ޗައިނާ އަތުން ރާއްޖެ ބަލިވެއްޖެ

ވޯލްޑް ކަޕް ކޮލިފައިންގައި މިރޭ މާލޭގައި ދިވެހިރާއްޖެ އާއި ޗައިނާ ކުޅުނު މެޗުގައި ޗައިނާ އިން ދެ ޕެނަލްޓީން ވައްދާލި ދެ ގޯލާ އެކު ރާއްޖެ އަތުން 5-0 އިން މޮޅުވެއްޖެ އެވެ.


މެޗުގެ ފަހުކޮޅު ރާއްޖޭގެ ކެޕްޓަން އަކްރަމް އަބްދުލް ގަނީ (އަކޫ) އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތްކާޑެއް ދެއްކުމުން ރާއްޖޭގެ ފަހުބައި ފުރިހަމަކުރީ އެކަކު މަދުކޮށެވެ. ދޮޅު އަހަރުގެ މެދުކެނޑުމަކަށް ފަހު ގައުމީ ޓީމުގައި ހިމެނިގެން ފުރަތަމަ އެގާރައިގައި ކުޅުނު ކުރީގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ވަނީ ފުރަތަމަ ހާފަށް ފަހު ބަދަލުކޮށްފަ އެވެ.

މި މެޗަށް ރާއްޖޭން ނުކުތީ އެންމެ ފަހުން ގުއާމް އަތުން 1-0 އިން މޮޅުވ މެޗަށް ނުކުތް ފުރަތަމަ އެގާރަ އަށް ދެ ބަދަލެއް ގެނެސްގެންނެވެ. އެއީ ދަގަނޑޭ އާއި ހުސެއިން ނިހާން (ނިހާޓް) އެރުވުމެވެ.. މިއީ 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހަށް ފަހު ދަގަނޑޭ ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅުނު ފުރަތަމަ މެޗެވެ. ގުއާމް މެޗުގައި ނިހާޓަށް ނުކުޅެވުނީ އެ ގައުމަށް ދާން ނަގަންޖެހޭ އެމެރިކާ ވިސާ ހަމަނުޖެހުމުންނެވެ.

މިރޭގެ މެޗުގައި ޗައިނާގެ ފަސް ގޯލުގެ ތެރެއިން ދެ ގޯލް ޖެހީ ފޯވާޑުންގެ ދަތިކަން ކުރިމަތިވުމުން، އެ ގައުމުގެ ރަށްވެހިކަން ދިން ބްރެޒިލް ފޯވާޑް އެލްކެސަން އެވެ. މިއީ ޗައިނާ ދަރިކޮޅަކަށް ނިސްބަތްނުވާ ކުޅުންތެރިޔަކު ޗައިނާ ގައުމީ ޓީމަށް ކުޅުނު ފުރަތަމަ ފަހަރެވެ. އިޓަލީ އަށް 2006 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބު ކޮށްދިން ކޯޗު މާސެލޯ ލިއްޕީގެ އިރުޝާދުގެ ދަށުން ކުޅޭ ޗައިނާ އިން މި މެޗަށް ނެރުނީ ނިސްބަތުން ޒުވާން ފުރަތަމަ އެގާރަ އެކެވެ.

މި މެޗު ފަށައިގެން ޗައިނާ އިން ކުރިއަށް ޖެހިގެން ކުޅެމުންދިޔައިރު ފަސް ވަނަ މިނިޓްގައި އެ ޓީމުގެ ޒެން ލިންޕެންގް ޖެހި ބޯޅަ ދިޔައީ ބޭރަށެވެ. އޭގެ ފަހުން ޗައިނާ ހާފް ތެރެއިން ދަގަނޑޭ އަށް ކުރި ފައުލަކަށް ލިބުނު ހިލޭ ޖެހުމަކުން ރާއްޖޭގެ ކެޕްޓަން އަކޫ ނެގި ހުރަސް އެއްވެސް ކުޅުންތެރިއެއްގެ ބޮލުގައި ލައްވާލާ ގޮތެއްނުވި އެވެ.

މިރޭގެ މެޗަށް ނުކުތް ރާއްޖޭގެ ފުރަތަމަ އެގާރަ ކުޅުންތެރިން.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ރާއްޖޭން ދަގަނޑޭ އެންމެ ކުރިއަށް ލައިގެން ކައުންޓަ އެޓޭކަށް ވިސްނައިގެން އެޓޭކް ކުރަން ކުޅެމުންދިޔައިރު، މެޗުގެ 16 ވަނަ މިނިޓްގައި ދަގަނޑޭ ހަމަލާއެއް ފޮނުވާލަން މަސައްކަތްކުރި ނަމަވެސް ބޯޅަ ރަނގަޅަށް ފައިގައި ލައްވާލާ ގޮތެއްނުވި އެވެ. އޭގެ ފަހުން އެލްކެސަން އާއި ވޫ ލީ ޖެހި ބޯޅަތައް ރާއްޖޭގެ ކީޕަރު މުހައްމަދު ފައިސަލް ވަނީ މަތަކޮށްފަ އެވެެ.

