ގަލޮޅު ދަނޑު ތަޅާލައި އާ ސްޓޭޑިއަމެއް އަޅަނީ!

ގަލޮޅު ދަނޑުގެ ސިޑިބަރި ހަލާކުވެފައިވަނިކޮށް ބޭނުންކުރަން ހުއްދަ ނުދެއްވޭނެ ކަމަށާއި އެތަން ތަޅާލައި ހުޅުމާލޭގައި އާ ސްޓޭޑިއަމެއް އެޅުމަށް ފައިސާ ހޯއްދެއްުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މަސައްކަތްކުރައްވަމުން އަންނަ ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.


ދަނޑުގެ ދެކުނު ފަރާތް (ސަހާރާ ފަޅި) އަދި އިރުމަތީ ފަރާތުގެ (ބޮޑުގޭޓް ފަޅި) ބޭނުންކުރުން ރައްކާތެރި ނޫން ކަމަށް ޕްލޭނިން މިނިސްޓްރީން އަންގާފައިވާތީ، ވޯލްޑް ކަޕް ކޮލިފައިންގައި މިރޭ ރާއްޖެ އާއި ޗައިނާ ކުޅޭ މެޗަށް ވިއްކީ އަނެއް ދެ ސިޑިބަރިން 3500 ޓިކެޓެވެ. އެ ޓިކެޓްކޮޅު ހަތަރު ވަރަކަށް ގަޑިއިރުގެ ތެރޭ ވަނީ ވިކި ހުސްވެފަ އެވެ.

އެ ދެ ސިޑި ބަރި ބޭނުންކުރުން މަނާކޮށްފައިވަނިކޮށް، މިނިވަން ދުވަހުގެ ހަރަކާތްތަކުގައި އެތަން ބޭނުންކުރި އެވެ. އެހެންވެއާ ވެސް އެކު އަދި މިރޭގެ މެޗަށް ޓިކެޓުގެ ޑިމާންޑް އޮތުމާއި ޗައިނާ ފަދަ ވަރުގަދަ ޓީމަކާ ދެކޮޅަށް ކުޅޭއިރު ހޯމް އެޑްވާންޓޭޖް ނެގުމަށްޓަކައި ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް ދަނޑު ހުޅުވާލަން ބައެއް ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ.

މަޝްހޫރު ފުޓްބޯޅަ ކޯޗު އަލީ ސުޒޭން ވަނީ މި މެޗަށް ސަޕޯޓަރުން ވެއްދުމަށް މިނިސްޓަރު މަހުލޫފާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކަމާބެހޭ އެކްސްޕާޓުންނާ މަޝްވަރާކޮށް ސާވޭ އަލުން ހަދައިގެން ނަމަވެސް ބަންދުކޮށްފައިވާ ސިޑިބަރިތައް ހުޅުވާލަން މަސައްކަތް ކުރެއްވުން މުހިއްމު ކަމަށް ބުނެފަ އެވެ.

އެއަށް ޖަވާބުދެއްވައި މިނިސްޓަރު މަހުލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދަނޑުގެ ސިޑިބަރި ބޭނުން ނުކުރަން ޕްލޭނިން މިނިސްޓްރީން އަންގާފައިވަނިކޮށް، ރައްޔިތުންގެ ފުރާނަ އަށް ގެއްލުމެއް ލިބިދާނެ ކަމެއް ކުރަން ހުއްދައެއް ނުދެއްވޭނެ ކަމަށެވެ.

"ގަލޮޅު ދަނޑު ޖެހޭނީ ތަޅާލަން. ސްޓޭޑިއަމެއް އަޅަން ފައިސާ ހޯދުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މަސައްކަތް އެބަކުރައްވާ،" މަހުލޫފު ވިދާޅުވެފައިވެ އެވެ.

