް މާލޭގައި މޮޅުވެވުނީ 1-0 އިންނެވެ.

އެންމެ ފަހުން 2015 ވަނަ އަހަރު ވޯލްޑް ކަޕް ކޮލިފައިންގައި ޗައިނާގައި ކުޅުނު ދެ މެޗުން، 3-0 އިންނާއި 4-0 އިން މޮޅުވި އެވެ. އެ ފަހަރު ރާއްޖޭގައި ކުޅެން އޮތް ހޯމް މެޗު ވެސް ޗައިނާ އަށް ބަދަލުކުރީ އެ އަހަރު މިނިވަން ދުވަހުގެ ހަރަކާތްތައް ކުރިއަށްދަނިކޮށް ގަލޮޅު ދަނޑު ހަލާކުވުމުންނެވެ. މި ފަހަރު ވެސް ޗައިނާއާ ދެކޮޅަށް މާލޭގައި މެޗު ކުޅުނަސް އެންމެ ފުރިހަމަ އަށް ހޯމް އެޑްވާންޓޭޖް ނެގެން ނެތީ ދަނޑުގެ ދެ ފަޅިއެއް ސަލާމަތީ ސަބަބުތަކަށްޓަކައި ބަންދުކޮށްފައިވާތީ މެޗަށް ވަދެވޭ ސަޕޯޓަރުން މަދުވުމުންނެވެ. ދިވެހިންނަށް މި މެޗަށް ވިއްކާފައިވަނީ 2800 ޓިކެޓެވެ. އެއީ ފީފާ ގަވާއިދުގެ ދަށުން އަވޭ ޓީމަށް 20 ޕަސެންޓް ދޭން ޖެހޭތީ ޗައިނާ އަށް 700 ޓިކެޓް ރިޒާވްކޮށްފައިވާތީވެ އެވެ.

ސެގާޓް ބުނީ އޭނާ ވެސް ބޭނުންވަނީ މި ފަދަ މެޗުތައް ފުރިފައި އޮތް ދަނޑެއްގައި ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުމަށް ކަމަށާއި އެކަމަކު އެކަން ވާން ނެތުމަކީ ކަންބޮޑުވުމެއް ކަމަށެވެ. އެހެން ނަމަވެސް މި ގޮތަށް ހުރި ހުރިހާ ކަންތައްތަކަކާ މިހާތަނަށް ރާއްޖޭގެ ކުޅުންތެރިން ކުރިމަތިލީ ވަރަށް ކެރިގެން ކަމަށާއި އެހެންވެ އޭނާ އަށް ވެސް ހިތްވަރު ލިބޭ ކަމަށް ބުންޏެވެ.

ރާއްޖޭގައި އެންމެ ފަހުން ގައުމީ ޓީމު ހޯމް މެޗެއް ކުޅެފައިވަނީ މިދިޔަ އަހަރުގެ މާޗް 28 ވަނަ ދުވަހު ބޫޓާނާ ދެކޮޅަށެވެ. އެ މެޗު ކުޅުނުތާ 531 ދުވަސް (1 އަހަރާއި ފަސް މަހާއި 13 ދުވަސް) ފަހުން ފުރަތަމަ ފަހަރަށް އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅޭ މެޗުން ރަނގަޅު ނަތީޖާއަކަށް ސެގާޓް ހުރީ އުއްމީދުކޮށްގެންނެވެ.

"އަހަރެމެން ވަރަށް ދުވަސް ކޮށްފައި އަނެއްކާ ހޯމް މެޗަކަށް މި ނުކުންނަނީ. އަހަރެންގެ ނަޒަރުގައި މިހާ ދިގު އިންތިޒާރެއް ހޯމް މެޗަކަށް ކުރަން ޖެހިގެން ނުވާނެ. އަހަރެން އުއްމީދުކުރަނީ ރަނގަޅު ނަތީޖާ އަކަށް. އެކަން ވާނެ ކަމަށް ވައުދު ވެވޭކަށް ނެތް. އެކަމަކު ހުރި ވަރަކުން މަސައްކަތްކުރާނަން،" ސެގާޓް ބުންޏެވެ.

ޗައިނާ އާއި ރާއްޖެ ކުޅޭ މެޗު ފަށާނީ މިރޭ 8 ޖަހާއިރެވެ.