މި ހާފުގެ މެދުތެރެއިން ރާްއްޖޭގެ ނިހާޓަށް ކުރި ނުރައްކާތެރި ފައުލަކަށް ރާއްޖޭގެ ކޯޗު ޕީޓަ ސެގާޓް އެޕީލް ކުރި ގޮތުން ހިތްހަމަ ނުޖެހިގެން ޗައިނާގެ ކޯޗު ލިއްޕީ ވަނީ ހަތަރު ވަނަ އޮފިޝަަލުގެ ސަމާލުކަމަށް އެކަން ގެނެސްފަ އެވެ.

ޗައިނާ އިން ލީޑުނެގީ މެޗުގެ 33 ވަނަ މިނިޓްގައި އެ ޓީމުގެ މިޑްފީލްޑަރު ވޫ ޝީ ޖެހި ގޯލުންނެވެ. އޭރިއާ ތެރެއަށް ހުރަސްވި ބޯޅައެއް ފޮނުވާލަން އުޅުމުގެ ތެރޭގައި ރާއްޖޭގެ ކެޕްޓަން އަކޫ އަށް އަނިޔާވެގެން ވެއްޓިފައި އޮތް ވަގުތު އަލުން އެ ބޯޅަ ހޯދައި ޗައިނާގެ ލީ ލޭ ނެގި ހުރަހަކުން އޭރިއާ ތެރެއިން ވޫ ވަނީ ބޯޅަ ގޯލުގެ ދުރުކަނަށް އަމާޒުކޮށްލައިފަ އެވެ.

ރާއްޖޭގެ މެދުތެރެއިން ގިނަ ގޯސްތަކެއް ހެދުނު ވަގުތުގައި ޗައިނާ އިން އޭގެ އެޑްވާންޓޭޖް ނަގައި ފުރަތަމަ ހާފް ނިމުމުގެ ކުރިން ވަނީ އިތުރު ލަނޑެއް ޖަހައިފަ އެވެ. މެޗުގެ 43 ވަނަ މިނިޓްގައި މި ގޯލު ޖެހީ ވޫ ލީ އެވެ. ރާއްޖޭގެ ކުޅުންތެރިން ވަނީ އޭނާ ލަނޑު ޖެހީ އޮފްސައިޑްގައި ހުރެ ކަމަށް ބުނެ ވަރަށް ބޮޑަށް އެޕީލްކޮށްފަ އެވެ.

ރާއްޖޭން ދެ ވަނަ ހާފަށް ނުކުތީ ބަދަލަކާ އެކު އެވެ. ދަގަނޑޭގެ ބަދަލުގައި ހަސަން ނާއިޒު (ދާދު) އެރުވި އެވެ.. ފުރަތަމަ ހާފުގައި ދަގަނޑޭ އަށް އޭނާގެ ކުޅުން ދައްކަން އެންމެ އުނދަގޫވީ އޭނާ އަށް ލިބޭ ބޯޅަތައް މަދުވުމުންނެވެ.

ބަދަލާ އެކު ރާއްޖޭގެ އެޓޭކްތައް އަވަސްވެ، ޗައިނާގެ ފަހަތަށް ކޮންމެވެސް ވަރަކަށް ޕްރެޝަރު ބޮޑުވާން ފެށި އެވެ. ދާދު އާއި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އަށް ލިބޭ ބޯޅަތަކުގައި އެ ކުޅުންތެރިން ދިޔައީ ރަނގަޅު އެޓޭކް އުފައްދަން މަސައްކަތްކުރަމުންނެވެ. އެ ގޮތުން މެޗުގެ 55 ވަނަ މިނިޓްގައި އަކޫ ޖެހި ހިލޭޖެހުމެއް ހުރަސް ދަނޑީގައި ޖެހިފައި ކުޅުމުގެ ތެެރެއަށް އައި ވަގުތު ދާދު ޖެހި ބޯޅަ ބޭރަށް ދިޔައީ ޗައިނާ ކީޕަރު އަތުގައި ޖެހިފައި ދަނޑީގައި ވެސް ޖެހިފަ އެވެ. އޭގެ މިނިޓެއް ފަހުން ރާއްޖޭގެ އިބްރާހިމް އައިސަމް އަށް ލިބުނު ފުރުސަތުން އޭނާ ބޮލުން ޖެހި ބޯޅަ ވެސް އަމާޒުވީ ގޯލްކީޕަރު އަތަށެވެ.