މި މައްސަލަ އެންމެ ފުރަތަމަ ދިމާވިއިރު އެކްޓިން ސްޕޯޓްސް މިނިސްޓަރަކަށް ހުންނެވި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެފައިވަނީ ގަލޮޅު ދަނޑުގެ ނެޗުރަލް ގްރާސް ޕިޗަކީ ދުނިޔޭގެ ފެންވަރުން ވެސް ހާއްސަ ޕިޗަކަށް ވުމާ އެކު ދަނޑުގެ ސިޑިބަރިތިތައް ޒަމާނީ ކުރެވި ވަސީލަތްތައް ގާއިމްކުރެވިއްޖެ ނަމަ، ރާއްޖޭގެ ގައުމީ ފުޓްބޯޅަ ސްޓޭޑިއަމަކީ އާއްމުން އަނެއްކާ ވެސް ދާހިތްވާ ފަދަ ތަނަކަށް ހެދިދާނެ ކަމަށެވެ. އެކަމަކު މިހާރު ވިސްނުން ހުރީ މުޅިން އާ ސްޓޭޑިއަމެއް އަޅާށެވެ.

ކުރިން އެތުލެޓިކްސް އާއި ކްރިކެޓަށް ވެސް ގަލޮޅު ދަނޑު ބޭނުންކުރި ނަމަވެސް ދެހާހުގެ އަހަރުތަކުން ފެށިގެން ދަނޑު މުޅިން ވެސް ބޭނުންކުރަނީ ފުޓްބޯޅަ އަށެވެ. އެކަމަކު މިނިވަން ދުވަހުގެ ހަރަކާތްތައް ބޭއްވުމަށާއި ބައެއް މިއުޒިކް ޝޯ ތަކަށް އަދިވެސް ދަނޑު ދޫކުރެ އެވެ.

ދަނޑުގެ އެންމެ ބޮޑު ސިޑިބަރި ބޭނުންކުރަން ހުއްޓާލަން މިޖެހުނީ ދާދި ފަހުން ގެނައި ބަދަލަކާ އެކު އެތަން ވެސް ހިމަނައިގެން ހުރިހާ ސިޑިބަރިއެއްގައި ގޮނޑި ޖަހައިފައިވަނިކޮށެވެ.

ކްލަބް މެޗުތަކަށް ގަލޮޅު ދަނޑަށް ކުޅިބަލަން މިހާރު މާގިނަ ބަޔަކު ނުވަންނާތީ އެ ސިޑި ބަރި ބޭނުންކުރުން ހުއްޓާލި ނަމަވެސް ފަރަގެއް ނާންނާނެ އެވެ. އެކަމަކު ބަންދުކުރި ދެ ސިޑިބަރީގެ ތެރެއިން ސަހަރާ ފަޅީގެ ސިޑިބަރީގައި ދަށުގައި، އެކޮމަޑޭޝަން ބްލޮކުގެ ކޮޓަރިތައް ހުރެ އެވެ. އަދި ހޭންޑްބޯޅަ އެސޯސިއޭޝަނާއި ކެރަމް އެސޯސިއޭޝަނުގެ އޮފީސް އަދި ކެރަމް ހޯލް ވެސް ހުންނަނީ އެތަނުގަ އެވެ.

އަދި މިފަދަ ހާއްސަ ހާލަތްތަކުގައި ޓިކެޓުގެ ޑިމާންޑަށް ބޮޑުވުމުން ޖާގައިގެ ދަތިކަމުގެ މައްސަލަ ދިމާވާނެ އެވެ. އެގޮތުން 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕުގެ ޓިކެޓަށް ބާރުބޮޑުވުމުން އޭރުގެ ސްޕޯޓްސް މިނިސްޓަރު މަލީހު ޖަމާލް ވެސް ވަނީ އާ ސްޓޭޑިއަމެއް ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ. އޭގެ ފަހުން މިދިޔަ ސަރުކާރުން ވަނީ ގަތަރުގެ އެހީގެ ދަށުން ހުޅުމާލޭގައި ސްޓޭޑިއަމެއް އަޅާނެކަން އިއުލާންކޮށްފަ އެވެ.

ބޭރުގެ އެހީ ހޯދައިގެން ފުޓްބޯޅަ ސްޓޭޑިއަމެއް އެޅުމުގެ ވިސްނުން މި ސަރުކާރުގެ ވެސް ހުރިއިރު، މި ސަރުކާރުން ވަނީ ހުޅުމާލޭގައި މަތީ ފެންވަރުގެ ކްރިކެޓް ސްޓޭޑިއަމެއް އަޅަން އިންޑިއާގެ އެހީ ހޯދައިފަ އެވެ.