ގަލޮޅު ދަނޑުގައި ދިވެހިންނަށް ބޭނުންހާ ގޮތެއް ނުހެދޭނެ!

ރަށު މީދާ ރަށަށް ގަދަވާ އުސޫލުން ފުޓްބޯޅައިގައި އަބަދުވެސް އަމިއްލަ ދަނޑުގައި ކުޅޭ ޓީމަށް ފައިދާ ބޮޑުވާނެ އެވެ. ރާއްޖެ އަކީ ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން އެ ފައިދާ އެންމެ ބޮޑަށް ނަގާ އެއް ޓީމެވެ. އަމިއްލަ ދަނޑުގައި ކުޅެ ރާއްޖޭން ވަނީ ދުނިޔެ ހައިރާންކޮށްލި ނަތީޖާއެއް ވެސް ނެރެފަ އެވެ. ރާއްޖޭގައި ގައުމީ ޓީމެއް 1979 ވަނަ އަހަރު އެކުލަވާލެވުނު ނަމަވެސް އަމިއްލަ ދަނޑުގައި ކުޅެން ފެށީ 2000 ވަނަ އަހަރުން ފެށިގެންނެވެ. އެހާތަނުން ނެރެން ފެށި ނަތީޖާތަކަކީ، އަމިއްލަ ދަނޑުގައި ކުޅޭ ކޮންމެ ފަހަރަކު ވެސް ގައުމީ ޓީމަށް ހިތްވަރު ހޯދިދާނެ ފަދަ ނަތީޖާތަކެކެވެ.


ސާފް ޗެމްޕިއަންޝިޕުގެ ފައިނަލުން 1997 ވަނަ އަހަރު އިންޑިއާ އަތުން 5-1 އިން އަދި 1999 ގެ މުބާރާތުގެ ސެމީ ފައިނަލުން އިންޑިއާ އަތުން 2-0 އިން ރާއްޖެ ބަލިވެފައި އޮއްވާ އެ ނަތީޖާތައް އަނބުރާލައި އިންޑިއާ އަތުން ރާއްޖެ ފުރަތަމަ މޮޅެއް ހޯދީ ވެސް ގަލޮޅު ދަނޑުގަ އެވެ. ދިވެހި ފުޓްބޯޅަ އަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި 2000 ވަނަ އަހަރު ބޭއްވި ގޯލްޑަން ޖުބިލީ ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ރާއްޖެ ދަތުރުކުރީ ލީގު ބުރުގެ ފަހު މެޗުގައި ތޮއްޑޫ މުހައްމަދު ނިޒާމުގެ ގޯލުން އިންޑިއާ 1-0 އިން ބަލިކޮށްފަ އެވެ. އެކަމަކު ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ސްރީ ލަންކާ އަތުން ބަލިވީ އެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި އަމިއްލަ ދަނޑުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި، 2001 ވަނަ އަހަރު ކެމްބޯޑިއާ އަތުން 6-0 އިން މޮޅުވި މެޗަކީ ވެސް ފާހަގަކޮށްލެވޭނެ މެޗެކެވެ. އެއީ އެހާތަނަށް ރާއްޖޭން ހޯދި އެންމެ ތަފާތު ބޮޑު ނަތީޖާ އެވެ. އެ ފަހަރު ގަދަފަދަ ޗައިނާ އިން އަމިއްލަ ދަނޑުގައި ރާއްޖެ ކޮޅަށް 10 ލަނޑު ޖެހި ނަމަވެސް މާލޭގައި މޮޅުވެވުނީ 1-0 އިންނެވެ. އެ ނަތީޖާއަކީ، ޖެހިގެން އައި ވޯލްޑް ކަޕުގައި ވާދަކުރި ޗައިނާ ޓީމަށް ކުރިމަތިވި ޕްރެޝަރެކެވެ.

ދެކުނު އޭޝިއާގެ ޓީމަކުން މިހާތަނަށް ފުޓްބޯޅަ މެޗެއްގައި ނެރުނު އެންމެ ތަފާތު ބޮޑު ނަތީޖާ ނެރުމުގެ ރެކޯޑް ރާއްޖެ އަށް އޮތްއިރު އެ މޮޅުވީ ހޯދީ ވެސް ގަލޮޅު ދަނޑުގަ އެވެ. އެއީ ވޯލްޑް ކަޕް ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގައި 2003 ވަނަ އަހަރުގެ ޑިސެމްބަރު މޮންގޯލިއާ އަތުން 12-0 އިން މޮޅުވި މެޗެވެ. އަނެއްކޮޅުން އެއީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ގައުމީ ޖާޒީގައި ކުޅުނު ރަސްމީ ފުރަތަމަ މެޗު ވެސް މެ އެވެ. އޭނާ އެ މެޗުގައި ހަތަރު ލަނޑު ޖަހައި ގައުމީ ޓީމަށް އެއް މެޗެއްގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް ވެސް ހެދި އެވެ.

ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުން ފާހަގަކުރަން 2016 ގައި ކުޅުނު ހާއްސަ މެޗުގައި ގައުމީ ޓީމަށް ތަރުހީބު ދޭން ހދ. ކުޅުދުއްފުށިން އައި ސަޕޯޓަރުންގެ ގްރޫޕުން ޓީމާ އެކު ފޯރިނަގަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ދެން ފެނިގެން ދިޔައީ ރާއްޖޭގެ ފުޓްބޯޅަ ތާރީހުގައި މިހާތަނަށް ހޯދި އެންމެ ބޮޑު އެއް ކާމިޔާބީ ގަލޮޅު ދަނޑުގައި ހޯދި މެޗެވެ. ވޯލްޑް ކަޕް ކޮލިފައިން މެޗެއްގައި، ގަދަފަދަ ދެކުނު ކޮރެއާއާ 0-0 އިން ރާއްޖެ އެއްވަރުކުރީ އެވެ. އޭގެ ދެ އަހަރު ކުރިން 2002 ގެ ވޯލްޑް ކަޕުގެ ހަތަރު ވަނަ ހޯދި ކޮރެއާއާ ލަނޑެއް ނުޖެހި ރާއްޖެ އެއްވަރުކުރުމަކީ ދެކުނު އޭޝިއާގެ ފުޓްބޯޅަ އަށް ވެސް ލިބުނު ޝަރަފެކެވެ. ދުނިޔޭގެ ނޫސްތަކުގެ ފަލަ ސުރުހީތަކަށް ވެސް އެރި އެ ނަތީޖާއަކީ، އަމިއްލަ ދަނޑުގައި ރާއްޖެ އަށް ބޭނުން ގޮތެއް ހަދާނުލެވޭނެކަން ސާބިތުކޮށްދިން ނަތީޖާއެކެވެ.

ރާއްޖެ އަތުން ގަލޮޅު ދަނޑުގައި މޮޅުވި އޭޝިއާގެ ގަދަބާރުތަކަށް އެކަން ކުރެވިފައިވަނީ ވެސް ވަރަށް ހަނި ގޮތަކަށެވެ. ޗައިނާ އިން 2001 ގައި 1-0 އިން މޮޅުވި ގޮތަށެވެ. ރާއްޖެ ކޮޅަށް 1997 ވަނަ އަހަރު 17 ލަނޑު ޖެހި އީރާނަށް 2011 ވަނަ އަހަރު މާލޭގައި މޮޅުވެވުނީ 1-0 އިންނެވެ. ގަދަފަދަ ގަތަރަށް ވެސް 2015 ވަނަ އަހަރު މާލޭގައި މޮޅުވެވުނީ 1-0 އިންނެވެ. އެ ލަނޑު އެ ޓީމުން ޖެހީ ވެސް މެޗުގެ ފަހު ސިކުންތުކޮޅުގެ ތެރޭގަ އެވެ.

ކްލަބް ފުޓްބޯޅައިގައި ވެސް ގަލޮޅު ދަނޑަކީ ދިވެހިންގެ ނަސީބާ ގުޅިފައިވާ ތަނެކެވެ. އޭޝިއަން ކްލަބް ޗެމްޕިއަންޝިޕުގައި 1992 ވަނަ އަހަރު ކޮލަމްބޯގައި ސްރީ ލަންކާގެ ގަދަފަދަ ސައުންޑާޒް އަތުން 2-0 އިން ވެލެންސިއާ ބަލިވި ނަމަވެސް މާލޭގައި 3-0 އިން މޮޅުވެ ވެލެންސިއާ ދެ ވަނަ ބުރަށް ދަތުރުކުރި އެވެ.