އަނިޔާވުމުގެ ސަބަބުން މެޗުގެ 60 ވަނަ މިނިޓްގައި ރާއްޖޭން ވަނީ ޑިފެންޑަރު އަހުމަދު ނޫމާން (ހެލްމެޓް)ގެ ބަދަލުގައި ސަމޫހު އަލީ (ސަމުއްޓެ) ކުޅެން އަރުވައިފަ އެވެ. ރާއްޖޭން މެޗުގެ ތެރެއަށް ވަދެ ރަނގަޅަށް ކުޅެމުން ދަނިކޮށް ޗައިނާގެ ތިން ވަނަ ގޯލު ޖެހީ މެޗުގެ 63 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުން ޔާން ޝޫ އެވެ. އެ ޕެނަލްޓީ ދިން ގޮތާ މެދު ރާއްޖޭގެ ބެންޗުން ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރި އެވެ.

މެޗުގެ ފަހު 20 މިނިޓަށް ދިޔައިރު ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ފިޓްނަސްގެ މައްސަލަތައް ފެނިގެންދިޔަ އެވެ. ގުއާމް މެޗުގެ ދެ ވަނަ ހާފްގައި ވެސް ރާއްޖޭގެ ގިނަ ކުޅުންތެރިންތަކަކަށް އެ މައްސަލަ ދިމާވި އެވެ.

ޗައިނާ ކުޅުންތެރިއަކު ރާއްޖޭގެ ފޭދޫ އިއްބެ (ކ) ހުއްޓުވަން މަސައްކަތްކުރަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ޗައިނާގެ ހަތަރު ވަނަ ލަނޑު ޖެހީ މެޗުގެ 83 ވަނަ މިނިޓްގައި އެލްކެސަން އެވެ. މިއީ ރާއްޖޭގެ ކެޕްޓަން އަކޫ ޗައިނާގެ ކުޅުންތެރިއަކަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. މި ފައުލާ އެކު އަކޫ އަށް ދެ ވަނަ ރީނދޫ ކާޑަކާ އެކު ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލި އެވެ. މި ރަތް ކާޑުގެ ސަބަބުން، އަންނަ މަހު 10 ވަނަ ދުވަހު ރަށުން ބޭރުގައި ސީރިއާއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗު އަކޫ އަށް ގެއްލޭނެ އެވެ.

މެޗުގެ އިތުރު ވަގުތުގައި ޗައިނާގެ ފަހު ގޯލު ޖެހީ އެލްކެސަން އެވެ. އެ ބޯޅަ ހުއްޓުވަން ރާއްޖޭގެ ޑިފެންޑަރުންނަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ.

ރާއްޖޭގެ ހޯމް މެޗު ނަމަވެސް ޗައިނާގެ ފަނަރަ ސަތޭކައެއް ހާ ސަޕޯޓަރުން މި މެޗު ބަލަން ވަނެވެ. މި މެޗުގައި އެ ޓީމުން ހޯދި މޮޅަކީ މިހާތަނަށް ރާއްޖެ އަތުން ލިބުނު ފަސް ވަނަ މޮޅެވެ. އެންމެ ފަހުން މާލޭގައި ޗައިނާ އިން 2001 ވަނަ އަހަރު ރާއްޖެ ބަލިކުރީ 1-0 އިންނެވެ. މި މޮޅާ އެކު ޗައިނާ ވަނީ ކޮލިފައިން ގްރޫޕް އޭގެ އެއް ވަނަ އަށް ޖެހިލައިފަ އެވެ. ދެ ވަނައިގައި އޮތީ ސީރިއާ އެވެ. ތިން ވަނައިގައި އޮތީ މިއަދު ގުއާމް އަތުން 4-1 އިން މޮޅުވި ފިލިޕީންސް އެވެ. ރާއްޖެ އޮތީ ހަތަރު ވަނައިގަ އެވެ. ފަސް ވަނައިގައި އޮތީ ގުއާމް އެވެ.

ރާއްޖެ އަށް އެންމެ ފުރިހަމަ އަށް ހޯމް އެޑްވާންޓޭޖް ނެގެން ނެތީ ދަނޑުގެ ދެ ފަޅިއެއް ސަލާމަތީ ސަބަބުތަކަށްޓަކައި ބަންދުކޮށްފައިވާތީ މެޗަށް ވަދެވޭ ސަޕޯޓަރުން މަދުވުމުންނެވެ. މެޗު ބަލަން 3700 މީހުން ވަނެވެ. އޭގެ ތެރޭގައި ޗައިނާ މީހުން ނިސްބަތުން ގިނަ އެވެ. މިއީ މިދިޔަ އަހަރުގެ މާޗް މަހުގައި ބޫޓާން އަތުން މޮޅުވި މެޗަށް ފަހު ގަލޮޅު ދަނޑުގައި ގައުމީ ޓީމު ކުޅުނު ފުރަތަމަ މެޗެވެ. އަނެއްކޮޅުން މިއީ ސެގާޓްގެ ކޯޗުކަމުގައި ރާއްޖެ އެންމެ ތަފާތު ބޮޑުކޮށް ބަލިވި މެޗެވެ.