އޭޝިއަން ކަޕްވިނާސްކަޕުގައި 1995 ވަނަ އަހަރު އިންޑިއާގެ އީސްޓް ބެންގޯލް އަތުން ކަލްކަތާގައި 2-0 އިން ނިއު ރޭޑިއަންޓް ބަލިވި ނަމަވެސް މާލޭގައި 3-0 އިން މޮޅުވެ ނިއު ކުއާޓާ ފައިނަލަށް ދަތުރުކުރި އެވެ. އަދި ޖެހިގެން އައި އަހަރުގެ އޭޝިއަން ކްލަބް ޗެމްޕިއަންޝިޕުގެ ދެ ވަނަ ބުރުގައި އިންޑިއާގެ ޖޭސީޓީ އަތުން ނިއު ދިއްލީގައި ބައިޗުން ބުޓިއާގެ ގޯލުން ނިއު 1-0 އިން ނިއު ބަލިވި ނަމަވެސް މާލޭގައި 2-0 އިން މޮޅުވެ ދެ ވަނަ ބުރަށް ދިޔަ އެވެ.

އޭޝިއަން ކަޕް ކޮލިފައިންގެ 2017 ވަނަ އަހަރު ރާއްޖެ އާއި ފަލަސްތީން ކުޅުނު މެޗުގައި ސަޕޯޓަރުން ފޯރިނަގަނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު

ގައުމީ ޓީމަށް އެ ހުރިހާ ނަތީޖާތަކެއް ނެރުވުމުގެ އެންމެ ބޮޑު ޝުކުރެއް ހައްގުވަނީ ދަނޑު ފުރިބާރުއަރުވާލި ދިވެހި ސަޕޯޓަރުންނަށެވެ. އޭގެ ހެއްކަކީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ފައިނަލުން އިންޑިއާ އަތުން 1-0 އިން މޮޅުވެ ތަށި ހޯދި މެޗެވެ. ކޮލަމްބޯގެ ސުގަތަދާސަ ސްޓޭޑިއަމަށް އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާއި ރާއްޖޭން ދިޔަ ދިވެހިންނާ އެކު ހަޔެއްކާސް މީހުން ވަދެ ދިން ތަރުހީބަކީ ގަދަގަދަ އިންޑިއާ ބަލިކުރެވުމުގެ އެއް ސަބަބެވެ.

ފަހަކަށް އައިސް އެ ފޯރި ކެނޑި ގައުމީ ޓީމުން އަމިއްލަ ދަނޑުގައި މެޗުތަކަށް ވަންނަ އަދަދު މަދުވި ނަމަވެސް ވޯލްޑް ކަޕް ކޮލިފައިންގައި މިރޭ ޗައިނާއާ ދެކޮޅަށް ކުޅޭ މެޗަށް ޓިކެޓުގެ ޑިމާންޑް ބޮޑެވެ. އެކަމަކު ދަނޑުގެ ދެ ސިޑިބަރިއެއް ހަލާކުވެފައިވާތީ ވިއްކާފައިވަނީ 3400 ޓިކެޓެވެ. އެ ހުރިހާ ޓިކެޓެއް ވިކި ހުސްވި ނަމަވެސް ދަނޑުގެ މައި ދެ ސިޑިބަރި ފެންނާނީ ހުސްކޮށެވެ. އެއީ ފޯރި އަށް އަސަރުކުރާނެ ކަމަށެވެ. އެކަމަކު ހާލަތު ބަލައިގަނެ މިރޭ ދިވެހި ކުޅުންތެރިން، ކަށިން ހިތްވަރު ނެރޭނެ ކަމާ މެދު ޝައްކެއް ނެތެވެ.

"ހާލަތުގެ ގޮތުން ދަނޑު ފުރާނެލުވަސް، ހުރިހާ ސަޕޯޓަރުން ތިބޭނީ ޓީމާ އެކު. އަބަދުވެސް ދިވެހި ޓީމަށް 12 ވަނަ ކުޅުންތެރިޔާގެ އެހީ ލިބޭ ޓީމާށް. މިރޭ އެ އެހީ ސިޓިން ރޫމްތަކުންނާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ލިބޭނެ،" ސަޕޯޓަރަކު ބުނެފައިވެ އެވެ.

ދިވެހި ފުޓްބޯޅައިގެ ތާރީޚު ބުނަނީ، ގަލޮޅު ދަނޑުގައި ދިވެހި ޓީމަށް ބޭނުން ގޮތެއް ހަދަނުލެވޭނެ ކަމަށެވެ. ސަޕޯޓަރުން ނެތިވެސް މިރޭ ޓީމަށް އެކަން ސާބިތުކޮށްދެވިދާނެ އެވެ.